ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާތީ އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) ގެ ޑޮކްޓަރަކާއި ދެ ނަރުހަކު އެކަހެރި ކުރުމަށްފަހު މިއަދު ހެނދުނު ދޫކޮށްލައިފިއެވެ.
އެ މީހުން ރެއިން ފެށިގެން މިއަދު ހެނދުނާ ހަމައަށް އައިސޮލޭޓް ކޮށްފައިވަނީ ހޮސްޕިޓަލުގެ ރޫމެއްގައެވެ. އެމީހުން ދޫކޮށްލީ ކީއްވެ ކަމެއް ކަށަވަރު ނުވެއެވެ.
މީގެ އިތުރުން އެމީހާއާ ނުވަތަ އެމީހުންނާ ޑައިރެކްތް ކޮންޓެކްޓް ވެފައިވާ އެހެން ބަޔަކު ވެސް ވަނީ އައިސޮލޭޓް ކޮށްފައެވެ.
ކޮވިޑް-19 އާ ބެހޭ މައުލޫމާތު ހާމަކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. އޭނާ ވިދާޅުވީ މީގެ ތަފްސީލް މިއަދު އޮންނަ ޕްރެސް ކޮންފަރެންސްގައި ދެއްވާނެ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް-19 އަށް ޝައްކުކުރެވިފައިވަނީ މި މަހު 15 ވަނަ ދުވަހު އިންޑިއާގެ ކޮޗިނުން އައި މީހެކެވެ. އެގޭގެ އެންމެން ނުވަތަ ގިނަ މީހުން ހުންއައިސްގެން އުޅޭތާ ދުވަސްކޮޅެއްވެފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ. ރޭ ޖުމްލަ 3 މީހަކުވަނީ ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ގޮސްފައެވެ. ތިން މީހުންވެސް ދިޔައީ ކުރިން އެންގުމަކާ ލުގައެވެ. ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ކޮޗިނުން އައި މީހާގެ ގެއަށް ނިސްބަތްވާ މީހުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
އެމީހުން ހޮސްޕިޓަލަށް ދިޔައިރު ޑޮކްޓަރުންނާއި ނަރުހުންތިބި ސަލާމަތީ ގޮތުން އަޅަންޖެހޭ އެއްވެސް ފިޔަވަޅެއް ނާޅައެވެ. ދެ ނަރުހަކާއި ޑޮކްޓަރަކު އައިސޮލޭތް ކުރީ އެހެންވެގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ހޮސްޕިޓަލަށް ދިޔަ މީހުންވެސް މިހާރުވަނީ ހޯމް އައިސޮލޭޝަނަށް ލައިފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ކިރިޔާ ވެސް އަލާމާތެއް ހުރެއްޖެ ކަމަށްވާނަމަ ހޮސްޕިޓަލަށް ދިއުމުގެ ކުރިން ގުޅާފައި އެންގުމަށް އެޗުޕީއޭއިން އަބަދުވެސް ގެންދަނީ ހަނދާން ކޮށްދެމުންނެވެ. ހުންއައިސް ކަމެއްވެއްޖެއްޔާ އައްޑޫގައި ގާއިމްކޮށްފައިވާ ފުލޫ ކުލިނިކަށް އައުމުނަށް އެތަނުންވަނީ އެދިފައެވެ. އެންމެ ރަނގަޅު ގޮތަކީ އެތަނަށް ވެސް ދިއުމުގެ ކުރިން ގުޅާފައި އެންގުމެވެ.