މެލޭޝިއާއާއި ޓްރިވެންޑްރަމްގައި ތިބި ދިވެހީންވެސް މޯލްޑިވިއަން އިން ގެންނަނީ

މެލޭޝިއާއާއި، ޓްރިވެންޑްރަމުގައި ތިބި ދިވެހީން ގެނައުމުގެ މަސައްކަތް ވެސް މޯލްޑިވިއަން އިން ކުރައްވާނެ ކަމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ކުރެއްވި ޓުވީޓެއްގައެވެ. ޝާހިދު ވިދާޅުވެފައިވަނީ އެ ދަތުރުތަކާ ބެހޭ މަޢުލޫމާތު ފަހުން ހާމަ ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

އޭގެ ކުރިން މޯލްޑިވިއަން އިން ވަނީ  އިންޑިއާގެ ކޮޗިނާއި، ސްރީލަންކާގެ ކޮލަމްބޯގައި ތިބި މީހުން ގެނައުމަށް މޯލްޑިވިއަންއިން އެ ދެމަންޒިލަށް އުދުހޭނެ ކަމަށް ބުނެފައެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވިއަން އޮޕަރޭޓު ކުރާ އައިލެންޑް އޭވިއޭޝަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިޔުނިކޭޝަން މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ ފޮރިން މިނިސްޓަރގެ އެވިދާޅުވުމާ އެއްގޮތަށް އެތަނުން އަމަލު ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

މޯލްޑިވިއަން ކޮލަމްބޯއަށް މާދަމާ ދެ ދަތުރު ކުރާނެއެވެ. އެ ދަތުރުގައި ބޭނުން ކުރާނީ 50 މީހުންގެ ޖާގައިގެ ބޯޓެކެވެ. އހެން ކަމުން މާދަމާ ކޮލަމްބޯއިން ރާއްޖެއަށް 100 މީހުން އަންނާނެ ކަމަށް މޫސަ ވިދާޅުވިއެވެ. ކޮޗިނަށް ދަތުރު ކުރާނީ 200 މީހުންގެ ޖާގައިގެ ބޯޓެކެވެ. މޯލްޑިވިއަން އިން އެދަތުރު ކުރާނީ އެޕްރީލް 6 ވަނަ ދުވަހު ކަމަށް ވެސް މޫސާ ވިދާޅުވިއެވެ. ޖާގަ އޮތް މިންވަރަކުން އެންމެނަށް ވެސް ދަތުރު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބޭރުން އަންނަ ހުރިހާ ދިވެހީން ވެސް ގެންނަ ގޮތަށް ލާނީ ކަރަންޓީން ފެސިލިޓީ ތަކަށެވެ. އެ ތަނުގައި 14 ދުވަހު ކަރަންޓީނުގައި ތިބުމަށްފަހު އެމީހުން ދޫކޮށްލުމުގެ ކުރިން ސާމްޕަލް ނަގައި ކޮވިޑަށް ޓެސްޓް ކުރާނެއެވެ. އެ މީހުން ދޫކޮށްލާނީ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.