ކޮވިޑް-19: ނުރައްކާތެރިކަން ރައްޔިތުންނަށް އެބަ އެނގޭ، އެކަމަކު ސަމާލުކަމެއް ނުދެވޭ: ޑރ. އިސްމާޢީލް

ކޮވިޑް-19 ގެ ނުރައްކާތެރިކަން ރައްޔިތުންނަށް އެނގޭ ކަމަށާއި އެހެންނަމަވެސް އެކަމަށް އެހާބޮޑު ސަމާލުކަމެއް ނުދެވޭ މީހުން މުޖުތަމުގައި އުޅެމުންދާ ކަމަށް ފުއްޕާމޭގެ ބަލިތަކާބެހޭ ޚާއްސަ ޑޮކްޓަރ، ޑޮކްޓަރ މުޙައްމަދު އިސްމާޢީލް ވިރޭ ވިދާޅުވެއްޖެއެވެ.

އޭގޭ އިތުރުން އޭގެ އެއްވެސް ނުރައްކަލެއް ނޭނގި ބަޔަކު ބުނީތީ ގޭގައި މަޑުކޮށްގެން ތިބި މީހުންވެސް އުޅޭކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ކޮންމެ މުޖުތަމައެއްގައި ކަން އޮންނަ ގޮތް ކަމަށްވެދާނީ އަބަދުވެސް ޖެހޭނީ ހަނދާންކޮށްދިނުމާއި ހޭލުންތެރިކުރުވުގެ މަސައްކަތް އަބަދުވެސް ކުރަން ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

ޑރ. އިސްމާޢީލް ވިދާޅުވީ މި ދެދުވަހެއްގެ ތެރޭގައި މީހުން މަގުމައްޗަށް ނުކުތުމާއި ބީޗު ސަރަހައްދަށްގޮސް އެއްވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެކަމަކުވެސް އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. "މިއީ ވަރަށް ނުރައްކާތެރި ކަމެއް ސަބަބަކީ އަދިވެސް މިނުރައްކާ ކުޑަވީއެއްނޫން. ނުކުމެ މުޖުތަމައުތެރޭގައި އެއްވެސް ވަރަކަށް އުޅޭކަމަށްވާނަމަ ބަލި ފެތުރުމުގެ ފުރުސަތު ވަރަށްބޮޑުވާނެ،" ޑޮކްޓަރ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކް ވިދާޅުވީ ފުޓުބޯޅަ ކުޅުންތެރިއާ ފެލައިނީ އާ ބައްދަލުވި ކަމަށް ނުވަތަ ކޮންޓެކްޓްވެފައިވާ 20 މީހަކު މިހާތަނަށް ފާހަގަވެފައިވާ ކަމަށެވެ. އޭނާ ރާއްޖެ އައިސްފައި ވަނީ ދުބާއީ މަގުން ކަމަށާއި އޭނާ އެނބުރި ދިޔައީ ވެސް އެގައުމަށް ކަމަށް މިހާރު ޔަގީންވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މާލެއިން މޮނިޓަރިންއަށް ގެނައި ދެގެ މިހާރު މޮނިޓަރިން ހާލަތުން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތަށް ނިންމީ ކޮންޓެކްޓްވި ދެ މީހުންވެސް ނެގެޓިވްވެފައިވާތީ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސިނަމަން ހަކުރާ ހުރާއާއި، ސޭންޑީޒް ބަތަލާއި، އަނަންތަރާ ދިގު އަދި ކުލަބް މެޑް ކަނިފޮނިޅުން ނެގި ސާމްޕަލްތަކުގެ ޓެސްޓުގެ ނަތީޖާވަނީ ނެގެޓިވް ވެފައެވެ. އެހެންކަމުން އެރިސޯޓުތަކާއި ދެ ސަފާރީ މީހާރުވަނީ  މޮނިޓަރިންގެ ހާލަތުން ނަގައިފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވި 13 މީހުންގެ ތެރެއިން 5 މީހަކު ވަނީ ރަނގަޅުވެފައެވެ. އެމީހުންގެ ޙާލުވެސް ރަނގަޅެވެ. ޑރ. މުޙައްމަދު އިސްމާޢީލް ވިދާޅުވީ ސީރިއަސް ހާލަތުގައި މިވަގުތު އެއްވެސް މީހަކު ނެތްކަމަށެވެ.

ކޮވިޑު-19 އިން ފަސޭހަވި މީހުންގެ ތެރޭގައި ހިމެނެނީ އިޓަލީގެ ތިން މީހަކާއި، ސައުތު އެފްރިކާގެ މީހަކާއި ތުރުކީ މީހެއް ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

2 ޚިޔާލު

  1. ޑޮކްޓަރަށް ކިހިނެއްތޯ އެގޭނީ އޭނާ ގޭގައި މަޑުކޮށްގެން ހުރީ ކަމުގެ ނުރައްކާ ނޭގިކަން.ތިޔައީ ޤަބޫލު ކުރެވޭނެ ވާހަކައެއް ނޫން.ޑޮކްޓަރ ވެސް ވާހަކަ ދައްކަން ވާނީ ޙަޤީޤަތާ އެއް ގޮތަށް.އަޅުގަޑުމެން އެންމެންނަކީ ތަނަވަސް ބައެއް ނޫން. ބޭރަށް ނުނިކުމެ ހުރިހާ ކަމެއް ހަމަ ޖެހޭނަމަ އެކަކު ވެސް ނުނިކުންނާނެ.ޑޮކްޓަރ ވެސް ޚިޔާލީ ގޮތުން ވާހަކަ ދައްކައިގެން ނުވާނެ.

  2. އެންމެންނަކީ ތަނަވަސް މީހުނެއް ނޫން. ޑޮކްޓަރއަށް އެ ތަނަވަސްކަން އޮތަސް ގިނައީ ވަރަށް ދަތި ޙާލުގައި އުޅޭ މީހުން.ދާން ނުޖެހޭނަމަ އެންމެން ތިބޭނީ ގެގައި.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.