އުރީދޫގެ ކަސްޓަމަރުންނަށް ލުއިތަކެއް ދީފި

ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ދެމުންގެންދާ އެއްކުންފުނި ކަމަށްވާ އުރީދޫ މޯލްޑިވްސް އިން އެކުންފުނީގެ މުވައްޒަފުންނަށް ލުއިތަކެއް ހަމަޖައްސަވައިފިއެވެ.

މިއީ ކޮވިޑް-19 ގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތި އުދަގޫތަކަށް ބެލުމަށްފަހު އެކުންފުނީ ދޭ ލުއިތަކެކެވެ. މިއީ "އެންމެންނާއެކު އުރީދޫ" މިޝިޢާރުގެ ދަށުން ދޭ ލުއިތަކެއްވެސް މެއެވެ.

އުރީދޫން ވިދާޅުވީ މިފަހަރު ފޯންބިލް ނުދެއްކި ލަސްވިޔަސް އެކުންފުނީން ފޯނު ކަނޑައި ނުލާނެ ކަމަށެވެ. އެގޮތަށް ނިންމެވީ މިފަހަރު އެންމެންނަށް ވެސް ފައިސާގެ ތާށިކަމެއް ދިމާވެދާނެ ކަމަށް ބަލާފައި ފަސޭހައެއް ދިނުމުގެ ގޮތުންނެވެ. އެހެންނަމަވެސް އެބިލަކީ ދައްކަން ނުޖެހޭ ބިލެއް ނޫންނެވެ. ފޯނު ބިލުގެ އިތުރުން، ފައިބަރ އަދި ވަޔަރލެސް ބްރޯޑްބޭންޑްގެ ބިލު ތަކާއި، ކުދި ވިޔަފާރިތަކުގެ ބިލްތަކަށް މިމަހު ފައިސާ ނުދެއްކުނަސް ޚިދުމަތް ކަނޑައެއް ނުލާނެއެވެ. މިފަސޭހަ އުރީދުން ދީފައިވިޔަސް އެންމެ ބުއްދިވެރި ގޮތަކީ ބިލް ދެއްކެން އޮތިއްޔާ ދެއްކުމެވެ. އެކުންފުނީން ވަނީ އެހެންނެޓް ވޯކްތައް މެދުވެރިކޮށް ފޮނުވާ އެސްއެމްއެސްތައް ވެސް ހިލޭ ފޮނުވޭނެ ގޮތް ހަދައިފައެވެ. އެ ޚިދުމަތް މިމަސް ނިމެންދެން ކުރިއަށްދާނެއެވެ.

ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ގޭގައި އައިސޮލޭޓްވާން ޖެހޭ ޢާއިލާ ތަކަށް ފަސޭހަ ކުރުމަށްޓަކައި ސުޕަރނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 25 ޕަސެންޓް ބޯނަސް ޑޭޓާ ލިގެންދާނެ ކަމަށް ވެސް އެކުންފުނިން ވިދާޅުވިއެވެ.

އުރީދޫން ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އުރީދޫގެ ކަސްޓަމަރުންނަށް ފޮނުވާ އެސްއެމްއެސްތައް ހިލޭފޮނުވޭނެ ގޮތްވެސް ހަދައިފައެވެ. އުރީދޫ ކަސްޓަމަރުންނަށް ގުޅާއިރު ރިންގު ޓޯންގެ ގޮތުގައި މިހާރު އިވެމުންދާ، ކޮވިޑް-19 އަށް ހޭލުންތެރި ކުރުމުގެ މެސެޖަކީ ވެސް އުރީދުގެ އެހީތެރި ކަމާއެކު ފޯރުކޮށްދޭ މެސެޖެކެވެ.

ކޮވިޑް019 ގެ ހާކަތު ބަދަލުވަމުންދާ ގޮތަށް ބަލާފައި އުރީދޫއިން އިތުރުކަންކަން ފަހިކޮށްދެއްވާނެ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.