އައްޑޫސިޓީގެ މަގުތައް ޑިސްއިންފެކްޓް ކުރަން ފަށައިފި

އައްޑޫސިޓީގެ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މިމަސައްކަތުގައި އަމަލީ ގޮތުން ޙަރަކާތްތެރިވަނީ އެމްއެންޑީއެފްގެ ސިފައިންނެވެ. މިއީ އައްޑޫސިޓީކައުންސިލާއި، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި، އައްޑޫގައި އެކުލަވާލައިފައިވާ ކޮވިޑް-19 ޓާސްކްފޯސް ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.

އައްޑޫ ސިޓީގެ މޭޔަރ އަދި ކޮވިޑް ޓާސްކްފީހުގެ ކޯޗެއަރ އަބްދުﷲ ސާދިގު (ސޯބެ) ވިދާޅުވީ މިހަރަކާތް ލިންކުރޯޑާއި، އަވަށްތަކުގެ ބަނދަރުތަކުގައި ވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރުވެސް ފެރީދަތުރު ކޮށްފައި އަންނަ އުޅަނދުފަހަރުވެސް ކޮންމެ ދަތުރެއް ނިންމާލުމަށްފަހު އުޅަނދު ޑިސްއިންފެކްޓް ކުރަމުން ގެންދާ ކަމަށެވެ.

ސޯބެ ވިދާޅުވީ ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއްވެސް އަޅުއްވަމުން ގެންދަވާނެ ކަމަށެވެ. ރައްޔިތުންގެ މެދުގައި ބަލިމަޑުކަމެއް އުފެދިގެން ނުދާނެ ގޮތަކަށް އެންމެންގެ އަމަލުތައް ވެސް ބެހެއްޓުމަށް އޭނާ އެދިވަޑައިގެންނެވެ. އެހެންކަމުން ކައުންސިލުގެ އެންގުންތަކަށް ފުރިހަމައަށް އަމަލު ކުރުމަށާއި ބޭރަށް ދިޔުމަށާއި، މީހުން އެއްވާ ތަންތަނަށް ނުދިއުމަށް ވެސް ސޯބޭ ނަސޭހަތްރިވެ ވަޑައިގެންނެވެ.

އިއްޔެ ހަވީރުން ފެށިގެން އައްޑޫ ސިޓީގެ ފިހާރަތަކާއި، ރެސްޓޯރެންޓް ތަކާއި ކެފޭތައް ރޭގަނޑު ބަންދުވާނެ އެވެ. އެހެންނަމަވެސް ކައުންސިލުން ދޭ ހުއްދައެއްގެ ދަށުން ޑެލިވަރީއާއި، ޓޭކް އަވޭގެ ޚިދުމަތް ދެވޭނެ ކަމަށް ސޯބެ ވިދާޅުވިއެވެ. "ކައުންސިލަށް އީމޭލެއް ފޮނުވާލިޔަސް ހުއްދަލިބޭނެ. އެ ހުއްދަ ނަގަންޖެހޭ ރޭގަނޑު ޑެލިވަރީއާއި ޓޭކް އަވޭގެ ޚިދުމަތް ދެނީ ކޮންބައެއްތޯ ދެނެގަންނަން. ހުއްދަ އޮތުމުން ފުލުހުން އެތަންތަން ބަލަން އައުމުން ދެއްކޭނެ. އޭރުން އުސޫލެއްގެ ދަށުން މިކަންކަން ކުރަން ފަސޭހަވާނެ،" ސޯބެ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.