އައްޑޫގެ ހޮޓާ، ރެސްޓޯރެންޓްތައް ހަމައެކަނި ދުވާލު ހުޅުވާ ގޮތަށް ހަމަޖައްސަވައިފި

ސޯބެ ރައީސް ނަޝީދާއެކު

އައްޑޫ ސިޓީގައި ސިއްހީ ޚިދުމަތްދޭ ތަންތަނާއި ބޭސްފިހާރަތައް ފިޔަވައި، ހޮޓާ، ރެސްޓޯރެންޓް، ކެފޭ  އަދި ފިހާރަ ފަދަ ތަންތަން ހެނދުނު 6:00 އިން 6:00 އަށް އެކަނި ހުޅުވާފައި ބަހައްޓާ ގޮތަށް ހަމަޖައްސަވައިފިއެވެ.

އައްޑޫ ސިޓީގެ މޭޔަރު އަދި އައްޑޫގައި ހަދާފައިވާ ކޮވިޑް ޓާސްކް ފޯހުގެ ޑެޕިޔުޓީ ޗެއަރޕާސަން ޢަބްދު ﷲ ސާދިގު (ސޯބެ) ވިދާޅުވީ މާދަމާ ހަވީރު 6:00 އިން ފެށިގެން އެގޮތަށް އަމަލުކުރަން ފަށާނެކަމަށެވެ.

ކާބޯތަކެތި ވިއްކާ އެފަދަ ތަންތަން ހެނދުނު 6:00 އިން ހަވީރު 6:00 އަށް ހުޅުވާ ގޮތަށް ހަމަޖެއްސިޔަސް ރޭގަނޑު ޑެލިވަރީއާއި، ޓޭކް އަވޭގެ ޚިދުމަތް އެތަންތަނުން ދެވޭނެ ކަމަށެވެ. "އެހެންނަމަވެސް އެތަނުގައި ތިގެން ސާވެއް ނުކުރެވޭނެ،" ސޯބެ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި އުސޫލުގެ ދަށުން އައްޑޫގައި ހިންގާ ގާޑިޔާތަކުން ވެސް އެތަނަށްދާ ކަސްޓަމަރުންނަށް އެތަނުގައި ސާވް ނުކުރެވޭނެ ކަމަށެވެ. އެއްޗެހި ގަނެގެންޖެހޭނީ ސީދާ ގެއަށްދާން ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރުނބާ ފަދަ އެއްޗެއްސާއި އެހެނިހެން ސާމާނު ގަނެގެން ގާޑިޔާތަކުގައި ތިބެގެން ނުކެވޭނެ. ޖެހޭނީ ގެއަށް ގެންގޮސްގެން ކާން،" ސޯބެ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކޮންމެހެން ބޭރަށްދާންޖެހިގެން ނޫނީ އެއްގޮތަކަށް ވެސް ބޭރަށް ދިއުން ރަނގަޅު ނޫންކަމަށެވެ. އެބަލީގެ ގޮތުން އެމީހަކަށް ނޭނގި ހިތަށްވެސް ނާރާގޮތަށް ވެސް އެބަލިފެތުރިދާނެ ކަމަށް ސޯބެ ވިދާޅުވިއެވެ. "ކޮންމެހެން ދާންޖެހިއްޖެ ހާލަތުގައި ވެސް ސޯޝަލް ޑިސްޓެންސް ނަގައިގެން ވީހާވެސް ދުރުގައި ތިބެންވާނީ،" ސޯބެ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.