މެމްބަރުންނާއި ދައުލަތުގެ އިސްމަޤާމްތަކުގެ މުސާރައިގެ 20 އިންސައްތަ ދެ މަސްދުވަހަށް އުނިކުރުމަށް ފާސްކޮށްފި

މަޖިލިސް މެމްބަރުންނާއި ދައުލަތުގެ އިސްމަޤާމްތަކުގެ މުސާރައިގެ 20 އިންސައްތަ 2 މަސްދުވަހަށް އުނިކުރުމަށް މަޖިލީހުން ފާސްކޮށްފި އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ދައުލަތުގެ މަޤާމުތަކުގެ ތެރެއިން އަސާސީ މުސާރައިގެ ގޮތުގައި 30 ހާހަށް ވުރެމަތިންލިބޭ މަޤާމުތަކުގެ މުސާރައިގެ 20 އިންސައްތަ ދެމަސް ދުވަހަށް އުނި ކުރުމަށެވެ. އަދި އެއީ މަޖިލީހުން މުސާރައާއި އިނާޔަތް ކަނޑައަޅާ މަޤާމުތަކެވެ. މާލިއްޔަތު ކޮމިޓީގެ ނިންމުމާ އެއް ގޮތަށް މާޗު މަހާއި އޭޕްރީލް މަހުގެ މުސާރަ އިން 20 ޕަސެންޓް އުނި ކުރުމަށް ފާސްކުރީ 74 މެންބަރުންގެ ވޯޓުންނެވެ. އެއްވެސް މެންބަރަކު ދެކޮޅަށް ވޯޓެއް ނުދެއްވަ އެވެ.

މި ގޮތަށް ފާސްކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން، ރައީސުލް ޖުމްހޫރިއްޔާއާއި ނައިބު ރައީސާއި ފަނޑިޔާރުނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މުސާރައިގެ ވެސް 20 އިންސައްތަ ދެ މަސް ދުވަހަށް އުނިކުރެވޭނެއެވެ.

މެމްބަރުންނަށް މުސާރައިގެ ގޮތުގައި ލިބިވަޑައި ލިބިވަޑައިގަންނަވަނީ 42،500 ރުފިޔާއެވެ. އަދި ލިވިންގ އެލަވަންސްގެ ގޮތުގައި 20 ހާސް ރުފިޔާ ލިބިވަޑައި ގަންނަވައެވެ. އެހެންކަމުން ލިވިން އެލަވަންސާ އެކު މެމްބަރަކަށް މަހަކު ލިބިވަޑައި ގަންނަވާނީ 62،500 ރުފިޔާއެވެ. މެމްބަރުންގެ މުސާރައިގެ ވިހި އިންސައްތަ އަކީ 8،500 އެވެ. އެޢަދަދު އުނިކުރުމުން ވެސް މެމްބަރުންނަށް މުސާރައިގެ ގޮތުގައި 34 ހާސް ލިބި ވަޑައިގަންނަވާނެއެވެ. 87  މެމްބަރުންގެ މުސާރައިން 20 އިންސައްތަ އުނިކުރުމުން ޖެހޭ ޢަދަދަކީ 739,500  ރުފިޔާއެވެ. ދެމަސް ދުވަހަށް މިޢަދަދު ، މުސާރައިން އުނިކުރާނަމަ 1.5 މިލިއަން ރުފިޔާ ހަމަ އެކަނި މެމްބަރުންގެ މުސާރައިން އުނިކުރެވޭނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.