ފިޔަވަޅުތައް އަޅަމުން ގެންދަނީ އެއްވެސް ދިވެއްސަކު ބާކީނުވާނޭހެން: ފިނޭންސް މިނިސްޓަރ

ކޮވިޑް-19 ރާއްޖޭގައި ފެތުރި ނާޒުކު ހިސާބަކަށް ގޮސް އިގްތިސާދަށް ބޮޑެތި ގެއްލުން ވާނެ ކަމަށް އަންދާޒާ ކުރެވިފައިވާތީ އެކަމުން އަރައިގަތުމަށް ފިޔަވަޅު އަޅާނީ އެއްވެސް ދިވެއްސަކު ބާކީނުވާނޭހެން ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

"ސަރުކާރުން މިދަނޑިވަޅުގައި އެއްވެސް ދިވެއްސަކު ބާކީނުވާނެހެން ފިޔަވަޅުތައް އަޅަމުން ގެންދާނެ. މިކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،" މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން އިއްޔެ ވަނީ ކޮވިޑްގެ ސަބަބުން އަތުވާދޭނެ އިގްތިސާދީ ދަތިތަކުން ވިޔަފާރިތައް ސަލާމަތް ކުރުމަށް 2.5 ބިލިއަން ރުފިޔާގެ  ޕެކޭޖެއް ވެސް ތަޢާރަފްކޮށްފައެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ އިއްޔެ ވިދާޅުވީ ސަރުކާރުން ފޯރުކޮށްދޭ އެ އެހީ އާއި އެ ޕެކޭޖުގެ ބޭނުން ހެޔޮގޮތުގައި ހިފައި މިހާލަތުން އަރައިގަތުމަށް އެންމެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެ މަގަށް މަސައްކަތް ކުރަމުންދާއިރު "ދިވެހީންގެ ވަޒީފާތައް މަދު ނުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލަން،" ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހީންގެ ވަޒީފާތައް ރައްކާތެރި ކުރެވިއްޖެނަމަ މާބޮޑު ނޭދެވޭ އަސަރެއް ނުކޮށް މިހާރު ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. "މިއީ ވިޔަފާރިތަކަށާއި ވަޒީފާ އަދާކުރާ ފަރާތްތަކަށާއި މުޅިގައުމަށް ވެސް  އެންމެ ފައިދާހުރި ގޮތް،" އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.