ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ސަރުކާރުން ނިންމާފައި ނުވާކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުހައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ރާއްޖޭގެ ބޯޑަތަރުތައް ބަންދުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށްބުނެ ރާއްޖޭގެ ބައެއް ނޫސްތަކުގައި މިއަދު ޖަހާފައިވާ ކަމަށެވެ. އެހެންނަމަވެސް އެއީ އެއްވެސް ހަގީގަތެއްނެތް ދޮގުވާހަކައެއް ކަމަށް ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ސަރކާރުން ގެންދަވަނީ ދުވަހުންދުވަހަށް ހާލަތު ބައްލަވަމުން ކަމަށެވެ. އަދި އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން އަޅަމުން ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތަށް އަމަލުކުރަމުން ދަނިކޮށް ރާއްޖޭގެ ބޯޑަރުތައް ބަންދުކުރާ ވާހަކަ ނޫސްތަކުގައި ޖެހުމުން ރާއްޖެއިން ބޭރުގައި ތިބޭ ދިވެހިންނަށް އެކަމުގެ އަސަރު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން އެފަދަ ދޮގު ޚަބަރު ނުފެތުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
"މިކަހަލަ ކަންކަންކުރީމައި ރާއްޖޭގެ އެތައް ބަޔަކު ބޭރުގައި ތިއްބަވާއިރު ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފިޔާ ކިޔާފައި ޚަބަރެއް ނެރުނީމައި އެއިން އުފެދޭ ހާސްކަން، އެ އުފެދޭ ބިރުވަރިކަން އެއީ ކުޑަކަމެއްނޫން. މިކަން މިގޮތަށް ނުކޮށް ޒިންމާދާރު ކަމާއެކު މިކަން ކުރުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް،" މަބްރޫކް ވިދާޅުވިއެވެ. މިފަދަ ޚަބަރު ފަތުރާ މީހުން އެހެން ކަންކަމުގެ ތެދުދޮގު ބެލުމަށް ގުޅާކަމަށާއި އެހެންނަމަވެސް މިކަމުގައި އޭނާއަށް ގުޅާފައި ނުވާކަމަށް ވިދާޅުވިއެވެ.