ކޮވިޑް-19: ޕިކްނިކް ދަތުރުތައް ހުއްޓާލާ، ގޭގައި މަޑުކޮށްލާ: މޭޔަރ ސޯބެ

ފޮޓޯ: ސިޓީ ކައުންސިލް

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ސަރުކާރު ބަންދުކުރުމުން ޕިކްނިކް ދަތުރުތަކާއި، މަސްދަތުރު ފަދަ ދަތުރުތައް ދިޔުން ހުއްޓާލައި ގޭގައި މަޑު ކޮށްލުމަށް އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސާދިގު (ސޯބެ) އައްޑޫސިޓީގެ ރައްޔިތުންނަށް ގޮވާލައިފިއެވެ.

އާފަތިހަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ސަރުކާރު ބަންދުކުރުމުން އެއީ ޗުއްޓީއެއް ކަމަށް ބަލައިގެން ބައެއް ފަރާތްތަކުން ދަތުރު ދިއުމާއި އެފަދަ އެހެން ކަންކަން ކުރަމުންދާކަން ފާހަގަ ވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ބެލިބެލުމުން މަގުތީން މީހުން މަދެއްނުވޭ. ޕިކްނިކްދާ މީހުން އެބަދޭ. ކުދިން ގޮވައިގެސް މަސް ދަތުރުދާ މީހުން އެކަން އެބަކުރޭ. އެހެންނަމަވެސް މިކަން ކަމަކީ މިހާރުން މީހާރަށް ހުއްޓާލަން ޖެހޭ ކަންކަން. މިފަދަ ކަންކަން މިހާރުވީ ގެއަށް ބަދަލުކޮށްލަން. ގޭގައި އެންމެން ވެގެން ހިތްހަމަޖައްސަން މިފަދަ ކަންކަން ކުރެވިދާނެ. އިރާދަ ކުރެއްވިއްޔާ ސަލާމަތުން ތިބި ކަމަށްވާނަމަ ދަތުރުވެސް ދެވޭނެ. މަސް ބާނަން ވެސް ދެވޭނެ. ކޮފީތަކަށް ވެސް ދެވޭނެ. އެހެންނަމަވެސް މިވަގުތު މިއީ ގޭގައި މަޑު ކުރަންވީވަގުތު،" ސޯބެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮފީއެއް ބޯން ނުވަތަ ރެސްޓޯރެންޓަކުން އެއްޗެއް ކާހިތްވެއްޖެ ކަމަށްވާނަމަ އެތަނަކަށް ގުޅައިގެން ގެނެވިދާނެ ކަމަށެވެ. އެހެންނަމަވެސް އެންމެ ރަނގަޅު ގޮތަކީ ކާއެއްޗެއްހި ވެސް އަމިއްލަ ގޭގައި ކައްކައިގެން ކެއުން ކަމަށް ސޯބެ ވިދާޅުވިއެވެ. އެއަށްވުރެ ރައްކާތެރި އެއްގޮތެއްވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ސޯބެ ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ސަރުކާރާއި މުޅި ކައުންސިލުން ވެސް އެންމެ އިސްކަން ދޭ ކަންކަން ކަމަށެވެ. އެހެންވީމާ ގޭގައި މަޑުކޮށްލާފައި ގިނަގިނައިން އަތްދޮވުން އާދަކުރުމަށް ސޯބެ އެދިވަޑައިގެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.