މުދަލުގެ ބޭނުންޖެހޭ ވަގުތުގައި ރައްކާކޮށް ބަހައްޓައިގެން ބޮޑުއަގުގައި ވިއްކުމީ ޙަރާމްކަމެއް: ޝައިޚް ޙަސަލް ލަތީފް

އައްޝައިޚް ޙަސަން ލަޠީފު މޫސާ

ވިއްކަން ހުންނަ މުދަލުގެ ބޭނުން މީހުންނަށް އެންމެބޮޑަށް ޖެހޭވަގުތުގައި އެ ރައްކާކޮށް ބަހައްޓައިގެން ބޮޑު އަގުގައި ވިއްކުމަކީ ބޮޑު ޙަރާމް ކަމެއް ކަމަށް ދީނީ ޢިލްމުވެރިޔާ އައްޝައިޚް ޙަސަން ލަތީފް މޫސާ ވިދާޅުވެއްޖެއެވެ.

ޝައިޚް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެގޮތަށް މުދާ ފޮރުވައިގެން ބޮޑު އަގުގައި ވިއްކުމުން އެ ވިއްކާ މީހާ ފާފަވެރިވެސް ވާނެ ކަމަށެވެ. އަދި އެއީ އެމީހާގެ ވިޔަފާރި ބަނގުރޫޓުވާން ހުޅުވާލެވޭ ދޮރެއް ކަމަށް ވެސް ޝައިޚް ވިދާޅުވެފައިވެއެވެ.

"ވިއްކާ ތަކެތީގެ ބޭނުން މީސްތަކުންނަށް ބޮޑުވާ ވަގުތެއްގައި އެތަކެތި ރައްކާކޮށް ބަހައްޓައިގެން ބޮޑު އަގުގައި ވިއްކުމަކީ ބޮޑު ޙަރާމްކަމެއް. މީގެސަބަބުން ވިޔަފާރިވެރިޔާ ފާފަވެރިވުމުގެ އިތުރުން ވިޔަފާރި ބަނގުރޫޓު ވެގެން ދިއުމަށް މަގު ހުޅުވިދާނެ،" ޝައިޚުގެ ޓުވިޓަރގައި ވިދާޅުވެފައިވެއެވެ.

އައްޝައިޚް ޙަސަލް ލަތީފް މޫސާ މިގޮތަށް ވިދާޅުވެ ޓުވީޓު ކުރެއްވީ ކޮވިޑް 19 ރާއްޖެއިން ފެނުމާއެކު ބައެއް ވިޔަފާރިވެރިން މުދާ އަގުބޮޑުކޮށް ވިއްކަމުންދާ ކަމަށް ބުނެ ޝަކުވާ އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ރާއްޖެއަށް މުދާ އެތެރެކޮށް އޭގެ ވިޔަފާރިކުރާ ބޮޑެތި ކުންފުނިތަކުން މިއަދު ބުނީ މުދާ އަގުބޮޑުކުރާ ހިސާބަށް ކަންކަން ނުދާ ކަމަށެވެ. ދުނިޔޭގެ އުފެއްދުންތެރިކަމަށް އެއްވެސް ހީނަރު ކަމެއް އަދި ނާންނަ ކަމަށާއި އެހެންކަމުން ރޯދައަށާއި ރޯދައިގެ ފަހަށް ބޭނުންވާ ކާބޯތަކެތި ވެސް އެއްވެސް ދަތިކަމެއްނެތި ލިބެން ހުންނާނެ ކަމަށް ކުންފުނިތަކުން ވަނީ ބުނެފައެވެ.

އެފަރާތްތަކުން ބުނީ ރައްޔިތުން ގަނޑުކޮށް މުދާ ގަންނަން މަސައްކަތް ކުރަނީ ކޮވިޑުގެ 19 ރާއްޖެއިން ފެނުމުން ވެފައިވާ ކަންބޮޑުވުމެއްގެ ސަބަބުން ކަމަށެވެ. އެކަން އެގޮތަށް ނުކުރުމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވެސް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.