ރާއްޖެއިން ކޮވިޑް- 19 އަށް ފުރަތަމަ ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން އެބަލިން ފަސޭހަނުވެ އެންމެ ފަހަކަށްތިބި ދެމީހުން އެބަލިން ފަސޭހަ ވެއްޖެއެވެ.
އެކަން ހާމަކުރެއްވީ ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗުގެ ޑޮކްޓަރ. މޫސާ މުރާދެވެ. އެ ދެމީހުން ބަލިން ރަނގަޅުވުމުން މހާރު ފަރުވާ ހޯދަމުންދަނީ އެންމެފަހު ޕޮޒިޓިވްވި ދެ ދިވޭހީންނެވެ.
މިހާތަނަށް ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވީ 17 މީހުންނެވެ. އޭގެ ތެރޭގައި ހިމެނޭ މީހުންގެ ތެރެއިން ދިވެހީންގެ އަދަދަކީ 2 އެވެ. ދެންތިބީ ބިދޭސީންނެވެ. އެ އެބައްޔަށް މިހާރު ފަރުވާ ދެމުން ގެންދަނީ އެންމެފަހުން ޕޮޒިޓިވް ދެ ދިވެހީންނަށެވެ. އެ ދެ މީހުންނަކީވެސް އިނގިރޭސިވިލާތުގައި އުޅުމަށްފަހު ރާއްޖެއަށް އައިދެމީހުން ނެވެ. އެދެމީހުންނަށް ވެސް މިހާރު ގެންދަނީ އައިސޮލޭޝަން ފެސިލިޓީގައި ފަރުވާ ދެމުންނެވެ.
ޑރ. މުރާދު ވިދާޅުވީ ރަނގަޅުވި ދެ މީހުން މީހާރުތިބީ އެމީހުން ދެން ބަދަލުކުރަންޖެހޭ ތަނަކަށް ބަދަލު ކުރުމުގެ އިންތިޒާރުގައެވެ. މިގޮތަށް ބަލި ފަސޭހަވާ މީހުން އެއްކޮށް ދޫކޮށްލާނީ 14 ދުވަސް ނުވަތަ އެއަށްވުރެ ގިނަ ދުވަހު އިތުރަށް ބޭތިއްބުމަށްފަހުގައެވެ.