ކައުންސިލް އިންތިޚާބު ފަސްކުރުމަށް ވަގުތީ ގާނޫނެއްގެ ބިލް އެކުލަވާލަނީ

ކައުންސިލް އިންތިހާބުގެ ވޯޓްލާ ދުވަސް ފަސްކުރުމުގެ މައްސަލައަށް ވަގުތީ ގާނޫނެއްގެ ބިލް އެކުލަވާލަން ނިންމައިފިއެވެ. މިގޮތަށް ނިންނައިފައިވަނީ ކައުންސިލް އިންތިޚާބު ވޯޓްލާ ދުވަސް ފަސް ކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ބައްދަލުވުމުގައި އިލެކްޝަން ކޮމިޝަންގެ މެމްބަރުންނާއެކު މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ އިންތިޚާބުގެ މައްސަލަ ޙައްލު ކުރެއްވުމަށް ސްޕްރީމް ކޯޓަށް ވަޑައިގެންނެވުމަށް ނިންމެވީ އެ މައްސަލަ އަކީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ދެކިވަޑައިގެން ކަމަށެވެ. އަދި އިންތިޚާބާގުޅޭ އެފަދަ މައްސަލަތަކުގައި ކުރިން ހައްލު ހޯއްދަވައިފައިވާ ގޮތަށް ރިޢާޔަތް ކުރައްވައިގެން ކަމަށެވެ. ސްޕަރީމް ކޯޓަށް އެމައްސަލަ ހުށަހެޅުއްވީ އެއްވެސް ގޮތަށް މަޖިލީހުގެ މެންޑޭޓްގައި ހިމެނޭ ކަމެއް އެހެން ފަރާތަކުން ކުރުމުގެ ބޭނުމުގައި ނޫންކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާކުވިއެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ ތެރެއިން އެމައްސަލައިގައި ހައްލެއް ހޯއްދެވިދާނެކަމަށް ކުރިން ހީވެސް ނުކުރެވޭ ކަމަށެވެ. ކުރީގެ ރައްޔިތުންގެ މަޖިލިސްތަކުން އެފަދަ ކަމަކަށް އިސްނަގައިފައި ނުވާތީ އެއީ އޮތް ފުރުޞަތެއްކަން ވެސް އެނގިވަޑައި ނުގަންނަވާކަމަށެވެ. ނަމަވެސް އެމައްސަލައިގައި މަޖިލީހުން އިސްވެ ޙައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރުމުން ވަރަށް ބޮޑަށް ހިތަޕުޅު ހަމަޖެހިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ. އަދި މައްސަލައަށް އެންމެ އަވަހަށް ގޮތެއް ނިމިގެން ދާނީވެސް މަޖިލީހުގެ ތެރެއިން ކަމަށް ދެކެވަޑައިގަންނަވާ ކަމަށަ ވިދާޅުވިއެވެ.

އީސީގެ ރައީސް ޝަރީފު ވިދާޅުވީ އެކޮމިޝަނުން ބޭނުންވާގޮތަކީ ހަމައެކަނި އިންތިޚާބުގެ ވޯޓްލާ ދުވަސް އެކަނި ފަސްކުރުމަށް ކަމަށެވެ. ވިދާޅުވީ ހަމައެކަނި ވޯޓު ލުން ފަސް ކުރާނަމަ ބޭނުންވަނީ ރާއްޖޭގެ ޙާލަތު އާއްމު ޙާލަތަށް ބަދަލުވުކަން އިޢުލާނަ ކުރާ ދުވަހުން ފެށިގެން 30 ދުވަސް ކަމަށެވެ. ތިރީސް ދުވަސް ބޭނުންވަނީ ވެސް ކެންޑިޑޭޓުންނަށް ކެމްޕޭނު ކުރުމުގެ ފުރުޞަތު ދިނުމަށް ބޭނުންވާތީ ކަމަށެވެ. މުޅި އިންތިޚާބު ފަސްކުރާނަމަ ގާތްގަނޑަކަށް 120 ދުވަސް ބޭނުންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ. މުޅި އިންތިޚާބު ފަސްކުރާނަމަ އަލުން އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލައި ކުރިން ކޮށްފައިވާ މަސައްކަތްތައް އަލުން ކުރަންޖެހި ބޮޑު ޚަރަދެއް ހިގާނެކަން ވެސް ފާހަގަކުރެއްވި އެވެ. އިންތިޚާބު ބޭއްވުމަށް ބޭނުންވާ މައިގަނޑު ތައްޔާރީތައް މިހާރު ވަނީ ނިމިފައި ކަމަށް ވެސް ޝަރީފް ފާހަގަ ކުރެއްވިއެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އީސީގެ މެންބަރުންނާއި މަޝްވަރާ ކުރެއްވުމަށް ފަހު، ނިންމެވީ އިންތިހާބު ފަސްކުރުމުގައި އަމަލު ކުރުމުގައި އެކޮމިޝަނުން ބޭނުންވާ ކަންކަމުގެ މައްޗަށް ބިލެއްގެ ޑްރާފްޓެއް މާދަމާ މަޖިލިހަށް ހުށަހެޅުމަށެވެ. ބިލް ޑްރާފްޓް ކުރުމުގައި އެހެންފަހަރުތަކުގައި ވެސް ޢަމަލު ކުރެވޭނެގޮތަށް އޮތުމުގެ ބަދަލުގައި މިހާރު ދިމާވެފައިވާ ޞިއްޙީ ޚާއްޞަ ޙާލަތަށް އެކަނި ރިޢާޔަތް ކޮށްފައި ބޭއްވުމަށް ބޭނުންވާ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

ރޭގެ ބައްދަލު ވުމުގައި ކައުންސިލް ތަކުގެ މުއްދަތާ މެދުވެސް މަޝްވަރާ ކުރެއްވުނެވެ. އިލެކްޝަން ކޮމިޝަންގެ ރައީސް ވިދާޅުވީ އެކޮމިޝަންގެ ޑްރާފްޓްގައި އެކަމަށް ވަކިގޮތެއް ބަޔާން ނުކުރައްވާނެކަމަށެވެ. އެއީ އެކޮމިޝަންގެ މެންޑޭޓްގައި ހިމެނޭ ކަމަކަށް ނުވާތީ ކަމަށް ވިދާޅުވިއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ރޭގެ ބައްދަލުވުން ނިންމާލެއްވީ އޭޖީއާއާއެކު މަޝަވަރާކުރެއްވުމަށް ނިންމެވުމަށްފަހުއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.