ވެންޓިލޭޓަރުތަކާ ގުޅިގެން ހެލްތް މިނިސްޓަރ ދެއްވި ޖަވާބު މިއަދުގެޖަލްސާގައި އިއްވަނީ

ފޮޓޯ: ހެލްތު މިނިސްޓްރީ

ވެންޓިލޭޓަރުތަކާ ގުޅިގެން ހެލްތް މިނިސްޓަރ ދެއްވި ޖަވާބު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވެވުމަށް އެޖެންޑާ ކުރައްވައިފިއެވެ. މިއީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު ހައިތަމް މިނިސްޓަރ އަމީންގެ ފަރާތުން ސާފުކު ކުރައްވަން ބޭނުންފުޅުވި  ސުވާލުތަކުގެ ޖަވާބެވެ.

މެމްބަރ ހައިތަމް ހެލްތް މިނިސްޓަރާ ސުވާލު ކުރައްވައިފައިވަނީ ކޮވިޑާ ގުޅިގެން ރާއްޖެއަށް ގެންނާނެ ކަމަށް ބުނެފައިވާ ވެންޓިލޭޓަރު ތަކުގެ މައްސަލައިގައެވެ. ހެލްތް މިނިސްޓަރ މި ސުވާލު ތަކުގެ ޖަވާބު މަޖިލީހަށް ރޭ ފޮނުއްވީ ޖަވާބު ދިނުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުން، ދެއްވި އިތުރު މުއްދަތުގައި ވެސް އެ ސުވާލުތަކުގެ ޖަވާބު ދެއްވައިފައި ނުވާތީ އެކަމާ ގުޅޭގޮތުން މަޖިލީހުގެ އިދާރާއިން ނޫސްބަޔާން ނެރުއްވި ފަހުންނެވެ. މެމްބަރ ހައިތަމްގެ ސުވާލުތަކަށް ހެލްތް މިނިސްޓަރ ލިޔުމުން ދެއްވި ޖަވާބު އީމެއިލް މެދުވެރިކޮށް މަޖިލީހުގެ އިދާރާއަށް ލިބިފައިވާކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައި ވަނީ ރޭ އިރުއޮއްސި 6:31 ގައެވެ. މަޖިލީހުން ނޫސްބަޔާން ނެރެފައި ވަނީ ރޭ 6:12 ގައެވެ.

މަޖިލީހުގެ އިދާރާއިން ނެރުނު ނޫސްބަޔާނުގައ ބުނެފައި ވަނީ ސުވާލުގެ ނޯޓިސްގައި ބުނާ މުއްދަތު މިމަހު 27 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާކަމަށެވެ. އަދި އިއްޔެގެ 14:00 ގެ ކުރިން ޖަވާބު ދެއްވުމަށް ފުރުޞަތު އިތުރު ކޮށްދެއްވިކަމަށެވެ. ނަމަވެސް އިތުރު ކޮށްދެވި މުއްދަތު ފާއިތުވި އިރުވެސް ހެލްތް މިނިސްޓަރ ގެ ޖަވާބު ނުލިބޭކަމަށެވެ. އެހެންކަމުން ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާ، ހެލްތް މިނިސްޓަރ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެކެވަޑައިގަންނަވާ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.