ސަރުކާރުން އިސްކަން ދޭންޖެހޭ ސިޔާސަތުތައް އަލުން ތަރުތީބުކުރަންޖެހޭ: މެމްބަރ ޙަސަން ލަޠީފް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކޯވިޑްގެ ހާލަތާ ގުޅިގެން ދިމާވެފައިވާ އިގްތިސާދީ ހީނަރުކަމާ ގުޅިގެން ސަރުކާރުން އިސްކަން ދޭންޖެހޭ ސިޔާސަތުތައް އަލުން ތަރުތީބުކުރަންޖެހޭ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑިޕީގެ ޗެއަރޕާސަން  ޙަސަން ލަތީފް  ވިދާޅުވެއްޖެއެވެ.

ބަޖެޓް ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މެމްބަރ ޙަސަން ވިދާޅުވީ މިވަގުތަކީ ސަރުކާރުން އިސްކަން ދޭން ޖެހޭ ސިޔާސަތުތައް އަލުން ތަރުތީބުކުރަން ޖެހިފައިވާ ވަގުތުކަމަށެވެ. ސަރުކާރުގެ އެމެނިފެސްޓޯ ތަންފިޒުކުރާނެ ގޮތުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް، އެކުލަވާލައިފައި ކަން ފާހަގަ ކުރައްވައި މެމްބަރ ޙަސަން ވިދާޅުވީ އެއީ ކޯވިޑްގެ ކުރިން އެކުލަވާލައިފައިވާ ޕްލޭނެއްކަމަށެވެ. މިހާރުގެ ޙާލަތު ބަދަލު ވެފައވާކަން ފާހަގަ ކުރެއްވިއެވެ. މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިކަމާގުޅިގެން ގައުމުތަކުގެ ސިޔާސަތުތަކަށް ބަދަލު ގެންނަމުންދާކަން އެއީ ފެންނަން އޮތް ހަގީގަތެއްކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެން މި ހާލަތުގައި ގެންނަން ޖެހޭ ބަދަލުތައް ގެންނަންޖެހޭ. އެކަމާ ދެބަސް ވެވޭނެ އެއްވެސް ޖާގައެއް އޮތްކަމަކަމަށް އަޅުގަނޑުނުދެކެން. މިވަގުތު ސަރުކާރުން ހިންގާ މަޝްރޫއުތަކަކީ އެމަޝްރޫއުތަކުގެ ސަބަބުންއިގްތިސާދަށް ފައިދާ ހުރި މަޝަރޫއުތަކަކަށް ވާންޖެހޭ. އިސްކަން ދޭންޖެހޭނީ ރައްޔިތުންގެ ޖީބަށް ސީދާ ފައިސާ ވަންނާނެ ގޮތަށް އެކުލަވާލެވިފައިވާ މަޝްރޫއުތަކަށް." މެމްބަރ ޙަސަން ވިދާޅުވިއެވެ.

އިމާރާތްތައް ކުރުން ފަދަ ޢުމްރާނީ ތަރައްޤީއަށް ކުރާ ކަންކަން މިވަގުތަށް މަޑުޖައްސާލަންޖެހޭ ކަމަށް މެމްބަރު ޙަސަން ފާހަގަ ކުރެއްވިއެވެ. މިވަގުތު ކުރަން ޖެހޭނީ މީހުން ބިނާކުރުމާއި މަތީ ތަޢުލީމަށާއި ތަމްރީނު ލިބިދޭ މަސައްކަތްތަކަށް ކުރާ ޚަރަދަށް ކަމަށް ވިދާޅުވިއެވެ. ޤައުމީ ފެންވަރުގައި ތަޢުލީމާއި ތަމްރީނު ދިނުމުގެ މަސައްކަތް ހިންގުމަކީ މިވަގުތު ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ވެސް ފާހަގަ ކުރެއްވިއެވެ.

"ސަރުކާރުގެ ސިޔާސަތަށް މިވަގުތު މި ބަދަލު ނުގެނެސްފިނަމަ އަޅުގަނޑުމެން ދެން ވެއްޓެން އޮތް އަނދަވަޅުގެ ފުން މިން، އަޅުގަނޑުމެންނަށް އިހުސާސްކޮށްލަން ވެސް ނޭނގޭނެ" މެމްބަރ ޙަސަން ވިދާޅުވިއެވެ.

ކޯވިޑްގެ ބަލިމަޑުކަމުން އަރައި ގަތުމަށް ދައްކަން ޖެހޭ ވާހަކަ އަކީ ދައްކަން ފަސޭހަ ވާހަކަތަކަށްވެސް ވެފައިވާ ކަމަށް މެމްބަރ ޙަސަން ވިދާޅުވިއެވެ.

އިޤްތިޞާދު އިތުރަށް ވީރާނާވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތް ތަކަކީ ހިކުމަތްތެރިކަމާ އެކު ސަރުކާރާއި ދައުލަތުން ކުރަންޖޭ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި އެކަމަކީ  މަޝްވަރާގެ ރިވެތި އުސޫލުން ކުރެވޭ ކަމަކަކަށް ވާންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. މިވަގުތަކީ ދައުލަތުގެ އާމްދަނީ އިތުރުކުރެވެން ހުރި ކަންކަމާއި ޚަރަދު ކުޑަކުރެވެން ހުރިކަންކަމާމެދު ފުޅާ ދާއިރާއެއްގައި، ގައުމީ ފެންވަރުގައި މަޝްވަރާ ކުރަންޖެހޭ ވަގުތު ކަމަށް ވެސް މެމްބަރ ޙަސަން ފާހަގަ ކުރެއްވިއެވެ

ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ހިންގާ މަޝްރޫއުތައް އިންތިހާއަށް ގިނަ ކުރަންޖެހޭކަމަށް ވެސް ވިދާޅުވިއެވެ. އެއްގަމާއި ކަނޑުގެ ދަތުރުފަތުގެ ނިޒާމެއް ގާއިމްކޮށް އެއް ތަނުން އަނެއް ތަނަށް ފަސޭހަކަމާއެކު ދަތުރުފަތުރުކޮށް އުޅެވޭނެ އިންތިޒާމް ގާއިމްކޮށް ދިނުމަކީ  މިވަގުތަށް އިންތިހާއަށް މުހިންމު ކަމެއް ކަމަށް ވެސް ފާހަގަ ކުރެއްވިއެވެ.

މާލޭގެ ތޮއްޖެހުމަށް ހައްލެއް ހޯދައި ދިނުމުގެ މަސައްކަތް ކުރަންޖެހޭކަމަށް ވެސް ވިދާޅުވިއެވެ.  އެއީ ހަމައެކަނި މާލޭގެ ރައްޔިތުނަށް ހައްލު ލިބޭކަމެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ. އެގޮތަށް ވިސްނުމަކީވެސް ވަރަށް ގޯސް ވިސްނުމެއް ކަމަށް ވިދާޅުވިއެވެ. މާލޭގެ ތޮއްޖެހުމަށް ހައްލެއް ހޯދައިދިނުމަކީ މުޅި ރާއްޖެއަށް ހޯދައި ދެވޭ ހައްލެއް ކަމަށް ވިދާޅުވިއެވެ. ދައުލަތުގެ ބަޖެޓަށް ބުރަ ނުވާ ގޮތަށް މާލޭން ބިން ދޫކުރާ ފަރާތްތަކަށް މާލެ ސަރަޙައްދުން އަވަހަށް ބިންކޮޅެއް ހޯދައި ދޭންޖެހޭކަމަށް ވެސް ވިދާޅުވިއެވެ.

"ޖުމުލަކޮށް ދަންނަވާނަމަ މިރާއްޖެ މިދާ މިސްރާބާ ދައުލަތުގެ ހިންގުމަށް ގެންނަން ޖެހޭ ބަދަލުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަންޖެހޭ. މިއީ ދަތި އުދަނގޫ ވަގުތެއް، އަދި ކުރިއަށް އޮތީވެސް އެހާމެ ދަތި އުދަނގޫ ދުވަސްތަކެއް. ކުރިއަށް އޮތް ދެތިން އަހަރެއްގައި މިރާއްޖެއަށް ވެގެން ދާނެ ގޮތް ކަނޑައެޅޭނީ، މިއަދު އަޅުގަނޑުމެން ނިންމާ ނިންމުންތަކެއްގެ މައްޗަށް. މިއަދު އަޅުގަނޑުމެން ނިންމާ ނިންމުންތަކަކީ ރައްޔިތުންނަށް އެންމެ ފަސޭހަ ނިންމުމަށް ފަހަރުގައި ނުވެދާނެ. ނަމަވެސް އެއީ ކުރިއަށް އޮތް ދެތިން އަހަރަށް އެންމެ ރަނގަޅު ނިންމުންކަމަށް ވަންޏާ، ނުވަތަ ގޮތްކަމަށް ވަންޏާ، އެގޮތް ނުވަތަ އެ ނިންމުން މިއަދު އަޅުގަނޑުމެން ޚިޔާރުކުރަން އެބަޖެހޭ. އެއީ މާދަމައަށްޓަކައި މިއަދު ދޫކޮށްލުން. އެހެންނޫނީ އަޅުގަނޑުމެންނަށް މިއަދުވެސް މާދަމާވެސް ގެއްލިގެން ދާނީ." މެމްބަރ ޙަސަން ވިދާޅުވިއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.