މުގާބިލާ - 40

(15 މާރިޗު 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)

"ހުރިހައި ކަމެއް މި ދަނީ ގަޑުބަޑު ވަމުން." އެއް މެންބަރަކު ބުންޏެވެ. "މީހުން ވައު ވައްދާނޭ ފުރުސަތެއްވެސް މިހާރަކު ނުލިބޭ. މިއީ ކޮން ވައްތަރެއްގެ ކުއްލި ހާލަތެއް؟"

"މާ ބޮޑު މައްސަލައެއް ކުރިމަތި ނުވެ އަދި ކުރިއަށް އެބަދެވޭ. އެކަމަކު މި ހާލަތު ދިގުލައިގެން ހިނގައްޖެއްޔާ ހުރިހައި ކަމެއް ގަޑުބަޑުވެ ހަލާކު ވެގެން ހިނގައިދާނެ."

* * *

އަނެއް ދުވަހު ހެނދުނު ހަތެއް ޖެހުމާއެކު ބޯކޮށް ވާރޭ ވެހިގެންފިއެވެ. ގޯލްޑްސްމިތުގެ ހާސްކަން އެތައް ގުނައަކަށް ބޮޑު ވެގެން ހިނގައްޖެއެވެ. އޭނާގެ ހަނދާނަށް އައީ ޢަދްނާނުގެ ވާހަކައެވެ. މޫސުމުގެ ކަންތައްތަކުން ރައްކާތެރިކަން ދޭން އައި ޢަދްނާނެވެ. އެ ވާހަކަތައް ހަނދާންވީމާ މިހާރު ބިރު ގަންނާން ފަށައިފިއެވެ. އެއީ ބުއްދި ހައިރާންވާފަދަ ވާހަކަތަކެކެވެ.

އެގާރަ ޖަހައިފިއެވެ. ވާރޭ ހުއްޓައެއް ނުލިއެވެ. އޭނާ ކަން ބޮޑު ވެގެން މޯރގަންއަށް ފޯނު ކޮށްފިއެވެ. "މޯރގަން. މި ވަނީ ކިހިނެއް؟" ސުވާލު ކުރި ގޮތުން ހީވަނީ ވާރެއަކީ މޯރގަންގެ ބާރުގެ ދަށުގައިވާ އެއްޗެއް ހެންނެވެ.

"އަހަރެމެންވެސް މިތިބީ ހައިރާން ވެފައި." މޯރގަން ބުންޏެވެ. "އެކަމަކު މިއީ އޮސްޓްރޭލިއާއަށް ވެހެން އޮތް ވާރެއެއްކަން މިހާރު އެނގިއްޖެ."

"ކީކޭ؟"

"މި ރަށަށް ވާރޭ ވެހެން މެދުވެރިވި ވިލާތައް އައީ އޮސްޓްރޭލިއާއިންނޭ. ހީވަނީ ދަމާ ގެނައީހެން. އެކަހަލަ ގޮތަކަށް ކަންތައް މެދުވެރިވީ."

ގޯލްޑްސްމިތުގެ ހިތްވަރު އެލިއްޖެއެވެ. "ވާރޭ އަވަހަކަށް ހުއްޓައިލާނޭތަ؟"

"އަދި ބުނާކަށް ނޭނގޭ. ތިން ދުވަހަށް ދިގު ދެމިގެންވެސް ހިނގައިދާނެ."

"ޝުކުރިއްޔާ މޯރގަން." ގޯލްޑްސްމިތު ހިތި ގޮތަކަށް މިހެން ބުނެފައި ފޯނު ބާއްވައިފިއެވެ.

ދެން އޭނާ ފޯނު ކުރީ ވިމްބްލްޑަންގެ އިންތިޒާމީންގެ ރައީސް ސަރ ރޮޖަރސް އަށެވެ. ހާލަތު އޮތް ގޮތް ވަރަށް ރަނގަޅަށް އޭނާއަށް ކިޔައި ދީފިއެވެ.

"ތިޔަ ވާހަކަ ކުރިން އަހަރެން ގާތު ނުބުނީ ކީއްވެގެން؟" ސަރ ރޮޖަރސް ކަންބޮޑުވެފައިވާ ރާގަކަށް އަހައިލިއެވެ. "އަހަންނަށް ހީވަނީ ތިޔައީ އިރުމަތީ މީހުންގެ ޖާދޫއެއް ހެން. އެމީހުންނަކީ ސިހުރާއި ޖާދޫއަށް އަރައި ތިބޭ ބައެއް."

"އަޅުގަނޑަށްވެސް މިހާރު ހީވަނީ ތިޔަހެން. އެކަމަކު އޭރު ހީވީ ހަމަ ފޮނި ބައިސާއޭ."

"އެންމެ ރަނގަޅު. އިންތިޒާމީ ކޮމެޓީގެ ޖަލްސާއަކަށް ދެގަޑި ބަޔަށް ގޮވާނަން. ކަލޭވެސް އާދޭ. ޖަލްސާގައި ތިޔަ ވާހަކަ ދައްކާނީ."

* * *

"މިއީ ހަމަ އިއްތިފާގަކަށްވެސް ވެދާނެއެއް ނޫންތޯ؟" ކޮމެޓީގެ މެންބަރަކު ބުނެލިއެވެ. ގޯލްޑްސްމިތުގެ ވާހަކަ އެންމެންނަށްވެސް ފެނުނީ އަލިފުލައިލާގެ ޚިޔާލީ ވާހަކައެއްގެ ގޮތުގައެވެ. އެކަމަކުވެސް ތިބީ ހާސްވެ ކަންބޮޑުވެފައެވެ.

"އާނ... ވެދާނެ." ސަރ ރޮޖަރސް ބުންޏެވެ. "އެކަމަކު މި އިއްތިފާގު މެދުނުކެނޑި ކުރިއަށް ދާ ގޮތް ވެއްޖެއްޔާ ވަރަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ."

"އެންމެ ހައިރާން ވާން ޖެހޭ ކަމަކީ މި ދެ ދުވަހަކީ މުޅީން އުޑުމަތި ސާފު އަލި ދެ ދުވަސް ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފައި އޮތްކަން." ގޯލްޑްސްމިތު ބުންޏެވެ. "އެކަމަކު މި ދެ ދުވަސްވެސް މި ދަނީ އެޔާ ދިމާ އިދިކޮޅަށް. މޫސުމާ ބެހޭ އިދާރާއިން ބުނަނީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވާރޭ ވެހުމުގެ ފުރުސަތު އެބައޮތޭ."

"އޭގެ މާނައަކީ ކޮބާ؟"

"އޭގެ މާނައަކީ މޫސުން ރަނގަޅު ނުވިއްޔާ މި މުބާރާތް ނުބޭއްވޭ ގޮތް ވެދާނެއޭ." ސަރ ރޮޖަރސް ނުރުހުމާއެކު ބުންޏެވެ.

"އެހެންވީމާ އަހަރެމެންނަށް މި ޖެހެނީ ތިޔަ ބުނާ އިރުމަތީން އައިސް އުޅޭ ޖާދޫގަރާ ވާހަކަ ދައްކަންތާ؟"

"އެއީ ގެއްލުމެއް އޮތް ކަމެއް ނޫން." ގޯލްޑްސްމިތު ބުންޏެވެ. "ކުރިއަށް އޮތީ ވާރޭ ވެހޭނޭ ދުވަސްކޮޅެއް. އެމީހާ އެބުނާ ރައްކާތެރިކަން ދީފިއްޔާ އެ އޮތީ ވެފައިތާ."

"އެކަމަކު އެއީ ކިހައިވަރެއްގެ ޔަގީންކަމެއް..." މެންބަރަކު ދެކޮޅު ހެދިއެވެ.

"އަހަރެން މީގެ ކުޑަ އިރުކޮޅެއް ކުރީން މޫސުމާ ބެހޭ އިދާރާގެ ވެރިޔަކާ ވާހަކަ ދެއްކިން. އޭނާ ބުނީ މި ވާރޭ ހުއްޓާނުލައި ދެތިން ދުވަހަށް ދެމިގެން ދިއުމަކީ އެކަށިގެންވާ ކަމެކޭ." ގޯލްޑްސްމިތު އެ މެންބަރުގެ ވާހަކަ މެދުކަނޑައިލިއެވެ. "މިރޭ އެގާރަ ޖަހާއިރު ވާރޭ ހުއްޓާލައިފިއްޔާ އެ އިރުމަތީ ޖާދޫގަރުގެ ވާހަކައަކީ ތެދު ވާހަކައަަކަށް ވާނެ."

"އޭނާޔާ ވާހަކަ ދެއްކިޔަސް އެއް ދުވަސް އަނެއްކާވެސް ގެއްލޭނެއެއްނު؟"

"ނުގެއްލޭނެ. އޭނާޔާ ވާހަކަ ދެއްކީމާ އެ ދައްކާ ވާހަކައިގެ ތެދު ދޮގުވެސް އެނގިދާނެއެއްނު؟" ގޯލްޑްސްމިތު ބުންޏެވެ. "އަހަރެމެންވެސް ޝަރުތެއް ހުށަހަޅާނީ. މިރޭ އެގާރަ ޖަހަން ވާއިރަށް ވާރޭ ހުއްޓާލައިފިއްޔާ އޭނާޔާއެކު މުއާހަދާއެއް ހަދާ ގޮތަށް. އެހެން ނޫނީ ނުހަދާނީ."

"ތިޔައީ ރަނގަޅު ގޮތެއް."

މަޝްވަރާއަށް ފަހު މުއާހަދާގެ ޝަރުތުތަކަށް އެންމެން އިއްތިފާގު ވެއްޖެއެވެ. ޢަދްނާން އެސޯސިއޭޓްސް އިންޓަރނޭޝަނަލްގެ ޝަރުތުތައްވެސް ގޯލްޑްސްމިތު ކިޔައި ދީފިއެވެ.

"ތިޔަ ވަރަށް ދިނުމަކީ ރަނގަޅު ގޮތެއް ނޫން." މެންބަރަކު ބުނެލިއެވެ.

"އެއީ ތެދެއް؟ ވާހަކަ ދައްކައިގެން ތަންކޮޅެއް ކުޑަ ކުރެވޭތޯ ބަލަމާ؟" އެހެން މެންބަރަކު ތާއީދު ކުރިއެވެ.

"އަހަރެމެން މިހާރު މިތިބީއަކީ އަގާމެދު ވާހަކަ ދެއްކޭ ފަދަ ހާލަތެއްގައެއް ނޫން." ގޯލްޑްސްމިތު ފުން ނޭވައެއް ލިއެވެ. "އެމީހުން ފުރަތަމަވާހަކަ ދެއްކި ވަގުތު އަގުގެ ވާހަކަ ދެއްކި ނަމަ ދެއްކުނީސް. މިހާރު ވަގުތު ފާއިތު ވެއްޖެ."

"އެއީ ތެދެއް." ސަރ ރޮޖަރސް ބުންޏެވެ.

"އެކަމަކުވެސް އަހަރެން މަސައްކަތް ކޮށްލާނަން." ގޯލްޑްސްމިތު ބުންޏެވެ.

"މި ވަގުތު ޓިކެޓްގެ އަގާ މެދުވެސް ވިސްނާލަން އެބަ ޖެހޭ." ސަރ ރޮޖަރސް ބުންޏެވެ.

ޓިކެޓްގެ ވާހަކަ ފެށުމުގެ ކުރީން ޢަދްނާން އެސޯސިއޭޓްސް އާ ގުޅައިގެން ވާހަކަ ދެއްކުމާއި ވަކި ގޮތެއް ނިންމުމުގެ އިޚްތިޔާރު ގޯލްޑްސްމިތަށް ދޭން ފާސްކޮށްފިއެވެ.

* * *

"ޢަދްނާން. އަޅުގަނޑުގެ އޮފީހަށް މި ވަގުތު ވަޑައިގެންނެވިދާނެތޯ؟"

ޢަދްނާން ހިނިތުންވެލިއެވެ. "މާފު ކުރައްވާ. މި ވަގުތު އަޅުގަނޑު މި އުޅެނީ ވަރަށް އަވަދިނެތި."

ގޯލްޑްސްމިތު އަނގައިން ނުބުނެ އިރުކޮޅަކު ހުރުމަށް ފަހު ބުނެލިއެވެ. "ތިޔަބޭފުޅުންގެ ކުންފުންޏާއެކު މުއާހަދާއެއް ހަދަން އަޅުގަނޑުމެން ގަސްތު ކޮށްފިން. މިއީ ވަރަށް ބޮޑު ވިޔަފާރިއެއްކަން ޢަދްނާނަށް އެނގިވަޑައިގަންނަވާނެ."

"އާދެ. އަޅުގަނޑަށް އެނގޭ. މިއީ ތިޔަ ބޭފުޅުންނަށް ވަރަށް މުހިއްމު ކަމެއްކަންވެސް އަޅުގަނޑަށް އެނގޭ. އެހެންވީމާ އަޅުގަނޑުގެ އޮފީހަށް ތިޔަ ބޭފުޅުން ވަޑައިގަންނަވާ. މިތާނގައި ތިބެގެން ވާހަކަ ދައްކައި މުއާހަދާ އެކުލަވައި ސޮއި ކުރާނީ."

އެމީހުންނަށް އެހެން ގޮތެއް ނޯންނާނޭކަން ޢަދްނާނަށް އެނގެއެވެ. ގޯލްޑްސްމިތަކަށް ކުރެވޭނޭ ކަމެއް ނެތެވެ. "އެންމެ ރަނގަޅު. އަޅުގަނޑު އެބަ އަންނަން." މިހެން ބުނެފައި އޭނާ ފޯނު ބާއްވައިފިއެވެ.

އޭގެ ދެގަޑިއިރު ފަހުން މުއާހަދާގައި ސޮއިކޮށް ނިންމައިފިއެވެ.

ގޯލްޑްސްމިތް ނުކުމެގެން ދިއުމާއެކު ޢަދްނާން ސުލައިމާނަށް ފޯނުކޮށްފިއެވެ. "ސުލައިމާން. އަނެއްކާވެސް އަހަރެން މޮޅުވީ. މިހާރު ވާރޭ ވެހެނީ. ހެނދުނު ފެށި ގޮތަކަށް އަދި ހުއްޓައެއް ނުލާ. އެކަމަކު އެގާރަ ޖަހާއިރު ހުއްޓައިލާނެ. އެގާރަ ޖަހާ އެއް މިނިޓު ހިނގާއިރު ވާރެއެއް ނުވެހޭނެ."

"ތިޔަހެން ވާކަށް ނުޖެހެއެއްނު؟" ސުލައިމާން ބުނެލިއެވެ.

"ވާނީ މިހެން."

"އެންމެ ރަނގަޅު. ދިހަ ހާހަށް ބާޖުމަރާ."

"އެންމެ ރަނގަޅު."

"އެހެން ވާހަކައެއްވެސް އެބައޮތް. މާދަމައިން ފެށިގެން ވިމްބްލްޑަން އަކަށް ވާރެއެއް ނުވެހޭނެ. މިއީ އަހަރެން ލަފާކުރާ ގޮތް. މުބާރާތަކަށް ވާރޭގެ ސަބަބުން އެއްވެސް ހުރަހެއް ނޭޅޭނެ. ހުއްޓުމެއް ނެތި ހުރިހައި މެޗެއް ކުޅެ ނިންމާނެ."

"އިނގިރޭސިވިލާތުގެ މޫސުން އަހަރެން ދަންނަން. ތިޔަހެންނެއް ނުވާނެ."

"މިކަމާވެސް ބާޖުމަރަމާ؟"

"އެންމެ ރަނގަޅު. އަހަރެން މި ބުނަނީ ވާރެޔާހެދި ބައެއް މެޗުތައް ކުޅެވޭ ގޮތެއް ނުވާނެއޭ."

"އެންމެ ރަނގަޅު. ބަލަމާ." ޢަދްނާން ބުންޏެވެ.

"ޢަދްނާން. އަހަރެންގެ ސިކުނޑިއަށް އުނދަގޫކުރާ އެހެން ކަމެއް އެބައޮތް." ސުލައިމާން ކަންބޮޑުވެފައިވާ ރާގަކަށް ބުންޏެވެ. "މި އުޅެނީނު... އަހަރެމެންގެ އެކުވެރި ރިޟްވާން؟ އޭނާގެ ކަންތައް މިހާރު ވަރަށް ގޯސްވެއްޖެ. މިހާރު އުޅެނީ އަތް ނުފޯރާ ފަށުގައި. ޝައިޠާނާ އޭނާގެ ފަހަތުން ނައްޓައި ނުލާނޭކަން މިހާރު އަހަންނަށް ޔަގީން ވެއްޖެ."

"ނޫނޭ... ސުލައިމާން. ތިޔަހެން ވާނޭ ކަމަކަށް ނުފެނޭ. މިހާރު އެ އޮތީ ޝައިޠާނާއަށް ވާވަރު ވެފައެއްނު؟ އަހަންނަށް ހީވާ ގޮތުގައި ދެން ރިޟްވާން އުޅޭނޭ ގޮތަކަށް އުޅޭން ދޫކޮށްލާނެ."

"ނުކުރާނެ. ޝައިޠާނާގެ ގޮތްކުޑަކަމާއި ވިޔާނުދާކަން އަހަރެން މާ ރަނގަޅަށް ދަންނަން... އެންމެ ރަނގަޅު. އެކަލޭގެ ރިޟްވާން ދޫކޮށްލައިފިއްޔާ ކަލެއަށް އިތުރު ފަންސާސް ހާސް ރުފިޔާ ދޭނަން. ބާޖުމަރަން ކެރޭނެތަ؟"

"އެންމެ ރަނގަޅު. ފަންސާސް ހާސް."

(ނުނިމޭ)

4 ޚިޔާލު

  1. ސުލައިމާނު ގެ ކަރަށް ފައިން އަރަން ޝައިތާނާ ކުރާ ތަދުބީރަކުން ވާކަމެއް ހަރާން ، ކޮންމެ ކަމެއް ޗޮކުން އެބަ ދުއްވާލާ. ގަދަ!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.