މުގާބިލާ - 4

(3 ޑިސެމްބަރ  2019 ގައި ޝާއިއުކުރިބަޔާ ގުޅޭ)

އަންހެން ކުއްޖާ ހިނިތުންވެލިއެވެ. އޭނާ އެ ހިނިތުންވަނީ ސުލައިމާނާ ދިމާއަށްކަން ރިޟްވާނަށް ޔަގީނެވެ. "ލާޙަވްލަ ވަލާ ޤުއްވަތަ..." ރިޟްވާނަށް މަޑުމަޑުން ކިޔައިލެވުނެވެ.

ސުލައިމާން ވަރަށް ބާރަށް ހީނގަތެވެ. "ކޮބާ؟ ދިހަ ރުފިޔާ ނެތިއްޔާ ފަސް ރުފިޔާ ގެނޭ. އަހަރެން މޮޅުވީނު؟"

"އަހަރެން ކަލޭގެ ހަރާދުކިޔުމަކު ބައިވެރިއެއް ނުވަން."

* * *

ޖަލްސާ ނިމިއްޖެއެވެ. ދެން އޮތީ ޝައިޠާނުންގެ އޮރިޔާން ނެށުމެވެ. ހުރިހައި ޝައިޠާނުން އުފާ ކުރަނީއެވެ. އެކަމަކު ޔުނިވަރުސިޓީގެ ޖަލްސާކުރާ މާލަމުގައި ވަރަށް ސީރިއަސް ބައްދަލުވުމެއް ކުރިއަށް އެބަދެއެވެ. ރިޔާސަތުގައި އިނީ އިބިލީހެވެ. ބޮޑެތި ހުރިހައި ޝައިޠާނުން މި ޖަލްސާގައި ބައިވެރި ވެއެވެ.

"މީސްތަކުންނަށް ލަދުން އިސް އުފުލައި ބަލައިލާން ނުކެރޭފަދަ ކަންތައްތައް މި ރޯދަ މަހު އަހަރެން ދައްކައި ދޭނަން." އިބިލީސް ބުންޏެވެ.

އޮހޮރި ނިވިފައިވާ މޫނުތަކަށް ދިރުން އަތުވެއްޖެއެވެ. އިބިލީސް ދެއްކީ ހިތްވަރު އާލާވާ ފަދަ ވާހަކަތަކެކެވެ. އެހެން ނޫން ނަމަ ހުރިހައި ޝައިޠާނުން ތިބީ ރޯދަ މަސް އަންނާތީ މާޔޫސު ވެފައެވެ.

"އެންމެ ފައްކާ ކަމަކީ އެކަކުވެސް އަހަރެން ނުބައެއް ނުކުރާނެ. ރޯދަ މަހު އަހަރެންގެ ބާރު ނިގުޅައިގަނެވޭކަން އެންމެން ދަންނާނެ. އެއީ ހަގީގަތެއް. އަހަރެން މި ގެންދަނީ އެމީހުން ލައްވައި އެމީހުންގެ މޫ ބުރި ކުރުވަމުން. މި ފަހަރު ހަލާކު ވެގެން ދާނީ އެމީހުންގެ އެއްބައެއްވަންތަކަމާއި އެކުވެރިކަން. އެކަމަށް އަރާ ލޮޅުމަކީ އެތައް ގަރުނަކުންވެސް ރަނގަޅު ނުކުރެވޭ ފަދަ ލޮޅުމަކަށް ވާނެ. އެމީހުން އަމިއްލަ ޒަޚަމުގައި ދޫ ކާއްތާލަކާއްތާލައި އެތައް އަހަރެއް ވާންދެން ތިބޭނެ."

"ވަކި ޚާއްސަ ކަމެއް އޮތީތޯ، މާތް މަނިކުފާނު؟" ވައިސް ޗާންސެލަރު ކުޑަކޮށް ޖެހިލުން ވެފައި ހުރެގެން އަހައިލިއެވެ.

"އާނ. ވަރަށް ޚާއްސަ ކަމެއް. އެންމެ ބޮޑު ނުރައްކަލަކީ އެމީހުންގެ އެކުވެރިކަމާއި ބަދަހި ގުޅުން ކަމުގައި އަހަރެން އަބަދުވެސް ބުނަމެއްނު؟ އެކަން ފުނޑުފުނޑުކޮށްލާން އަހަރެން އެހައި ބޮޑަށް މަސައްކަތް ކުރަނީ އެހެން ވެގެން. މި ފަހަރު އަހަރެމެންގެ މަސައްކަތުގެ މޭވާ ލިބޭނެ."

"މާތް މަނިކުފާނު. ކުޑަ ނަމަވެސް ތަފުސީލެއް ދެއްވާނުތޯ؟"

"އެ މީހުންގެ އެކުވެރިކަން ނަގައިލާން އަހަރެން ކުރާ ކަމަކީ ނަފުރަތާއި ރުޅިވެރިކަން ފެތުރުން." އިބިލީސް ކިބުރުވެރިކަމާއެކު ބުނެލިއެވެ. "އެ މަސައްކަތް ކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެ. ނަތީޖާ ރަނގަޅު. މިހާރު އެމީހުން އެންމެ ބޭނުންވާ ކަމަކީ ރުޅިއައުން. ނަފުރަތު ކުރުން. ކުދިކުދި ކަންތައްތަކާ ގުޅިގެން ކަރުމަރު ހިފާން މިހާރު އެ ތިބެނީ ތައްޔާރަށް. ރަށު ވާދަވެރިކަން... ޕާޓީ ވާދަވެރިކަން... ދީނީ ވާދަވެރިކަން... މި ކަހަލަ ކޮންމެވެސް ކަމެއް ނެރެގެން އަރައިރުންވާން އެ ތިބީ ހުސިޔާރު ވެގެން. އަހަރެން މި ގެންދަނީ ކަންތައްތައް ރާވަމުން. ސީދާ ހަމަލާއަށް ތައްޔާރު ވެގެން ކަލޭމެން ތިބޭތި. އަހަރެންގެ އިޝާރާތެއް ލިބުމާއެކީ ޖަރާސީމު ދޫކޮށްލާތި. ނަތީޖާ ފެންނާނީ ވަރަށް ފޮނިކޮށް. މުޅި ދުނިޔެ އެ މީހުންނަށް މަލާމާތް ކުރާނެ. ޚުދު އެމީހުން ލަދުން އިސްޖަހައިލާނެ."

"މައްސަލައެއް ނެތް، މާތް މަނިކުފާނު." އެންމެން އެއް އަޑަކުން ބުންޏެވެ.

"ހަނދާން ކުރާތި. ރޯދަ މަހުގެ ވަގުތީ ކަސްތޮޅުގެ ކުރީން މި ލިބޭ ވަގުތުކޮޅަކީ ވަރަށް މުހިއްމު އެހައިމެ އަގުހުރި ވަގުތުކޮޅެއް. ޔުނިވަރުސިޓީގެ ދަރިވަރުންނަށް އަންގައި އަމުރު ކުރޭ. ވަގުތު ބޭކާރު ކޮށްގެން ނުވާނެ. ކަލޭމެންވެސް ހަމަ މި ވަގުތުން ފެށިގެން ތެޅިފޮޅިގަނޭ. އެ މީހެއްގެ މައިދާނުގައި ހަނގުރާމަ ވަރުގަދަ ކުރޭ. މިއަދު އަހަރެން ދައްކާން އޮތް ވާހަކައަކީ މިއީ. މިއީ އަމަލު ކުޅައުމުގެ ވަގުތު."

އެ ވާހަކަޔާއެކު ބައްދަލުވުން ނިމުނީއެވެ.

* * *

ރިޟްވާން ޢިޝާ ނަމާދު ކޮށްގެން މިސްކިތުން ފައިބާން އުޅެނިކޮށް މީހަކު އޭނާ ހުއްޓުވައިފިއެވެ. "ރިޟްވާން. މިއަދު އަހަރެމެންގެ ބައްދަލުވުމުގައި ބައިވެރި ވާންވީނު؟"

"ކޮން ކަހަލަ ބައްދަލުވުމެއް؟" ރިޟްވާން ޝައުގުވެރިކަމާއެކު އަހައިލިއެވެ.

އެއީ ރިޟްވާން އެހައި ގަޔާވާ މީހެއް ނޫނެވެ. ޒުވާނެކެވެ. އެކަހަލަ އެތައް ބަޔަކު އެ މިސްކިތަށް ނަމާދަށް އަރައެވެ. އެއީ ހައްދު ފަހަނައަޅައިފައިވާ މީހުންނެވެ. ޢަޤީދާގެ ނަމުގައި ނަފުރަތާއި އުޅިވެރިކަން އިސް ކުރުމަށް އިސްކަން ދޭ ބައެކެވެ. އެއިން މީހަކާ ދެކޮޅު ހެދުމަކީވެސް ރަނގަޅު ކަމެއް ނޫންކަން ރިޟްވާނަށް އެނގެއެވެ. އެކަމަކު އެކަކާވެސް މާ ގާތް ގުޅުމެއް ނުބާއްވައެވެ.

"ވަރަށް މުހިއްމު ބައްދަލުވުމެއް. އަޅެ ހިނގާބަލަ."

ބޭނުން ނޫން ނަމަވެސް ރިޟްވާން އެއްބަސް ވެއްޖެއެވެ.

ނަމާދުން ފޭބި ދިހަ ބާރަ ޒުވާނުންނާއެކު އޭނާވެސް ހިނގައިގެންފިއެވެ. ރޭލު ދަގަނޑު ހުރަސް ކުރުމަށް ފަހު ގޮސް ވަދެވުނީ ކުޑަ އަވަށަކަށެވެ. އަވަށުގެ މަގުތައް ހަންޏެވެ. ހުރީ ކުނިބުނިން ފުރިފައެވެ. ދުވަނީ ނުބައި ވަހެވެ. މަގުގެ ދެ ފަރާތުގައި ކުދިކުދި ގެ ހުއްޓެވެ. އެތަނުން ގެއެއްގެ ދޮރުމައްޗަށް އެންމެން ހުއްޓިއްޖެއެވެ. ދޮރުގައި ޓަކި ޖަހައިލުމަށް ފަހު ހުޅުވައިލިއެވެ. ދޮރު ހުރީ ތަންޑު އަޅުވައިފައެއް ނޫނެވެ. އެންމެން އެކީގައި ގޭތެރެއަށް ވަދެއްޖެއެވެ.

އެއީ އެންމެ ކޮޓަރިއެއްގެ ގެއެކެވެ. ފާޚާނާ ހުރީ ކޮޓަރިއާ ވަކިންނެވެ. އެންމެން ގޮސް ވަނީ ކޮޓަރިއަށެވެ. ކޮޓަރި ތެރޭގައި މުސައްލައެއްގެ މަތީގައި މުސްކުޅި ފިރިހެނަކު އިނެވެ. ތަސްބީހައެއް ހިފައިގެން ގުނައިލަގުނައިލައެވެ. އޭނާގެ ބޮލާއި ތުނބުޅިއާއި ބުމައަށް ދާންދެން ހުރީ ނުރައަށް ވެފައެވެ. އޭނާ އިނީ ލޯ މަރައިލައިގެންނެވެ. އެންމެން އެކީ ބާރަށް ސަލާން ގޮވައިލިއެވެ. އޭނާ ލޯ ހުޅުވައި ބަލައިލުމަށް ފަހު އިށީންނާން އިޝާރާތް ކޮށްލިއެވެ. އެކަމަކު ސަލާމަކަށް ޖަވާބެއް ނުދެއެވެ. ތުން ތަޅުވައިލަ ތަޅުވައިލާ އިނީއެވެ.

ކޮޓަރި ތެރޭގައި އޮތީ ކުނާ އަޅައިފައެވެ. އެމީހުން އިށީނދެއްޖެއެވެ. މުސްކުޅި މީހާ ތަސްބީހައިގައި ބޮސް ދީފައި އެއް ފަރާތެއްގައި ބާއްވައިލިއެވެ. "އާނ... ކުދިންނޭ... ކޮން ޚަބަރެއް އޮތީ؟" އޭނާގެ ބަރު އަޑުން އަހައިލިއެވެ. އެ އަޑަކާ އޭނާގެ އުމުރަކާ އެއްގޮތަކަށްވެސް ނުގުޅެއެވެ.

"ޝައިޚް ވިދާޅުވީ ވާހަކަ މުޅީން ތެދު. ކަންތައް ހިނގަނީ ހަމަ އެހެން." ޝަމްޝާދް ބުންޏެވެ. އެއީ ރިޟްވާނާ ވާހަކަ ދެއްކި މީހާއެވެ.

"ކަލޭމެން ހީކުރީ އަހަރެން ހެދީ ދޮގެއް ކަމަށްތަ؟" މުސްކުޅި މީހާ ފަޚުރުވެރި ރާގަކަށް އަހައިލިއެވެ.

"ނޫން... ނޫން. އެއް ގޮތަކަށްވެސް އެހެންނެއް ނޫން."

"އަހަރެން ދިނީ ހެޔޮ މަޝްވަރާއެއް." މުސްކުޅި މީހާ ބުންޏެވެ. "ޖިހާދުގެ ވަގުތު މި  އޮތީ އައިސް ޖެހިފައި. ކަލޭމެންގެ ފަތުގައި އެކަން ލިޔުއްވިއްޖެ. އެއީ ކަލޭމެންނަށް ލެއްވި ރަޙުމަތެއް. ނަސީބެއް. ދިރިތިބިއްޔާ ވާނީ ޣާޒީންނަށް. މަރު ވެއްޖެއްޔާ ވާނީ ޝަހީދުންނަށް."

"ޝައިޚް. އަޅުގަނޑުމެން މި ތިބީ ތައްޔާރަށް." އެންމެން އެކީ އެއް އަޑަކުން ބުންޏެވެ.

"މަރްޙަބާ... މަރްޙަބާ." މުސްކުޅި މީހާގެ މޫނުމަތީން އުފާވެރިކަން ފައުޅުވިއެވެ. "އަހަރެން ކުރީން ބުނި ހަ މިސްކިތަކީވެސް ނައްތާލަން ޖެހޭ ހަ މިސްކިތް. ﷲ ލޯބިވެ ވޮޑިގެންވާ އަޅުންގެ އަގު ވައްޓައިލުމާއި އެމީހުން ބަދުނާމު ކުރުމުގެ މަސައްކަތް ހިންގާ ހަ މިސްކިތަކީ އެއީ."

ރިޟްވާން ތުރުތުރު އަޅާން ފަށައިފިއެވެ. އޭނާއަށް އާދެވުނީ މި ކަހަލަ ބައްދަލުވުމަކަށޭ ފަހަރެއްގައިވެސް ހިތަކަށް ނާރައެވެ. ބައެއް އެހެން މީހުންގެ މޫނުމަތީންވެސް ހާސްކަމުގެ ނިޝާންތައް ފެންނާން ހުއްޓެވެ.

މުސްކުޅި މީހާ އެމީހުންގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށް ފަހު މަލާމާތުގެ ރާގަކަށް ބުންޏެވެ. "ބިރުގަތީތަ؟ ތިޔައީ ހެޔޮ އަމަލު ނުކުރެވޭ މީހުންގެ ހާލަތު ހުންނަ ގޮތް. ﷲ ގެ މަގުގައި ހިނގާށާއި ﷲ އަށްޓަކައި ހަތިޔާރު އުފުލާން ޖެހިލުންވާ މީހުންނަކަށް ސަޢާދަތެއް ނުލިބޭނެ."

"ތިޔަ ކަހަލަ ކަމެއް ނޫން ޝައިޚް." ޝަމްޝާދް ބުންޏެވެ. "އެކަމަކު މިސްކިތް..."

"މިސްކިތަކީ ﷲ ގެ ގެކޮޅު. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން." މުސްކުޅި މީހާ ރުޅި އައިސްފައި ބުނެލިއެވެ. "ﷲ ގެ ގެކޮޅުގައި ތިބެގެން ﷲ ރުއްސަވާ އަޅުންނާ ދިމާއަށް އެއްޗެހި ގޮވުމަކީ ކުރެވިގެން ވާނޭ ކަމެއް ނުން. އެފަދަ ކަންތައްތައް ހިނގާ ތަންތަން ބޭރު ފުށުން މިސްކިތެއްގެ ސިފައިގައި ފެނުނަސް ހަގީގީ މާނައިގައި މިސްކިތަކަށް ނުވާނެ."

"އާދެ... އާދެ."

"ކަލޭމެންގެ އީމާންކަން ތިޔަ ވަނީ ބަލިކަށި ވެފައި. އަހަރެން މިއީ ކަލޭމެން ފަދަަ ޒުވާނެއް ނަމަަ ކަލޭމެން ގާތު މި ވާހަކަ ދެއްކުމުގެ ބަދަލުގައި އެ ފިތުނަ ނައްތައިލާނީ އަހަރެންގެ މި ދެ އަތުން."

"ޝައިޚް. އަޅުގަނޑުމެން މިތިބީ ތައްޔާރަށް. އެކަމަކު މިސްކިތަށް ބަޑި ޖެހުމަކީ ތަންކޮޅެއް އުނދަގޫ ކަމަކަށް  ވާނެ..." މި ފަަހަރު ޝަމްޝާދްގެ އަޑުގައި ކުޑަކޮށް ނުރުހުުގެ އަސަރު ހުއްޓެވެ.

މުސްކުޅި މީހާ އޭނާޔާ ދިމާއަށް ވަރަށް ފުންކޮށް ބަލައިލިއެވެ. އަދި ވިސްނުމެއްގެ ތެރެއަށް ގެއްލިއްޖެއެވެ. އިރުކޮޅަކު އެހެން އިނުމަށް ފަހު ބުންޏެވެ. "އެންމެ ރަނގަޅު. އެކަން ނުވިއްޔާ އެ ކަމެއް ކުރާ ބަޔަކު ތިބި ތަނަކަށް ގޮސް އެމީހުން ޖަހަންނަމައަށް ފޮނުވައިލެވިދާނެއެއްނު؟"

"ތިޔައީ ކުރެވިދާނޭ ކަމެއް."

"ކަލޭމެން ނަމާދަށް އަރާ މިސްކިތަށް ބަޔަކު ހަަމަލާ ދިނަސް ތިބޭނީހަމަ ތިޔަހެން ފިނޑިކަންމަތީގައިތަ؟"

"އެއް ގޮތަކަށްވެސް ނުތިބޭނަން. އަޅުގަނޑުމެން މިނެ ދޭނީ މިނެދިން ނާޅިއަކުން."

"އެހެން ވެއްޖެއްޔާ އަޑު އަހާ... ކަލޭމެންގެ މިސްކިތަށް ހަމަލާ ދޭން އެ މީހުން އެބަ ރާވާ."

"ހަމަލާ ދީފިއްޔާ އެއިން އެކަކުވެސް ދުލެއް ނުކުރާނަން. އެންމެން މަރައި ހުސް ކުރާނަން." އެކަކު ޖޯޝާއެކު ބުނެލިއެވެ.

"ވަޢުދުވޭ. އެމީހުން ކަލޭމެންގެ މިސްކިތަށް ހަމަލާ ދީފިއްޔާ އެމީހުންގެ މިސްކިތްތައް ވީރާނާ ކޮށްލާނެ ކަމަށް ހުވައި ކުރޭ."

"އަޅުގަނޑުމެން ވަޢުދު ވަން." ރިޟްވާން ފިޔަވައިދެން ތިބި އެންމެން އެއް އަޑަކުން ވަޢުދުވިއެވެ.

"ރޯދަ މަސް ފެށުމާއެކު އެ އަވަށަށް ހަމަލާ ދޭން ވާނެ." މުސްކުޅި މީހާ އަމުރުވެރި ރާގަކަށް ބުންޏެވެ.

"އާދެ... އާދެ." ޝަމްޝާދް ބުނެލިއެވެ.

"އެކަމަކު ރޯދަ މަހު ލޭ އޮހޮރުވުމަކީ ހަރާންކަމެއް..." ރިޟްވާން ދެކޮޅު ހެދިއެވެ.

"ދޮގު ވާހަކަ. ޖިހާދަކަށް ދުވަހެއް ދުވަހެއް ނޯންނާނެ. ކާފަރުންގެ ލޭ ހަރާންވާ ދުވަހެއް ނޯންނާނެ." މުސްކުޅި މީހާ އޭނާޔާ ދިމާއަށް ލޯ އަޅައިލިއެވެ.

"އެއީ ކާފަރުންނެއް ނޫން. މުސްލިމުން." ރިޟްވާން އަނެއްކާވެސް ބުނެލިއެވެ. އޭނާ އެ މުސްކުޅި މީހާ ދެކެބިރު ގަންނާން ފަށައިފިއެވެ.

"ނޫން. އެއީ ކާފަރުން. އީމާންކަމާއި އީމާންކަމުގެ އަހުލުވެރީންގެ ދުޝްމިނުން." މުސްކުޅި މީހާގެ އަޑު ގަދަ ވެގެން ދިޔައެވެ.

ރިޟްވާން އަނެއްކާވެސް ވާހަކަ ދައްކާން ބޭނުން ވިއެވެ. އެކަމަކު ޝަމްޝާދް އޭނާޔާ ދިމާއަށް ބަލަހައްޓައިގެން ހުރ ގޮތް ފެނިފައި އަނގައިން ނުބުނެ ހުރެއްޖެއެވެ.

"ޝައިޚް. އަޅުގަނޑުމެން އަތަކު ހަތިޔާރެއް ނެތް."

"އެކަމާ ފިކުރު ނުކުރޭ." އޭނާ މަޑުމައިތިރިކަމާއެކު ބުނެލިއެވެ. އަދި މުސައްލައިގެ ދަށުން ކަރުދާސްކޮޅެއް ނަގައި ޝަމްޝާދްގެ އަތަށް ދީފިއެވެ. "މި ކަރުދާސްކޮޅުގައިވާ އެޑްރެހަށް ދޭ. އޭނާގެ އަތަށް ކަރުދާސްކޮޅު ދިނީމާ ހުރިހައި ކަމެއް ހަމަޖެހޭނެ. ބޭނުންވާ ސާމާނު ލިބޭނެ. ފަހުން ކަމަކަށް  ބޭނުން ވިޔަސް އެތަނަށް ދޭ."

(ނުނިމޭ)

4 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.