މުގާބިލާ - 7

(7 ޑިސެމްބަރ  2019 ގައި ޝާއިއުކުރިބަޔާ ގުޅޭ)

ރިޟްވާން ތެދުވެގެން ފާޚާނާއާ ދިމާއަށް ހިނގައްޖެއެވެ. "މިރޭ ފިލްމު ނުބަލައެއް ދުލެއް ނުކުރާނަން."

"އެއީ ކީއްކުރަން ކުރާ ކަމެއް؟"

"މިރެއަކީ ޖީބު ފުރިފައި ހުރި ރެއެއް. އެއީ އެއް ސަބަބު. އަނެއްކޮޅުން މިރެއަކީ ހުކުރު ވިލޭރޭ. މާދަމާ އޮފީހަށް ދާކަށް ނުޖެހޭނެ. ރޭގަނޑު ހަތަރުދަމު ފިލްމު ބަލާނީ. މާދަމާ ހަތަރުދަމު ނިދާނީ. އެއަށްވުރެވެސް މުހިއްމު ކަމަކީ ކަލެޔާއެކު ވަގުތު ހޭދަކުރުން."

"އެޔޯ؟ ކަލޭ ތަނަކަށް ދާން އުޅެނީތަ؟"

"ނޫނޭ. ގައިދުވާން އުޅެނީ. ދެތިން ދުވަހެއްގެ ތެރޭގައި ރޯދަމަސް ފެށޭނެ." ސުލައިމާން ދެރަވެފައި ބުނެލިއެވެ. "އޭގެ ފަހުން އޮނަތިރީސް ނޫނީ ތިރީސް ދުވަސް ވާންދެން ކަލޭ ލޮލަކަށް ނުފެންނާނެ."

"އާނ. ތިޔައީ ދޮގެއް ނޫން." ރިޟްވާން ބުންޏެވެ. ސުލައިމާނަކީ ޚުދު ތިމާއަކީ ޝައިތާނެއް ކަމަށް ގަބޫލުކުރާ މީހެކެވެ. އެހެންވީމާ ކަލޭގެ ރޯދައަށް ލޮޅުމެއް އަރައިފާނެއޭ ކިޔައި ރޯދަ މަސް ނިމޭންދެން އޭނާާޔާ ބައްދަލެއް ނުކުރެއެވެ. އެއީ ކޮންމެ ރޯދަމަހެއްގެވެސް އާދައެވެ.

"އެންމެ ރަނގަޅު. ވީސީއާރު ގެނޭ."

ރިޟްވާން ނަމާދުކޮށް ނިމުނު އިރު އެ ދެމީހުން ވީސީއާރާއި ފިލްމު ގެނެސްފިއެވެ. ތިން މީހުން ފިލްމު ބަލާން އިށީނދެއްޖެއެވެ. ރިޟްވާން ދުވަހަކުވެސް ފިލްމު ގެންނާށެކޭ ނުބުނެއެވެ. އަދި އަމިއްލައަަށް ފިލްމެއް ނުވެސް ގެނެއެވެ. އެކަމަކު އޭނާއަކީވެސް ވަރަށް ފިލްމު ބަލާ ހިތްވާ މީހެކެވެ.

ރޭގަނޑު ދޭއް ޖެހުމާއެކު ސުލައިމާން އޮރިޔާން ފިލްމެއް އަޅުވައިފިއެވެ. ރިޟްވާން ރުޅި އަތުވެއްޖެއެވެ. "މިހާރު ކޮން ސަކަރާތެއް ތިޔަ ޖަހާން ފެށީ. ތިޔަ ފިލްމު ނިއްވައިލާ."

"ކިހިނެއްވީ؟ މި ފިލްމު ގޯހީތަ؟" ސުލައިމާން އަހައިލިއެވެ.

"ތިޔަހެން އަހާންވެސް ކަލޭ ލަދު ގަންނާން ވާނެ." ރިޟްވާން ވަރަށް ބާރަށް ބުނެލިއެވެ. "ތިޔަ ކަހަލަ އެއްޗެހި ނުބަލާންވީ އަހަރެމެން މިއީ މުސްލިމުންނަށް ވާތީ. އެއީ ހެޔޮވަރުގެ ސަބަބެއް ނޫންތަ؟"

"މިއީ އިސްލާމީ ގައުމެއް ދޯ؟" ސުލައިމާން މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

"މަލާމާތް ކުރަނީ ކީއްވެ؟ އެއީ ފަޚުރުވެރިވާން ޖެހޭ ކަމެއް." ރިޟްވާންގެ ރުޅިގަނޑު މައިތިރިއެއް ނުވެއެވެ.

"މަވްލާނާ. ނިކަން ރަނގަޅު ވާހަކައެއް ބުނަންތަ؟ މި ފިލްމު އަހަރެން މި ގެނައީ މި އިސްލާމީ ގައުމުގެ އިސްލާމެއްގެ ފިހާރަޔަކުން. ބޮޑު ކުލިވެސް ދީފައި ގެނައީ. ކީއްވެގެންކަން އެނގޭތަ؟ މި މާތް އިސްލާމީ ގައުމުގެ ފުލުހުންވެސް ތިބެނީ އަހަރެމެންނާ އެއް ސަފެއްގައި. މަތިން ފެށިގެން ތިރިއަށް ރިޝްވަތު ދޭން ޖެހޭ. މިކަހަލަ ފިލްމުގެ ވިޔަފާރި ހިންގާކަން އެންމެންވެސް ދަނޭ. އެންމެންވެސް މި ތިބެނީ އެ ފެންގަނޑަކަށް ކަރުތާފެނަށް އެރި."

"އޭގެ މާނައަކީ އަހަރެމެންވެސް ތިޔަ ޚުރާފާތުގެ ތެރެއަށް ވަންނާންވީއޭތަ؟ އަހަރެމެންވެސް ތިޔަ ބަލާންވީއޭތަ؟" ރިޟްވާން މަޑުމައިތިރި ރާގަކަށް ބުނެލިއެވެ. "ނޫނޭ. އަހަރެންގެ ގެޔަކު ތިޔަ ކަމެއް ނުވާނެ."

ސުލައިމާން ޢަދްނާނާ ދިމާއަށް ބަލައިލިއެވެ. "އެންމެ ރަނގަޅު. މި ފިލްމު އަހަރެންގެ ގޭގައި މާދަމާ ބަލާނީ. އެހެން ފިލްމެއް އަޅުވާ. އެކުވެރިއަކު ނުރުހޭ ކަމެއް ކުރާކަށް ނުވާނެ."

* * *

ރަސްމީ ޗުއްޓީ ފެށުމުގެ ކުރީން ބައެއް ދަރިވަރުންނާ ބައްދަލު ކުރާން އިބިލީސް ބޭނުންވިއެވެ. ފުރަތަމަ ބައްދަލު ކުރީ އެންމެ މަތީން ފާސްވީ ތިރީސް ދަރިވަރުންނާއެވެ. އެ ތިރީސް ދަރިވަރުންގެ ތެރެއިން ވަރަށް ހުސިޔާރު ކަމަށް އިބިލީހަށް ފާހަގަ ކުރެވުނީ ދެ ދަރިވަރެކެވެ. އެއީ އަންހެން ދަރިވަރެއް ކަމުގައިވާ ސަގީލާއާއި ފިރިހެން ދަރިވަރެއް ކަމުގައިވާ ބާތިލެވެ. ޝައިތަނިއްޔަތުގެ މައިދާނުގައި އެ ދަރިވަރުން ވަރަށް ކުރިއަށް ދާނޭކަން އޭނާއަށް ޔަގީނެވެ. އެއީ ކުޅަދާނަ ދެ ލުއްޗާއިންނެވެ.

އިބިލީސް އެ ވަގުތު ވާހަކަ ދައްކަމުން ދިޔައީ ތާރީޚުގެ މައްޗަށެވެ. ތަގުރީރު ނިމުނީމާ ދެން އޮތީ ދަރިވަރުންގެ ސުވާލުކުރުމެވެ.

"މި ގައުމު އަޅުގަނޑުމެންގެ މައި މަރުކަޒަކަށް ހެއްދެވީ ކީއްވެގެންތޯ؟" ދަރިވަރަކު އަހައިލިއެވެ.

އިބިލީސް ހިނިތުންވެލިއެވެ. "މިއީ އަހަރެމެން އެންމެ ބޮޑަށް މަސައްކަތް ކުރަން ޖެހޭ ގައުމު. ބޭރުގެ ގައުމުތަކުން އެންމެ ބޮޑަށް ސަމާލުކަން ދޭ ގައުމަކީ މިއީ. ހުޅަނގުން މި ގައުމު ހަލާކު ކޮށްލާން ބޭނުންވޭ. އެހެންވީމާ އަހަރެމެން އެހީ ވާންވާނެތާ."

"އެކަމަކު އަޅުގަނޑަށް ފެންނަ ގޮތުގައި އެހެން ގައުމުތަކަށް ދެވޭ ސަމާލުކަން ވަރަށް ކުޑަ ވަމުން އެބަދޭ." ދަރިވަރަކު ބުންޏެވެ.

ސަގީލާ އަތް އުފުލައިލިއެވެ. އިބިލީސް އޭނާޔާ ދިމާއަށް ބަލައިލިއެވެ. "ކިހިނެއްވީ؟"

"އޭނާގެ ވާހަކައަށް ޖަވާބު ދޭން އަޅުގަނޑު ބޭނުން."

"އެންމެ ރަނގަޅު. ހުއްދަ ދީފިން." އިބިލީސް ހުއްދަ ދީފިއެވެ.

"އަހަރެމެންގެ ބައިނަލްއަގުވާމީ ޕްރޮގްރާމުތައް ހުންނަ ނުހުންނަ ގޮތް އަހަރެން ވަރަށް ރަނގަޅަށް ދިރާސާ ކޮށްފިން." ސަގީލާ ބުންޏެވެ. "އަހަންނަށް ފެނުނު ގޮތުގައި ކޮންމެ ގައުމެއްގައިވެސް އެ ގައުމަކަށް ފުދޭ ވަރަށް މަންދޫބުން އެބަތިބި. މިސާލަކަށް އިންޑިއާއަށް މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށް ހީވެދާނެ. އެއީ ވަރަށް ބޮޑު ކުށް ހީއެއް. ހަގީގަތުގައި ހިންދޫންގެ މައްޗަކަށް އަހަރެމެން ސަމާލުކަން ދޭން ޖެހޭ މާ ބޮޑު ސަބަބެއް ނެތް. އެމީހުން އެތިބީ އެތައް ދޭވީ ދޭވަތާއެއްގެ މެެދުގައި ތާށިވެ ބެދިފައި. އެމީހުންގެ ވިސްްނުން ހުރީ ކޮށިވެފައި. އެހެންވީމާ އަހަރެމެން އަޅައިލުމުގެ އެއްވެސް ބޭނުމެއް ނެތް. ތަވްޙީދަކީ އެމީހުން ދަންނަ އެއްޗެއް ނޫން. އެ ގައުމުގައި އުޅޭ މުސްލިމުންގެ ކަންތައް އަހަރެެމެން ބަރާބަރަށް ބަލަހައްޓަން. ދުނިޔޭގެ އެންމެ ބޮޑު އާބާދީއަކީ ކްރިސްޓިއަނުން. އެންމެ ބާރު ގަދަ ބަޔަކީ ޔަހޫދީން. އެއީ ނުރައްކާތެރިވެސް ކަމެއް. އެކަމަކު އެމީހުންގެ ކަންތައް ބަލަހައްޓާނޭ ޔުނިޓްތައް ވަނީ އުފައްދާފައި. އެމީހުންނަށް އަހަރެމެން ވާނީ ފަރުދީ މިނިވަންކަމުގެ ތަސައްވުރު ދައްކާފައި. އެމީހުން ހަލާކު ވެގެން އެ ދަނީ އެކަމުގެ ތެރޭގައި. އެމީހުން މިހާރު އެ ތިބީ ހަރާން ނުވަތަ މަނާ ހުރިހައި ކަމެއް ހުއްދަ ކޮށްގެން. އެމީހުން އެ ވަނީ އެމީހުންގެ ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ ރިސާލަތު ހަނދާން ނައްތައިލައިފައި. އެ ތަންތާނގެ އާއްމުންގެ މައްޗަށް އަހަރެމެން ސަމާލުކަން ދިނުމުގެ ބޭނުމެއް ނެތް. އެކަމަކު ސަރުކާރުގެ ކަންތައް އަހަރެމެން ބަލަހައްޓަން."

"އަހަރެމެންގެ ކުރިމަތީގައި ތިބި އެންމެ ނުރައްކާތެރި ބަޔަކީ މުސްލިމުން. އެމީހުންނަކީ އެއްބައެއްވަންތަ އެކުވެރި ބައެއް. އެމީހުން އީމާން ވަނީ އެންމެ ކަލަކަށް. އެއީ ވަރަށް ބޮޑު ބާރެއް. އެމީހުންނަށް ލިބިފައިވާ އެންމެ ވަރުގަދަ ހަތިޔާރަކީ އީމާންކަން. ނޫރަކީ އެމީހުންގެ ކިބައިގައި ވާ އެއްޗެއް. އެމީހުން ހަމަޔަކަށް އެޅިއްޖެއްޔާ ކްރިސްޓިއަނުންނާއި ޔަހޫދީންނާ ހަމައަށް އެ ނޫރު ވާސިލު ކޮށްފާނެ. ހުއްޓާނުލައި އަހަރެމެން މަސައްކަތް ކުރާން ޖެހެނީ އެމީހުންގެ ބަދަހި ސަފުތައް ރޫޅައިލާން. މަސައްކަތް ކުރާން ޖެހެނީ ވަކި ފަރުދުން އިޚްތިޔާރު ކޮށްގެން. ވަކި ފަރުދުން ފަސާދަ ކޮށްލީމާ މުޅި މުޖުތަމަޢު ފަސާދަ ވެދާނެ. ވަކި ފަރުދުން އިސްލާހު ވެއްޖެއްޔާ މުޅި މުޖުތަމަޢު އިސްލާހު ވެދާނެ. އިސްލާމްދީނަކީ ބާރުގަދަ ދީނެއް. މުޅި ދުނިޔެއަށް ވެރިވެގަތުމުގެ ގާބިލުކަން ލިބިފައިވާ ދީނެއް. ދޮޅުހާސް އަހަރު ވާންދެން އަހަރެމެން މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދާ ސަބަބަކީ އެއީ."

"އަދި އެހެން ވާހަކައެއްވެސް ބުނެލާން ބޭނުން. އަހަރެމެންގެ ފަރުދީ މަސައްކަތް ނުހަނު ބުރަކަމާއެކުވެސް މުޅީން ހާލަތު ބަދަލު ކޮށްލެވޭ ވަރެއް އަދިއެއް ނުވޭ. އެހެން ނަމަވެސް އަހަރެމެންގެ އިއްޒަތްތެރި ޗާންސެލަރު އިބިލީސް ޖަހަންނަމީ އެ ވަނީ ރާސްތާއެއްވެސް ހޯއްދަވައިފައި. އެއީ ހުޅަނގަށް މިސްރާބު ކުރެއްވި އުކުޅެއް. އަހަރެމެން ހުޅަނގަށް ދައްކައިފައި ވަނީ އެހެން މަންޒަރެއް. އެމީހުން ގާތު ބުނަމުން މި ދަނީ އިސްލާމީ ދުނިޔެ ހަލާކުކޮށް ނުލިއްޔާ މުސްލިމުން ތެދުވެ މުޅި ޔޫރަޕާއި، އެމެރިކާއާއި، އޮސްޓްރޭލިއާ ދިރުވައިލާނެއޭ. އޭގެ ނަތީޖާ ނިކަން ދެކިބަލަ. ހުޅަނގުގެ ކޮންމެ ގައުމެއްގެވެސް ސިޔާސަތު އެކުލަަަވައިލަނީ މި ބުނެވުނު ނުކުތާގެ މައްޗަށް."

"މި ގައުމުގެ އަހަންމިއްޔަތު ބޮޑުވާ ސަބަބުތަކެއް އެބަހުރި. މިއީ ޤުދުރަތުން ރީތިކަމާއި ވަސީލަތް ދެއްވައިފައިވާ ގައުމެއް. މި ގައުމުގެ މީހުންނަކީ ވަރަށް ބުއްދިވެރި ހުސިޔާރު ބައެއް. ހުރިހައި ހުރަހަކާއެކުވެސް ކުރިއަށް ދާން ދަންނަ ބައެއް. އެހެންވީމާ އެމީހުން ހަލާކު ކޮށްލާން ބޭނުމިއްޔާ ފުރަތަމަ ކުރާން ޖެހޭ ކަމަކީ އެމީހުންގެ ވެރިކަން ޚަރާބު ކޮށްލުން. ވެރިން ފާސިދުކޮށްލުން. ފައިސާގެ ދަހިވެތިކަމާއި ކޮރަޕްޝަންގެ ތެރެއަށް ވެރިން ވައްޓައިލުން. އެމީހުންގެ އިގްތިސާދު ހީނަރު ކުރެވޭނޭ ގޮތްތައް ހޯދުން. ދަރަނިވެރި ކުރުވުން. އަހަރެމެންގެ ކާމިޔާބީއަކީ އެއީ. އެހެނީ ދަރަންޏަށް ފައިސާ ދޭ މީހުންގެ ބޭނުންތަކަކީ ޖާއިޒު ބޭނުން ތަކަކަށް ވިޔަސް ނުވަތަ ނާޖާއިޒު ބޭނުން ތަކަކަށް ވިޔަސް އެބޭނުންތައް ފުއްދައިދޭން ވެރިންނަށް މަޖުބޫރު ވާނެ. އިސްލާމީ ގައުމުތަކުން ﷲ އަށް އިތުބާރުކޮށް އަމިއްލަ ވަސީލަތްތަކުން ފުދިގެން އުޅޭން ފަށާ ދުވަހަކީ އަހަރެމެންގެ ރޭވުން ފަނުފުލުންދާ ދުވަސް. އެކަމަކު އެހެންނެއް ނުވާނެ. އެމީހުންގެ ވެރިން އެތިބީ ނާޖާއިޒު މުދަލާއި ފައިސާ ޖަމާ ކޮށްގެން އޭގެ މައްޗަށް ސަވާރުވެގެން. އެ ފައިސާ ހޯދައި ސަރުކާރުގެ ޚަޒާނާއަށް ވެއްދިއްޖެއްޔާ ގައުމު ދަރަނިން އަރައިގަންނާނެ. އެކަމަކު އަހަރެމެން އެހެން ވިޔަކަ ނުދޭނަން."

އިބިލީސް ވީ އުފަލެއްގެ ބޮޑު ކަމުން ސަގީލާ އުރައިލުމަށް ފަހު އެހެރަ އުޅެގަތް ގޮތަކީ ލިޔާން ކުޅާދަނަ ގޮތެއް ނޫނެވެ. އެ މަންޒަރު ފެނިފައި މުޅި ކުލާސް ހަމައިން ނެއްޓިއްޖެއެވެ. އެތައް އިރެއް ވާންދެން ޝައިތާނީ ކުޅިގަނޑު ދެމިއޮތެވެ. އެތައް ގަޑި އިރެއް ފާއިތުވީ ފަހުން އިބިލީސް، ސަގީލާ ދޫކޮށްލިއެވެ. އަދި ކަރުތެރެއާއި ނޯށުން ހުތުވެގެންވާ އަޑުފައްގަނޑެއް ނެރޭން ފަށައިފިއެވެ. އެޔާއެކު ހުރިހައި ދަރިވަރުންގެ ސަމާލުކަން އިބިލީހާ ދިމާއަށް ހުއްޓިއްޖެއެވެ.

* * *

އެއީ ރޯދަމަހުގެ ހަތަރު ވަނަ ދުވަހެވެ. ޢަދްނާން ހުރީ ސުލައިމާންގެ ގޭގައެވެ. ދެމީހުން އެކި ކަހަލަަ ވާހަކަ ދައްކަމުން ދިޔައެވެ. ސުލައިމާން ގެންދިޔައީ ސައި ހަދަމުންނެވެ. "މިހާރު ކަލޭގެ ހަރާދުކިޔުން ހުއްޓުނީތަ؟" ޢަދްނާން އަހައިލިއެވެ.

"އާނ. މިއީ ވަރަށް ފަގީރު ދުވަސްކޮޅެއް. އީދު ދުވަހު ހަދާނޭ ގޮތެއްވެސް ނޭނގޭ." ސުލައިމާން ދެރަވެފައި ބުނެލިއެވެ.

"ކަލޭ އީދުގެ ފިކުރު ކުރަނީ ކީއްކުރަން؟ އީދަކީ ރޯދަވެރިންނަށް އޮންނަ ދުވަހެއް." ޢަދްނާން އޭނާޔާ ދިމާކޮށްލިއެވެ.

"ބަލަ އީދު ވިލޭރެއަކީ ކުޅިވަރާއި މަޖަލުގެ ރެއެއްނު؟ އެރޭ މަޖާ ކުރެވޭނީ ޖީބުގައި ފައިސާ ހުރެގެން." ސުލައިމާން ބުންޏެވެ. "އަހަރެން މިއީ ރޯދަ ހިފާ މީހަކަށް ވާތީ އީދުވެސް ފާހަގައެއް ނުކުރަން. މެންދުރު ވާންދެން އަހަރެން އޮންނަނީ ނިދާފައި."

"އާނ. ކަލޭ އީދު ނަމާދަކަށްވެސް ނުދަމެއްނު؟" ޢަދްނާން ބުނެލިއެވެ. "ފަރްޒާނާގެ ޚަބަރަކީ ކޮބާ؟"

(ނުނިމޭ)

6 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.