(9 މާރިޗު 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)
ބާޠިލްގެ މޫނުމަތީން ހައިރާންކަމުގެ އަސަރު ފެނިގެން ދިޔައެވެ. "އެހެން ވެއްޖެއްޔާ އޭނާގެ ފުރަތަމަ ދެ އެދުމުގެ ގޮތުގައި ދެއްވި ތަކެތި އަނބުރައި ނެންގެވޭނެއެއް ނޫންތޯ؟"
"ނުނެގޭނެ. އެއީތާ މައްސަލައަކީ؟" އިބިލީސް ނިތްކުރީގައި އަތްތިލައިން ޖަހައިލިއެވެ.
"އިއްޒަތްތެރި ޗާންސެލަރު... އަޅުގަނޑަކަށް ތިޔަ ވާހަކަފުޅެއް ނުވިސްނޭ."
"އަހަރެންވެސް ހަތިޔާރު ބަހައްޓާން ޖެހޭ ހާލަތު އަންނަކަން ކަލެއަށް އެނގޭނެ." އިބިލީސް ބުންޏެވެ. "މިހާރު އަހަރެން ކަލެއަށް ވަރުގަދަ އަމުރަކުން މި އަމުރު ކުރަނީ... މި ވާހަކަ އެއްވެސް މީހަކު ގާތު ބުނެގެން ނުވާނެ. ވާހަކަ ދެއްކުން ކީއްކުރަން... މިކަމާ މެދު މީގެ ފަހުން ވިސްނައިގެންވެސް ނުވާނެ. އަހަރެންގެ އަމުރާ ޚިލާފު ވެއްޖެއްޔާ ވަރުގަދަ އަދަބެއް ދޭނަން. މިއީ ކަލޭގެ ފެންވަރުގެ ކަމެއް ނޫން."
ބާޠިލް އިސް ދަށަށް ޖަހައިލިއެވެ. "އާދެ... މާތް ސާހިބާ."
އިބިލީސް ސަގީލާއާ ދިމާއަށް ބަލައިލިއެވެ. "ކަލޭ ދައްކަން އޮތީ ކޮން ވަހަކައެއް؟"
"އަޅުގަނޑު ދަންނަވަން އޮތީ ސުލައިމާނަކީ ވަރަށް ނުރައްކާތެރި މީހެކޭ. މި ދަންނަވަނީ އަޅުގަނޑާ ހަވާލު ކުރެއްވި ރިޟްވާންގެ އެކުވެރިޔާގެ ވާހަކަ." މިހެން ބުނެފައި ރިޟްވާންގެ ތިންވަނަ އެދުމުގެ ވާހަކަޔާއި އެ އެދުމުގެ ސަބަބުން ގެނެވުނު ދެޔޯއިންވަރުގެ ދެ އަންހެނުންގެ ވާހަކަ ކިޔައިދީފިއެވެ. "އަޅުގަނޑު ހުރީ ހުރިހައި ކަމެއް ހަމަޖެހުނީކަމަށް ބަލައި ހިތްހަމަ ޖައްސައިލައިގެން. ދެން އަޅުގަނޑު ދިޔައީ ސުލައިމާނަށް ޖެހުނު ހާލު ބަލައިލާން. ދިޔައިރު ކަމަކުދާކަށް ނެތް. އެ ސުލައިމާނަކީ އަޅުގަނޑު ހީކުރި ވަރަށްވުރެ މާ ބުއްދިވެރި މީހެއް. އޭނާޔާ ކުރމަތިވީ ބަލާވެރިކަން ރިޟްވާންގެ ބޮލަށް ޖަހައިލީ ވަރަށް ހުސިޔާރުކަމާއެކު. އެންމެ ފަހުން ދެ މީހުންވެސް އެ އަންހެނުންގެ ފުށުންވެސް ސަލާމަތް ވެގެންފި."
އިބިލީހުގެ ހިތަށް އެރިއެވެ. ސުލައިމާާނުގެ ބުއްދިވެރިކަމާއި ޗާލާކުކަން އޭނާއަށްވުރެ ބޮޑަށް އެނގޭނީ ކާކަށް ހެއްޔެވެ؟ "އަހަރެން ކަލެއަށްވެސް މި ކުރަނީ ބާޠިލަށް ކުރި އަމުރު. އެނގިއްޖެތަ؟"
"އާދެ... މާތް ސާހިބާ."
"ދެން ދޭ."
* * *
ސުލައިމާން ކިޔާ އެއްވެސް ހަރާދަކުން ކާމިޔާބެއް ނުވެއެވެ. ބަލިވުމުގެ ސިލްސިލާ ކުރިއަށް ދަނީއެވެ. އެއީ ކީއްވެގެން ވާ ގޮތެއް ކަމެއް ނޭނގެއެވެ. މާލީ ގޮތުން އޭނާއަކަށް ލިބޭ އެއްވެސް ގެއްލުމެއް ނެތެވެ. ކޮއްތަށް ދީފައި ބަނޑަށް ދޭ ވަރަށް ފައިސާ އެބަހުއްޓެވެ. ބަލިވުން ފޫބައްދާން ވިހި ކުރޯޑުންވެސް ފުދޭނެއެވެ. މިހާރު ވިހި އަރަބު ރުފިޔާ އެބައޮތެވެ. ފަނަރަ އަރަބު ކާގެއަށް ޚަރަދު ކުރާން ބެހެއްޓުމަށް ފަހު ބާކީ އޮތް ފަނަރަ އަރަބު އޮތީ އަމިއްލަ ބޭނުމަށް ބާއްވައިފައެވެ.
ދެރަ ވަނީ ފައިސާ ޚަރަދު ކުރާން ޖެހޭތީއެއް ނޫނެވެ. ދެރަ ވަނީ ބަލި ވާތީއެވެ. އެއީ އޭނާގެ ހިތުގައި ޖެހޭ ކަމަކަށް ވެއްޖެއެވެ.
ވިސްނާން އިނުމުގެ ތެރޭގައި ކުއްލިއަކަށް އޭނާގެ ޚިޔާލަށް ވަކި މަޚްލޫގެއްގެ ނަން އަތުވެއްޖެއެވެ. އޭނާ ހުރީ އެ ސޮރުގެ މަތީން ހަނދާން ނައްތައިލައިގެންނެވެ. އެއީ އިބިލީހެވެ. އޭނާއަށް ކުރިމަތިވެގެން އުޅޭ ނާކާމިޔާބީގެ ސަބަބަކީ އިބިލީސްކަން ދެނެގަންނާކަށް ސިކުންތެއްވެސް ހޭދައެއް ނުވިއެވެ. އިބިލީސް ދިޔައީ އޭނާގެ ދުވަސް ދުއްވައިލާނޭ ކަމުގެ އިންޒާރު ދީފައެވެ.
އޭނާ އެ ދުވަހު އެކަމާ ބެހޭ ގޮތުން ޢަދްނާނާވެސް ވާހަކަ ދެއްކިއެވެ.
"އެއްވެސް މީހަކު ހުރިހައި ފަހަރަކު މޮޅެއް ނުވާނެ." ޢަދްނާން ފަލްސަފީ ގޮތަކަށް ބުނެލިއެވެ. "ކޮންމެވެސް ދުވަހަކުން ބަލިވެސް ވާނެ."
"ތިޔަ ކަަމަކާ އަހަރެން ދެކޮޅެއް ނުހަަދަން. އެކަމަކު އަހަރެން ބަލި ވަނީ ބަލިވުމުގެ ފުރުސަތު އެންމެ އިންސައްތައަކަށްވެސް ނޯންނަ ފަަހަރުފަހަރު. އެއީ އާދަޔާ ޚިލާފު ކަމެއް."
"މޮޅު ވުމުގެ އެންމެ އިންސައްތައެއްވެސް ނޯންނަ ކިތަންމެ ފަހަރަކު ކަލޭ މޮޅުވެސް ވެއްޖައީމެއްނު؟" ޢަދްނާން ބުންޏެވެ.
"ކަލެއަށް ވިސްނައި ދޭނީ ކިހިނެއް؟ މިއީ އިބިލީހުގެ ކަމެއްކަން އަހަންނަށް ޔަގީން."
"އިބިލީހާ ކަލެޔާ ދެމެދު އޮތީ ކޮން ދެކޮޅުވެރިކަމެއް؟"
އިބިލީސް ބަލި ކުރާން ކަންތައް ކުރި ގޮތުގެ ވާހަކަ އޭނާ ޢަދްނާނަކަށް ކިޔައެއް ނުދެއެވެ. އެ ވާހަކަ އެއްވެސް މީހަކު ގާތު ނުބުނާން އޭނާ އޮތީ ވައުދު ވެފައެވެ. އެކަމަކު ހަނގުރާމަޔާއި ލޯބީގައި ކޮންމެ ކަމެއްވެސް ހުއްދަ ވާނެއޭ ބުނެ އުޅެއެއް ނޫން ހެއްޔެވެ؟ މިހާރު މި އޮތީ ހަނގުރާމައިގެ ހާލަތު އައިސްފައެވެ.
އޭނާ ޢަދްނާނަށް ހުރިހައި ވާހަކައެއް ތަފުސީލުކޮށް ކިޔައިދީފިއެވެ. ޢަދްނާން ޔަގީން ކަމެއް ނެތް ގޮތަކަށް އަޑު އަހާން ހުރެފައި ވަރަށް ބާރަށް ހީނގެންފިއެވެ. "ތިޔައީ ރަނގަޅު ވާހަކައެއް." އޭނާ ބުންޏެވެ. "ތިޔަ ކަމާވެސް ކަލޭ ހަރާދުކިޔާނީތަ؟ ކޮބާ ޝަރުޠަކީ؟"
"ހަރާދުކިޔުމަކީ ކުރެވިދާނެ ކަމެއް. އެކަމަކު މި ކަމުގައި އެކަހަލަ ޚިޔާލެއް ނެތް. ބަލިވެދާނެތީ ބިރު އެބަ ގަނޭ."
"ކޮންމެ ގޮތެއް ވިޔަސް ކަލޭގެ ތިޔަ ޚިޔާލީ ވާހަކަ އަހަރެން ގަބޫލެއް ނުކުރަން. ވާހަކަ ބޮޑު ކުރާން ވާނީވެސް ވަކި ވަރަކަށް."
"އަހަރެން މި ދެއްކި ވާހަކައިގެ ހެކި ލިޔުމުން ދައްކައިފާނަން." ސުލައިމާން މިހެން ބުނެފައި ތިޖޫރީން އެއްކަލަ ލިޔުންތައް ނެރެ ދައްކައިފިއެވެ. "ކަލޭ އަމިއްލައަށް ބަލައިލާ."
ޢަދްނާން ލިޔުންތައް ކިޔައިފައި އަނެއްކާވެސް ހީނގެންފިއެވެ. "ޑްރާމާގެ ހުރިހައި ކަމެއް ވަރަށް ރަނގަޅަށް ތައްޔާރުކޮށްގެން ދޯ ތިޔަ ހުންނަނީ؟" މިހެން ބުނެފައި ޢަދްނާން ނޯއް ދަމައިލިއެވެ. "އެ ދުވަނީ ކޮން ނުބައި ވަހެއް؟"
"އެއީ އިބިލީހުގެ ނަޖިސް ލޭގެ ވަސް. ތިޔަ ލިޔުމުގައި އިނގިލީގެ ނިޝާން ޖަހައިފައި އެހެރީ އޭނާގެ ލެއިން."
ސުލައިމާން މިހެން ބުނީމާ ކުޑަކޮށް ގަބޫލު ކުރެވޭ ގޮތް ވެއްޖެއެވެ. އެކަމަކުވެސް ޢަދްނާން ހުރީ ޝައްކެއްގެ މަތީގައެވެ.
"ފަނަރަ އަރަބު ރުފިޔާއިން ކާގެ ހުޅުވި އިރަކު އެ ފައިސާ ލިބުނު ގޮތަކާ މެދު ކަލޭ ވިސްނައެއް ނުލަންތަ؟ ރަށުގެ އެންމެ އަގު ބޮޑު ސަރަހައްދުން ބޮޑު ގޯއްޗެއް އަގު ހެވެއްކޮށެއް ނުލިބޭނެ. އެވަރުގެ އިމާރާތެއްގެ އަގުވެސް ހެވެއް ނުވާނެ. ނިކަން ވިސްނާލަބަލަ. އެ ދެ ކަންތައްވެސް އަހަރެން ކުރުވީ އިބިލީސް ލައްވައި."
ގަބޫލު ނުކޮށް ވާނޭ ގޮތެއް މިހާާރަކު ޢަދްނާނަކަށް ނެތެވެ. އޭނާއަކީ ހަގީގަތް ފައުޅުވީމާާ ގަބޫލު ކުރާ މީހެކެވެ. އިބިލީސް ބަލިކޮށްލުމުގެ މުހިއްމުކަންވެސް އޭނާއަށް ވިސްނިއްޖެއެވެ. "އޭތް... ކަލޭ ހާދަހާ މޮޅޭ..." އޭނާ ޖޯޝާއެކު ބުނެލިއެވެ. "އިބިލީސް ތިޔަ ބަލިކޮށްލީ އިބުރަތްތެރި ގޮތަކަށް."
"އެއީ އަހަރެންގެ މޮޅު ކަމެއް ނޫން. ﷲ އަހަންނަށް މަގު ދެއްކެވީ." ސުލައިމާން އިޚްލާސްތެރިކަމާއެކު ބުނެލިއެވެ.
"އެހެންވީމާ މިހާރު އެކަލޭގެ ކަލެއަށް އަދަބު ދެނީ... ބަދަލު ހިފަނީ ދޯ؟"
"އެ ނޫން އެހެން ކަމެއް ކަމަކަށް ނުފެނޭ."
"އަދިވެސް ޔަގީން ކުރަން ދަތި."
"އަހަރެންގެ ސިކުނޑީގައި ތަދުބީރެއް އެބައޮތް." ސުލައިމާން އިރުކޮޅަކު ވިސްނައިލާފައި ބުންޏެވެ. އޭނާ ކަރުދާސްގަނޑެއްގައި އެއްޗެއް ލިޔުމަށް ފަހު ޢަދްނާނަށް ފޯރުކޮށްލިއެވެ. "ބާރަށް ނުކިޔާތި."
ޢަދްނާން ކިޔައިލިއެވެ. ސުލައިމާން ލިޔެފައި އޮތެވެ. "ކަލޭ މިފަހަރު ހަރާދު ކިޔާ. ބުނޭ ދެ މިނިޓުގެ ތެރޭގައި ވާރޭ ވެހޭނެއޭ." ޢަދްނާން ހިނިތުންވެލިއެވެ. އޭނާ ކުޑަ ދޮރުން ބޭރު ބަލައިލިއެވެ. އޮތީ އަވި ދީފައެވެ. އުޑުމަތީގައި ވިލާ ރޮއްޖެއްހައި ހިސާބުވެސް ނެތެވެ. "ސުލައިމާން. ދެ މިނިޓެއްހައި އިރުގެ ތެރޭގައި ވާރޭ ވެހިގަންނާނެ." އޭނާ ބާރަށް ބުންޏެވެ.
"ނުވެހޭނެ. ބާޖުމަރަމާ."
"އެންމެ ރަނގަޅު."
ދެމީހުން އިންތިޒާރުގައި އިށީނދެގެން ތިބީއެވެ. ބައިގަޑިއިރު ވީއިރުވެސް ވާރެއެއް ނުވެހުނެވެ. އެންމެ ފަހުން ޢަދްނާން ބުންޏެވެ. "ކަލޭ ހީކުރި ގޮތަކަށް ނުވިއެއްނު؟"
"މިއީ އިބިލީހުގެ ކަމެއްކަން އަދިވެސް އަހަންނަށް ކަށަވަރު. ކޮންމެވެސް ކަތި ފިޔަވަޅެއް އަހަންނަށް އެޅެނީ ކަމަށް ވާނީ." ސުލައިމާން ބުނެލިއެވެ. "ވިސްނައިލިޔަދީ."
ސުލައިމާން ވިސްނަމުން ގެންދަނީއެވެ. ޢަދްނާން އޭނާޔާ ދިމާއަށް ބަލަހައްޓައިގެން އިނީއެވެ. ހަރާދު ކިޔައިގެން މިފަހަރު މޮޅުވީމާ އޭނާ ހުރީ އުފަލުންނެވެ. އެކަމަކު މި ފަހަރު އިބިލީސް އެއްވެސް ސަމާލުކަމެއް ނުދިނީކަން ޔަގީނެވެ. އިބިލީހުގެ ޖާގައިގައި ހުރެގެން ސުލައިމާން ވިސްނާން ފަށައިފިއެވެ. އެކަލޭގެ އަޅާނުލައި ދޫކޮށްލީ ކީއްވެގެން ހެއްޔެވެ؟ ހަރާދުކިޔަން އާދަވެފައި އަދި ކޮންމެ ފަހަރަކު މޮޅުވާން އާދަވެފައި ހުންނަ މީހަކަށް ގިނަ އަދަަދަކަށް ފައިސާ ލިބިއްޖެއްޔާ އެ މީހަކު ހަދާނީ ކިހިނެއް ހެއްޔެވެ؟ އޭނާ ކުރާނޭ ކަމަކީ ބޮޑެތި އަދަދުތަކުން ބާޖުމަރާނީއެވެ. އެފަދަ މީހަކަށް ލަނޑެއް ދޭން އުޅޭ މީހަކު ބަލާނީ ފައިސާގެ ގެއްލުމެއް ދީގެން އެމީހަކު ބަލިކޮށްލެވޭތޯއެވެ.
މި ނުކުތާޔާއެކު އޭނާގެ ސިކުނޑީގެ ބޮކި ދިއްލިއްޖެއެވެ. އޭނާ އަނެއްކާވެސް ކަރުދާސްގަނޑުގައި ލިޔެފައި ޢަދްނާނަށް ފޯރުކޮށްލިއެވެ.
ޢަދްނާން ހިނިތުންވެލިއެވެ. "ސުލައިމާން. ދެ މިނިޓެއްހައި އިރުގެ ތެރޭގައި ވާރޭ ވެހިގަންނާނެ."
"ނުވެހޭނެ. ވެހިގެންފިއްޔާ އަހަރެން އެއް ލައްކަ ރުފިޔާ ދޭނަން. ނުވެހޭނެކަން ޔަގީން."
ދެމީހުން އިންތިޒާރު ކުރާން ފަށާއިފިއެވެ. ބަރާބަރު ސަތޭކަ ސިކުންތު ވުމާއެކު ވާރޭ ވެހިގެންފިއެވެ. އެކަމަކު ކުޑަ އިރުކޮޅަކަށެވެ.
ޢަދްނާން ހައިރާން ވެފައި ސުލައިމާނާ ދިމާއަށް ބަލައިލިއެވެ. "އެ ކަލޭގެ ދޯ؟ ޔާރައްބީ..."
ސުލައިމާން ބުންޏެވެ. "އާނ."
"ދެން ހަދާނީ ކިހިނެއް؟"
"ހަދާނޭ ގޮތަކާމެދު ވިސްނާނީ."
"އަހަރެންގެ ބަސް އަހަންޏާ ހަރާދުކިޔުން ހުއްޓައިލާ."
"ހުއްޓެމުން ގޮސް މި ކަންތައްވެސް ހުއްޓޭނެ. މިހާރު އަހަރެން މި ވިސްނަނީ އެހެން ކަމަކާ."
(ނުނިމޭ)
މިހާރު ވިސްނަނީ ހުރިހާ ގޮތަކުން އިބިލީސް ބަލިކޮށް، ނިކަމެތިކޮށް ގިއްގަޅުވާލާނެ ގޮތަކާމެދު ދޯ؟
vaahaka vvv salhi kobaatha rilvaan
Aneh bai avas kohdhevvaa
Nufennathaa haadha dhuvaheh kollaafa dhoa.khabareh veleema varah ufaavejjeyey
Faruzana ge bai annaanee kon irakun.Ekanves kaamiyaabu kuraane adhi
Haraadhu kulhivarun ves ibileehah dhoakaa dheefa dhen thikanves huttaalaa heyo magah rujooa vaathan dheken beynun