ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ މިއަހަރު ނުބާއްވާ ގޮތަށް ހަމަޖައްސައިފި

ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ މިއަހަރު ނުބާ ގޮތަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ނިންމަވައިފިއެވެ.

އެ މިނިސްޓްރީން އެގޮތަށް ނިންމެވީ ރާއްޖެއިން ކޮވިޑް-19 ފެނި މަޑުމަޑުން ފެތުރެމުންދާތީ އެބަލިން ރައްކާތެރިވުމުގެ ގޮތުންނެވެ. ސަރުކާރުގެ ކަމާ ބެހޭ ފަރާތްތައްކުން ގެންދަވަނީ ގިނަ މީހުން ބައިވެރިވާ ހަރަކާތައް ނުބޭއްވުމަށް ބާރު އަޅުއްވަމުންނެވެ.

ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ ނުބާއްވަން ނިންމެވީ ހޯމް މިނިސްޓްރީގެ އެގްޒެކްޓިވް ކޮމިޓީގެ ލަފާގެ މަތިން ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެފައިވެއެވެ. މިގޮތަށް ނިންމެވިޔަސް ގިނަ މީހުން އެއްނުވާގޮތަށް ޝަހީދުންގެ ދުވަސް ފާހަގަކުރާނެ ކަމަށް އެމިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރުމަށް މިއަހަރު ރާވާފައިވާ ހަރަކާތްތަކަކީ ޓީވީ ޗެނަލްތައް މެދުވެރިކޮށް ދުވަހާ ގުޅޭ ޚާއްޞަ ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންދިއުމާއި، ދުވަހާގުޅޭ ޚާއްޞަ ވީޑިއޯ ރިޕޯޓެއް ދެއްކުން ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މީގެއިތުރުން ދުވަހާގުޅޭ މުހިއްމު މައުލޫމާތު ސޯޝަލް މީޑިޔާގެ ޒަރީޔާއިން ހިއްސާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މިއަހަރުގެ ޝަހީދުންގެ ދުވަސް ދިމާވަނީ މިމަހުގެ 25 ވަނަ ދުވަހާއެވެ.

ކޮވިޑް- 19 ގެ ސަބަބުން ގިނަކަންތައްތަކެއް ސަރުކާރާއި އަމިއްލަފަރާތްތަކުން ގެންދަނީ ފަސްކުރަމުންނެވެ. އިލެކްޝަންސްކޮމިޝަނުން ވެސް ވަނީ ކޮވިޑް-19 ގެ ހާލަތު ރަނގަޅުވަން ދެން އިންތިޚާބު ވެސް ފަސްކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހަޅުއްވައިފައެވެ.

މިއަދާ ހަމައަށް ރާއްޖެއިން ވަނީ 11 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ދިއްވެއްސަކު އަދި ނުހިމެނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.