ކަފާލާތު ނުވަތަ ޕެރޯލްގެ ދަށުން ދޫކޮށްލާ ގައިދީންގެ ކަންކަން ބަލަހައްޓައި އެމީހުން މޮނިޓަރ ކުރުމަށް ޕެރޯލް އޮފިސަރުންގެ ނަމުގައި 10 ބޭފުޅުން ތަމްރީންކޮށް މިއަދު ވަނީ އޮފިސަރުންނާ ލިޔުން ޙަވާލުކޮށްފައެވެ.
މުޅީން އަލަށް ތަމްރީންކުރި އޮފިސަރުންނަށް ލިޔުން ޙަވާލުކޮށްދެއްވީ ހޯމްމިނިސްޓަރ ޢިމްރާން ޢަބްދުﷲ އެވެ. ކަފާލާތުގެ ދަށުން ދޫކޮށްލާ ގައިދީން އިޞްލާހުކޮށް އަނބުރާ މުޖުތަމައުއަށް ގެނައުމަކީ ވެސް މި އޮފިސަރުންގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ މިފަދަ އޮފިސަރުން ތަމްރީން ކުރެވުމަކީ ޕެރޯލްގެ ޤާނޫނުގެ ދަށުން ދޫކުރެވޭ މީހުން އެމީހުނަށް ކުރެވޭ ޝަރުތުތަކާއެކުގައި މުޖުތަމައުގައި ރަނގަޅަށް އުޅުމުގެ ފުރުޞަތު ފަހިކޮށްދޭން އެހީތެރިވެދިނުމަށް ކުރެވުނު ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އެއީ ޕެރޯލް އޮފިސަރުންނާ ހަވާލުކުރެވޭ ވަރަށްބޮޑު ޒިންމާއަކާއި އަމާނާތެއް ކަމަށެވެ. ޕެރޯލްގެ ދަށުން ދޫކޮށްލާ އެއްވެސް މީހަކު އަނބުރާ ޖަލަށް އައުމަށް އެދިވަޑައި ނުގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެކަން އެގޮތަށް ކުރުމަށްޓަކައި ގައިދީންގެ އާއިލާތަކުންނާއި، ޕެރޯލް އޮފިސަރުން މުހިއްމު މަސައްކަތްތަކެއް ކޮށްދެއްވައި ވަރަށްބޮޑަށް އެހީތެރިވެދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.
" ރާއްޖޭގެ އިޖުތިމާއީ ވެއްޓަށް ކޮށްފައިވާ އަސަރުތަކުން ސަލާމަތްކުރުމަށް ތިޔަ އޮފިސަރުން ގައިދީންނަށް އެހީތެރިވެ، އެބޭފުޅުންގެ ދިރިއުޅުން ބަދަލުކޮށް އިޞްލާހުކޮށް މުޖުތަމައުގައި އެމީހުންނަކީ ރިވެތި ދިރިއުޅުމެއް އުޅެވޭނެފަދަ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއްކޮށްދެއްވާށޭ. ރަނގަޅަށް އުޅުމަށް އެމީހުންނަށް ހިތްވަރުދީ އެހީތެރިވެދެއްވާށޭ" މިނިސްޓަރ ވިދާޅުވިއެވެ.