އިންތިޤާލީ އިންސާފްގެ ބިލަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުން މިރޭ ރައްޔިތުންގެ މަޖިލީހުގެ އިދާރައިގައި އޮންނާނެއެވެ. ބައްދަލުވުން ފެށުމަށް ހަމައްސަވައިފައި މިރޭ 8:30 ގައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަޖިލީހުގެ ރައީސް ވިދާޅުވީ މިރޭގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާނީ ބަންޑާރަ ނާއިބް އިބްރާޙީމް ރިފްޢަތު ކަމަށެވެ. މީގެ އިތުރުން ޕެނަލްގައި ތިއްބަވާނީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރ ޙީޞާން ޙުޞައިންނާއި މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޠާޒު ފަހުމީ އާއި ސަރުކާރު ފަރާތުން ބިލް މަޖިލީހަށް ހުށަހެޅުއްވި ހިތަދޫ މެދު ދާއިރާގެ މެމްބަރ އަޙްމަދު ރަޝީދެވެ.
އިންތިޤާލީ އިންސާފްގެ ބިލަކީ ޖެނުއަރީ 2012 އިން ފެށިގެން މިސަރުކާރުފެށުމާ ހަމައަށް ރައްޔިތުންނަށް ލިބުނު އެކި ގެއްލުންތުކަށާއި، ނާއިންސާފުން ހިންގާފައިވާ ކަންކަމަށް އިންސާފު ހޯދައިދިނުމަށް،ހުށަހަޅައިފައިވާ ބިލެކެވެ.
މި ބިލު ހުށަހަޅައިފައިވަނީ ޖެނުއަރީ 2012 އިން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ހައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބަލައި، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި ޤާނޫނީ އޮނިގަނޑެއް އެކުވާލުމަށެވެ. މިބިލްގައި ކަނޑައެޅިފައިވާ މުއްދަތަކީ އެމްޑީޕީ ވެރިކަން ނިމުމަކާ ހިސާބަށް އައިސް މިހާރު ހިނގަމުންދާ ސަރުކާރު ފެށުމާ ހަމައަށް ހިނގާ ދިޔަ މުއްދަތެވެ.
ބިލް ޙާޞިލްކުރަން ބޭނުންވާ ކަންކަމުގެތެރޭގައި މުޖުތަމަޢު އެއްބައިވަންތަ ކުރުމަށް މަސައްކަތް ކުރުން ހިމެނެއެވެ. އަދި ޤައުމުގެ އަމާންކަން ދަމަހަށްޓައި މަދަނީ މަސަލަސްކަމަށް ޖާގަދިނުމާއި ޤާނޫނީ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހްޒީބީ ދައުލަތެއް އާރާސްތުކޮށް، ރަށްޔިތުންނަށް ޢަދުލުއިންސާފަށް ވާޞިލްވެވޭނެ މަގު ތަނަވަސް ކޮށްދިނުން ހިމެނެއެވެ.
ބިލްގައިވާ ގޮތުން މިޤާނޫނަށް ޢަމަލުކުރަން ފެށުމާއި އެކު އިންތިޤާލީ އިންސާފުގެ އޮމްބަޑްސްމަން އޮފީހެއް ޤާއިމް ކުރަންޖެހޭނެއެވެ. މިއޮފީސް އެކުލެވިގެން ވާނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާ 3 އޮމްބަޑްސްމަންގެ މައްޗަށެވެ. ތިން އޮމްބަޑްސްމަނުންގެ ތެރެއިން ޗީފް އޮމްބަޑްސްމަނެއް ކަނޑައެޅޭނެއެވެ. އޮމްބަޑްސްމަނުންގެ ހުނަންޖެހޭ ޝަރުތުތަކުގެ ތެރެގައި މުސްލިމަކަށް ވުމުގެ އިތުރުން ޢުމުރުން 30 އަހަރުން މަތީގެ މީހަކަށް ވާންޖެހެއެވެ. އަދި އެމީހަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހަކަށް ވެގެން ނުވާނެކަމަށް ބިލުގައި ކަނޑައަޅައިފައި ވެއެވެ. އިންތިޚާބީ މަޤާމެއް ނުވަތަ ދައުލަތުގެ މަޤާމެއްވެސް އަދި ސިޔާސީ މަޤާމެއްވެސް އަދާކުރާ މީހަކަށް ވެގެން ނުވެއެވެ.
މަޤާމުން ވަކިކުރާ ޙާލަތެއްގައި މެނުވީ ޤާނޫނުގެ ދަށުން އޮމްބަޑްސްމަނުންނާ މަތިކޮށްފައިވާ މަސްޢޫލިއްޔަތުތައް އަދާކޮށް ނިމި އޮފީސް އުވެންދެން އެމީހުން މަޤާމުގައި ދެމި ތިބޭނެކަމަށްވެސް ބިލްގައި ބުނެއެވެ. އޮމްބަޑްސްމަންގެ އޮފީހުން ހިންގާ ތަހުގީގަށްފަހު ޖިނާއީ ކުށެއް ކަމުގައިވާ އަމަލުތައް ހިންގި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލަށް އަދި މަދަނީ ދައުވާ އުފުލުމަށްޓަކައި ބަންޑާރަ ނައިބަށް ވެސް ފޮނުވަން ޖެހޭނެ ކަމަށް ބިލުގައި ވެއެވެ.
އިންތިޤާލީ އިންސާފްގެ ބިލަށް ޚިޔާލު ހޯދުމަށް މިރޭ މަޖިލީހުގެ އިދާރާގައި ބާއްވާ ބައްދަލުވުވަކީ މަޖިލީހަށް ހުށަހެޅޭ ބިލްތަކާއި މައްސަލަތަކަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ބަދަލުވުންތަކުގެ ތެރެއިން ބޭއްވޭ ދެވަނަ ބައްދަލު ވުމެވެ. ފުރަތަމަ ބައްދަލުވުން ބޭއްވީ މިނިމަމް ވޭޖް ނުވަތަ އެންމެ ދަށް އުޖޫރަ ކަނޑައެޅުމާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދުމަށެވެ.