ރަށްރަށުގައި ފެނާނަރުދަމާ ޚިދުމަތް ދިނުމަކީ ކައުންސިލްތަކުގެ ޒިންމާއަކަށް ޤާނޫނުން ހަދަންޖެހޭ ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރ އަޙުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި ވަނީ ފެނާނަރުދަމާގެ ބިލާބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޤާނޫނު ހިންގުމުގެ މުހިންމު ޒިންމާ ތަކެއް ރަށު ކައުންސިލްތަކާ ސިޓީ ކައުންސިލްތަކާ އަތޮޅު ކައުންސިލްތަކަށް ދޭންޖެހޭނެކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. ޤާނޫނު ހިންގުމުގައި މިނިސްޓްރީގެ ޒިންމާއަކަށް ވާންޖެހޭނީ ސިޔާސަތުތައް ކަނޑައެޅުމާއި މެދުރާސްތާ ޕްލޭނާއި ދިގުރާސްތާ ޕްލޭންތައް ކަނޑައެޅުމާއި ޤަވާއިދުތައް ތަންފީޒުވެގެންދާ މިންވަރު ބެލުންފަދަ ކަންކަން ކަމަށްވެސް ސަލީމް ފާހަގަ ކުރެއްވިއެވެ. ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުން ކައުންސިލްތަކުގެ ޒިންމާއަކަށް ހަދާއިރު މިނިސްޓްރީގެ ފަރާތުން ކައުންސިލްތަކުގެ ފަންނީ ޤާބިލްކަން އިތުރު ކޮށްދޭންޖެހޭނެކަމަށް މެމްބަރ ސަލީމް ވިދާޅުވިއެވެ.
އެޖެންޑާ ނަވާރައިގައި ދެއްކެވި ވާހަކައަކީ ކައުންސިލްތައް ބާރުވެރި ކުރުމުގެ ވާހަކަކަންވެސް ސަލީމް ފާހަގަކުރެއްވިއެވެ. އެހެންކަމުން ފެނާ ނަރުދަމާގެ ޚިދުމަތް ދިނުމުގެ މައިގަނޑު ޒިންމާ މިޤާނޫނުގެ ދަށުން އަންނަން ޖެހޭނީ ކައުސިލްތަކަށްކަމަށް އޭނާ ވިދާޅުވިއެވެ.
ފެނަނާރުދަމާގެ އަގު ނިންމާނީ ވެސް ރަށު ކައުސިލުންކަމަށް ބިލުގައި ކަނޑައަޅަން ޖެހޭނެކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރ ފާހަގަ ކުރެއްވިއެވެ. އަދި ބޭނުންހާ ހިނދަކު ނިކަމެތިންގެ ގޭގެއިން ފެނާއި ނަރުދަމާގެ ޚިދުމަތް ކަނޑާލެވިގެން ވެސް ނުވާނެކަމަށް ބިލުގައި ކަނޑައެޅެންޖެހޭނެކަމަށް ފާހަގަ ކުރެއްވިއެވެ.
"މިހާރު އޮތް ގޮތުން އަޅުގަނޑުގެ ރަށުގައި ރައްޔިތުން ބޯންވީ ފެނުގެ އަގު ކަނޑައެޅުން މިއޮތީ މާލެއަށް. އެހެން އެކަން ވެގެން ނުވާނެ. އަޅުގަނޑުމެންގެ ބަހެއް އެކަމުގައި އޮންނަންޖެހޭނެ. ރައްޔިތުންގެ ބަހެއް އޮންނަންޖެހޭނެ. ފެންލީޓަރެއް ވިއްކާނީ ކިހާވަރަކަށްތޯ؟ ނަރުދަމާއިން ފީނަގާނީ ކިހާވަރަކަށްތޯ؟" ސަލީމް ވިދާޅުވިއެވެ.
ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުން ކައުސިލްތަކުގެ ޒިންމާއަކަށް ހާދާއިރު މިހާރު ޤާއިމްކޮށްފައިވާ އެސެޓްތައް ވަކިމުއްދަތެއްގެ ތެރޭގައި ރަށު ކައުސިލްތަކާ ޙަވާލުކުރަން ޖެހޭނެކަމަށް ވެސް ބިލުގައި ކަނޑައަޅަން ޖެހޭނެކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރ ވިދާޅުވިއެވެ. މިހާރު ބިލުގައި ޚިދުމަތް ދޭ ފަރާތުގެ ޒިންމާ ބަޔާންކޮށްފައި ނެތްކަން ފާހަގަ ކުރައްވައި، އެކަން ތަފަޞީލްކޮށް ބިލުގައި ކަނޑައެޅެން ޖެހޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބިލަށް ގެނަންޖެހޭ އިޞްލާޙުގެ ގޮތުގައި ގިނަ ކަންތައްތަކެއް ހޯރަފުށީ ދާއިރާގެ މެމްބަރ ވަނީ ފާހަގަކުރައްވައިފައެވެ. އެކަންކަމުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށަކީ ބޯފެނަށް ނުޖެހޭ ރަށެއްކަން ކަށަވަރުކޮށް ދިނުން ބިލްގެ މަޤްޞަދުތަކުގެ ތެރޭގައި ހިމަންޖެހޭ ކަމަށް ވިދާޅުވިއެވެ. ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ފެނާ ނަރުދަމާގެ ޚިދުމަތީ އަމިއްލަ ފަރާތްތަކަށް ވެސް ބައިވެރިވެވެގޮތަށް އޮންނަ ވާދަވެރި ޚިދުމަތަކަށް ވެގެން ދިއުމެވެ. ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ފެނާއި ނަރުދަމާ ހިންގުމުގައި ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރުމެވެ. ހަތަރުވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ފެނާއި ނަރުދަމާ ދިނުމުގައި ރައްޔިތުން ބައިވެރިކޮށް ރައްޔިތުންނާއި ވީހާވެސް ޤާތުން ޚިދުމަތްދެވޭނެ ގޮތްތަކެއް ކަނޑައެޅުމެވެ. ފަހުކަމެއްގެ ގޮތުގައި ފެނާއި ނަރުދަމާ ޚިދުމަތް ދޭ ފަރާތްތަކުގެ ޙައްޤުތައް ހިމާޔާތް ކުރުން ބިލްގެ މަޤްޞަދު ތަކުގެ ތެރޭގައި ހިމެނުމަށް ހުށަހެޅުއްވިއެވެ.