ކޮވިޑް 19 ގެ އަލާމާތްތައް ފެނިގެން ށ. ފޯކައިދޫގައި 9 މީހަކު އައިސޮލޭޝަންގައި އެބަތިބި ކަމަށް ސަރުކާރުން ވިދާޅުވިއެވެ.
ކޮވިޑް 19 ބެހޭ ގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތު ދެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ސާލިހު އައްޔަން ކުރައްވާފައިވާ މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވީ އެ 9 މީހުން ވެސް ތިބީ ހޯމް އައިސޮލޭޝަންގައި ކަމަށެވެ. އެތަނުން އެކަކު މިއަދު ހަވީރު 4:30 ގައި ފަރުކޮޅުފުށްޓަށް ގެނެވޭނެ ކަމަށް ވިދާޅުވިއެވެ. ހިންނަވަރުގައި ވެސް އެކަކު އައިސޮލޭޓް ކޮށްފައިވާ ކަމާއި މިއަދު ހަވީރު 4:00 ގައި އޭނާގެ ސާމްޕަލް ނަގާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
މަބުރޫކު ވިދާޅުވީ ޅ. ކުރެއްދޫ އަދިވެސް އޮތީ އޮރެންޖު އެލާޓުގައި ކަމަށެވެ. އެރަށުގައި ހުރެފައި އިޓަލީއަށް ދިޔަފަހުން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހާ ފުރަން އެއާޕޯޓަށް ގޮސްފައި ނުފުރިގެން އެނބުރި އައިސް މާގިރި ހޮޓަލުގައި ހުރިކަން މިހާރު އެނގިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމާ ގުޅިގެން އެތަނުން 15 މީހަކު ސެލްފް އައިސޮލޭޝަންގައި އެބަތިބި ކަމަށް މަބުރޫކު ވިދާޅުވިއެވެ. އެހެންނަމަވެސް އެއިން އެއްވެސް މީހެއްގެ ގައިން އެބަލީގެ އަލާމާތެއް ނުފެންނަ ކަމަށް ވިދާޅުވިއެވެ. އެތަނުގެ އިތުރުން އެމީހާ ވަނީ ޔުނިވާސަލްގެ ޓިކެޓިން އޮފީހަކަށް ވެސް ގޮސްފައި ކަމަށް މަބުރޫކް ވިދާޅވިއެވެ. އެތަނުން އެކެއްގެ ގައިން ކޮވިޑްގެ އަލާމާތްތަކެއް ފެނިގެން އޭނާ ފަރުކޮޅުފުށްޓަށް ގެންދިޔުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސާމާއައިލެޑު ރިސޯޓުން ޓެސްޓްކުރި އެންމެން ނެގެޓިވެ އެރަށް ހުޅުވާލިޔަސް އޭގެ ތެރެއިން 4 މީހަކު އިތުރަށް ޓެސްޓް ކުރުމަށް ސެލްފް އައިސޮލޭޝަންގައި ތިބުމަށްވަނީ އަންގާފައި ކަމަށެވެ. ބަތަލާއިން ދެމީހަކު ޕޮޒިޓިވް ވުމުން އެރަށް އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައި ކަމަށާއި އެރަށުގައި ކޮންޓެކްޓް ޓްރޭސިން ނިމެންދެން އޮންނާނީ އެގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި މިހާތަނަށް 63 ސާމްޕަލެއް ނެގިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއީ އިންޑިއާ އަށް ފޮނުވުނު ސާމްޕަލްތަކާއި ރާއްޖޭގައި އިއްޔެއާ ހަމައަށް ނެގިފައިހުރި ސާމްޕަލްތަކާއި މިދިޔަ 24 ގައިއިރު ނަގާފައިހުރި ސާމްޕަލްތައް ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 4 މީހުންނެވެ. އެގޮތަށް ސާމްޕަލްތައް ނަގާއިރު ކޮންމެ މީހެއްގެ ދެ ސާމްޕަލް ވެސް ނަގައިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވީމާ 63 ސާމްޕަލްގެ މާނައަކީ 63 މީހުން ނޫންކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.