މިހާތަނަށް ރާއްޖެއަށް ކޮރޯނާ ވައިރަސް ނައިސްވަނީ ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ކަށަވަރު ކަމާއެކުދަންނަވާ ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނިއުސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިކަމަށް ދިވެހިސަރުކާރުން ގެންދަވަނީ ވަރަށްބޮޑަށް ވިސްނައިވައި ހަރުދަނާ ފިޔަޅުތަކެއް އަޅަމުން ކަމަށެވެ. ކޮރޯނާ ދުނިޔެއަށް ފެތުރެން ފެށިހިސާބުން ވެސް ހަރުދަނާ ފިޔަވަޅު އަޅައިފައި ވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭގައި ރޯގާޖެހިފައިވާ މީހުންގެ އަދަދު ބަރާބަރަށް ބައްލަވައި ޢަދަދު އިތުރުވަމުންދޭތޯ ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި ރޯގާ އިތުރުވާނަމަ އަޅެންޖެހޭ ފިޔަވަޅުތައް ވެސް އަޅުއްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރަށް ނިއުމޯނިއާ ވެސް ވަރަށް ބޮޑަށް ބައްލަވަމުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ ރާއްޖެއިން ކޭސްތައް ފެނި އިތުރުވާން ވެއްޖެ ކަމަށްވާނަމަ ރާއްޖޭގެ ރިސޯޓުތައް ހުސްކޮށްފައިވެސް އެމީހުން ބައިތިއްބަން ފަސްނުޖެހޭނެ ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި މިހާތަނަށް ކުރި ޓެސްޓުތަކުން އެއްވެސް މީހަކު ޕޮޒިޓިވް ނުވާކަމަށެވެ. އެހެންވީމާ އަދި ކަންބޮޑުވެ ހާސްވާކަށް ނުޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން މިކަމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދަނީ އެންމެ ރަނގަޅަށް އެންމެ އެކަށީގެންވާ ވަގުތުގައި ކަމަށެވެ. ރާއްޖެ ސަލާމަތުން މިރެއާ ހަމައަށް އައިސްފައިވަނީ ވެސް ސަރުކާރުން ރަނގަޅު ފިޔަވަޅު ރަނގަޅު ވަގުތުގައި އަޅުއްވަމުން ގެންދަވާތީ ކަމަށެވެ. އޭގެ އިތުރުން މިނިސްޓަރ ވިދާޅުވީ ރާއްޖެ ކާބޯތަކެއްޗަށް ޖެހިދާނެ ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށެވެ. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ މިހާރުވެސް ރޯދައިގެ ފަހަށް ވެސް ވާވަރަށް ކާބޯތަކެތީ ރާއްޖޭގައި އެބަހުރި ކަމަށް ވިދާޅުވިއެވެ. މިހާރުވެސް ރާއްޖެއަށް ކާބޯތަކެތި ގެންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. ރަށެއް އައިސޯލޭޝަން ކުރަންޖެހުނަސް ކާބޯތަކެތި ފޯރުކޮށްދޭނެ ގޮތްވެސް މިހާރުވަނީ ކަނޑައަޅާފައި ކަމަށެވެ.