ކޮވިޑް 19 ގެ އަލާމާތްތައް ފެނުނު ދެމީހުން ވެސް ނެގެޓިވް

ކޮވިޑް 19 އަށް ޝައްކު ކުރެވުނު ދެމީހަކު އެބައްޔަށް ނެގެޓިވެފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

އެބައްޔަށް ނެގެޓިވެފައިވަނީ ޔުނިވަސަލް ޓިކެޓު އޮފީހުން، އެބަލީގެ އަލާމާތްތައް ފެނިގެން އައިސޮލޭޓު ކުރެވުނު މީހަކާއި  ފޯކައިދޫ އައިސޮލޭޓް ކުރެވުނު މީހާއެވެ. އެމީހުންގެ އިތުރު އެއްވެސް މަޢުލޫމާތެ ލިބިފައެއް ނުވެއެވެ.

ކޮވިޑް 19 އާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ތަރުޖަމާނު، މުޙައްމަދު މަބުރޫކު އަޒީޒު ވިދާޅުވީ ޔުނިވާސަލްގެ ޓިކެޓިން އޮފީހެއްގައި މަސައްކަތްކުރާ އެމީހާ ޓެސްޓު ކުރަންޖެހުނީ ބަލީގެ އަލާމާތްތައް ފެނިގެންނެވެ. އޭނާގެ ގައިން އެއާލާމާތްތައް ފެނުނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ފަހުން އެނގުނު އިޓަލީ މީހާ އެއޮފީހަށް ދިޔަ ފަހުންނެވެ. އޭނާއާއި ފޯކައިދޫން ޝައްކު ކުރެވުނު މީހާއާއި ދެމީހުން ނެގެޓިވްކަން އެނގުމުން އެއީ ލިބިގެންދިޔަ ވަރަށްބޮޑު ތަސައްލީއެއް ކަމަށް ވެސް މަބުރޫކު ވިދާޅުވިއެވެ.

ކޮވިޑް 19 ރާއްޖޭގެ ހާލަތާބެހޭ ގޮތުން އޭނާ ވިދާޅުވީ މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 6 މީހުން ކަމަށެވެ. އަދި ފަރުކޮޅުފުށީގައި ކަރަންޓީން ކޮށްފައި ތިބި ދެމީހުން މިއަދު ދޫކޮށްލުމުން ކަރަންޓިނުގައި އެއްވެސް މީހަކު ނެތްކަމަށް އޭނާ ވިދާޅުވިއެވެ. "އެއީ ޗައިނައަށް ގޮސްފައި އައި ދެމީހުން. އެމީހުންގެ ކަރަންޓީނުގެ މުއްދަތު ހަމަވުމުން ވަނީ ދޫކޮށްލާފައި. އެހެންވީމާ ކަރަންޓީނުގައި އެއްވެސް މީހަކުނެތް،" މަބުރޫކު ވިދާޅުވިއެވެ. އެހެންނަމަވެސް ފަރުކޮޅުފުށީގެ އައިސޮލޭޝަން ފެސިލިޓީގައި މިވަގުތު 10 މީހުން އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިލިވަރުގައި 9 މީހުން އެބަތިބި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރެއްދޫގައި އުޅުމަށްފަހު އިޓަލީއަށް ދިޔަ ފަހުން ކޮވިޑް 19 އަށް ޕޮޒިޓިވިކަން އެނގުނު މީހާގެ މައްސަލަ ފުލުހުން މިހާރުދަނީ ތަހުގީގު ކުރަމުން ކަމަށެވެ. އެކަމާ ބެހޭ ގޮތުން މިއަދު ނޫނީ މާދަން ފުލުހުން މައުލޫމާތު ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޖިނާއީ މައްސަލައެއްގެ ގޮތުގައި ފުލުހުން އެކަން ތަހުގީގު ކުރަން ފެށި ޕީޖީގެ އަމުރަކަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.