ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ވިލިވަރު ތައްޔާރުކޮށް ނިންމާލައިފި

ކ. ވިލިވަރުގައި ތައްޔާރު ކޮށްފައިވާ ކަރަންޓީން ފެސިލިޓީ- ފޮޓޯތައް ޓޫރިޒަމް މިނިސްޓްރީ

ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ވިލިވަރު ތައްޔާރުކޮށް މިހާރު ނިމިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ. ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ މިއަދު ވިދާޅުވީ އެރަށް ތައްޔާރު ކޮށްފައިވަނީ އެންމެ ދިހަ ދުވަސްތެރޭގައި ކަމަށެވެ.

ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި އެރަށް ތައްޔާރުކޮށް ނިންމާލައިފައިވަނީ 30 ކޮޓަރިއާއެކުގައި ކަމަށެވެ. "މިއީ ފެބުރުއަރީ އެކަކުން ދިހައަކަށް އަޅުގަނޑުމެން ނިންމާފައިވާ މަސައްކަތެއް. މިއީ ސީދާ ރައީސްގެ އިސްނެންގެވުމުގެ މަތީން ކުރެއްވި ކަމެއް،" މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެ ކަހަލަ ލިމިޓެޑު ގައުމެއްގައި ދިހަ ދުވަސްތެރޭގައި އެފަދަ ފެސިލިޓީއެއް ގާއިމް ކުރެވުމުން މިނިސްޓަރ ވަރަށްބޮޑަށް ވަނީ ފާހަގަ ކުރައްވައިފައެވެ. "އަޅުގަނޑުމެން އެރަށަށް ދިޔަދުވަހު އަޅުގަނޑުމެން ނިދީ އެރަށުގެ އަތިރިމަތީގައި. ފުލުހުންގެ ޓީމަކާއި، ކޮންސްޓްރަކްޝަން ޓީމަކާއި، އަދި އޭގެ އިތުރުން ދައުލަތުގެ އެކިއެކި މުއައްސަސާތައް ފެނަކަ، އެމްޑަބްލިޔުއެސްސީ، އެސްޓީއޯ ޖޮއިންޓް އެފަޓެއްގައި ޓޫރިޒަމް އިންޑަސްޓްރީއާ ގުޅިގެން ޓޫރިޒަމް ޓްރަސްޓް ފަންޑުން އަޅުގަނޑުމެން ކުރި މަސައްކަތެއް މިއީ،" މިނިސްޓަރ ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ، ވިލިވަރުގައި ގާއިމްކޮށްފައިވާ 30 ކޮޓަރި އެޓޭޗު ކުރެވިފައިވާނީ ކޮންމެ މީހަކު ކަރަންޓީނުކުރަން ޖެހުނަސް އެމީހަކު މުޅިދުނިޔެއާ އެކަހެރި ނުވެ އުޅެވޭ ފެންވަރަށް ކަމަށެވެ. މިކަންކަން މިގޮތަށް ކުރެވިފައިވާތީ ރައްޔިތުން ހާސްވާކަށް ނުޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއްތަން ފުރިއްޖެއްޔާ އަނެއްތަނަށް ދެވޭވަރަށް ތައްޔާރުވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. މިހާރު ބޭނުންނުކޮށް ހުރި ރިސޯޓުތައް ބޭނުން ކުރަންވެއްޖެ ކަމަށްވާނަމަށް އެކަމަށް ސަރުކާރުން މިހާރު ގެންދަވަނީ ތައްޔާރުވަމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. "ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ ރާއްޖެ ބޮއްސުންލައިގެން މިދަނޑިވަޅުގައި ނުދާނެޔޭ،" މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ވަނީ ދެމީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައެވެ. އިތުރު މީހުންވަނީ ކަރަންޓީން ކޮށް ޓެސްޓު ކުރުމުގެ މަރުހަލާގައެވެ. މި ބަލި މާލެއިން ވެސް އަދި އެހެން ރަށްރަށުން ވެސް މިހާރު ފެނުމުގެ ފުރުސަތު އޮންނާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. އެހެންވީމާ ވީހާވެސް ގިނައިން ސައިބޯނި ލައިގެން އަތްދޮވުމަށް އެފަރާތްތަކުން އިލްތިމާސް ކުރައްވައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.