އެޑިޓޯރިއަލް: ސަމާލުވާންވާ ވަރަށް އެބަ ސަމާލު ވެވޭތަ؟

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 ރާއްޖެއަށް އައުމުގެ ފުރުސަތު އެބައޮތެވެ. އަންނާނީ ކޮން އިރަކު ކަމެއް ނޭނގެއެވެ. އަޅުގަނޑުމެންނަށް އޮތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމާއި ދުޢާ ކުރުމެވެ.

ކޮވިޑް 19 ރާއްޖެއަށް އަތުވެއްޖެ ނަމަ ކުރިމަތިވެދާނެ ހާލަތަކާމެދު ވަރަށް ގިނަ ވާހަކަތައް ދެކެވެއެވެ. ބައެއް މީހުން ބުނާ ގޮތުގައި ރައްކާތެރިވުމަށް ސަރުކާރުން އަޅާ ފިޔަވަޅެއް ނެތެވެ. އެއީ މުޅިއަކުން ރަނގަޅު ވާހަކައެއް ނޫނެވެ. އަދި އަޅުގަނޑުމެންގެ ތެރެއަށް ނާންނަ ކަމަކާ ބަލާފައި އަޅަމުން ގެންދާ ފިޔަވަޅުތައް ނުބައޭ ބުނެވޭނޭ ޖާގައެއް ނެތެވެ.

ކޮވިޑް 19 އަތުވެއްޖެ ނަމަ ދިމާވާނީ ހަމައެކަނި ޞިއްޙީ މައްސަލައެއް ނޫނެވެ. އަޅުގަނޑުމެން ކުރިމަތިލާން ޖެހޭނޭ އިގްތިސާދީ މައްސަލަތައް ވަރަށް ގިނައެވެ. ތެދުތެދަށް ދަންނަވާނަމަ އެ މައްސަލަތައް މިހާރުވެސް ވަނީ ކުރިމަތި ވެފައެވެ. ރާއްޖެއަށް ފަތުރުވެރިން އަންނަ އެތައް ގައުމެއްގެ ދޮރު އަޅުގަނޑުމެންނަށް ބަންދު ވެއްޖެއެވެ. ފަތުރުވެރިކަން ކުރިއަރުވައި ޕްރޮމޯޓުކުރާ އެންމެ ބޮޑު މައުރަޒު ނުބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ. މިހިރީ ހައްތަހާވެސް މިހާާރުވެސް ކުރިމަތި ވެފައިވާ މައްސަލަތަކެވެ.

މިއީ ސިޔާސީ ވާން ޖެހޭ މައްސަލައެއް ނޫނެވެ. މުޅި ގައުމު އެކީގައި އެއް ލަވައެއް ކިޔާން ޖެހޭ މައްސަލައެކެވެ. އިގްތިސާދަށް އަރާ ކޮންމެ ލޮޅުމަކީ އެ ލޮޅުމުގެ އިހުސާސް ރާއްޖޭގެ އެންމެން ކުރާނޭ ކަމެކެވެ. އެހެންވީމާ ސަލާމަތް ވާނޭ މަގަކާ މެދުވެސް އެންމެން އެއްވަރަކަށް ވިސްނާން ވާނެއެވެ.

ޚަރަދު ކުޑަ ކުރުމަކީ މިހާރުވެސް އަޅަން ޖެހިފައިވާ ފިޔަވަޅެކެވެ. އާއްމު ރައްޔިތުން ޚަރަދު ކުޑަ ކުރުމާއެކު ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ. އެއީވެސް ވިސްނާނުލައި ދޫކޮށްލައިގެން ވާނޭ ކަމެއް ނޫނެވެ. އެކަމަކާ ވިސްނާން ވާނީ ވިޔަފާރިވެރިންނެވެ. މުދާ އަގުހެޔޮ ކުރުން ފަދަ ކަމެއް ކޮށްގެން ނަމަވެސް ވެއްޓިފައިވާ އަދި ފަހުން ވެއްޓިދާނޭ ފުން ވަޅުގަނޑުން އަރައިގަނެވޭތޯ ބަލާން ވާނެއެވެ. ކާޑަށް ޖެހުމާއި ކާބޯތަކެތި މަދުވުމުގެ ސަބަބުން މައްސަލަތަކާ ކުރިމަތިވުމަކީ ވެދާނޭ ކަމެއް ކަމަށް ބަލަން ވާނެއެވެ.

ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަކީވެސް ކޮންމެހެން ކުރާން ޖެހިފައިވާ މުހިއްމު ކަމެކެވެ. ކުރިމަތީގައި އޮތް ކައުންސިލް އިންތިޚާބުން ކާމިޔާބީއެއް ހޯދުމުގެ ބޭނުމުގައި ބޭކާރު ޚަރަދު ކުރާން ފެށުމަކީ އެކަމުގެ ހިތި ނަތީޖާއާ ފަހުން ކުރިމަތިލާން ޖެހިދާނެ ކަމަކަށް ވުމަކީ ދުރުކަމެއް ނޫނެވެ.

ހިތާމައަކީ ސަރުކާރުންވެސް، ދައުލަތުންވެސް، ވިޔަފާރިތަކުންވެސް އަދި އާއްމު ރައްޔިތުންގެ ފެންވަރުގައިވެސް އަޅުގަނޑުމެންގެ ނިކަމެތި ނާޒުކު ހާލަތާމެދު ފުންކޮށް ނުވިސްނާ ކަމެކެވެ. ދިވެހިންގެ އާދައަކީ ރޯވީމާ ނިއްވައިލާން ތެޅިގަތުމެވެ. ރޯވެދާނެއޭ ސަލާމަތުން އުޅެހެރޭ ގޮވާގޮވުން އަޑެއް ނާހާނެއެވެ.

މި އާދަ ދޫކޮށްލާން މިހާރު ވެއްޖެއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.