އެޑިޓޯރިއަލް: މިނިވަންކަމަށްޓަކައި މައުލޫމާތު ހާމަކުރުން

މިއަދަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 55 އަހަރު ފުރޭ 56 ވަނަ މިނިވަން ދުވަހެވެ. މިއަދުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ތަހުނިޔާ އަރިސް ކުރަމެވެ.

މިއަދު މި ފާހަގަކުރާ މިނިވަން ކަމަކީ ދިވެހިރާއްޖެއަށް ލިބުނު ސިޔާސީ މިނިވަންކަމެވެ. 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ކުރިންވެސް ދިވެހި އާއްމު ރައްޔިތުން އަޅުވެތިކަމެއް އިހުސާސެއް ނުކުރެއެވެ. އަދި 26 ގެ ފަހުން އިހަށް ނެތް އާދަޔާ ޚިލާފު މިނިވަންކަމެއްވެސް އިހުސާސެއް ނުކުރެއެވެ. އަޅުގަނޑުމެންނަށް މިނިވަންކަމުގެ ހަގީގީ އަގު ވަޒަން ކުރަން ނޭނގޭ ސަބަބަކީ މިއީ ކަމުގައި ވެދާނެއެވެ. ސިޔާސީ ޚިޔާލު ތަފާތުވުން އެއް ފަރާތް ކޮށްފައި އެންމެން އެކީގައި މިނިވަންކަމުގެ ވާހަކަ ދައްކާތަން ނުފެންނަ ސަބަބަކީ އެއީ ކަމުގައިވެސް ވެދާނެއެވެ. މިނިވަންކަމުގެ ހަގީގީ މާނަ އެނގޭނީ އަޅުވެތިކަން އިހުސާސް ކުރި ބަޔަކަށް ކަމުަގއި ބުނެ އުޅެއެވެ.

ގައުމަކުން އެހެން ގައުމަކަށް ސަމާލުކަން ދެނީ އެ ގައުމެއްގެ މަސްލަހަތު އޮތް މިންވަރަކުންނެވެ. ދިވެހިރާއްޖެއަކީވެސް އަލިފުދާލުގެ މެންބަރު ގައުމަކަށް ވާތީ ވޯޓެއްގެ ބެޭނުން ޖެހޭ ދަނޑިވަޅެއްގައި ސަމާލުކަން ދިނުމަކީވެސް ކުރަމުން އަންނަ ކަމެކެވެ. އެކަމަކު ދާއިމީ ގޮތަކަށް ސަމާލުކަން ދީގެން މަސައްކަތްތަކެއް ކުރާނީ ދާއިމީ މަސްލަހަތެއް އޮތިއްޔާއެވެ.

ފާއިތުވެ ދިޔަ ސަރުކާރުގެ ދުވަސްވަރު އޭރުގެ އިދިކޮޅު ފަރާތްތަކުން ކިޔަމުން ދިޔަ އެއް ވާހަކައަކީ ޗައިނާގެ އަޅުވެތިކަމުދަށަށް ދިވެހިރާއްޖެ ދާ ވާހަކައެވެ. މަޑުމަޑުން ގޮސް ދިވެހިރާއްޖެ ޗައިނާގެ ޓައުނަކަށް ވެދާނޭ ކަމުގެ ވާހަކައެވެ. އެ ވާހަކަ ވަރަށް ބޮޑަށް ވައިގައި ހިފައި އޭރުގެ އިދިކޮޅަށް ފައިދާތަކެއްވެސް ކުރިއެވެ. އަދި އޭރުގެ ސަރުކާރަށް ގެއްލުންވެސް ވިއެވެ.

އެ ސަރުކާރު ބަދަލުވެ މިހާރުގެ ސަރުކާރަށް އައުމާއެކު އޭރުގެ އޮއިވަރު އެހެން ދިމާއަކަށް ބަދަލުވެއްޖެއެވެ. މިހާރު އިވެނީ އިންޑިއާގެ ދަށަށް ދިވެހިރާއްޖެ ދާން އުޅޭ ވާހަކައެވެ. އިންޑިއާގެ ސްޓޭޓަކަށް ރާއްޖެ ބަދަލުވަމުންދާ ވާހަކައެވެ.

ފާހަގަ ކުރެވޭ ކަމަކީ މި ދެ ވާހަކައަކީވެސް ރާއްޖޭގެ އެންމެން ގަބޫލުކުރާ ވާހަކައަކަށް ނުވާކަމެވެ. އެއް ބަޔަކު ގަބޫލުކުރާ ވާހަކަ އަނެއް ބަޔަކު ގަބޫލެއް ނުކުރެއެވެ. އެކަމަކު މި ދެކެވެނީ ހަގީގަތަށް ބަލާއިރު އެއް ވާހަކަކައެވެ. އެއީ ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލެން އުޅޭ ވާހަކައެކެވެ.

އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް ހަގީގީ މައްސަލައަކީ މިއީއެވެ. ގައުމުގެ މިނިވަންކަމާ މެދުވެސް އެއްގަލަކަށް ނޭރުމުގެ މައްސަލައެވެ. މިއަދުގެ މިނިވަން ޚިޠާބުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވި އެއް ނުކުތާއަކީ އެއީއެވެ. ސިޔާސީ ފިކުރު ކޮންމެ ގޮތަކަށް ހުރިނަމަވެސް މުޅި ގައުމުގެ މަސްލަހަތަށްޓަކައި އެންމެން ގަބޫލު ކުރާ ކަންތައްތަކެއް ހުންނާން ޖެހޭނޭ ވާހަކައެވެ. އޭގެ ތެރެއިން އެއް ކަމަކީ މިނިވަންކަމެވެ. މިނިވަންކަމަށް ބުރޫ އަރާ ވާހަކައަކީ އެންމެން އެކީގައި ދައްކާން ޖެހޭ ވާހަކައެކެވެ.

މިވާހަކައި ވައިގައި ހިއްޕުމުގެ ބާރު އަބަދުވެސް އޮންނާނީ އެ އިރަކު އޮތް ސަރުކާރެއްގައެވެ. ސަރުކާރުން ހޯދާ ސިޔާސީ މިނިވަންކަމަކީ އާއްމު ދިވެހިންގެ ބޮލަށް ވަންނާނޭ އެއްޗެއް ނޫންކަމާއި އެ މިނިވަންކަމުގެ އަގަކީ އާއްމު ރައްޔިތުން އަދާކުރަން ޖެހޭ އަގެއް ކަމަށް ގަބޫލު ކުރުން އެއްވެސް އިރަކު ފަސޭހައެއް ނުވާނެކަން އެތައް ފަހަރަކު ވަނީ ސާބިތުވެފައެވެ. އެހެންވީމާ ކަންތައްތައް ހިނގާ މަގު ރީތިކޮށް ދައްކައިދީ އެއްވެސް ގައުމެއްގެ ފިއްތުމުގެ ތެރޭގައި ރާއްޖެއިން ދޫނުކުރާނޭ ކަންތައްތަކެއް ހުންނާނޭ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭން ޖެހޭނީ އެ އިރެއްގައި އޮންނަ ސަރުކާރަކުންނެވެ.

މިފަދަ ޔަގީންކަމެއް އަޑުހަރުކޮށް އެންމެންނަށް ވިސްނޭފަދަ ގޮތަކަށް ނުދެވުމުގެ ހިތި ނަތީޖާ ފާއިވެދިޔަ ސަރުކާރަށް ފެނުނެވެ. އެހެންވީމާ މި ސަރުކާރަށް ޖެހެނީ ރައްޔިތުންނަށް އެދެވޭ ޔަގީންކަމެއް ދޭށެވެ. ދިވެހިރާއްޖެއަކީ ގައުމުތަކާ ގުޅުން އުފައްދައިގެން އެކުވެރިކަން ބާއްވައިގެން ކުރިއަށްދާ ގައުމެކޭ ބުނެފައި ފުއްދައި ނުލެވޭނޭކަން ތާރީޚުން ވަނީ ފެނިފައެވެ. ގައުމުތަކާ ނުގުޅި އެކަހެރިކޮށް އޮންނާކަށް 1965 ވަނަ އަހަރުން ފެށިގެން އެއްވެސް ސަރުކާރަކުން މަސައްކަތެއް ނުކުރެއެވެ. އެހެންވީމާ ސިޔާސަތަކީ ހުރިހައިގައުމަކާ ގުޅިގެން އުޅުމޭ ކިޔައިގެންނެއްވެސް ހަމައެއް ނުޖެއްސޭނެއެވެ. އަދި ވަކި ގައުމަކުން އަޅުގަނޑުމެންގެ ތެރެއަށް ވަދެގެން އައިސް ބަދިގޭ ފުއްޑަނާ ހަމައަށް ވަންނަނީ އަޅުގަނޑުމެންނަށް ހެޔޮ އެދިގެންނޭ ބުނެގެންނެއްވެސް ހަމައެއް ނުޖެއްސޭނެއެވެ. ހަމަޖެހޭނީ ރައްޔިތުންގެ މެދުގައި ޝައްކު އުފެދޭ ނުވަތަ އިދިކޮޅު ފަރާތްތަކުން ޝައްކު އުފައްދާ ކަންތައްތަކުގެ ސާފު ހަގީގަތް ސަރުކާރުން ހާމަކޮށް ދެވިގެންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.