"ހަސަން!" މީހަކު ބާރަށް ގޮވާލި އަޑަށް ހަސަން އެނބުރި ބަލާލިއެވެ. އެންމެ ފުރަތަމަ ލޮލުގައި އަޅައިގަތީ ރީތިކޮށް ކޮށާ އެއްވަރުކޮށްފައި ހުރި އެހެން ނަމަވެސް މޭމައްޗާ ހަމައަށް ހުރި އިސްތަށިބޯ ވަރުގަދަ ތުނބުޅިއެކެވެ. މޫނުމައްޗަށް ބަލައިލުމާއެކު ސިއްސައިގެން ދިޔައެވެ. "އާސިފް؟" ހަސަންގެ ދެލޯ ބޮޑުވެ އަނގަހުޅުވިފައި ހުރެވުނުގޮތް ފެނިފައި ކަންނޭނގެއެވެ. އާސިފް ހިނިގަނޑެއް ޖަހާލިއެވެ. ޙަސަން އެއްޗެއް ބުނަން އެބަ އުޅޭޔޭ ހީވާ ޒާތަކަށް ދެތިން ފަހަރު އަނގަ ހުޅުވާފައި ލައްޕާފައި ވެސް އަޑެއް ނުނިކުތެވެ. އެންމެ ފަހުން އާސިފް ހިނިއައިސްފައި ހުރެ ހަސަން އާ ދިމާއަށް ކަނާތް ދިއްކޮށްލުމާއެކު އަނެއް އަތުން ހަސަންގެ ކޮނޑުގައި ޖަހާލިއެވެ. "އައްސަލާމް ޢަލައިކުމް ޙަސަން. މާ ގިނަ ދުވަސްވެފަ ފެނުނީމަ އެހެންވެސް ވާނެ. ކޮބާ ކިހިނެއްތަ ޙާލުއަހުވާލު؟"
ކަނާތުގައި އޮތް ދަބަސް ވައަތަށް ބަދަލު ކޮށްލާފައި އާސިފް އާ ސަލާމް ކުރަމުން ވަޢަލައިކުމުއްސަލާމް އޭ ޙަސަން ބުނެލިއެވެ. "ރަނގަޅު. ގޯހެއް ނޫން. އާސިފް ކިހިނެތް؟"
"އަލްޙަމްދު لله. ވަރަށް ބަރާބަރު. ތާކަށް ދާން ލަސްވެގެންތަ ތި ދަނީ؟" އާސިފް ހަސަން ގެ އަތުން ދޫކޮށްނުލާ ސުވާލު ކުރިއެވެ. ޙަސަން ބޯޖަހާލިއެވެ.
"ހިނގާ ގެންގޮސްދޭނަން. ކައިރީ އެހެރަ ޕާކިން ޒޯންގަ މަގޭ ސައިކަލު ހުންނާނެ." އެހެން ބުނަމުން ހަސަން ގެ އަތުގައި ހިފައި ދަމަމުން އާސިފް ހިނގައިގެންފިއެވެ. ޙަސަން ގެ އަތް ވީއްލަމުން ކުޑަކޮށް މަޑުކޮށްބަލާށޭ ބުނުމުން އާސިފް ހުއްޓިއްޖެއެވެ. އޭރު ޙަސަން ގެ މޫނަށް އެރި ކުލަވަރުން އޭނާއަށް ތަދުވެގެން އުޅޭކަން ސާފުކޮށް އެނގެއެވެ. ވެއްޓިފައި މި އަތަށް އަނިޔާވެގެން މި އުޅެނީ." ކަނާތުން އަނެއްކާވެސް ދަބަހުގައި ހިފާފައި ވައަތް ކުޑަކޮށް ހިއްލާލާފައި ޙަސަން ކިޔައިދިނެވެ. "ޝަފާކަﷲ. އަވަސް ޝިފާއަކަށް އެދެން. މާފުކުރައްޗޭ."
"އެއި މާބޮޑު ކަމެއް ނޫން. އަނިޔާވެފަ ހުރި ކަމެއް އާސިފަކަށް ނޭނގެއެއްނު"
"އެހެން ވިޔަސް މަށާ ހެދި ރިހޭފައި މައްޗަށް ފޮއި ވެއްޖެއެއްނު. ދީބަލަ ކޮތަޅުތައް. އެހާ ހިސާބަށް ގެންގޮސް ދޭނަން" ހަސަން ދެކޮޅު ހެދީމަވެސް ދަބަހުން ދޫކުރާކަށް އާސިފް ނޫޅުނެވެ. އަނިޔާވީ ވައަތަށޭ އާސިފް ކައިރީ ބުންޏަސް ހަޤީޤަތުގައި ހަތަރެސް ފަޔަށްވެސް ހުރީ އަނިޔާވެފައެވެ. އަދި ދަބަސް އުފުއްލާތާ ގިނަ އިރުވެ ކަނާތަށް ވެސް އޭރު ވަރަށް ބޮޑަށް ތަދުވަމުން ދިޔުމާއެކު ލިބުނު އެހީތެރިކަން އެންމެ ފަހުން ޤަބޫލުކޮށް އާސިފް ގެ އަތަށް ދަބަސް ދޫކޮށްލިއެވެ. އަދި އާސިފް ގެ ފަހަތުން ހިނގައިގަތެވެ.
"ކިހާ ހިސާބަކަށް ދާންވީ؟ މިހާ ބަރު ދަބަހެއް ހިފައިގެން ކޮން ތާކަށް ތި ދަނީ؟" ސައިކަލުގެ ހުންގާނާ މަޑިއާ ދެމެދުގައި ހުރި ހުސް ޖާގައަށް ދަބަސް ފައްތާލަމުން އާސިފް ސުވާލު ކުރިއެވެ.
ޙަސަން ވިސްނާލިއެވެ. ދޮގެއް ހަދަންވީ ހެއްޔެވެ؟ އަހަރެން އާ ކޮޓަރިއަކަށް ބަދަލު ވަނީ އެވެ. އަހަރެންގެ ކޮޓަރީގަ ކުލަ ލާ ނިމެންދެން ދެ ދުވަހަށް ރައްޓެއްސެއްގެ ގެއަށް ދަނީއެވެ. ކޮޓަރީގެ ކުލި ބޮޑު ކަމުން އަގުހެޔޮ ކޮޓަރިއަކަށް ބަދަލުވަނީ އެވެ. އަންހެނުން ދެކެ ރުޅި އައިސްގެން މަންމަމެން ގެއަށް ދުވަސްކޮޅަކަށް ދަނީއެވެ. ކޮއްކޮމެން ގޮވައިގެން ބައްޕަ ބޭސްފަރުވާއަށް އައިމަ އެމީހުންނަށް ކޮޓަރި ދީފައި ކުޑަ ދުވަސްކޮޅަކަށް ރައްޓެއްސެއް ކައިރީ ގައި ހުންނަން ދަނީއެވެ. ހައްތަހާވެސް ހެދިދާނެ މޮޅު ދޮގު ތަކެވެ.
ނޫނެކެވެ. ދޮގު ހަދަހަދާ ވަރުބަލި ވެއްޖެއެވެ. ދޮގު ހަދައިގެން ނާގަ ހަރުފައެއް ކަރުގައި އޮޅާލުމުން ހާސްވާފަދަ ހާސްވުމެއްގެ ތެރޭގައި އުޅެ އަމިއްލަ ނަފްސަށް ދުވަހަކުވެސް މާފުނުކުރެވޭ ފަދަ އަނިޔާ މީހުންނަށް ކުރެވި ހިތާ ހަށިގަނޑުން ލަކުނު ނުފިލާ ވަރަށް އަނިޔާ ލިބިއްޖެއެވެ.
ހަޤީޤަތަށް ބުނަންވީ ހެއްޔެވެ؟ އަހަރެން ދާނެ ތަނެއް ދާނެ މީހެއް ނެތެވެ. އަހަރެން ދާންވީ މީހުން ނެތް ކޮންމެވެސް ދުރު ތަނަކަށެވެ.
"އަހަރެން މި ދަނީ ފާލަން ދޮށަށް. ދޯނިތައް ފެންނަ ހިސާބަށް ގެންދިޔައިމަ ރަނގަޅުވާނެ." ކުރުކޮށް ނަމަވެސް ތެދަށް ޙަސަން ޖަވާބު ދިނެވެ.
ޙަސަން ވިސްނާ އިރު އޭނާގެ މޫނުމަތިން އޭނާގެ ޚިޔާލުތައް ބުއްދިވެރި މީހަކަށް ދެނެގަނެވޭކަން ޙަސަންއަށް ނޭނގޭތީ އޭނަ ހުރީ އާސިފާ ދިމާއަށް ބަލަހައްޓައިގެންނެވެ.
އާސިފް ސިކުންތެއްވެސް ނަގާ ނުލާ ބުންޏެވެ. "ޙަސަން. ތަނަކަށް މާ އަވަހަށް ފުރަން ނޫޅެންޏާ ހިނގާބަލަ މަށާ އެކީ. ރޭގަ މާލެ މިއައީ. ރާއްޖެ ނާންނަތާ ދިހަ އަހަރު ފަހުން. ޢާއިލާ މީހަކުވެސް ނެތް. ދަންނަ ރައްޓެހިން ގިނައިން ތިބީ ބޭރުގަ އަދިވެސް. ވަރަށް އުފާވާނެ ފުރަންދެން ނޫނީ އެހެން ތަނަކަށް ދާން ޖެހެންދެން މަގޭ ކައިރީ މަޑުކޮށްލައިފިއްޔާ. އޯކޭ ތަ؟"
ޙަސަން ގެ ހިތަށް މީން ޒަމާނަކުވެސް އިޙުސާސް ނުކުރެވޭ ފަދަ ބީރައްޓެހި ލަދުވެތިކަމެއް ވެރިވިއެވެ. އާސިފް އެހެން ބުނީ ކޮންމެވެސް އެއްޗެއް އޭނަގެ ޖަވާބުން ވިސްނިގެން ކަން ޙަސަންއަށް ޔަޤީން ވިއެވެ. އޭނަގެ ނިކަމެތިކަމާއި ކުރެވިފައި ހުރި ކަންތަކުގެ ނަތީޖާގެ ހިތިކަން ހިތަށް އަރާފައި އިސްދަށަށް ޖަހާލެވުނެވެ.
ޙަސަން ވިސްނާލިއެވެ. ސަލާން ޖެހުމުގެ ކުރިން މީހަކު އެއްޗެއް ދެނީއެވެ. ހިފާނީ ހެއްޔެވެ؟ ނޫނީ އަމިއްލަ އަށް ހޯދި ނިކަމެތިކަމުގެ ހިތި ރަހަ ބަލަންވީ ހެއްޔެވެ؟
އާސިފް ޙަސަން އާ ދިމާލަށް ބަލާލިއެވެ. އޭނަގެ މޫނު މަތިން އިންތިހާ ދަރަޖައިގެ ހިތާމަވެރިކަން ފެންނަމުން ދިޔައެވެ.
"ހިނގާ ދާން. އެ އުޅެނީ އަޞްރަށް ބަނގި ގޮވަން. މިހާރު ގެއަށް ދިޔައިމަ ތައްޔާރުވެލައިގެން މިސްކިތަށް ދެވޭނީ." ސައިކަލަށް އަރާ ސްޓާޓް ކޮށްލަމުން އާސިފް ކުރިއަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ.
ބައެއް ފަހަރު އިންސާނާ ހިތާމަ އާއި މާޔޫސްކަމުގެ ތެރޭގައި ހަނދާން ނެތެނީއެވެ. ފާފަކުރެވުމަށްފަހު އެކަމާ ހިތާމަކޮށް ލޮލުން ކަރުނަ އޮހޮރޭ ޙާލު އެކަމުން ދުރުވެ ތައުބާވާ ހިތެއްގެ ވެރިޔާ ކިތަންމެ ފުން ވަޅުގަނޑަކުން ވެސް ސަލާމަތްކުރައްވާނެ ގޮތް ﷲ މެދުވެރިކުރައްވާނެއެވެ. ﷲ އަކީ ވަޢުދުފުޅު ތެދުވެރި ތައުބާ ޤަބޫލުކުރައްވާ އޯގާވަންތަ އިލާހެވެ. އިންސާނާ ޝުކުރުވެރިވާލެއް ހާދަހާވާ ކުޑައެވެ.