(18 ފެބްރުއަރީ 2017 ގައި ޝާއިއު ކުރި ބަޔާ ގުޅޭ)
ރުބީން ބޭނުންވީ ގެއަށް ވަދެލާފައި ފައިހާގެ ބައްޕައަށް ދޭން އޭނަ ހޯދާފައި އޮތް ހަދިޔާ ހިފައިގެން ދާށެވެ. އެކަަމަކު ކާރު ޕާކުކުރަން ބެލި އިރު ޕާކު ކުރެވޭކަށް ނެތެވެ. ފައިސާ ދީގެން އޭނަ އަމިއްލައަށް ހޯދާފައިވާ ޕާކް ކުރާ ޖާގައިގައި މޮޅު ގޮތަކަށް ޕާކުކޮށްލައިގެން ސައިކަލު ތަކެއްގެ މަތީގައި ހަތަރު ފަސް ޅަޒުވާނުން ސިނގިރެޓުތައް ރޯކޮށްގެން ހީނހީނފައި ވާހަކަ ދައްކަން ތިއްބެެވެ. ކާރުން ފައިބައިގެން އެމީހުންނާ ބަހުސްކޮށްގެން އެތަނުން ދުރުކުރާހިތްވާ ކަހަލަ މިޒާޖެއް ނެތުމުން އަނެއްކާ ކުރިއަށް ދުއްވާލިއެވެ. އަދި ތަންކޮޅަކަށް ދުއްވާލާފައި ކާރު ޕާކުކޮށްލިއެވެ. އަދި ފޯނު ނަގާފައި ފައިހާ އަށް މެސެޖްކޮށްލިއެވެ. "ތައްޔާރުވެއްޖެތަ؟ ގެ ކައިރީގަ ޕާކްކުރާނެ ޖާގައެއް ނެތިގެން ތަންކޮޅެއް ދުރުގަ ގޯޅި ކައިރީ ޕާކް ކޮށްގެން މިއޮތީ." ވަގުތުން ފައިހާ ގެ ޖަވާބުއައެވެ. "މައްސަލައެއް ނެތް. ދޮރު ކައިރީގަ މިހިރީ. ކާރު އޮތް ހިސާބަށް މި އަންނަނީ." ފޯނުގެ ޗާޖު ހުސްވާން ކައިރިވެފައިވާތީ ކާރުގައި ހުރި ޗާޖަރަށް ފޯނު ގުޅާލާފައި ކާރުގެ އަރިމަތީ ލޯގަނޑުން ރުބީން ފަހަތަށް ބަލައިލިއެވެ.
ވަގުތަކީ އެ މަގުގައި ދުއްވާ އެއްޗެހި އާދަޔާ ޚިލާފަށް މަދު ވަގުތަކަށް ވުމާއެކު މަގުގެ ކޮޅާ ހަމައަށް އެއްކޮށް ފެންނަން އޮތެވެ. އެ މަންޒަރު ފެނުމުން އޭނަ ހަނދާންވީ ފައިހާގެ ވައިބަރ އަދި ފޭސްބުކް އަށް ލާފައި ހުންނަ ފޮޓޯއެވެ. ދާދި ފަހުން އެ މަގުގައި ހަރުކޮށްފައި ހުރި އޮރެންޖު ކުލައިގެ ބޮކިތަކުގެ އަލީގައި ވާރެއިން ތެމިފައިވާ މަގުމަތި ފެންނަލެއް ޙަޤީޤަތުގައިވެސް ވަރަށް ހިތްގައިމެެވެ. މި ޚިޔާލުގައި ހުއްޓާ ކާރާ ދިމާއަށް ފައިހާ ހިނގަމުން އަންނަ ތަން ފެނުނެވެ. މަޑު މަޑުން ހިނގަމުން އައި ފައިހާ ލައިގެން ހުރި ގަދަ ނޫކުލައިގެ ހަރު ފޮއްޗަކުން ފަހާފައިވާ ފައިތިލައާ ހަމައަށް އަންނަ ދޫ ހެދުމާއި އެއާއެކު އަޅާފައިވާ އަނދިރި ރަންކުލައިގެ ސްކާފް އޭނައާ ވަރަށް ގުޅެއެވެ. އެ ހެދުމަކީ އޭގެ ކުރިން ރުބީން އަދި ނުދެކޭ ހެދުމެކެވެ. ފެންނާނީ ވެސް ކިހިނެތް ހެއްޔެެވެ. އެ ދެ މީހުންނަށް އެކީގައި ތަންތަނަށް ދާކަށް އަދި މާގިނަ ފުރުޞަތުތަކެއް ލިބުނީއެއް ވެސް ނޫނެވެ. ގޭގައި އުޅޭ އިރު ފައިހާ ލައިގެން އުޅޭތަން އަބަދުވެސް ފެންނަނީ އަތްދިގު ގަދަ ނޫ ކުލައިގެ ނުވަތަ ކަޅު ކުލައިގެ ޓީޝާޓަކާއި ކަޅު ހަރުވާޅުތަކެކެވެ.
ފައިހާ އައިސް ކާރުގެ ދޮރު ހުޅުވާލާފައި ކުރީ ސީޓުގައި އިށީނެވެ. ރުބީން ކާރު ސްޓާޓް ކޮށްލާފައި ދުއްވާލިއެވެ. ތަންކޮޅަކަށް ދުއްވާލެވުނު ތަނާ މުދާތަކެއް ބާލަމުން ދިޔަ ލޮރީ އެއްގެ ފަހަތުގައި ކާރު މަޑުކޮށްލަން ޖެހުނެވެ. އެމީހުންގެ ފަހަތުގައި އިތުރު ކާރެއް މަޑުކޮށްގެން އޮތުމުން ކާރު އަނބުރާލެވޭ ގޮތެއްވެސް ނެތެވެ. ގަޑި ބަލާލުމަށް ފަހު ހަމަޖެހިލާފައި ފައިހާއާ ދިމާއަށް ބަލައިލިއެވެ. މޫނުމަތިން ވަރަށް ހަމަޖެހިލައިގެން ހުރިހެން ހީވިއަސް ފައިހާ މާ ބޮޑަށް ސީދާ ވެގެން އިށީނދެ އިން ގޮތުންނާއި އުނގުގައި އޮތް އަތް ދަބަހުގައި ހިފަހައްޓައިގެން އިން ގޮތުން ފައިހާ ކޮންމެވެސް ކަމަކާ ފިކުރުބޮޑުވެފައި ހުރިކަން ރުބީން އަށް އެނގުނެވެ. ފައިހާ އިނީ ކާރަށް އަރާ އިށީންގޮތަށް ކުރިމަތިން ފެންނަން އޮތް މަގާ ދިމާއަށް ބަލަހައްޓައިގެން ކަމުގައި ވިޔަސް ރުބީން ގެ ނަޒަރު އިޙުސާސް ކުރެވުނީ ކަންނޭނގެއެވެ. ކުޑަކޮށް ކަނާތަށް އެނބުރި ލާފައި ވަށްކަޅިއަކުން ބަލާލިއެވެ. އެއާއެކު ރުބީން ހިނިތުންވެލިއެވެ. ރައްދުގައި ފައިހާ ހިނިތުންވާން މަސައްކަތް ކުރިއަސް މުޅިން ކާމިޔާބު ނުވިތަން ރުބީންއަށް ފެނުނެވެ. "ފައިހާއަށް ބައްޕަ ގުޅިތަ؟" އޭނާގެ ނަޒަރު އަނެއްކާވެސް މަގުމައްޗަށް ހުއްޓާލާފައި ރުބީން ސުވާލުކުރިއެވެ.
"ނޫން." ފައިހާ ކުރުކޮށް ޖަވާބުދިނެވެ. "ފައިހާ ނުގުޅަންތަ ބައްޕައަށް؟" ރުބީން އަނެއްކާވެސް ސުވާލުކުރުމުން ފައިހާ ރުބީން އާ ދިމާލަށް ސުވާލުގެ ނަޒަރަކުން ބެލިއެވެ. "އުހުން. ގުޅިން." ކުރިމަތީގައި އޮތް ލޮރީ އަނެއްކާ ދުއްވާލުމާއެކު ރުބީން ވެސް އަނެއްކާ ކާރު ކުރިއަށް ދުއްވާލިއެވެ. "މިރޭ އަންނަން ބުނީ ކީއްވެކަން ބައްޕަ ބުނިތަ؟ ތާއިބް ތަންކޮޅެއް ކުރިން ދިމާވެގެން ބުނި އެމީހުންވެސް ދާނެ ވާހަކަ. އެންމެންނަށް ދަޢުވަތު ދީފަޔޯ އޮތީ." ރުބީން ވާހަަ ކުރިއަށް ގެންދިޔައެވެ. ފައިހާ އަނެއްކާވެސް ރުބީން އަށް ބަލާލިއެވެ. "ބައްޕަ ބުނީ ވަރަށް ޚާއްޞަ ކަމެކޯ. ގެއަށް ދިޔައިމަ ބުނާނަމޯ. އެންމެންނަށް ކައިރީ އެއްވަގުތަކު އޯ ބުނާނީ." "އެހެންތަ. ދިޔައިމަ އެނގިދާނެތާ"، އަނެއްކާވެސް ހިނިތުންވެލަމުން ރުބީން ބުނެލިއެވެ.
ބައްޕަމެން ގެއާ ހަމައަށް ދިޔަ އިރު ގެ ކައިރި އެއްވެސް ހިސާބެއްގައި ޕާކު ކުރާނެ ތަންކޮޅެއް ނެތެވެ. ދެތިން ބުރު އަޅާލާފައި އެންމެ ފަހުން ވަރަށް ދުރުގައި ރުބީން ކާރު ޕާކުކުރިއެވެ. އެ ރެއަކީ ވިއްސާރަ ނަގާފައި ޖައްވު ފިނިކޮށް އޮތް ވައިގަދަ ރެއަކަށް ވުމާއެކު ރުބީން ގެ އިންތިޒާރުގައި ގޭގެ ދޮޜޯށި ކައިރީ ހުރި އިރު ކާރަށް އެރުމުގެ ކުރިންވެސް އޭނަ ހުރީ ކުޑަކޮށް ފިނިވެފައެވެ. ދެން އަނެއްކާ ކާރަށް އެރި އިރު ކާރު ވެސް ހުރީ އެހާ ފިނިގަދަ ކޮށްފައެވެ. އަދި ރުބީން ފެނުމާއެކު ހެނދުނުއްސުރެ ހިތުގައި އުފެދިފައިވާ ގޮތް ނޭނގޭ ނުތަނަވަސްކަން ސިކުނޑީގައި އަނެއްކާ ވެސް ބުރު ޖަހަން ފެށުމުން ހިތަށް ބިރުވެރިކަން ވެރިވެ ހަށިގަނޑު އިތުރަށް ފިނިވެގެން ދިޔައެވެ. އެކަމަކުވެސް ފިނި މަޑުކުރަން ބުނަން ބޭނުން ނުވެފައި ހުރީއެވެ. އެހެންވެ ކާރުން ފޭބި އިރު ފައިހާ ހުރީ ވަރަށް ބޮޑަށް ފިނިވެފައެވެ. ރުބީން ކާރުން ފައިބާފައި ކާރު ތަޅުލިއަޑު އިވުމުން ފައިހާ ހިނގަން ފެށިއެވެ. އޭރު ވަރަށް ތުނި ތުނިކޮށް ވާރޭ ވެހުމާއެކު ބާރަށް ވައިޖެހެއެވެ. ފިނިވެގެން ގޮސް ދެއަތުން ގައިގަ ބާރަށް ހިފަހައްޓާލައިގެން ހުރި ފައިހާ ސިއްސައިގެން ދިޔައީ ރުބީން އޭނާގެ ވަށައިގެން އެއް އަތުން ހިފަހައްޓާލާފައި ގަޔާއި ކައިރި ކޮށްލުމުންނެވެ. ބޭއިޚްތިޔާރުގައި ރުބީން ގެ މޫނަށް ބަލާލެވުނެވެ. ރުބީން ގެ ޖަވާބަކަށްވީ ސުވާލުކުރާހެން ދެބުމަ ހިއްލާލާފައި ކުޑަކޮށް ހިނިތުންވެލުމެވެ. "އެހާ ފިނި ވީއިރު ކީއްވެ އޭސީ މަޑުކުރަން ނުބުނީ؟" "ކާރަށް އެރިއިރު އެހާ ފިންޏެއް ނުވޭ. ދެން ލަސްނުވެ ފައިބަން ޖެހޭނެތީ އަޅާނުލީ." ފައިހާ ފިކުރުބޮޑު ވެފައި ހުރި ކަން އަދިވެސް ފޮރުވަން މަސައްކަތް ކުރަމުން ބުންޏެވެ. "ފައިހާ އާއްމުކޮށް އަބަދުވެސް ހޫނުވެގެން އުޅޭތީ އެހާ ފިނިކޮށް ބެހެއްޓީވެސް. ބައެއް ކަންތައްތައް މީހަކު ނުބުންޏަސް ދެނެގަނެވިދާނެ. އެކަމަކު ބައެއް ކަންތައްތައް މީހަކު ނުބުނަންޏާ ނޭނގޭނެ. އެކަހަލަ ކަންތައް ގިނަފަހަރަށް އެނގޭނީ ވަގުތު ފާއިތުވާ ފަހުން. މީހުންނާ އެކީ އުޅޭއިރު ކަންތައްތަކާ ބެހޭގޮތުން އެ ބަޔަކާ ވާހަކަ ދައްކަން ޖެހޭނެ. އެއްބަޔަކު އަނެއް ބަޔެއްގެ ޚިޔާލުތައް ނޭނގެންޏާ އުޅޭ މާޙައުލަކީ ހިތްހަމަނުޖެހޭ ތަނަކަށް ވެގެން ދިއުން ވަރަށް ގާތް." ރުބީން ދުރު ބަލަހައްޓައިގެން ހުރެ ބުންޏެވެ. ފައިހާ އެކައްޗެކޭވެސް ނުބުނެ ހިންގަމުން ދިޔައެވެ.
މަގުމަތިން ދެމީހުން ހިނގަމުން ދިޔަ އިރު ދަންނަ މީހުންނާ ނުދަންނަ މީހުންގެ ލޯތައް ވެސް އެދެމީހުންނަށް އަމާޒުވަމުން ދިޔަކަން ފައިހާއަށް ފާހަގަ ވިއެވެ. ރުބީން އޭނަގެ ގައިގަ ހިފަހައްޓައިގެން ހުރުމުން ފިނިކަން ކުޑަކޮށް ރަނގަޅުވިޔަސް މީހުން ބަލާ ވަރުން އޭނައަށް އުނދަގޫ ވިއެވެ. ފައިހާއަށް ދަސްވެފައިވާ އެއް ފިލާވަޅަކީ މާ ގިނަ މީހުންގެ ނަޒަރު މީހެއްގެ މައްޗަށް ހުއްޓިއްޖެއްޔާ ތަފާތު އެތަކެއް ސަަބަބުތަކެއް މެދުވެރިވެގެން އެމީހަކަށް އުނދަގޫތަކާއި ނުރައްކާތައް ދިމާވުން ވަރަށް ކައިރިކަމެވެ. "ރުބީން! އެންމެ ފަހުން ދެމަފިރިކަނބަލުންނާ މިއޮތީ ދިމާވެފައެއްނު!" ފަހަތުން އައިސް ރުބީން ގެ ކޮނޑުގައި މީހަކު ޖަހާލުމާއެކު ރުބީން އެނބުރުނު އިރު ކައިރީގައި ހުރީ މިދިޔަ އަހަރު އިންޑިއާއިން އޭނައާ ދިމާވެ ގާތް ރަޙުމަތްތެރިކަމެއް އުފެދުނު އިންޑިއާގައި ކިޔަވަން ހުރި ޒުވާނެކެވެ. "އޭ! ނާއިލް! ބަލަ އަންގާވެސް ނުލަމެއްނު އަންނަ ވާހަކައެއް!؟" ވަރަށް އުފާވެފައި ރުބީން ނާއިލް އާ ސަލާން ކުރިއެވެ. "އަންގާނީ ކިހިނެތް؟ މިހިރަ މާޝާ މަ ގެނައީ ހަމަ ގާތްގަނޑަކަށް ކިޑްނެޕް ކުރުވައިގެން. މި މަންޖެ އެނިވަރސަރީ ފާހަގަކުރަން ހަދައިގެން މަގޭ ދުވަސް ނުދިޔައީ ކިރިޔާ." ހިނިގަނޑެއް ޖަހާލާފައި ނާއިލް ބުނެދިނެވެ. "ސާބަސް. މި ނާއިލް ކޮންމެ ވާހަކައެއް ކިޔައިދޭނީ ފޮނިތޮށި ކާފޫރުތޮޅި އަޅައިގެން. ނާއިލް އަށް ނާންގާ ދޮންބެމެންނާއެކު މިކޮޅަށް ގެނައިމަ އެ ބުނީ ކިޑްނެޕް ކުރުވީޔޯ. މިހާރު ރުބީން ހިތަށް އާރާނެއްނު މަ މީ ހާދަ ޒީލަގަދަ އަންހެނެކޭ." ނާއިލް ކައިރީގަ ހުރި ރީތި އަންހެން ކުއްޖާއަށް ފައިހާ ބަލާލިއެވެ. އެއީ އޭނަ ވަރަށް ދެކެފަރިތަ މޫނެކެވެ. ކުޑަކޮށް ވިސްނާލުމުން ކުޑަ އިރު ޓީވީ ޕްރޮގްރާމް ހުށަހަޅަން އުޅުނު ކުއްޖެއްކަން އެނގުނެވެ. މާޝާގެ ވާހަކައަށް ރުބީން ވެސް ހިނިއައިސްފައި ޖަވާބު ދިނެވެ. "ނޫނޭ. އެއްގޮތަކަށް ވެސް އެހެން ހިތަކަށް ނާރާ. މަށަށް ނާއިލް އެނގެއެއްނު. އޭ އޭނަ މާބޮޑަށް ތި ކިޑްނެޕް ކަންތަކާ އުފާވެފަ ހުރީމަ. ލޯބިވާވަރު ބޮޑީ."
"މާބޮޑަށް ލޯބިވާ ނަން ލިބުނީ މަށަށް. މިހާރުވެސް ބަލާލަބަލަ ވައިފް ހިފަހައްޓާލައިގެން ހުރިލެއް. މިހުރިހާ އިރެއް ވާހަކައިގަ ތިބި އިރު އަދިވެސް ދޫކޮށެއްނުލާ. ދެމީހުން ހީވަނީ އަދިވެސް ހަނީމޫންގަ އުޅޭހެން."
"އަދިވެސް ހަނީމޫންގައޭ ދޯ ފައިހާ." ރުބީން ފައިހާއާ ހަތަރުކަޅި ހަމަކޮށްލާފައި ބުންޏެވެ.
ފައިހާ އަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ހެނދުނުއްސުރެ އޭނަގެ ސިކުނޑީގައި އެނބުރެމުން އައީ ރުބީން އޭނަ ދޫކޮށްލަން އުޅޭ ކަމުގެ ޚިޔާލުތަކެވެ. މިރޭ ކުއްލިއަކަށް ރުބީން އެހާ ތަފާތުކޮށް އުޅެން ފެށުމުން އޭނަ ހުރީ ވާނުވާ ނޭނގި ސުވާލުތަކެއްގެ ތެރޭގައެވެ. އެންމެ ފަހުން ޖަވާބުގައި ހަމައެކަނި ހިނިތުންވެލިއެވެ.
–ނުނިމޭ -