ރޭގެ ޖަލްސާއިން ދޭހަވީ ތިން ކަމަކަށް ރައްޔިތުން ނޫނެކޭ ބުނެފިކަން: ޑރ. ޖަމީލް

ޕީޕީއެމް/ޕީއެންސީން ރޭ ބޭއްވި "މަގޭ ރާއްޖެ" ކެމްޕޭން އިފްތިތާހު ކުރުމުގެ ޖަލްސާއިން ދޭހަވެގެންދިޔައީ ތިންކަމަކަށް ރައްޔިތުން ނޫނެކޭ ބުނެފިކަން، ކަމަށް ކުރީގެ ނާއިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުން ނޫނެކޭ ބުނެފައިވަނީ އިސްލާމްދީނާއި މިނިވަންކަން ގޮންޖެހުމާއި، އާންމުވަމުންދާ ކޮރަޕްޝަންގެ އަމަލުތަކަށާއި، ރައީސް ނަޝީދުގެ ސިޔާސަތު ތަކަށް ކަމަށް ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

ރޭގެ ޖަލްސާއަށް ވަރަށްގިނަ މީހުން ހާޒިރުވެފައިވެއެވެ. އެޖަލްސާގައި ވަނީ ލޯކަލްކައުންސިލް އިންތިޚާބުގައި ރާއްޖޭގެ ބައެއް ރަށްރަށުގެ ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލައިފައިވާ ބައެއް ކެންޑިޑޭޓުން ވާހަކަ ދައްކަވައިފައެވެ. އަދި ޕީޕީއެމާއި ޕީއެންސީގެ ލީޑަރޝިޕުގެ ބޭފުޅުން ވެސް މިޖަލްސާގައި ވަނީ ވާހަކަ ދައްކަވައިފައެވެ.

ކާނިވާ ސަރައްހަދުގައި ބޭއްވި އެޖަލްސާއިން ރޭ ފެނިގެންދިޔައީ ރައީސް ޔަމީނާއި ޕީޕީއެމް ސަރުކާރުގެ އިޚުލާސްތެރި މަސައްކަތް ރައްޔިތުން ބަލައިގެންފައިވާކަން ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލަކީ ކުރިން ރައީސް ޔާމީނަށް ވަރަށްބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި ބޭފުޅެކެވެ. އެހެންނަމަވެސް އެމަނިކުފާނު މިހާރުވަނީ ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމާގުޅިގެން މަސައްކަތް ކުރައްވަން ފަށްޓަވައިފައެވެ. އެފަހުން އެމަނިކުފާނު ގެންދަވަނީ ރައީސް ޔާމީންގެ ދިފާޢުގައި ވާހަކަ ދައްކަވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.