ޑުރަގު ކޯޓަށް އިތުބާރުކޮށްގެން ނުތިބެ، ޓެކްސީ ޑްރައިވަރު ޤާސިމް ޙަސަންގެ މަރުން ފިލާވަޅު ލިބިގަނެ މި ނިޒާމް އަލުން މުރާޖަޢާ ކުރަންޖެހޭ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެ ޓްވީޓެއް ކުރައްވާފައިވަނީ ޤާސިމް މަރާލި މީހާ އެކަންކުރިއިރު މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވާ ކަމަށް ފުލުހުން އިއްޔެ ވިދާޅުވުމުންނެވެ.
ޖަމީލް ވިދާޅުވެފައިވަނީ އެންމެ ނުރައްކާތެރި ކުށްތަކަށް އަރައިގަންނަނީ މަސްތުވާތަކެތި ބޭނުން ކުރާ މީހުން ކަމަށެވެ. ޤާސިމުގެ ގާތިލު އަދުހަމް ބުނެފައިވަނީ އޭނާގެ ގަސްތަކީ ޤާސިމު މެރުމެއްނޫން ކަމަށެވެ. އެހެންނަމަވެސް އޭނާ ބޭނުންވީ ވަޅިން ބިރުދައްކައިގެން ޤާސިމް އަތުން ފޭރުން ކަމަށް ތަޙުގީގުގައި އޭނާ ބުނެފައިވާ ކަމަށް ފުލުހުން އިއްޔެ ވިދާޅުވިއެވެ. އެހެންނަމަވެސް ޤާސިމަށް ބިރު ދައްކައިގެން ފޭރެން އުޅުމުން އޭނާ ހަޅޭއްލަވަން ފެށުމުން އެކިގޮތްގޮތުން މަސައްކަތްކޮށް އެކަން ނުހުއްޓުވުމުން އެއްފަހަރު ވަޅިން އޭނާގެ ކަރަށް ހަމަލާދިން ކަމަށް އަދުހަމް ބުނެފައިވާ ކަމަށް ފުލުހުން އިއްޔެ މަޢުލޫމާތު ދެއްވިއެވެ.
ޑޮކްޓަރ ޖަމީލް މިއަދު ކުރައްވާފައިވާ ޓުވީޓުގައި ވިދާޅުވެފައިވަނީ މަސްތުވެފައިވާ މީހުން މަގުމަތީގައި ހިނގައި ނުގަނެވިފައި އެބަތިބި ކަމަށާއި، އެންމެ ނުރައްކާތެރި ކުށްތަކަށް އަރައިގަންނަނީ ވެސް އެމީހުން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
"މަސްތުވެފައި ތިބޭ މީހުން މަގުމަތީ ހިނގައިނުގަނެވިފައި. އެންމެ ނުރައްކާތެރި ކުށްތަކަށް އަރައިގަންނަނީ އެ މީހުން. އަދިވެސް ޑްރަގް ކޯޓަށް އިތުބާރުކޮށްގެން ތިބެންވީތޯ؟" ޑޮކްޓަރ ޖަމީލް ވިދާޅުވެފައިވެއެވެ.