އިހުތިޖާޖު ކުރުުމުގެ ޙައްގުތައް ހޯއްދައިދިން ކަމަށް ބުނާ ފަރާތްތަކުން މިހާރު އުޅެނީ ބިރުން ކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު މަޖިލީގެ ރައީސް މުޙައްމަދު ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ޑރ. ޖަމީލް ފާޑުވިދާޅުވެ ޓުވީޓު ކުރެއްވީ ރައީސް ޢަބްދުﷲ ޔާމީން ދޫކޮށްލުމަށް އެދި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީޕީއެމް/ޕީއެންސީ މެމްބަރުން އަޑުގަދަ ކުރަން ފެށުމުން އެމީހުންގެ ނަން އިވައި ބޭރު ކުރުމުންނެވެ. އެމީހުންގެ ނަން އިއްވައި ބޭރުކުރީ ވޯޓަށް އެހުމުގެ ވަގުތުގައި އަޑުގަދަކުރަން ފެށުމުންނެވެ.
ޑރ. ޖަމީލް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ޚުދުމުޚުތާރުކަން ދައްކާ ކަމަށް ވިދާޅުވި ފަރާތްތަކުގެ ރިޔާސަތުގައި ވެސް ފެންނަމުންދަނީ ޚުދުމުޚުތާރުކަން ކަމަށެވެ.
މިއަދުގެ ޖަލްސާގައި ވޯޓަށް އައްސަވަން ރިޔާސަތުން ނިންމެވިއިރު މެމްބަރުންގެ ހެޑްފޯނުތަކުން އަޑު ނީވޭތީ ރިޔާސަތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މެމްބަރުންގެ ހެޑްފޯނު ތަކަށް އަޑު ނާންނާތީ، އިހުތިޖާޖުކުރާ މެމެމްބަރުން ނެރެފައި ނޫނީ ވޯޓަށް އެހެން ނެތްކަމަށެވެ.
އެގޮތަށް އިޢުލާން ކުރެއްވުމަށްފަހު ރިޔާސަތުން ފުރަތަމަ އިއްވީ ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމްގެ ނަމެވެ. އެއަށްފަހު ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނުގެ ނަމެވެ. އެއަށްފަހު ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދު ލަތީފާއި ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދުގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކުރިއެވެ. ޑރ. ޖަމީލް ވިދާޅުވެފައިވަނީ މިއީ ޑިމޮކްރަސީގެ ލޭބަލަށްވެސް ހުތުރު ކަމެއް ކަމަށެވެ.
ރައީސް ނަޝީދު އެގޮތަށް ޢަމަލު ކުރެއްވުމުން ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ "މަޖިލީހުގެ ރިޔާސަތުން ޚުދުމުޚްތާރުކަން ދެއްކި ކަމަށް ބުނި ފަރާތްތަކުގެ ރިޔާސަތުގައިވެސް މިފެންނަނީ ހަމަ އެ މަންޒަރު. ބާރު ލިބުމުން ފުދިގެން އަޑުއަހާލަންވެސް ނުކުރޭ. އިޙްތިޖާޖު ކުރުމުގެ ޙައްޤު ހޯދައިދިން ކަމަށް ބުނާ ފަރާތްތަކުން އުޅެނީ ބިރުން. ޑިމޮކްރަސީގެ ލޭބަލް އަށްވެސް ހުތުރު،" ކަމަށެވެ.