"ފައިހާ؟" ގެއަށް އައިސް ވަންނަން ދޮރު ހުޅުވާލުމާއެކު ރުބީން އޭނަގެ އަނބިމީހާއަށް ގޮވާލިއެވެ. "އާނ." އެތެރޭން ފައިހާގެ އަޑު އިވުނެވެ. ބޫޓު ބާލާފައި ގޭތެރެއަށް ވަތް އިރު ފައިހާ އިނީ ސޯފާގައި ހުރި ހުރިހާ ބާލީހެއް އޭނަގެ ވަށާ އަތުރާލައިގެން ދެފައި ވަށްކޮށްލައިގެން އިށީނދެ ޓީވީ އިން ދައްކަމުން ދިޔަ ހިންދީ ޑްރާމާއެއް ބަލާށެވެ. "ހިނގާ ކާން ދާން." ޖެހިގެން އިން ސޯފާގައި އައިސް އިށީންނަމުން ރުބީން ބުނެލިއެވެ. "އާނ މިދަނީ." ޓީވީން ކަޅިނައްޓާނުލާ ފައިހާ ބުންޏެވެ. ފައިހާ އިނީ ޓީވީގެ ތެރެއަށް ގެއްލިފައެވެ. ސްކްރީނުން ފެންނަމުން ދިޔަ އަންހެނަކާ ފިރިހެނަކު އެކަކު އަނެކަކާ ދިމާއަށް ހަޅޭއްލަވަމުން ދިޔައިރު ދޮލަނގުތަކެއްގައި ދަގަނޑު ބުރިއަކުން ތެޅީމާ ކިޔާ އަޑުފަށްގަނޑެއް މެދުނުކެނޑި އިވެމުން ދިޔައެވެ. ރުބީން ކުޑަ އިރުކޮޅަކު މި މަންޒަރު ބަލަން އިށީނދެލައިގެން އިނެވެ. އެހެން އިނދެ ގަމީހުގެ އަތުކުރީގެ ގޮށްތައް ނައްޓާލާފައި ކަރުގަ އޮތް ޓައީގެ ގޮށް މޮހާލުމަށްފަހު ޓައީ ނައްޓާލާފައި ސޯފާގައި ބޭއްވިއެވެ. އަދި ގަމީހުގެ ގިރުވާނުގެ ގޮށާއި އެއާ ޖެހިގެން ހުރި ދެގޮށްވެސް ނައްޓާލިއެވެ. އެއަށް ފަހު އިރުކޮޅަކު ފައިހާ އާ ދިމާއަށް ބަލަހައްޓައިގެން ހުރުމަށްފަހު ކުޑަކޮށް ބޯހޫރާލާފައި ލައިގެން އިން އިސްޓާކީނު ބޭލުމަށްފަހު އެއާ ޓައީއާ ހިފައިގެން ތެދުވެއްޖެއެވެ. އަދި ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
ކޮޓަރިއަށް ވަދެ ޓައީއާ އިސްޓަކީނު ދޮންނަ އެއްޗެހި އަޅާ ވަށިގަނޑަށް ވައްޓާލިއެވެ. ގަމީސް ބޭލުމަށްފަހު އެވެސް ވަށިގަނޑަށް ލިއެވެ. ދެން ތުވާލި އުނަގަނޑުގައި އޮޅާލާފައި ލައިގެން ހުރެ ފަޓުލޫނު ބޭލުމަށްފަހު އޭގައި އިން ބެލްޓު ނައްޓާލާފައި ފަޓުލޫނުވެސް ވަށިގަނޑަށް ވައްޓާލިއެވެ.
ރުބީން ފާޚާނާއަށް ވަދެ ފެންވަރާލައިގެން ނިކުމެ ޖަރޒީ އަކާ ދިގު ސޯޓެއް ލައިގެން ތައްޔާރުވެ ނިމުނު އިރުވެސް ފައިހާގެ ޚަބަރެއް ނުވެއެވެ. ރުބީން މާނޭވާއެއް ލިއެވެ. އަދި ބަދިގެއަށް ވަދެ ކާން ހުރި އެއްޗެއް ބަލާލަން ތެލިތަކުގެ މަތި ނަގައި ބަލަންފެށިއެވެ. ހެނދުނު ފައިހާ ހަދާފައި ހުރި ކުޅިމަސްކޮޅުން ކުޑަ އެތިކޮޅެއް ތެލީގެ ފުލުގައި އޮތެވެ. ކުޑަ ރިހަފޮދެއް ވެސް ތެއްޔެއްގައި ހުއްޓެވެ. ސްޓީމްކޮށްފައި ހުރި ތަރުކާރީ ކޮޅު ހުރީ ހުސްވެފައެވެ. ރޮއްޓެއް ވެސް ނެތެވެ. ރުބީން ގޮސް ޕާން އަޅާ ވަށިގަނޑު ބަލަައިލިއެވެ. ނަސީބަކުން ހަ ފޮތި ޕާން އޭގައި އޮތެވެ. ތެލި ކަހާލައިގެން ކުޅިމަސްކޮޅު ތަށްޓަކަށް އެޅިއެވެ. އަދި ދެ ފޮތި ޕާން ނަގައި ތަށީގެ އެއްކައިރީގައި ބެހެއްޓިއެވެ.
ކާ މޭޒުމަތީގައި ތަށި ބެހެއްޓުމަށްފަހު މޭވާ ވަށިގަނޑުން ދެވަށް ދޮންކެޔޮ ނަގާފައި ތަށި ކައިރީގައި ބޭއްވިއެވެ. ދެން ގޮސް ކޮފީ ތައްޓެއް ހަދަން ފެށިއެވެ. ބޭރުން ދޮލަނގު ތަޅާ އަޑުފައްގަނޑު އަދިވެސް މެދުނުކެނޑި އިވެމުން ދިޔައެވެ. ފައިހާ އިންނާނީ އަދިވެސް ޓީވީ އަށް ގެއްލިފައެވެ. އޭނަ އޮފީހުން އަންނަ ގަޑިއަކީ ފައިހާ އެންމެ ބަލާހިތްވާ ޑްރާމާ ދައްކާ ގަޑިއެވެ. ރުބީން އަށް ބަނޑުހައިވެގެން ކެތްކުރެވޭ ވަރު ނުވާތީ އައިސް އެވަގުތު ހުރިއެއްޗެއް ކާލަނީއެވެ. އެއްޗެއް ނެތިއްޔާ އެއްބައި ފަހަރު އަމިއްލަ އަށް ނޫޑްލްސް ނޫނީ ޕާސްތާ ކައްކާލައިގެން ވެސް ކައެވެ. ނޫނީ މަސްދަޅު ހުރިއްޔާ ސޭންޑްވިޗެއް ހަދާލައިގެން ކާލައެވެ. އަދި ބައެއް ފަހަރު ތިރީގައި ހުންނަ މޭވާ ފިހާރައިން މޭވާކޮޅެއް ގަނެލައިގެން މޭވާކޮޅަކާ ކޮފީ ތައްޓަކުން ފުއްދާލައެވެ. އޭނަ އަމިއްލައަސް މިގޮތަށް އެއްޗެއް ހަދަންޏާ ނޫނީ ކައްކަންޏާ އަބަދުވެސް ފައިހާ އަށް ވާވަރަށް ކާއެއްޗެހި ބަހައްޓައެވެ. ކޮންމެ ރެއަކުވެސް އޭނައާ އެކީގަ ކާން އަންނަން ފައިހާއަށް ގޮވައެވެ. ފައިހާ މިއަންނަނީ އޭ ބުނުމުން އޭނާ ފަސް ވަރަކަށް މިނެޓް މަޑުކުރާނެއެވެ. ނަމަވެސް ބަނޑުހައިވެގެން ހާންތިވެފައި ހުންނާތީ ފައިހާގެޚަބަރެއް ނުވުމުން އޭނަ ކާން ފަށައެވެ. ގިނަ ދުވަހު ފައިހާ ބަލަން އިންނަ ޑްރާމާ ނިމިގެން ބަދިގެއަށް އަންނަނީ ރުބީން ކައިނިމިގެން ކޮޓަރިއަށް ވެސް ދާފަހުންނެވެ.
މިއީ ދެމީހުން ކައިވެނި ކުރިތާ ދެ މަސް ވާން ގާތްވެފައިވީ އިރު ބަދަލުވެފައިނުވާ އާދައެކެވެ. ހަފްތާގެ ބަންދު ދެ ދުވަސް ނޫން ކޮންމެ ދުވަހަކު ރޭގަނޑުގެ ކެއުން ދަނީ މިގޮތަށެވެ.
މިރޭވެސް ރުބީން ހުރެ ހުރެ ފައިހާ ނައުމުން ކައިނިމިގެން ގޮސް ކޮޓަރީގައި ޖައްސާލިއެވެ. ބައެއް ފަހަރު ފައިހާ ކައިރީގައި ސިޓިންގރޫމް ސޯފާގައި އޮންނަން ދާން ހިތަށް އަރައެވެ. އެކަމަކު އެތާގައި އޮތަކަސް ފައިހާއަށް އޭނާ ހުރުމެކޭ ނެތުމެކޭ އެއްވަރުވެފައި ޓީވީން ކިޔާ އަޑުފަށްގަނޑާ ހެދި ބޮލުގައި ރިހުން ނޫންކަމެއް ނުވާނެތީ ކޮންމެ ރެއަކުވެސް ކޮޓަރިއަށް ދަނީއެވެ.
އެނދުގައި އޮށޯވެ އޮވެ ރުބީން އިރުކޮޅަކު ފަންކާއާ ދިމާއަށް ބަލަހައްޓައިގެން އޮތުމަށްފަހު ދެލޯ މަރާލިއެވެ.
ރުބީންއާ ފައިހާގެ ކައިވެންޏަކީ އެދެމީހުންގެ ބައްޕަމެންގެ އެދުމުގެ މަތިން ދެ މީހުން އެ ކައިވެންޏަށް އެއްބަސްވެ ކުރެވުނު ކައިވެންޏެކެވެ. ރުބީން އިތުބާރުކުރީ އޭނަގެ ބައްޕަގެ ބަހަށެވެ. ރުބީންގެ މަންމަ އާ ބައްޕައަށް ވުރެ ބޮޑަށް އޭނަ އިތުބާރު ކުރާ އެއްވެސް ބަޔަކު ނުތިބޭނެއެވެ. އެހެންވެ އޭނަގެ ބައްޕަގެ ގާތް ރަޙްމަތްތެރިއެއް ކަމުގައިވާ ޙަމީދުގެ އަންހެން ދަރިފުޅާ ކައިވެނި ކުރުމަށް އެދުމުން ރުބީން ވަގުތުން އެއްބަސް ވިއެވެ. އޭރު ފައިހާއަކީ ހަމައެކަނި ރުބީން އަށް އިވިފައިވާ ނަމެކެވެ. އޭނައަށް ފައިހާ އާ ބެހޭގޮތުން އިނގޭހާވެސް އެއްޗަކީ ފައިހާ އަކީ ޙަމީދުގެ ފަސް ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާ ކަމެވެ. އޭނައަށް ވުރެ ހަތް އަހަރު ކުޑަކަމެވެ. އަދި އެއީ މުއްސަނދި، ނުފޫޒުގަދަ ޢާއިލާއެއްގެ ކުއްޖެއް ކަމެވެ. އޭރަކު އޭނައަކަށް ފައިހާގެ މިޒާޖާ ސުލޫކު ގެ އެއްވެސް ތަޖުރިބާއެއް ނެތެވެ.
ރުބީން އެ ކައިވެންޏަށް އެއްބަސް ވުމުން ޙިލްމީ ވަރަށް އުފާކުރިއެވެ. އޭނަ ދުވަހަކުވެސް ދަރިފުޅުގެ ކިބައިން ކަމަކަށް ނޭދި ހުރެފައި ކުއްލިއަކަށް އެހާ ބޮޑު ކަމެއް ކުރުމަށް އެދުމުން ވެސް ފަސް ޖެހުމެއް ނެތި އެކަމަށް ދަރިފުޅު އެއްބަސްވުމުން ބުނެދޭން ނޭނގޭ ވަރުގެ ބޮޑު އުފަލެއް ލިބުނެވެ. އޭނަގެ އަންހެނުން، އާސިޔާ ކައިރީ އެވާހަކަ ބުނުމުން އާސިޔާ ހީލާފައި ބުނީ އެއީ ޙިލްމީ ދެއްކި ތެދުވެރިކަމާއި ދެގޮތެއް ނުވާ އޯގާތެރިކަމުގެ ނަމޫނާގެ ސަބަބުން އެމީހުންގެ ދަރިފުޅު އެމީހުންނަށް ކުރާ އިތުބާރުގެ ނަތީޖާ ކަމަށެވެ.
މީގެ ވިހި އަހަރު ކުރިން ވިޔަފާރިވެރިންނާއެކު ސަރުކާރު އޮފީސްތަކުން ބޭއްވި ޖަލްސާއެއްގެ ފުރަތަމަ ފަހަރަށް ޙަމީދުއާ ޙިލްމީ ދިމާވުމާއެކު ދެމީހުންގެ ހިތުގައި އެކަކު އަނެކެއްގެ މައްޗަށް އިޙުތިރާމާއި ރަޙުމަތްތެރިކަން އުފެދުނެވެ. ފައިހާ އުފަންވީ އޭގެ ދެ އަހަރު ފަހުން ކަމަށްވާތީ އޭނަގެ ނަން ދޭތެރެ ދޭތެރެއިން ދެމީހުން ދިމާވާއިރު ޙަމީދުގެ ވާހަކަތަކުން އިވެއެވެ. ޙަމީދާއި ޙިލްމީއާ ދެމީހުންނަކީ ވެސް ބޭނުމެއްނެތި އެހާ ގިނައިން ވާހަކަ ދައްކާ މީހުންނަށް ނުވާތީ ޒާތީ ދިރިއުޅުމާ ދަރިންނާ ބެހޭގޮތުން އަބަދުވެސް އިވެނީ ކުދި ކުދި ވާހަކަތަކެވެ. ނަމަވެސް ޙިލްމީގެ ކިބައިން ފައިހާއާ ރުބީންގެ ކައިވެނި ހަމަޖައްސައިދިނުމަށް އެދުނު ދުވަހު އެންމެ ފުރަތަމަ ވަރަށް ތަފްޞީލްކޮށް އޭނަގެ ޢާއިލާއާއި ފައިހާގެ މިޒާޖާ ބެހޭގޮތުން ޙަމީދު އޭނައަށް ކިޔައި ދިނެވެ.
ފައިހާގެ ޢާއިލާގެ ސަބަބުންނާއި އޭނަގެ ރީތި ކަމުގެ ސަބަބުން އޭނައާ ދިމާއަށް ލޯ އަޅައިގެން، ކުޑަ ދުވަސްކޮޅެއްގެ އުފަލާއި ފައިސާ އާ މަޝްހޫރުކަމާ ނުފޫޒު ހޯދުމުގެ ނިޔަތުގައި ތިބި އެތައް ބަޔަކު ތިބިކަން ޙަމީދަށް ރަނގަޅަށް އެނގެއެވެ. އަދި ފައިހާ އަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ހުރެވޭނެ ޤާބިލްކަން ހުރި ކުއްޖަކަށް ވިޔަސް އޭނަގެ ކިބައިގައި ހުންނަ މީހުންނަށް ފަސޭހައިން އިތުބާރުކުރާ ގޮތާއި މައުސޫމު ކަމުގެ ސަބަބުން އެފަދަ ނުބައި ނިޔަތެއްގައި އޭނައާ ކައިވެނި ކުރަން އެދޭ މީހެއްގެ މައްޗަށް އޭނަގެ ހިތް ލެނބި އޭނަގެ ޙަޔާތް ބަރުބާދުވެދާނެކަމުގެ ބިރު ޙަމީދުގެ ހިތުގައި އޮވެއެވެ. ވަކިން ޚާއްޞަކޮށް އޭނަގެ އެންމެ ދޮށީ ދެ ކުދިންގެ ކައިވެނި ވެސް އެމީހުންގެ ފިރިންގެ އަނިޔާގެ ސަބަބުން ރޫޅި އެކުދިން ކުރި ހިތާމަ ދާދި ފަހުން ދެކެފައިވާތީ ފައިހާއަށް އެފަދަ ގޮތެއް ވިޔަ ނުދިނުމަށް ޙަމީދު ވަނީ ޢަޒުމު ކަނޑައަޅާފައެވެ.
ފައިހާގެ ކިބައިގައި ރުޅިގަދަކަމާއި ކަންނެތްކަމާއި ކަންކަމާމެދު ފަރުވާކުޑަ ކުރުމާއި އަޅާލުން ކުޑަވުން ފަދަ އުނި ސިފަތަކެއް ހުއްޓަސް އޭނައަށް އެކަންތައްތަކުން އަރައިގަންނަން ޖެހޭނެކަން ވިސްނޭ ދުވަހަކުން ޙަމީދު އަމިއްލައަށް އޭނައަށް ދަސްކޮށްދީފައިވާ ދިރިއުޅުމަށް ބޭނުންވާ އެކިއެކި ހުނަރުތައް ބޭނުންކޮށްގެން އެކަންތަކުން އަރައިގަންނާނެ ކަމުގެ އުއްމީދު ޙަމީދުގެ ހިތުގައި އޮވެއެވެ. ނަމަވެސް އޯގާތެރިކަމެއް ނެތް ފިރިއަކާ ދިމާވެއްޖިއްޔާ ފައިހާގެ ހުރި އުނިކަންތަކުގެ ސަބަބުން އެކައިވެންޏަކާއި އެތައް ބައެއްގެ ދިރިއުޅުން ވިހަވުމަކީ ނުވުމަށްވުރެ ވުން ގާތްގޮތްކަން އޭނައަށް ވިސްނެއެވެ. ރުބީން އަކީ އޭނަގެ ރަޙްމަތްތެރިޔާގެ ޝަޚުޞިއްޔަތާ އެއްފަދަ އޯގާތެރި ޝަޚުޞިއްޔަތެއް ލިބިފައިވާ ކުއްޖެއްކަން އޭނާ ހޯދާ ބެލި ބެލުމުން ސާބިތުވުމާއެކު އެއީ އޭނަގެ ފަރާތުން އޭނަގެ ދަރިފުޅަށް ހޯދައިދެވޭނެ އެންމެ އަގުބޮޑު ޖަވާހިރުކަން އެނގުނެވެ. އަދި ރަޙްމަތްތެރިޔާއަށް އާދޭހާއެކު އެ ޖަވާހިރު ހޯދުމަށް ހުށަހެޅިއެވެ.
ޙިލްމީ އޭނަގެ ރަޙްމަތްތެރިޔާ ގެ އުއްމީދުން ފުރިގެންވީ ހުށަހެޅުން ޤަބޫލުކުރިއެވެ. އޭނަގެ ހުރި ހަމައެކަނި ދަރިފުޅަކީ ފިރިހެން ކުއްޖަކަށް ވިޔަސް، އަންހެން ދަރިންނަށްޓަކައި ބައްޕައަކު ކުރާނެ ފިކުރު އޭނާއަށް ވަޒަން ކުރެވެއެވެ. އެއްވެސް އަންހެން ކުއްޖަކަށް ނިކަމެތިގޮތެއް މެދުވެރި ވުމަކީ ޙިލްމީ އެއްގޮތަކަށް ވެސް ބޭނުންވާގޮތެއް ނޫނެވެ. ވަކިން ޚާއްޞަކޮށް ޙަމީދު ފަދަ ރަނގަޅު މީހެއްގެ އިތުރު އަންހެން ދަރިއެއްގެ ދިރިއުޅުން ހަލާކުވިޔަ ދޭކަށް އޭނާ ބޭނުމެއް ނޫނެވެ.
ޙަލީމަށް ފައިހާ ނޭނގުނަސް އޭނައަށް ޙަމީދު އެނގެއެވެ. އެއީ ހިތްހެޔޮ، ބަސްމަދު، ގަދަ އަޅާ މަސައްކަތްކޮށް ކާމިޔާބީ ހޯދާފައިވާ ވިސްނުންތެރި މީހެކެވެ. ޙަމީދުގެ އަނބިމީހާ ސާމިޔާއަކީ މާލޭގެ ނުފޫޒުގަދަ، މުއްސަނދި، މީހުން ގިނަ ޢާއިލާއަކުން އައިސް ހުރި، ފެންނަ ފެނުމަށް މިޒާޖުގައި ބޮޑާކަން އެކުލެވިފައިވާ އަންހެނެކެވެ. ޙަމީދު ކިޔައިދިން ގޮތުގައި ސާމިޔާގެ ޢާއިލާއިން ޙަމީދުގެ ކައިވެންޏަށް އެދުނީ ސާމިޔާގެ ކާފައެވެ. އެއީ ޢިލްމުވެރި ވިސްނުން ތޫނު މީހެކެވެ. އޭނާގެ ކާފަ ދަރިންގެ ތެރެއިން ސާމިޔާގެ ޙަޔާތް ބާއްޖަވެރިކުރުމަށް އޭނަ ޚާއްޞަ ސަމާލުކަމެއް ދޭން ޖެހުނީ އެހެން ކުދިންނަށް ވުރެ ބޮޑަށް ސާމިޔާގެ ކިބައިގައި ހުރި ބޮޑާކަމާއި ސާމިޔާގެ ޒީލަގަދަ މިޒާޖުގެ ސަބަބުންނެވެ. ސިފައާ އެއްވަރަށް ސުލޫކު ރީތި ނޫން ކަމުން ސާމިޔާއާ އެކީގައި މުޅި ޙަޔާތް ހޭދަކުރެވޭނީ ވަރަށް ވސްނުންތެރި ދީނީ ހޭލުންތެރިކަން ހުރި އަޒުމް ވަރުގަދަ ފިރިހެނަކަށް ކަން އެ މުސްކުޅި މީހާއަށް ވިސްނެއެވެ. ޙަމީދަކީ އޭނާ މިގޮތަށް ބަލާފައި ހޮވި މީހެކެވެ.
ޙަމީދަކީ އޭރު އަރަމުން އައި ވިޔަފާރިވެރި މަސައްކަތްތެރިއަކަށް ވެފައި އޭރު މާލެގައި ތިބި އެންމެ މުއްސަނދި މީހުންގެ ތެރޭ ގުނާލެވޭ ޒުވާނަކަށް ވުމާއެކު ސާމިޔާގެ ޢާއިލާގެ މީހުންވެސް ޙަމީދު އަކީ މާލޭ މީހަކަށް ނުވީތީ މާބޮޑު ހިތްހަމަނުޖެހުމެއް ފާޅެއް ނުކުރެއެވެ. ތަޢުލީމީ މިޙުންތަކެއް ހިމެނޭ އެ ޢާއިލާއިން ވެސް އެންމެ މައްޗަށް ކިޔަވައިގެން ހުރީ ސާމިޔާއެވެ. ނަމަވެސް ޤާނޫނީ ދާއިރާއިން އޭރު ޕީ.އެޗް.ޑީ. ހެދުމަށް ކިޔަވަމުން އައި ސާމިޔާ އަށް އޭނާއަށް ލިބިފައިވާ ތޫނު ވިސްނުމުގެ ނިޢުމަތަށްޓަކައި ޝުކުރުވެރިކަން އިޙުސާސްކުރެވުމުގެ ބަދަލުގައި އޭނާގެ ހިތުގައި އޮންނަނީ ޙަސަދަވެރިކަމުގެ ކުލަ ޖެހިފައިވާ ވާދަވެރިކަމަކާއި ބޮޑާކަމެވެ. ނުލިބޭ ނިޢުމަތްތަކުގެ ޝަކުވާތަކުން ހިތް އަބަދުވެސް ފުރިފައި ހުންނާތީ ކިތަންމެ ބޮޑު ނިޢުމަތެއް ލިބުނަސް ދުވަހަކުވެސް ސާމިޔާއަކަށް އެކަމުގެ ހިތްހަމަޖެހުމެއް ނުލިބެއެވެ. ސަމިޔާ އާ ޙަމީދަށް ފަސް އަންހެން ދަރިން ލިބި އެކުދިން ބޮޑެތި ވަމުން އައި އިރު ދަރިން ގެ ކަންތަކާވެސް ގެންގުޅެނީ މިފަދަ އުޞޫލެކެވެ. ސާމިޔާގެ ސުލޫކާއި މިޒާޖު ޙަމީދަށް ރަނގަޅަށް އެނގޭތީ ޙަމީދުގެ ވިޔަފާރި ދުވަހެއް ދުވަހަކަށް ބޮޑުވެ މަސްއޫލިއްޔަތު ބޮޑު ވިޔަސް ޙަމީދު ދިޔައީ ދަރިންގެ ކަންތައްތައް ވަރަށް ކައިރިން ބަލަމުންނެވެ. އޭނަގެ ޒިންމާތައް ކުންފުނީގެ ތެރޭގައި މަދުކުރުމަށްފަހު ޙަމީދު އިސްކަން ދިނީ ދަރިންގެ ތަރުބިއްޔަތަށެވެ. ހުރިހާ ކުދިންނަކީ މީހަކު ނުބުންޏަސް ފަސް ނަމާދު ބަރާބަރަށް އަދާ ކުރުމުގެ އާދަ ހިފާފައިވާ ކުދިން ކަމުގައި ހެދިއެވެ. ޤުރުއާން ކިޔަވަން ދަސްކޮށްދޭން މުދައްރިސުން ގެނެސް ކުދިންނަށް ޤުރުއާނުގެ ތަޢުލީމު ހޯދައިދިނެވެ. ކުދިން ގެ ކިބައިގައި ރީތި އަޚުލާޤީ ސިފަތައް ހަރުލެއްވުމަށް މަސައްކަތް ކުރިއެވެ. އެކުދިންނަށް ޚުދު އޭނާ އެ ހުރިހާ ކަމެއްގެ ރީތި ނަމޫނާ ދެއްކިއެވެ. މި ހުރިހާ ބުރަ މަސައްކަތެއް ކުރުމާއެކު ވެސް ކުދިންގެ ކިބައިގައި އެ ކުދިންގެ މަންމަގެ ސަބަބުން ނުބައި އާދަތަކެއް ހަރުލިއެވެ. ގޭތެރޭގެ މަސައްކަތް ކުރަން ޙަމީދު ދަސްކޮށް ދިނިއްޔާ ސާމިޔާ ދަސްކޮށްދެނީ ކަންނެތްކަމެވެ. ނޯކަރުން ލައްވާ މަސައްކަތްކުރުވާށެވެ. އެހެންވެ އަމިއްލަ ކަންތަކާއި ގޭތެރޭގެ ކަންތައްތައް ކުރަން ކިތަންމެ ރަނގަޅަށް އެނގުނަސް ޙަމީދު ނުހުންނަންޏާ ހުރިހާ ކުދިން ވެސް ތިބެނީ ދެއަތް އުރާލައިގެންނެވެ. ހުރިހާ އެންމެންނަކީ ހަމަހަމަ ބައެއްކަން ޙަމީދު ދަސްކޮށްދެންޏާ ސާމިޔާ ގެ ފަރާތުން އެކުދިންނަށް ދަސްވަނީ ތިމާގެ ޙަސަބާއި ނަސަބާއި ދެންވެސް ހުރި މޮޅުކަަމަށްޓަކައި ފަޚުރުވެރިވެ އެކަން ބަހާއި ޢަމަލުން މީހުންނަށް އަންގައި ނުދެންޏާ އެއީ އަމިއްލަ ނަފްސަށް ދެވޭ ނިކަމެތި ކަމެއްކަމަށެެވެ.
ދެމީހުންގެ ތަފާތު ދެ ތަރުބިއްޔަތުގެ ތެރޭގައި ތިބެ ކުދިން ބޮޑެތިވީ އިރު އެންމެ ބޮޑަށް ސާމިޔާގެ އަސަރު ކޮށްފައި ހުރީ ފައިހާއަށެވެ. އޭގެ ސަަބަބަކީ ފައިހާ އަކީ އެންމެ ކުޑަ ދަރިފުޅަށް ވެފައި މީހުންގެ ހިތް ދަމައިގަންނަ ކަހަލަ މައުސޫމު ސިފައެއްގައި ހުންނާތީ ސާމިޔާއަށް އެހެން ކުދިން ދެކެ ނުވެވުނު ލޯތްބެއް ފައިހާ ދެކެ ވާތީ އެންމެ ގިނައިން އޭނަގެ ކައިރީގައި ގެންގުޅެނީ ފައިހާ ކަމަށް ވުމެވެ. އަދި ފައިހާ ވެސް ސާމިޔާ ބުނާ ކޮންމެ އެއްޗެއް އަޑުއަހައި އޭނަ ބުނާގޮތަށް ކަންތައް ކުރާތީއެވެ. (ނުނިމޭ)