ކުރުވާހަކަ: ބިރުވެރި ހުވަފެން

މަގުތައް ބެދިއްޖެއެވެ. ހުރެވުނު ތަނެއް ނޭނގި ގޮތްހުސްވެފައިހުރެ ފަހަތަށް އެނބުރި ބަލައިލެވުނެވެ. ހަޅޭއްލަވަން ބޭނުންވިއެވެ. އަނގަވެސް ހުޅުވުނެވެ. ނަމަވެސް އަޑެއް ނުނިކުތެވެ. ބިރުވެރި ސިފައެއްގައި އޮތް އެތި އެ އައި ބާރުމިނުގަ އޭނާ ޖަހައިގަނެގެން އުދުއްސައިގަތެވެ. މެޔަށް ފިނިފެން އޮއްސާލި އިޙުސާސް ކުރެވުމާއެކު މައިރާގެ ދެލޯ ތަންމިނަށް ހުޅުވުނެވެ. އެއާކު ފުންމައިގެންފައި ތެދުވެ އިށީނދެވުނެވެ. ހިތް ތެޅެމުން ދިޔަލެއް ބާރުކަމުން ހީވަނީ މޭ ފަޅާލާފައި ނިކުމެދާނެހެންނެވެ. ލަމުން ދިޔަ ނޭވާވެސް ހަމައަކަށް ނުލެވެއެވެ. އިޚްތިޔާރަކާ ނުލާ ލޮލުން ކަރުނަ އޮހޮރެން ފެށިއެވެ. ބާރުބާރަށް ގިސްލެވެން ފެށުމާއެކު އަވަސް އަވަހަށް ކައިރީގަ އޮތް ބާލީސް ނަގާ އަނގަ މަތީގައި އެޅިއެވެ. ރުއިން ހުއްޓާލުމަށް މަސައްކަތްކުރަމުން ދިޔައެވެ. ބިރުގެންފައިވާ އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. އެއީ ހުވަފެނެކެވެ. އެކަހަލަ ކިތައް ކިތައް ހުވަފެނެއް ފެނޭ ހެއްޔެވެ. އެ ބިރުވެރިކަން އެއީ ޙަޤީޤަތެއް ނޫނެވެ. ހޭލެވުމާއެކު އެކަން އެހާ ހިސާބުން އެ ނިމުނީ ނޫންހެއްޔެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލައި މޫނުގައި ހުރި ކަރުނަތައް ދެ އަތުން ފޮހެމުން އަނެއްކާވެސް އެނދުގައި އޮށޯތެވެ. ކަނާތް ފަރާތަށް އެނބުރި ބާލީހުގައި ބައްދާލައިގެން އޮވެ ޝަހާދަތާއި ކުރުސި ކިޔައި ފަލަޤާއި ނާނި ސޫރަތް ތަކުރާރުކޮށް ކިޔަން ފެށިއެވެ. ނިދުނީ ކޮން އިރަކު ކަމެއް ނޭނގެއެވެ.

"މައިރާ. މައިރާ. ފަތިސް ނަމާދަށް ބަންގި ގޮވައިފި." ވަރަށް އޯގާތެރިކޮށް ގޮވަމުން ދިޔަ އަޑަކަށް މައިރާގެ ދެލޯ ހުޅުވުނެވެ. ދޮރުފޮތިގަނޑުގައި ހިފަހައްޓާލައިގެން ހުރި ބާނޫ ހުރީ ކަރުގައި ތުވާއްޔެއް އޮޅާލައިގެންނެވެ. ދެލޯ އުނގުޅަމުން މައިރާ ތެދުވެ އިށީނދެއްޖެއެވެ. "ހޭލީ ދޯ. އަވަސް ކުރޭ. މާގިނަ އިރެއް ނެތް އިނގޭ އިރު އަރާކަށް. މިރޭ މަށަށް ވެސް ހޭލެވުނީ މާލަހުން." އެހެން ބުނެފައި ބާނޫ ދޮރުލައްޕާލައިފައި ދިޔުމުން ކަބަޑު މަތީގައި ހުރި ގަޑިއާ ދިމާލަށް މައިރާ ބަލާލިއެވެ. އިރުއަރަން ބައިގަޑިއިރަށް ވެއްޖެއެވެ. އަވަސް އަވަހަށް އެނދުން ފައިބައި ތުވާއްޔާ ފާޚާނާއަށް ގެންދާ ސާމާނު އަޅާފައި ހުރި ކުޑަ ވަށިގަނޑު ހިފައިގެން ފާޚާނާއާ ދިމާލަށް ދުއްވައިގަތެވެ. މިހާރަކަށް އައިސް މަދު ދުވަހެއް ފިޔަވައި ކޮންމެ ދުވަހަކު ވެސް އޭނައަށް ހޭލެވެމުން އަންނަނީ ބާނޫއަށް އޭނާ އަދި ހޭނުލާހެން ހީވެގެން އައިސް ގޮވީމައެވެ. މިއަދުވެސް ޖެހޭނީ ނަމާދުކޮށްގެން ޛިކުރުތައް ނުކިޔާ ކްލާހަށް ދާން ދުއްވައިގަންނާށެވެ.

ކްލާހަށް ވަންނަމުން ހިތާހިތާ އަމިއްލަ ނަފްސަށް އެއްޗިހި ކިޔުނެވެ. ސަބަބަކީ ޤަވާއިދުން ޛިކުރުތައް ކިޔަން ފެށި ފަހުން ހެނދުނު ޛިކުރުތައް ނުކިޔާ ހުރެ ދުވަސް ފެށިއްޖެއްޔާ އޭނާ ހުންނަނީ ކިޔައިދޭން ނޭނގޭ ކަހަލަ ނުތަނަވަސް ކަމެއްގެ މަތީގައެވެ. މިއަދު ގޮތަށް ލަހުން ހޭލެވޭ ދުވަސް ދުވަހު ކްލާސްތަކުގެ ތެރޭގަ އާއި ކްލާސްތަކުގެ ދެމެދުން ވަގުތު ހޯދައިގެން ޛިކުރުތައް ކިޔާ ނިންމާލެވެންދެން މައިރާ އަށް އިޙުސާސް ކުރެވެނީ އޭނާއަކީ ނިވާ ވާނެ އެއްޗެއް ނެތް ހަނަފަސް ބިމެއްގައި ބަނޑުހައިގެންފައިވާ މިނިކާ ޖަނަވާރެއްގެ ކުރިމައްޗައް ވެއްޓިފައިއޮތް ފައިބިނދިފައިވާ މީހެއް ފަދަ އިޙުސާސެކެވެ. ނުވަތަ ތީރުޖަހަން ކުޅަދާނަ މީހެއްގެ ސީދާ ކުރިމަތީގައި އެމީހާގެ ތީރުގެ އަމާޒުފަތްގަނޑަކަށް ވެފައި ހުރި މީހެއް ފަދަ އިޙުސާސެކެވެ. ނަމަވެސް މާނައަށް ވިސްނައިގެން ހުރެ ޛިކުރުތައް ކިޔާލެވުމާއެކު އޭނާ އަށް އިޙުސާސް ކުރެވެނީ ރައްކާތެރިކަމާއި ހިތްހަމަޖެހުމެވެ. އަދި ކިތަންމެ ބޮޑު ކަމެއް ދިމާވިޔަސް ހަމަޖެހިގެންހުރެ އެކަމަކާ ކުރިމަތިލުމުގެ ހިތްވަރު ހުސްނުވުމާކަމާއި ކޮންމެ ކަމެއް ވަމުންދަނީ އާޚިރުގައި އޭނާއަށް އެންމެ ފައިދާހުރިގޮތަށް ކަމުގެ ޔަޤީންކަން އިޙުސާސްކުރެވެއެވެ.

މިޒަމާނުގެ ވަރަށް ގިނަ މުސްލިމް ޒުވާނުން އަމިއްލަ އާއިލާއާ މުޖުތަމަޢުގެ ލޯމަތިން ދުރަށް ދެވުމާއެކު ނަމާދު ކުރުމާ އެހެން އަޅުކަންތަކާމެދު  ފަރުވާކުޑަ ވާގޮތާ ޚިލާފަށް މައިރާ ނަމާދުކުރުން ދޫކޮށެއް ނުލައެވެ. އެކަމަކު އޭނަ ދީން ދަންނަނީ ހަމައެކަނި އެހާވަރަށެވެ. އޭނާ އަކީ ތަނަވަސް އާއިލާ އަކުން އައިސް ހުރި، އިނގިރޭސި ފިލްމާއި ލަވާއާއި އިނގިރޭސި ޚިޔާލީ ވާހަކަފޮތްތަކުގެ ތެރެއަށް ބޮޑުވި، ޔޫރަޕްގެ ފެޝަނާ އެއްގޮތަށް ހެދުން އަޅައި މޭކަޕްކޮށްގެން ތިމާއެކޭ ޔޫރަޕް މީހެކޭ ތަފާތެއް ހުރިކަމަށް ނުދެކޭ ކުއްޖެކެވެ. އޭނާ ކިޔަވަނީވެސް އިންގްލިސް ލިޓްރޭޗަރ އެވެ. މި މައިރާ ބަދަލުވުމުގެ ފެށުމަކީ ބާނޫއެވެ.

ދެތިން ކްލާހުގައި އޭނާއާ އެއްކޮށް އުޅޭ ބާނޫ އަކީ އާދަޔާ ޚިލާފަށް މީހުންނާ ރައްޓެހި، ދުވަހަކުވެސް ވާހަކަ ހުސްނުވާ ވަރަށް މަޖާ މިޒާޖެއްގެ ހިތްހެޔޮ ކުއްޖެކެވެ. ބާނޫ އާ ދިމާވި ފަހުން ބާނޫއާ އެކީ ޔުނިވަރސިޓީގަ އާއި ކައިރި އެކި ހިސާބުތަކުގައި ބާއްވާ އިސްލާމީ ބައެއް ބައްދަލުވުންތަކަށް ދާން ފެށުނެވެ. އެތަންތަނުންނާއި ބާނޫގެ އާދަކާދަ ތަކުންނާއި އޭނަ ކިޔައިދޭ އެކިއެކި ވާހަކަތަކުގެ ތެރެއިން ލާފައި މަޑުމަޑުން ދީނާ ބޭހޭ އިތުރު ކަންތައްތައް ދަސްވެ ކުރިން އޭނާއާ ބީރައްޓެހި އިސްލާމީ ތާރީޚުގެ ފޮތްތައް ދިރާސާކުރަން ފެށުނެވެ. ކުރިން ހަމަ ނަމަކަށް ކިޔަވަމުން އައި ޤުރުއާނުގެ މާނައަށް ބަލައި ކިޔަވަން ފެށުމުން ތިމާ ކުރާހާ ކަމަކާ ދުނިޔޭގައި މި ވާހާ ކަމެއް ބައްލަވާވޮޑިގެންވާ ތިމާ ހެއްދެވި ފަރާތް އަބަދުވެސް ވާކަން އިޙުސާސްވިއެވެ.

މިއަދު ޛިކުރު ކިޔާ ނިންމާލެވުނީ މެންދުރު ވާން ކައިރިވެފައި ހުއްޓައެވެ. ހޮސްޓެލް އަށް އަނބުރާ ދިޔަ މަގުމަތީގައި އޭނަގެ ޙަޔާތަށް އައިސްފައިވާ ބަދަލާމެދު ވިސްނާލެވުނެވެ. ކިޔަން ޖެހޭ ޛިކުރުތަކެއް ހުންނަކަން ކުރިން އޭނާ ނުވެސް ދަނެއެވެ. ކަމަކާ މަޝްއޫލުވެ އުޅެންޏާ ނަމާދު މަތިން ހަނދާނެއް ނުހުރެއެވެ. ޤުރުއާން ކިޔަވަނީ ރޯދަ މަހު އެކަންޏޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެކަމަކު މިހާރު ކޮންމެ ގޮތެއް ހަދާފައިވެސް މިހާރު އޭނާ ބަރާބަރަށް ހެނދުނާ ހަވީރުގެ ޛިކުރުތައް ކިޔައެވެ. އެ ނަމާދެއްގެ ވަގުތު ޖެހުމާއެކު ލަސް ނުކޮށް އެ ހުރި ތަނަކަށް ނަމާދު ކުރެއެވެ. މީހުން މަދު ގަޑިއެއް ދިމާވާއިރަށް ޤުރުއާން ނަގައިގެން އޭގެ މާނައަށް ވިސްނައި ފިކުރުކުރެއެވެ. އޭނާއަށް ފެންނަމުން ދިޔަ ހުވަފެންތަކަކީ ކުޑައިރުއްސުރެ އޭނާއަށް އުނދަގޫ ކުރަމުން އައި ކަމެކެވެ. ކުޑައިރު ރޮމުން ހޭލެވުނީމަ މަންމަ އާ ބައްޕަ އެއީ މާގިނައިން ވާހަކަ ކިޔާތީ ނޫނީ ކާޓޫނު ބަލާތީ ފެނުނު ހުވަފެނޭ ބުނެ ހަމަޖައްސައި ނިންދަވާލައެވެ. މައިރާއަށް ޤަބޫލުކުރެވިފައި އޮތީ އެގޮތަށެވެ. ބޮޑުވީ ފަހުންވެސް ގޮސް  އެހެން މީހަކަށް އެ ހުވަފެންތަކުގެ ވާހަކަ އިތުރުމީހަކަށް ކިޔައި ނުދެއެވެ. ހުވަފެންތަކުގެ ބިރުވެރިކަމުން، ކިޔައިދީފިއްޔާ ދިރިއުޅުމުގެ ހަޤީޤަތާއި އެ ކަންތައް އިތުރަށް ކައިރިވެދާނެތީ މައިރާ ބޭނުންވަނީ އެ ހުވަފެންތައް އެއީ ނުވާކަމަކަށް ހަދާށެވެ. އޭނާ އެކަން ކޮންމެވެސް ވަރަކަށް ކާމިޔާބުވެސް ކުރިއެވެ. އޭނާގެ ޢާއިލާއަކީ މީހުން ގިނަ ޢާއިލާއެކެވެ. ޒަމާނީ ޚިޔާލުގެ ބައެކެވެ. މައިރާ ހޭލެވުމާއެކު ފިލްމާއި ޚިޔާލީ ފޮތްތަކާއި މިއުޒިކުގެ ދުނިޔެއެއްގައި އުފަލާއި ކުޅިވަރާ މުނިފޫހި ފިލުވުމުގެ ތެރޭގައި ހުރިހާ ނުތަނަވަސްކަމެއް ހަނދާން ނައްތާލައެވެ.  

ނަމަވެސް ކިޔަވަން ބޭރަށް ފުރައިގެން އައިސް އެންމެންނާ ވަކިން ވަރަށް އެކަހެރި ގޮތެއްގައި ހުންނަން ޖެހުމާއެކު ބިރުވެރި ހުވަފެންތަކުގެ އުނދަގޫ އިންތިހާއަށް ދިޔައެވެ. ދެބަޔަށް ބަހާފައި ހުންނަ ކޮޓަރީގައި އޭނާ އެންމެ ފުރަތަމަ ހުރީ އެކަންޏެވެ. ކިޔެވުން ފެށުނުތާ ދެހަފްތާ ފަހުން ބާނޫ އައިއިރު މައިރާ ރޭގަނޑު ނުނިދާތާ ތިން ހަފްތާ ވެއްޖެއެވެ. ބާނޫ ފޮށި ހުޅުވާފައި އެންމެ ފުރަތަމަ ނެގީ ކުޑަ ދެ ފޮތެވެ. އެއް ފޮތް ދިއްކޮށްލަމުން ބުންޏެވެ. "ރޫމް މޭޓަށް ގެނައި ހަދިޔާ." އެރޭ ނުނިދަންވެގެން މައިރާ އެ ފޮތް ނަގައިގެން ކިޔަންފެށީއެވެ. "މުސްލިމުންގެ ކިއްލާ" ކިޔާ އެފޮތުގައި ހުރީ މުޅިންވެސް ޢަރަބި ބަހުން ލިޔެފައިވާ ދުޢާތަކާ އޭގެ އނގިރޭސި މާނައެވެ. އޭނާ ދުޢާތައް ކިޔަމުން މާނަ ކިޔަން އޮއްވާ ނިދިއްޖެއެވެ.

އޭނާ ދެފަޔަށް ލެވުނުހާ ބާރެއްލާފައި ދުއްވައިގަތެވެ. ނަމަވެސް އެހެން ރޭތަކެކޭ އެއްފަދައިން އޭނާ ކިތަންމެ ބާރަކަށް ދުވިޔަސް ފަހަތުން ކަނު އަނދިރީގެ ތެރޭގައި އޭނާ ފަހަތުން އުދުހިފައި އަންނަ ކޯޗެއްކަން ނޭނގޭ ބިރުވެރި ސިފައަކަށް އޮތް ޖަނަވާރު ދިޔައީ ހައްތަހާ ކައިރިވަމުންނެވެ. ކުއްލިއަކަށް ފެނުނީ ހުދު ކުލައިގެ އަލި ކަމެކެވެ. އޭނާ ގައިގަ ހުރި ހުރިހާ ވަރެއް ދެފަޔަށް ލައިފިއެވެ. އަލިކަމާ ދިމާއަށް ދުވަމުން ދިޔަވަރަކަށް އަލި ދިޔައީ ގަދަވަމުންނެވެ. ކުރިމަތިން ސާފުކޮށް ފެންނަން ހުރީ ވަރަށް ރީތި އޮމާން ހުދު ހިލައިން ހުރި އިމާރާތެކެވެ. އެތާގެ ވަށައިގެން ފާރެއް ހުރި އިރު ރަން ކުލައިގެ ބައިވަރު ގޭޓްތަކެއް ހުއްޓެވެ. އޭގެ ތެރޭން އެއް ގޭޓް ހުރީ ހުޅުވާފައެވެ. ދޮރު ކައިރީގައި ހުރީ އިސްކޮޅުން ދިގު ރަންކުލައިގެ އިސްތަށިގަނޑަކާއި ދިގު ތުނބުޅިއެއް ހުރި ފިރިހެނެކެވެ. އެމީހާގެ ތުނބުޅި ފިޔަވައި މޫނުގެ އެހެން އެއްޗެއް ސާފުކޮށް އެނގޭވަރެއް ނުވެއެވެ. މޫނުގެ ހަނގަނޑުން އަރާފައި ހުރީ ބަލަން އުނދަގޫ ވާފަދަ އަލިގަދަ ހުދު އައްޔެކެވެ. "އަވަހަށް އާދޭ!" އެމީހާވެސް ބަލަހައްޓައިގެން ހުރީ މަތިން އުދުހިފައި އައި ޖަނަވާރާ ދިމާއަށެވެ. "ސަލާމަތް ވާނެ. އަވަހަށް މިތަނަށް ވަދޭ!" މައިރާ ގޭޓުން އެތެރެއަށް ވަންނަމުން ފަހަތަށް ބަލައިލިއިރު އޭނަގެ ފަހަތުން އައި އެތި ވައިގެ ތެރޭގައި ވަށްބުރެއް އަޅަ އަޅާ ވަކި ހިސާބެއްގައި ހުއްޓިފައި އޮތެވެ.

ހޭލެވުމާއެކު މައިރާ އަށް ފެނުނީ މޫނު ކައިރީގައި ބާލީސް މަތީ ހުޅުވިފައި އޮތް ދުޢާ ފޮތެވެ. ހިތަށް އުފާވެރި ހަމަޖެހުމެއް ވެރިވުމާއެކު އޭނައަށް ފެންނަމުން ދިޔަ ބިރުވެރި ހުވަފެންތަކުން ސަލާމަތްވާން އެންމެ ފުރަތަމަ ފިޔަވަޅު އެޅިއްޖެކަން ވިސްނިއްޖެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.