އެޑިޓޯރިއަލް: މައުލޫމާތު ދޭން ޖެހިލުން ވަނީ ކީއްވެ؟

ދިވެހިރާއްޖޭގެ ގާނޫނުތައް އެތުރި ހަމަޖެހިފައި ހުރީ މައުލޫމާތު ހިފެހެއްޓޭ ގޮތަކަށް ނޫނެވެ. ގައުމީ ސަލާތަށްޓަކައި ހިފަހައްޓާން ޖެހޭ މައުލޫމާތެއް ފިޔަވައި ކޮންމެ މައުލޫމާތަކީ އެދޭ ކޮންމެ މީހަކަށް ދޭން ޖެހޭ މައުލޫމާތެކެވެ. މައުލޫމާތު ލިބިގަތުމުގެ ހައްގަކީ ގިނަ ބަޔަކަށް އަދިވެސް މުޅީން ރަނގަޅަށް ވިސްނިފައި ނެތް ހައްގެކެވެ. އެހެންވީމާ މައުލޫމާތު ހޯދާން މަސައްކަތް ކުރުންވެސް އޮންނަނީ ވަރަށް މަދުން ކުރާ ކަމަކަށް ވެފައެވެ.

މިއަދު އިވިގެން ދިޔަ ޚަބަރަކީ މިނިސްޓްރީ އޮފް ޓޫރިޒަމުން މައުލޫމާތު ނުދީގެން ހިންގި "ޝަރީއަތެއް"ގެ ޚަބަރެވެ. މޯލްޑިވްސް ޓްރޭޑް ޔޫނިއަނުން މިނިސްޓްރީ އޮފް ޓޫރިޒަމުގައި އެދުނީ އެމްއެމްޕީއާރްސީ އަށް ސަރުކާރުން ދޫކުރި ރަށްރަށުގެ ލިސްޓެއް ހޯދާށެވެ. ޓޫރިޒަމުން އެ މައުލޫމާތު ނުދިނުމުގެ ސަބަބުން ޓްރޭޑް ޔޫނިއަނުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މައްސަލަ ހުށަހެޅީއެވެ. މި މައްސަލައިގެ އަޑުއެހުމަށް ދެ ފަރާތުން އަންނާން އެންގީމާ ޓޫރިޒަމް މިނިސްޓްރީން ހާޒިރެއް ނުވިއެވެ. މާނައަކީ އެއް ފަރާތުގެ އަޑެއް ނޭހުނެވެ. ނުވަތަ ނީވުނެވެ. ޓޫރިޒަމުން ހާޒިރު ނުވުމާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރު ނިންމެވީ އެ މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ޖޫރިމަނާ ކުރައްވާށެވެ.

ރައްޔިތުންގެ މަސައްކަތަކާ ހަވާލު ވެގެން ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން ތިބޭ ބައެއް މީސްމީހުން ރައްޔިތުންނަށް ކަންތައް ފޮރުވާން އުޅޭ އުޅުމަކީ އަޖައިބެއް ކަހަލަ ކަމެކެވެ. އަދި ފޮރުވުމުގެ ފައިދާއެއް ނުވެސް ނެތް ކަންތައްތަކުގައި ފޮރުވާން އުޅުމަކީ އެއަށްވުރެ ބޮޑަށް ހައިރާންވާން ޖެހޭ ކަމެކެވެ.

ޑިމޮކްރެޓިކް ވެރިކަމެއްގައި އޮންނަ އެންމެ ރީތި ކަމަކީ ހާމަކަން ބޮޑުވުމެވެ. ކުރާ ކަންތައްތަކާއި ދައްކާ ވާހަކަތައް ރައްޔިތުންނާ ހަމައަށް ފޯރުމެވެ. ބަންދު ކޮޓަރިތަކުގެ ތެރޭގައި ތިބެގެން ސިއްރުސިއްރުން ކަންތައްތައް ނިންމައި ރައްޔިތުން ބޯ މައްޗަށް ވައްޓައިލާ ގޮތް ނެތުމެވެ.

މައުލޫމާތު ހާމަ ނުކުރުމުގެ ސަބަބުން ދޮގު ވާހަކަތައް ފެތުރޭ ގޮތް މެދުވެރިވެއެވެ. ހާމަ ނުކުރި ސަބަބުތައް ގިޔާސްކޮށްގެން ވާހަކަ ދެއްކުން އާއްމު ވެއެވެ. އެ އުޅެނީ އެވެނި ކަމެއް ފޮރުވާށޭ މިވެނި މީހަކު ސަލާމަތް ކުރާށޭ ކިޔައިގެން އާއްމުންގެ ތެރޭގައި އެކި ކަހަލަ ވާހަކަތައް ދެކެވޭން ފަށައެވެ. މިއީ ޑިމޮކްރެޓިކް ސަރުކާރަކަށް ގެއްލުން ވާނޭ ކަމެކެވެ.

ޓޫރިޒަމް މިނިސްޓްރީން މައުލޫމާތު ހާމަ ކުރާން ބޭނުން ނުވާ މަގުބޫލު އުޒުރެއް އޮތިއްޔާ އަޑުއެހުމަށް ހާޒިރުވެ އެ އުޒުރެއްގެ ވާހަކަ ދެއްކީމާ ނިމުނީއެވެ. އެއީ ބަލައިގަނެވޭފަދަ އުޒުރަކަށް ވެއްޖެ ނަމަ ބަޔަކު ކިޔާނޭ އެއްޗެއް ނޯންނާނެއެވެ. އެފަދަ ގޮތަކަށް އަމަލު ނުކޮށް އަޑުއެހުމަށް ހާޒިރު ނުވީމާ ބެލެވޭނީ "ކަލޭމެން ބޭނުން ގޮތަކަށް ހަދާށޭ، ތިޔަބުނާ މައުލޫމާތެއް ނުދޭނަމޭ" ބުނީ ކަމުގައެވެ. އެއީ ވަރަށް ދެރަ ކަމެކެވެ.

މިހާރުވެސް ޓޫރިޒަމަށް ކުރެވޭނޭ ކަމެއް އެބައޮތެވެ. އެއް ގޮތަކީ އަވަހަށް އެ މައުލޫމާތު ދިނުމެވެ. އަނެއް ގޮތަކީ ހާމަ ނުކުރެވޭނޭ މަގުބޫލު ގާނޫނީ ސަބަބެއް ހާމަކުރުމެވެ. އިންފޮމޭޝަން ކޮމިޝަނަރަކީ މައުލޫމާތު ނުދީފިނަމަ ފިޔަވަޅު އަޅުއްވާ ބޭފުޅެކެވެ. މައުލޫމާތު ހާމަ ކުރީމާ މައްސަލަ ނިމޭނެއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.