ފުސްބިއްލޫރި - 40 (އެންމެ ފަހު ބައި)

(15 ފެބްރުއަރީ 2020ގައި ޝާއިއުކުރި ބަޔާގުޅޭ)

"މަންމައާ ދިމާއަށް އަހަރެން ބުނި އެއްޗެއް ޒަނީނަށް އެނގޭތަ؟ އަހަރެން... އަހަރެން ބުނީ..."

"އަހަންނަށް އެނގޭ... ދެން އިތުރަށް އެ ވާހަކަ ދައްކާނެ ކަމެއް ނެތް. މިހާރު ދެން ތި ޚިޔާލާ ދުރަށް ދާން މަސައްކަތް ކުރޭ. މަރިޔަމް، އަހަންނަށް ބަލާބަލަ." ޒަނީން ބުންޏެވެ. "ރޯން ބޭނުމިއްޔާ ރޮއެ، ތި ހިތާމަތަކާއި ދުރަށް ދެވޭނީ އޭރުން."

"އަހަންނަކަށް ނުރޮވޭނެ... ކީއްވެ ރޯންވީ... އަހަރެން އެއްވެސް ގޯސް ކަމެއް ނުކުރަން." އަނެއްކާވެސް އެންޒައެޓީ އެޓޭކެއް އަންނަން ފެށިއެވެ.

ކޮޓަރިތެރޭގައި ހުރި ކުޑަ އައިސް އަލަމާރިން ޒަނީން ޖޫސް ޕެކެޓެއް ނެގިއެވެ.

ޖޫސް ތަށިން ކޯވަރެއް ބޯން މަރިޔަމް ގާތު އޭނާ ބުންޏެވެ.

"އަހަރެން ބޭނުންވަނީ ގެއަށް ދާން."

"ހެނދުނު ގެންދާނަން."

"ނޫން. މިހާރު... ހަމަ މިހާރު އަހަރެން ގެއަށް ގެންގޮސްދީ. މިތާ ހުންނަން އަހަންނަކަށް ކެތެއް ނުކުރެވޭ. ހާސްވަނީ، ރަނގަޅަށް ނޭވާ ނުލެވޭ." ކުޑަ ކުއްޖެއްހެން ޒަނީންގެ ގަމީހަށް ދަމަމުން އޭނާ އާދޭސްކުރިއެވެ. ޒަނީން ގަމީހުން މަޑުމަޑުން އޭނާގެ އަތް ދޫކުރުވިއެވެ. "ޖޫސް ބޮއިގެން ހެދުން ބަދަލުކުރޭ. ގެންދާނަން." މަރިޔަމާ ޒުވާބުކުރުމުގެ ބޭނުމެއް ނެތްކަން އޭނާއަށް ވިސްނުނެވެ. ދެކޮޅު ހަދައިފިނަމަ އޭނާގެ ހާލު އިތުރަށް ގޯސްވާނެއެވެ.

ކުޑަ ކުއްޖެއްހެން މަރިޔަމް ޒަނީންގެ ބަސް އެހިއެވެ. ޖޫސް ތަށި އެއް ނޭވާއިން ބޮއިލިއެެވެ. އޭނާގެ އަތް ތުރުތުރު އަޅާތަން ޒަނީނަށް ފެނުނެވެ. ޓިޝޫއެއް ނަގައިގެން މަރިޔަމްގެ ކަރާއި މޫނުން ދާ ފޮހެލިއެވެ. މަރިޔަމް އެއްޗެހި ބަދަލުކުރަން ދިޔައެވެ. ޒަނީން މޭޒުމަތިން ކާރުގެ ތަޅުދަނޑި ނެގިއެވެ. މަރިޔަމް އެއްޗެހި ބަދަލުކޮށްގެން ނުކުތް އިރު ޒަނީން އިނީ އާފަލެއް ކަނޑާށެވެ. އޭނާ މަރިޔަށް އާފަލު ކާން ދިނެވެ. މިހާރު މަރިޔަމް ހުރީ ކުރިއަށްވުރެ ބޮޑަށް ހަމަޖެހިފައެވެ. މޫނުމަތިވެސް އުޖާލާ ވެއްޖެއެވެ. ލޮލުތެރެއަށް ޖަމާވެފައި ހުރި ކަރުނަ ވެސް ފެނެއެވެ. މަރިޔަމް ހުރީ ނުރޮއެ ވޭތޯ ވަރަށް ކެތް ކޮށްގެންނެވެ.

ޒަނީން އޭނާ އާފަލު ކާތަން ބަލަން އިން އިރު މަންމަގެ ވަސިއްޔަތް މަތިން އޭނާ ހަނދާންވިއެވެ. "ދަރިފުޅާ، މަރިޔަމަކީ މަންމަގެ ލޮލުގެ ނޫރު. ދަރިފުޅު ގޮވައިގެން ބައްޕަ ދިއުމުން މަންމަގެ ދިރިއުޅުން ބަރުބާދުވި. އެތައް އަހަރެއް ވީއިރު ވެސް މަންމައަށް ދަރިފުޅު މަތިން ހަނދާން ނައްތައެއް ނުލެވުނު، ދިރިހުރެވޭނެ ކަމުގެ އުއްމީދު ގެއްލުނު. މަންމަގެ ހަޔާތަށް މަރިޔަމް ނައި ނަމަ މަންމައެއް ނުހުންނާނެ. ދަރިފުޅާ. މަރިޔަމް ދެކެ މަންމަ ވަރަށް ލޯބިވޭ. މަރިޔަމްގެ ހިތުގައި ނުޖައްސާތި. ކުރިމަތިވެދާނެ ހުރިހާ ނުރައްކަލަކުން އޭނާ ސަލާމަތްކުރާތި."

ޒަނީން ގޮސް މަރިޔަމް ކައިރީގައި ހުއްޓުނެވެ. "މަންމަ އެންމެ ފަހުން ދެއްކީ މަރިޔަމްގެ ވާހަކަ. އެހެންވީމާ އަހަރެންގެ ހިތުން މަރިޔަމަށް ޚާއްސަ ޖާގައެއް ދޭނަން." ޒަނީން ހިނިތުންވެލިއެވެ.

މަރިޔަމް އިސް އުފުލައި ބަލައިލިއެވެ. ޒަނީން މަންމަޔާ ވަރަށް ވައްތަރުކަން އޭނާއަށް އަނެއްކާވެސް ފާހަގަކުރެވުނެވެ. ނޭފަތް، ތުންފަތް، ނިތްކުރި، ލޯ... މިޒާޖުވެސް. މަންމަގެ ހުރިހާ ސިފައެއް ޒަނީނަށް ލިބިފައިވެއެވެ. އޭނާ ޒަނީނަށް ބަލަން ހުރިއިރު މީގެ ކުރިން ދިމާވިހެން ހިއެއް ނުވެއެވެ.

(ހަތާވީސްވަނަ ބާބު)

ޒަނީން މަންމަގެ ގޭގެ ދޮރާށި ހުޅުވިއެވެ. އެއީ މެންދަމުގެ ވަގުތު ކަމުން ގޭތެރެ އޮތީ ކަނު އަނދިރީގައެވެ. "މަންމަ ދުވަހަކުވެސް ގެ އަނދިރިކޮށް ނުބަހައްޓާ." ގޯތި ތެރެއަށް ވަދެގެން ދިޔައިރު މަރިޔަމްގެ ހިތަށް އެރިއެވެ. މަގުބައްތިން ގޯތި ތެރެއަށް ކޮންމެވެސް ވަރަކަށް އަލި އެޅިފައި އޮތެވެ. ޒަނީން ދޮރާށި ލައްޕަންދެން މަރިޔަމް މަޑުކޮށްލިއެވެ. "ބޮކި ދިއްލަންތަ؟" އޭނާ އެހިއެވެ. "ނޫން، ބަހައްޓާ. އަލިކޮށްފިނަމަ އަހަންނަކަށް އަދި މިގޭ ތެރެއަކަށް ނުބެލޭނެ. އެ ހިތްވަރެއް އަދި ނެތް." އޭނާގެ އަޑުގައި ހުރީ ހިތާމައިގެ އަސަރެވެ. މަރިޔަމް ކުރިއަށް ހިނގަމުން ގޮސް މާގަސްތަކުގެ ތެރޭގައި ހުއްޓުނެވެ. މަޑުމަޑު ވައިރޯޅިއަކާއެކު ގަސްތައް ހެލިލިއެވެ. އެހެން ހުރިހާ އެއްޗެއްހެން ގަސްތަކަށް ބަލައިލީމާ ވެސް މަންމަ ދުނިޔޭގައި ނެތްކަން އިހުސާސް ކުރެވެއެވެ. ކޮންމެ ދުވަހަކު ހެނދުނު ހޭލައިގެން އެންމެ ފުރަތަމަ މަންމަ ކުރާ ކަމަކީ ގަހަށް ފެންދިނުމެވެ. ކޮންމެ ހަފުތާއަކުއެއް ފަހަރު ގަސް ކޮށައެވެ. ނުކުމެފައި ހުންނަ ކުރިތައް ގުނައެވެ. މާތައް ފޮޅޭނޭ ދުވަހަކަށް އިންތިޒާރު ކުރެއެވެ.

މަރިޔަމް ފިނިފެންމާ ގަހާއި މޯޝިއާ ގަސް ވަކިކުރަން މަސަަައްކަތް ކުރިއެވެ. އެއީ މަންމަ އެންމެ ލޯބިން ގެންގުޅޭ ދެ ގަހެވެ. "ޖެހިގެން ހުރި ގޭ މީހުންނަށް ގުރައާއި ކުކުޅު ދީފިން. އެ އެއްޗެއްސަށް ހެދޭނެ އެހެން ގޮތެއް އަހަންނަކަށް ނުވިސްނުނު." އޭނާގެ ފުރަގަހުން ޒަނީންގެ އަޑު އިވުނެވެ.

"ބުޅަލޯ..."

"އެސޮރު އުޅޭނެ މިތާ ކޮންމެވެސް ތާކު. މުޅި ދުވަހު އެސޮރު އިންނަނީ އަސްކަނި ދަށުގައި. ކޮންމެ ދުވަހަކުވެސް އަވަށްޓެރިން އެސޮރަށް އެއްފަހަރު ކާން އަޅާ." 

ޒަނީން އެތެރެއަށް ވަދެގެން ގޮސް ކޮޓަރީގެ ދޮރު ހުޅުވިއެވެ. ކޮޓަރި ތެރެއަށް ވަދެ ބޮކި ދިއްލިއެވެ. ޖެހިލުންވެފައި ހުރެ މަރިޔަމް އޭނާގެ ފަހަތުން އެތެރެއަށް ވަނެވެ. ޒަނީން ދެއަތް ހުރަސްކޮށް މޭގައި އަތް އަޅައިގެން ކޮޓަރިތެރޭގައި ހުއްޓެވެ.

"އަހަންނަށް މިވާ ވަރު އެނގޭތަ މަންމައަށް... އަހަރެން ތި ކޮއްޕާލީ ނަރަކައަށް... އަހަންނަށް ދުނިޔެއަކު ނޫޅެވޭ، މަރެއް ނުވެވޭ." އޭނާގެ އަމިއްލަ ޝަކުވާގެ އަޑު ހަތަރު ފާރު ތެރެއިން ގުގުމާ އަޑު މަރިޔަމަށް އިވެއެވެ. 

"މި ކުޑަކުޑަ ޖިފުޓި ގަނޑަކީ އަހަރެންގެ މަންޒިލެއް ނޫން... އަހަންނަކަށް މިތަން ކަމަކު ނުދޭ. މި ހިސާބުގައި އުޅޭ އަވަށްޓެރިން، މި ކޮޓަރި... މިގެއާއި މިގޭގައި ހުރި އެއްވެސް އެއްޗެއް އަހަންނަކަށް ކަމަކު ނުދޭ." މަރިޔަމް ވަށައިގެން ކޮޓަރިތެރެއަށް ބަލައިލިއެވެ. ކޮޓަރި ހުރީ މަންމަ ދުނިޔޭގައި ވެސް ހުންނަ ގޮތަށް ސާފުކޮށެވެ. ގެ ސާފުކޮށް ބަލަހައްޓަނީ އަވަށްޓެރިން ކަމަށް ވެދާނެއެވެ. މަންމަގެ އުނދޯލި އަބަދުވެސް އޮންނަ ތާނގައި އޮތެވެ.

"އުއްމު މަރިޔަމް، ތީ މަންމަގެ ހަޔާތް."

"އުއްމު މަރިޔަމަކީ މަންމަގެ މަރު." ކުރިން އޭނާ ނަފްރަތުކުރި އެއްޗެއްހިތަކުގެ މެދުގައި ހުއްޓި ހުރިއިރު މަރިޔަމްގެ ކަންފަތުގައި ގުގުމައިގަތީ އޭނާ ރުޅި އައިސްގެން މަންމައާ ދިމާއަށް އަށް ކީ އެއްޗެއްސެވެ.

އެއް ކޮޓަރީގެ ކުޑަކުޑަ ޖިފުޓި ގަނޑަކީ މަންމަގެ ސުވަރުގެއެވެ. މަރިޔަމް އުފަންވީ މިގެއަކަށް ނޫނެވެ. މިގޭގައި އުޅުނު މީހުންނަކަށް ވެސް ނޫނެވެ. އެކަމަކު އޭނާއަށް ބޯހިޔާވަހިކަމާއި ލޯތްބާއި އަޅާލުން ލިބުނީ މި ޖިފުޓިންނެވެ. އަމިއްލަ އެދުމާ ހުރެ އެކުޑަކުޑަ ގެ ނަރަކައަކަށް ބަދަލުކުރީ އަމިއްލައަށެވެ.

"ޒަނީނަކީ އަހަރެންގެ މީހެއް. އޭނާ ހުންނާނީ އަހަރެންގެ މީހެއްގެ ގޮތުގައި. ތަގްދީރުގައި ލިޔެވިފައި އޮތީ އަހަރެންގެ މީހެއްގެ ގޮތުގައި. އަހަރެން ދުނިޔޭގައި ހުއްޓާ އަހަންނާ ޒަނީނާ ދޭތެރެއަށް އެއްވެސް މީހަކަށް ނުވަދެވޭނެ. އެމީހެއްގެ ދުވަސް ދުއްވައިލާނަން..." ކޮޓަރިތެރެ ގުގުމާފައި ހުރީ އޭނާ މަންމައާ ދިމާއަށް ލެވި ހަޅޭކުގެ އަޑުންނެވެ. މަރިޔަމަށް އެތާ ހުންނާކަށް ކެތެއް ނުކުރެވުނެވެ. އޭނާ އަވަސްއަވަހަށް ގޯތި ތެރެއަށް ނުކުތެވެ. "މަންމަ ބަލަން ހުންނާތި. ކޮންމެވެސް ދުވަހަކުން އަަހަރެން މިގެއިން ނުކުންނާނަން... މިގެ ދެކެ އަހަރެން ވަރަށް ފޫހިވޭ... މިއީ އަހަރެން އުޅެން ބޭނުންވާ ގެއެއް ނޫން... ފިލައިގެން ގޮސްފައި، ދުވަހަކުވެސް އެނބުރި މިގެއަކަށް ނާންނާނަން." އެ ވާހަކަތައް ހިތި ޒަހަރުހެން އޭނާގެ ހިތަށް ފޭދެމުން ދިޔައެވެ.

ޒަނީންް ވެސް ބޮކި ނިވާލާފައި ބޭރަށް ނުކުތެވެ. އޭނާ ގޮސް އޮޅިމަތީގައި އިށީނެވެ. މަރިޔަމް ގޯތިތެރޭ ކަނެއްގައި ހުއްޓިލައިގެން ހުރީއެވެ. ބޮކި ނިވައިލުމުން ގޯތި ތެރެއަށް މަގު ބައްތީގެ އަލި ކޮންމެވެސް ވަރަކަށް ފޯރައެވެ. ކަޅު ވިލާތަކުން އުޑުމަތިވެސް ބައްދާލައިފިއެވެ.

"މަންމައަށް މަރިޔަމަކަށް ވިސްނައެއް ނުދެވޭނެ. ވަގުތު ޖެހުމުން ދަރިފުޅަށް ވިސްނޭނެ. މަންމަގެ ހަމައެކަނި ބިރަކީ އޭރުން ވަގުތު ފާއިތުވެފައި އޮންނާނެތީ..." ޖައްވުގެ ތެރެއިން މަންމަގެ އަޑު އޭނާއަށް އިވުނެވެ. އޭނާ ތިރީ ތުންފަތުގައި ބާރަށް ދަތް އެޅިއެވެ. "ﷲގެ ރަހުމަތުން އަހަންނަށް ބޭނުންވާ ހުރިހާ އެއްޗެއް ވަނީ ދެއްވާފައި. އަހަންނަކީ މުސްލިމެއް. އަހަރެންގެ ފިރިމީހާއަކީ އަހަރެން ދެކެ ވަރަށް ލޯބިވާ ހިތްހެޔޮ މީހެއް. ތީ މަންމަގެ ދަރިފުޅު. މަންމަގެ އަމިއްލަ ގެދޮރު އެބަހުރި. އިތުރަށް މަންމަ ބޭނުންވަނީ ކޯޗެއް؟ އިތުރު އެއްޗެއް ބޭނުންވާންވީ ކީއްވެ؟"

މަރިޔަމް ފެންކަޅިވިއެވެ. އޭނާ ހުއްޓިލައިގެން އެހެރީ މަންމަގެ ދެއަތުން އެޅި ތަޅުމެއްގައެވެ. މަރިޔަމް ބޫޓު ބޭލިއެވެ. އޭނާ ބޭނުންވީ ތަޅުންގަނޑުން މަންމަގެ ލޯބި އިހުސާސް ކުރާށެވެ.

"ކީއްކުރަން އަބަދު ނަމާދުކުރަނީ؟ ކޮންމެ ރެއަކު ދަންވަރު ތެދުވެ ތަހައްޖުދު ނަމާދުކުރަނީ ފަރުޟު ފަސް ނަމާދުކުރުމުން ނުފުދޭތީތަ؟ ތިވަރަށް ނަމާދުކުރުމުން ލިބުނީ ކޯޗެއް؟ ފަގީރު އަވަށްގަނޑަކުން ކުޑަކުޑަ ޖިފުޓިއެއް، އުމުރަށްވުރެ ދެގުނަ ދޮށި، ބަލައިލަން ހުތުރު ފިރިއެއް. އޭނައަށް ލިބެނީ ގިނަވެގެން މަހަކު ދެހާސް ރުފިޔާ. އެވަރުން ދުވާލަކު ދެއިރު ކެވެނީ ކިރިޔާ. ތިވަރަށް ނަމަދުކުރީމާ ލިބުނު އެއްޗަކީ އެއީ."

އޭނާގެ އުޅެމުން ދިޔަ ހިތި ދިރިއުޅުމުގެ ރަހަ މަރިޔަަަމަށް ލީ އަދި ކިރިޔާއެވެ. އަދި މަންމަގެ ހިތުގައި ޖެހޭނެވަރު ރޭކާލީ ވެސް މިހާރު އެވެ.

"އެންމެ ކަމަކަށް އެދި ދުއާކުރުމުން އެ ދުއާ އިޖާބަ ނުކުރައްވާއިރު ތިވަރަށް ދުއާކުރުމުގެ ބޭނުމަކީ ކޮބާ؟"

އޭނާ ޒަނީނަށް ބަލައިލިއެވެ. ޒަނީން އިނީ އަދިވެސް އޮޅިމަތީގައެވެ. ދެއަތުން ބޮލުގައި ހިފަހައްޓައިގެންނެވެ. ކޯތާފަތް ހުރީ ކަރުނައިން ފޯވެފައެވެ.

"ޔާ ﷲ. މިއަޅާގެ އުއްމު މަރިޔަމަށް ތާއަބަދު ރައްކާތެރިކަން ދެއްވާނދޭވެ. އޭނާ ފާފައިގެ މަގުގައި ހިނގިޔަ ނުދެއްވާނދޭވެ. މިއަޅާއާއި ޖެހިގެން ސުވަރުގެއިން އޭނާއަށް ޖާގަ ދެއްވާނދޭވެ. އޭނާއަށް ހެޔޮ ރަޙްމަތް ލައްވާނދޭވެ." އެއީ މަންމަގެ ދުޢާއެވެ.

"އަހަރެން ދެކެ މަންމަ ލޯތްބެއް ނުވޭ. އަހަންނަށް ކާމިޔާބު ދެއްވުން އެދި މަންމަ ދުއާއެއް ނުކުރޭ." މަރިޔަމް ކަކޫ މައްޗަށް ތިރިވިއެވެ. މިއީ ހޫނު މޫސުމުގައި މަންމަ ތަހައްޖުދު ނަމާދުކުރަން އިންނަ ތަނެވެ. ކުޑައިރު ނިދިން ހޭލެވޭ އިރު އެނދުގައި މަންމަ ނެތިއްޔާ މިތަނަށް އައިސް މަންމަ ނަމާދުކުރާތަން ބަލަން އިނދެއެވެ. ބައެއް ރޭރޭ މުސައްލަ ކައިރީގައި ބިންމަތީގައި އޮށޯވެ ނިދައެވެ.

މަރިޔަމް ތަޅުންމަތީގައި އަތް ކާއްތައިލިއެވެ. މަންމަގެ އިހުސާސްކުރަން ބޭނުންވީއެވެ. "ފުރާޅުން ފެން ފައިބާ، ތަޅުންމަތި ފަޅައިގެން ގޮސްފައި ހުރި، ބައު ކޮޓަރިގަނޑެއްގައި، ހަތަރު ޖަނަވާރާއި ބައެއް ގަސްގަހާ އެކު އެކަނިވެރިކަން ފިލާނޭ ކަމުގެ އުއްމީދުގައި އިންނަންވީ ކިހައި ދުވަހަކު ހެއްޔެވެ؟" މަރިޔަމް ހިތަށް އެރިއެވެ. "އެކަހަލަ ތަނެއްގައި އުފަލުގައި މީހަކަށް އުޅެވޭނީ ކިހައި ދުވަހަކު ހެއްޔެވެ؟ އިންސާނަކަށް އެ ހާލަތުގައި އުޅެވެނީ ކިހިނެއް ހެއްޔެވެ؟ އުޅެންވީ ވެސް ކީއްވެހެއްޔެވެ؟ އެއަށްވުރެ ރަނގަޅު ހާލަތެއް އޮއްވައި އޭގެ ބޭނުން ނުހިފަންވީ ކީއްވެހެއްޔެވެ؟"

"އެއަށްވުރެ ރަނގަޅު ހާލަަތެކޭ؟" އޭނާއަށް އިތުރަކަށް ކެތެއް ނުކުރެވޭނެއެވެ. ކަރުނަތައް ދެމިގަންނާނެ ދޮރު ހުޅުވުނީއެވެ. މަންމަގެ މަރާއެކު ލިބުނު ޝޮކުގެ އަސަރު ފިލަން ފެށީއެވެ. ގޭތެރެއަށް ވެރިވެފައި އޮތް ހިމޭންކަން ނަގައިލީ މަރިޔަމްގެ ރުއިމާއި ގިސްލުމުގެ އަޑެވެ. ޒަނީން އިސް އުފުލައި ބަލައިލިއެވެ. މަރިޔަމް ބިންމަތީގައި އޮވެ ރޮނީއެވެ. ޒަނީން އެ އިންތާ އިނެވެ. ކަރުނަ އެޅުމުން އޭނާގެ ހަށްޓަށް ލުއިވާނެއެވެ. އެ ހަނދާންތަކާ ދުރަށް ދާން އެހީވާނެއެވެ. ރޮވެނީ ކީއްވެގެން ކަމެއް މަރިޔަމަކަށް ނޭނގެއެވެ. އޭނާގެ ބަސްތަކުން މަންމަގެ ހިތުގައި ޖެހޭނެ ވަރު ރޭކާލުމުން ރޮވެނީ ހެއްޔެވެ؟ ނުވަތަ އެ ނޫން ގޮތެއް ނެތިގެން ރޮވެނީހެއްޔެވެ؟ ނުވަތަ މަންމައާ ދޭތެރޭ ކަން ކުރެވުނު ގޮތުން ވެރަދު ހީވަނީ ހެއްޔެވެ. ނުވަތަ އެކަމާ ދެރަވަނީ ހެއްޔެވެ؟"

"މަންމާ. އަހަރެން އެދުނު ގޮތަށް އަހަންނަށް ދުއާކޮށް ނުދިން ނަމަ... އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ޒަނީންް ވުމަށް އެދި ދުއާ ނުކުރިނަމަ... ދެއްވި މިންވަރަށް ޝުކުރުކޮށް، ރުހިގެން ހުންނާނެހެން ދުއާ ކުރިނަމަ... މިއަދު އަހަރެން ވާނީ އުފަލުގައި އުޅޭ މީހަކަށް."

"ﷲ އަހަރެން ފޮނުއްވީ ފުދިގެން ހުރި އަންހެނެއްގެ ކައިރިއަށް. އެމީހާ އާއެކު އަހަރެން ފަންސަވީސް އަހަރު ހޭދަކުރިއިރު އެމީހާގެ ފަރާތުން އަހަންނަކަށް އެކައްޗެއް ވެސް ދަހެއް ނުވޭ. އަހަރެން ބޭނުންވިހައި ވެސް އެއްޗަކީ ދުނިޔެ... އެ އަންހެން މީހާއާއެކު މި ފިރިހެން މީހާ އުޅުނީ އެންމެ ތިން އަހަރު... އެމީހާ ކައިރިން މި ފިރިހެންމީހާ ހުރިހާ އެއްޗެއް ދަސްްކުރި... ދެއްވި މިންވަރަށް ރުހިގެން ހުންނަން... ކެތްތެރިކަން... ހިތްހެޔޮކަން... އޯގާތެރިކަން... އަހަރެން އަތުގައި ހުރި ހުރިހާ އެއްޗެއް ބާޒާރުގައި ވިއްކައިލީ އަގެއް ނެތް އެއްޗަކަށް. އަހަންނަށް ފައިދާ ނުވާކަން އޭރު އަހަންނަކަށް ނޭނގޭ. އަހަންނަށްވުރެ ބޮޑު މޮޔައަކު މިދުނިޔޭގައި ހުންނާނެތަ؟ އަހަރެން ކަހަލަ ޝުކުރު ނުކުރާ މީހަަކު މި ދުނިޔޭގައި އުޅޭެނެތަ؟ އަމިއްލަ އެދުމުގެ ސަބަބުން އަހަރެން ދަމައިގެންފައި މި ވަނީ އެ ތަނަކުން އަހަންނަށް ނުނުކެމޭ ވަރުގެ އަނދިރި ފުން ހޮހަޅައަކަށް. ހަމަޖެހިގެން އުޅެން ޚަދީޖާ ނޫރަށް ލިބުނު ރަހްމަތް އަހަންނަށް ދުވަހަކު އިހުސާސް ނުކުރެވޭނެ. އޭނާއަށް ލިބުނު އުފާވެރިކަން އަހަންނަށް ދުވަހަކު ނޭނގޭނެ. އަބަދުވެސް އިތުރަށް އެއްޗެހި ހޯދަން ދަހިވެތިވުމާއި، އެހެންމީހުންނަށް އަހަރެންގެ ހިތުގައި އުފެދުނު ހަސަދަވެރިކަމުގެ ސަބަބުން އަހަރެން މިވަނީ ނަރަކައަކަށް ވެއްޓިފައި."

ތުނިތުނިކޮށް ވާރޭ ވެހެން ފެށިއެވެ. މިއީ ވާރޭ ވެހެން ފެށުމުން މަރިޔަމްގެ ހިތުގައި ނަފްރަތު ނުއުފެދުނު ފުރަތަމަ ފަހަރެވެ. މިގޭގައި ހުރި އެއްވެސް އެއްޗަކަށް އޭނާގެ ހިތުގައި މިހާރު ނަފްރަތެއް ނެތެވެ. އެކަމަކު އަމިއްލަ ނަފްސު ދެކެ ވަރަށް ނަފްރަތު ކުރެވެއެވެ. ވާރެއާއެކު އެތައް ހަނދާނެއް އާވިއެވެ. މިރޭ އޭނާއަށް ހީވަނީ މިގޭގައި ހުރި ހުރިހާ އެއްޗަަކަށް ދިރުން ލިބި އޭނާގެ ބޮލުގައި ތުހުމަތު އަޅުވާނެ ދުލެއް ލިބުނުހެންނެވެ.

"މަންމާ، ލޯތްބާ ބެހޭ ގޮތުން މަންމައަށް އެނގޭނީ ކޯޗެއް؟ މަންމަ ތީ ދުވަހަކުވެސް މީހަކު ދެކެ ލޯބިވީ މީހެއް ނޫން..."

މަރިޔަމް މާޒީގެ ހިތި ހަނދާންތައް އާ ކުރަމުން ދިޔައެވެ.

"މަންމާ، އުއްމު މަރިޔަމަށް ނުވެ، މީގެ ޖަނަވާރަކަށް އަހަރެން ވީނަމަ އުމުރަށް ވަފާތެރިކަން މަތީ ހުންނާނަން. އަހަންނަކީ އާޓިސްޓަކަށް ނުވިނަމަ... އަނދަވަޅަކަށް ވެއްޓޭން މަގު ފަހިވީ އެ ހުނަރާއި، ބޮޑާ ކަމުގެ ސަބަބުން."

މިހާރު ވާރޭ ބޯކޮށްލައިފިއެވެ. ހުރިހާ އެއްޗެއް ތެމި ފޯވެއްޖެއެވެ. ޒަނީން މަރިޔަމަށް ބަލައިލިއެވެ. މަރިޔަމް އަދިވެސް އޮތީ ބިންމަތީގައި އަތް ވިއްދައިގެން ކުޑަކަކޫ މަތީގައެވެ. ޒަނީންވެސް އައިސް މަރިޔަމް ގާތުގައި ކަކޫ މައްޗަށް ތިރިވިއެވެ. "މަންމަ އަބަދުވެސް ބުނި މަރިޔަމަށް އަދި ވިސްނޭނެއޭ. ވަގުތުކޮޅެއް ނަގާނެއޭ. އެކަމަކު އަދި ވިސްނޭނެއޭ. މަރިޔަމަށްޓަކައި ދުއާކުރާ ވާހަކަ މަންމަ ބުނޭ. އެހެންކަމުން ﷲ މަރިޔަމް ނަރަކައަށް އެއްލަވައި ނުލައްވާނެއޭ މަންމަ ބުނޭ."

އަދިވެސް ވާރޭ ވެހެނީއެވެ. މަރިޔަމްގެ ކަރުނަ ހިކިއްޖެއެވެ. އޭނާ ޒަނީންގެ މޫނަށް ބަލައިލިއެވެ. ޒަނީންގެ މޫނު ވާރެއިން ތެމިއްޖެއެވެ.

"މަންމަ ބުނާނެ..." ޒަނީން ވާހަކަ ކުރިއަށް ގެންދިޔައެވެ. "މަރިޔަމަކީ އޭނާގެ މުޅި ދިރިއުޅުމުގައި ތާހިރު ދިރިއުޅުމެއް ނޫން އެހެން އެއްޗެއް ދެކެފައިވާ ކުއްޖެއް ނޫން. އެހެންވީމާ އޭނާއަށް ތާހިރު ދިރިއުޅުމެއް ނޫޅެވޭންވީކީއްވެގެން؟ ވަގުތުކޮޅެއް ނަގާނެ. އެކަމަކު މަންމައާއި ދަރިފުޅު އަދި ޒަައިނަބު ގާތަށް މަރިޔަމް އެނބުރި އަންނާނެ. މި ދުނިޔެއަކީ ފުސްބިއްލޫރިގަނޑެއް ފަދަ ނުސާފު ދުނިޔެއެއްކަން އެނގޭ ދުވަހަކު އޭނާ އެނބުރި އަންނާނެ... މަންމައަށް އަބަދުވެސް އެ ޔަގީންކަން އޮތް."

ޒަނީން ތެދުވެފައި އަތް ދިއްކުރިއެވެ. މަރިޔަމް އޭނާގެ އަތުގައި ހިފައިގެން ފަހަތުން ގެއިން ނުކުންނަން ދިޔައެވެ. އިރުކޮޅަކު މަޑުކޮށްފައި އެނބުރި ފަސް ބަލައިލިއެވެ. ކަނު އަނދިރީގެ ތެރެއިން ވެސް މިޙާރު އޭނާއަށް ސާފުކޮށް ގޭތެރެ ފެނެއެވެ. "މަންމަ އެބުނީ ރަނގަޅު ވާހަކައެކެވެ." މަރިޔަމްގެ ހިތަށް އެރިއެވެ. "އެކަމަކު މަންމައަށް ނޭނގުނު ކަމަކީ އަހަަރެންނަށް ކަންކަން ރޭކާލާ އިރު ވަގުތު ފާއިތުވާނެ ކަމެވެ."

މަރިޔަމް ފިރިމީހާގެ ފަހަތުން އެގޭ ދޮރާށިން ނުކުތެވެ.

(ނިމުނީ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

13 ޚިޔާލު

  1. ވަރަށް ރީތި އާމިނަތު ގެ ހުރިހާ ވާހަކައެއްވެސް، ވަރަށް ކިޔާ ހިތްވާ ގޮތެއް ހުރޭ، އަދި އަދަބު ހުރެމެ އެކުލަވާލާފައިވާ ގޮތްވެސް ވަރަށް ރީތި މިކަހަލަ ރީތި ވާހަކަތައް ލިއުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫން، ތަރުޖަމާ އަކަށް ވިޔަސް ހެޔޮ، ވަރަށް ރީތި

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.