ފުސްބިއްލޫރި - 18

(9 ޖެނުއަރީ 2019ގައި ޝާއިއުކުރި ބަޔާގުޅޭ)

"މަރިޔަމް، އެހެންވިޔަސް ދަރިފުޅު އެ އާއިލާ މީހަކާ އިންނަންޏާ އާއިލާގެ ހުރިހާ އެންމެންނަށް އިހުތިރާމް ކުރަންވާނެ. ބުނި އެއްޗެއް ބުނީ ކާކުތޯ، އެއީ ކީއްވެގެންތޯ، އޭގެ ސަބަބުން ހިތުގައި ޖެހުނީ ކާކުތޯ، އަގު ވެއްޓުނީ ކާކުގެތޯ – އެ ހުރިހާ ކަމެއް ހަނދާން ނައްތައިލާ. ދިރިއުޅުމަކީ މިއީ. ދުނިޔޭގައި އުޅޭ އިރު މީހުން ވަރަށް ގިނަ ވާހަކަ ދައްކާނެ. ވަރަށް ގިނަ ވާހަކަ އަޑު އިވޭނެ. އެއިން ކޮންމެ ވާހަކައެއްގައި އެތައް މާނައެއް އެކުލެވޭނެ. ބުނާ ހުރިހާ ވާހަކައެއްގައި ހިފައިގެން ތިގޮތަށް ދަމަންޏާ ދިރިއެއް ނޫޅެވޭނެ. މަންމަ ވަރަށް ދެރަވާނެ ދަރިފުޅުގެ މަންމަ ދަރިފުޅަށް ހުރިހާ ކަމެއް އުނގަންނައިދިނޭ، އެކަމަކު ބޮޑެތި މީހުންނަށް އިހުތިރަމް ކުރާކަށް ދަހެއް ނުކޮށްދެއޭ ބުނާ އަޑު އިވޭ ދުވަހު.. އެކަމަކު ބޮޑެތި މީހުންނަށް އިހުތިރާމް ކުރަން މަންމަ ދަރިފުޅަށް ދަސްކޮށްދިނޭ ބުނާ އަޑު އިވޭ ދުވަހު ވަރަށް އުފާވާނެ."

މަންމަ ކޮޓަރިން ނުކުތެވެ.

މަރިޔަމް ރުޅި އައިސްފައި ބަލަހައްޓައިންގެ އިނެވެ. "މަންމަ އުޅެނީ ކޮން ދުނިޔެއެއްގައިތަ؟" މަރިޔަމް ކުދިކިޔަން ފެށިއެވެ.

***

ކާވެންޏަށް ބޭނުންވާ އެއްޗެހި ގަންނާން މަރިޔަމް ގޮވައިގެން ޒަނީން ބާޒާރަށް ދިޔައެވެ. މަރިޔަމް ބޭނުންވި ހުރިހާ އެއްޗެއް ގަނެދިނެވެ. އެންމެ ފެންވަރު ރަނގަޅު އަންނައުުނާއި، އެންމެ އަގު ބޮޑު ގަހަނާ ގަނެދިނެވެ. އޭނާގެ އުފަލަކީ މަރިޔަމް އުފަލުގައި ހުންނަތަން ދުށުމެވެ. މަރިޔަމްގެ ކާވެންޏަށް މަންމަވެސް ފައިސާކޮޅެއް ރައްކާކުރިއެވެ. މަރިޔަމް ބާޒާރަށް ދިޔައިރު އެ ފައިސާކޮޅު ދިނެވެ. އެކަމަކު މަރިޔަމް އެފައިސާ އަނބުރައި މަންމައަށް ދިނެވެ. "މަންމައަށް އެނގޭތަ. ތި ފައިސާއިން އަހަރެން ބޭނުންވާ ކަހަލަ ދެ ހެދުން ވެސް ނުގަނެވޭނެ. ތި ބަހައްޓާ މަންމަ އަތުގައި. އަހަރެން ބޭނުންވާ ހުރިހާ އެއްޗެއް ގަނެދޭނަމޭ ޒަނީން ބުނި." އުފާވެފައި ހުރި ވަރުން އޭނާ ބުނި ވާހަކައިން މަންމަގެ ހިތުގައި ޖެހުނު ކަމެއްވެސް އޭނާއަކަށް ނޭނގުނެވެ.

ކޮންމެ ދުވަހަކު ހަވީރު ގެއަށް އައިސް ބާޒާރުން ގެންނަ އެއްޗެހި އޭނާ މަންމައަށް ދައްކައެވެ. މަންމަ ހަމައެކަނި ހީނލަނީއެވެ. އެއްވެސް އެއްޗެއް ނުބުނެއެވެ.

އެއްރޭ އެނދުގައި އޮށޯވެ ދެ ލޯ މަރައިގެން އޮވެ މަރިޔަމް ބުންޏެވެ. "މަންމާ، މި ދުނިޔެއަކީ ކިހައި ރީތި ތަނެއްކަން މަންމައަށް އެނގޭތަ؟"

މަންމަ އޭނާގެ ވިދާ ބަބުޅާ މޫނަށް ބަލައިލިއެވެ. "އާނ ދަރިފުޅާ، ފެންނަ ފެނުމަށް މިއީ ރީތި ތަނެއްކަން އެނގޭ." އޭނާ ބޮކި ނިއްވާލާފައި ނިދަން އޮށޯތެވެ.

މަންމަ ބުނި އެއްޗަކާ މެދު ވިސްނައިނުލާ މަރިޔަމް ވާހަކަ ކުރިއަށް ގެންދިޔައެވެ. "ބޭނުން ކޮންމެ ފިހާރައަކަށް ވަދެ އަގުބޮޑު އެއްޗެހި ބަލައި، އެ އެއްޗެހި ގަނެވުމަކީ ކިހައި ބޮޑު ނިއުމަތެއް."

"ދަރިފުޅަށް އެނގޭތަ ބާޒާރުގައި އެންމެ އަގު ދަށް އެއްޗަކީ ކޯޗެއްކަން؟" މަންމަ ސުވާލުކުރިއެވެ. "އެއްޗެހި ގަންނަން ދާ މީހާ!" ހަމަ އެ ނޭވާގައި މަންމަ ބުނެލިއެވެ.

"ދެން މަންމާ!" އެއީ މަރިޔަމް މާ ގަޔާވި ވާހަކައަކަށް ނުވިއެވެ. "އަހަރެންގެ ހިތް އެންމެ ބޮޑަށް ބޭނުންވީ ކަންތައް ވީމާ އަހަރެން އުފާ ނުކުރާންވީތަ؟"

"އުފާކުރަންވާނެ. އެކަމަކު އެ ލިބުނު އެއްޗެއް އަތުން ބީވިޔަނުދީވޭތޯޯ މަސައްކަތް ކުރަންވާނެ. އެކަމަށްޓަކައި ދުއާކުރަންވާނެ." މަންމަ ޖަވާބު ދިނެވެ.

މަންމަ އާއި މަރިޔަމް ވެސް ތިބީ އެނދުގައި އޮށޯވެއެވެ. ދެމީހުންގެ ގަޔަަށްވެސް ނިދާބޮކީގެ އަލި އެޅިފައި ހުއްޓެވެ.

"މަންމާ، ވާހަކައެއް ބުނަންތަ؟" މަންމަގެ ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތި އޭނާ ވާހަކަ ކުރިއަށް ގެންދިޔައެވެ. "އަހަރެން މިގެއިން ނުކުތުމަށްފަހު ދުވަހަކުވެސް މިގެއަށް އަންނަ ހިތެއް ނުވާނެ. އަހަރެންގެ ޚިޔާލަށްވެސް މިގެ ނުގެންނާނަން. މަންމަ ބަލަން ހުންނައްޗޭ. މިގޭގައި ދިރިއުޅޭކަށް ދެން ދުވަހަކުވެސް އަހަރެން ނާންނާނަން."

"ދެން ނިދަން އުޅޭ ދަރިފުޅާ." އެހެން ބުނެފައި މަންމަ ލޯ މަރައިލިއެވެ. ފުން ނޭވާއެއް ދޫކޮށްލާފައި މަރިޔަމްވެސް ލޯ މަރައިލިއެވެ.

***

ކާވެނީގެ ހުރިހާ ކަމެއް އިންތިޒާމުކޮށްފައި އޮތީ މަރިޔަމް ބޭނުންވީ ގޮތަށެވެ. ކާވެނީގެ ރަސްމިއްޔާތާއި ކާވެނި ސައި އޮތީ ކާވެނި ހޯލެއްގައެވެ. ނަމަވެސް ޒަނީންގެ އާއިލާއިން ބޭއްވި ޕާޓީ އޮތީ ފަސްތަރީގެ ހޮޓަލެއްގައެވެ. އެ ޕާޓީއަށް މުއްސަނދިންނާއި ކަމުވޮށިގެންވާ އެންމެންނަށް ދައުވަތު ދިނެވެ. މަރިޔަމްވެސް އޭނާ ބޭނުންވީ ހުރިހާ އެންމެންނަށް ދައުވަތު ދިނެވެ. ޒަނީނަކީ ރައްޓެހިން ގިނަ މީހެކެވެ. ނަމަވެސް ގިނައިން ތިބީ ޒަނީންގެ ބައްޕަގެ އެކުވެރިންނެވެ. ވިޔަފާރިވެރިންނާއި މަހުޖަނުންނެވެ. އެ ހަފްލާގައި ބައިވެރި ނުވަނީ މަރިޔަމްގެ މަންމަ އެކަންޏެވެ. ޒަނީން ބުނެބުނެވެސް އޭނާ އެތަނަށް ދާކަށް އެއްބަހެއް ނުވިއެވެ. ޒަނީން ހުރީ އެކަމާ ވަރަށް ދެރަވެފައެވެ. އެކަމަކު މަރިޔަމްގެ މޫނުމަތިން އެކަހަލަ އަސަރެއް ފާޅެއް ނުވެއެވެ. ތިން ހާސް މެހެމާނުންގެ ތެރޭގައި ހިމެނެނީ މަޝްހޫރު ޝަޚްސިއްޔަތު ތަކެވެ. އެމީހުންގެ ތެރޭގައި ހުންނަ އިރު މަންމަ ނެތްކަމެއް އޭނާއަކަށް އިހުސާސެއް ނުކުރެވެއެވެ. މަންމަ ނެތުމަކީ މާ ބޮޑު މައްސަލައަކަށް ނުވިއެވެ.

ޕާޓީ ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި ވެސް ޕާޓީގައި މަންމަ ނެތުމުން ފަޅުކަން އިހުސާސް ކުރެވުނު ވާހަކަ ޒަނީން ބުންޏެވެ. "މާދަމާ މަންމަ ގާތަށް ދާންވާނެ." އޭނާ ބުނެލިއެވެ.

"މިއަދުވެސް ދިޔައިމެއްނު." މަރިޔަމް ޒަނީނަށް ހަނދާންކޮށްދިނެވެ.

ސެލޫނުން މަރިޔަމް ގޮވައިގެން އަންނަމުން ގެއަށް ވަދެ މަންމައާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން އޭނާ ވަރަށް މަސައްކަތްކުރިއެވެ.

"އޭރުން ރިސެޕްޝަނަށް ދާން ލަސްވާނެ. އަހަރެމެންގެ އިންތިޒާރުގައި މެހެމާނުން ތިބޭނެ." މަރިޔަމް ގެއަށް ދާން ދެކޮޅުހެދިއެވެ.

"މެހެމާނުން ތިބެދާނެއެއްނު. މަންމަވެސް ހުންނާނީ އަހަރެމެންގެ އިންތިޒާރުގައި. ރިސެޕްޝަނަށް ދާން ބޭނުންނުވިޔަސް މަންމަ ހުންނާނީ މަރިޔަމް ދެކޭ ހިތުން. ގެއަށް ވަދެ މަންމައަށް ފެނިލާފައި ހޮޓަލަށް ދާނީ." ޒަނީން މަރިޔަމް ރުއްސޭތޯ ބެލިއެވެ.

މަރިޔަމް އަނގައިން ނުބުނެ އިނީއެވެ. މިހައި ރީތި ހެދުމެއް ލައިގެން އަގު ބޮޑު ގަހަނާ އަޅައިގެން ކުރިން އުޅުނު ފަގީރު އަވަށްގަނޑަށް ދާކަށް އޭނާ ބޭނުމެއް ނޫނެވެ.

މަރިޔަމް ފެނުމުން މަންމަ ވަރަށް އުފާވިއެވެ.

"މިވަރުން މިރެއަށް ފުދޭނެ. އަދި މާދަމާ މަންމައާއި ބައްދަލުކޮށްލަން ދާނީ." ޒަނީން ބުނެލިއެވެ. މަންމަ ގާތަށް ނުދާން މަރިޔަމް ބަހަނާ ދައްކާތީ ޒަނީން ހުރީ ހައިރާންވެފައެވެ.

***

ޒަނީނާ ކާވެނިކުރެވުމުން މަރިޔަމްގެ ހުރިހާ ހުވަފެނެއް ހަގީގަތަކަށް ވީއެވެ. ދުނިޔެމަތީގައި އޭނާއަށް ހާސިލުނުކުރެވޭނޭ އެއްވެސް ކަމެއް ނެތްކަމަށް ގަބޫލުކުރުމަކީ ކުށްހީއެއް ނޫނެވެ. ޒަނީނާއި އޭނާގެ އާއިލާއަކީ އެ ސިޓީގެ އަޝްރާފުންގެ ތެރޭގައި ގުނާލެވޭ މީހުންނެވެ. ޒަނީނަކީ އާޓުގެ ދާއިރާގައި ވެސް މަޝްހޫރު މީހެކެވެ. އެހެންކަމުން މަރިޔަމަށްވެސް އޭނާގެ ހުނަރު ދައްކައިލާނޭ ޕްލެޓުފޯމެއް ލިބުނީއެވެ. އޭނާއަށް އުނިވާ އެއްވެސް ކަމެއް ނެތެވެ. ބޭނުންވާ ހުރިހާ ކަމެއް ޒަނީން ފުރިހަމަ ކޮށްދިނެވެ. ގޭގެ އެއްކޮޓަރި އާޓް ސްޓޫޑިއޯ އަކަށް ބަދަލުކޮށްދިނެވެ. ބޭނުންވާ ފެންވަރަށް ސްޓޫޑިއޯ ތައްޔާރުކުރުމަށް ހޭދަކުރެވެން އޮތް އެންމެ ފައިސާ ފޮއްޗެއްވެސް މަރިޔަމް ދޫކޮށެއްނުލައެވެ.

ލިބިފައިވާ ހުރިހާ ބާރެއް ބޭނުންކޮށްގެން އާޓުގެ ދާއިރާގައި ކާމިޔާބު މީހަކަށް މަރިޔަމް ހެދުމަކީ ލިބޭ ޝަރަފެއް ކަމުގައި ޒަނީން ބުނުމުން އޭނާ ހުރީ އުފަލުންނެވެ.

ޒަނީންގެ ގެ ހަދާފައި ހުންނަނީ ވަރަށް ރީތިކޮށެވެ. އާކިޓެކްޓަކަށް ނުވި ކަމުގައި ވިޔަސް އެންސީއޭ އާއި އިންޑަސް ވެލީ އިން އޭނާއަށް ވަނީ ރީތި އެއްޗެހި ބަލައިގަންނާން ދަސްކޮށްދީފައެވެ. ދޭތެރެ ދޭތެރެއިން އޭނާ ގޭތެރޭގެ އެކި ތަންތަނަށް ބަދަލު ގެނެއެވެ. އެކަމަކު މުޅި ގެ އެއްކޮށް ބަދަލުކުރަން މަރިޔަމް ބޭނުންވުމުން އޭނާ އެކަމަށް އެއްބަސްވިއެވެ.

ޒަނީނަކީ ހެޔޮލަފާ ރަނގަޅު ފިރިއެކެވެ. އަނބިމީހާގެ އިހުސާސްތައް ދަންނަ، އޭނާއަށް އަޅާލާ އޯގާތެރި ފިރިއެކެވެ. މަޑުމައިތިރި ކަމާއި ރުޅި އިސްނުކުރުމާއި އެހެން މީހުންނަށް އިހުތިރާމް ކުރުމަކީ އޭނާގެ ތަބީއަތުގައި ހަރުލާފައި ހުރި ސިފަތަކެވެ. އޭނާއަކީ މިނިވަން ޚިޔާލުގެ މީހެކެވެ. އެއްވެސް ވަރަކަށް މަރިޔަމް ކޮންޓްރޯލްކުރާކަށް އޭނާ މަސައްކަތެއް ނުކުރެއެވެ. ބޭނުން ބަޔަކާއެކު މަރިޔަމަށް ގެއިން ބޭަރަށް ދެވެއެވެ. ޒަނީނަކީ ވެސް ކުރަހާ މީހެކެވެ. ނަަމަވެސް ވިޔަފާރީގެ ސަބަބުން އެކަމަށް ވަގުތު ހުހެއް ނުކުރެވެއެވެ. ކުރެހުމަށް ހުންނަ ޝައުގެއްގެ ބޮޑުކަމުން މޮޅު ކުރެހުމެއް ފެނިއްޖެއްޔާ ގަނެއެވެ. ކުރެހުމުގެ މައުރަޒުތަކާއި ޝޯތަކަށް ދެއެވެ. އަދި އާޓާ ބެހޭ ގިނަ ލިއުންތައް ކިޔައެވެ.

ޒަނީނާ ޚިލާފަށް މަރިޔަމަކީ ރުންކުރު ކުއްޖެކެވެ. ކަމަކާ ހިތްހަމަ ނުޖެހިއްޖެނަމަ އެެކަމެއް ދައްކައެވެ. ޒަނީނާ މަރިޔަމް އެއްވެސް ކަމަކާ ޒުވާބުކުރާ ހިސާބަށް ހިނގައްޖެނަމަ މައްސަލަ ގޯސްވިޔަނުދިނުމަށް އޭނާ ހުންނަނީ ހިމޭނުންނެވެ. މަރިޔަމްގެ އާ ދިރިއުޅުން ވަރަށް އުފާވެރިއެވެ. ޒަނީނަކީ ރައްޓެހިން ގިނަ މީހެކެވެ. އެހެންކަމުން ކޮންމެ ހަފްތާއަކު ދެ ތިން ފަހަރު އެއިން ކޮންމެވެސް އެކަކުގެ ދައުވަތު ލިބެއެވެ. އަބަދު އޮންނަނީ ރޭގަނޑުގެ ކެއުމަކަށް، ޕާޓީއަކަށް، ކުރެހުމުގެ މައުރަޒަކަށް، ފެޝަން ޝޯއަކަށް ނުވަތަ ކޮންސެޓަކަށް ދާން ޖެހިފައެވެ. މިއީ މަރިޔަމް އަބަދުވެސް ބޭނުންވީ ދިރިއުޅުމެވެ. އޭނާ އެތަންތަނަށް ދަނީ ވަރުގެ ކޮޅަށް ނަލަހެދިލައިގެންނެވެ. ހެދުން އަޅާ ސްޓައިލް ބަދަލުކޮށް، މަޝްހޫރު ފެޝަން ޑިޒައިނަރުން ކަމުގައިވާ މަހީން ޚާން އާއި ސެހެރް ސޭގަލް ގެ ހެދުންތައް ލާން ފެށިއެވެ. އިސްތަށިގަނޑު ސްޓައިލް ކުރަނީ ޠާރިގް އަމީން އެވެ. އެއީ މަޝްހޫރު ހެއަރ ސްޓައިލިސްޓެކެވެ. ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށްޓަކައި ގަވައިދުން ޖިމަށް ދާން ފެށިއެވެ. ފަހުން ފަހުން އައިސް ގައިގެ ވަނާތައް ފާޅުވާނެހެން ގައިގައި ހިފާފައި ހުންނަ ހެދުން ލާން ފެށިއެވެ. މަޑުމަޑުން ގޮސް އަތް ކަނޑާފައި ހުންނަ ނިވައިކަން ކުޑަ ހެދުމާއި ލޭސް ނުވަތަ ފަށުވިން ފަހާފައި ހުންނަ ބްލައުޒާއި ޝިފޯން ސާޅީއަށް ބަދަލުކުރިއެވެ. އޭނާ ލާ ޝަލްވާރް ގަމީސް ހެދުމުން ވެސް ނިވައިވާ ވަރަށް ވުރެ ބޮޑީ ނިވައި ނުވެ ހުންނަ ބައެވެ. ކޮންމެ ދުވަހަކު ބިއުޓީ ސެލޫނަށް ދެއެވެ.

ދުވަސްކޮޅަކުން މީހުންނަށް އޭނާ އެނގެން ފެށިއެވެ. ހުރިހާ އާޓު މަޖައްލާ އާއި ނޫހުގައި އޭނާގެ ވާހަކަ އޮވެއެވެ. ދާއިރާގެ ތަޖުރިބާކާރުން އޭނާގެ މަސައްކަތް ރިވިއު ކުރަން ފެށިއެވެ. އޭނާ ބޭނުންވީ ހުރިހާ ކަމެއް އެއްފަހަރުން ކުރެވިއްޖެއެވެ. އެކަމަކު މަރިޔަމަކީ އަބަދުވެސް އިތުރަށް ކުރިއަރަން ބޭނުންވާ މީހެކެވެ. އެއް ކަމެއް ހާސިލުކުރެވޭ އިރަށް އަނެއް ކަމަކަށް އަމާޒު ހިފައެވެ. އޭނާގެ އެ ގާބިލުކަން ހުރިކަން އެނގެއެވެ. އަދި އެ ހުނަރު ތަރައްގީ ކުރުމަށް ބޭނުންވާ އެއްވެސް ކަމެއް މިހާރަކު އުންޏެއް ނޫނެވެ.

ކުރިންވެސް އޭނާ ނިޔަތްގަނެގެން ހުރި ގޮތަށް ކާވެނީގެ ފަހުން ކުރީގެ ދިރިއުޅުން ހިތަށްވެސް ނުގެނެއެވެ. ހީވާ ގޮތުން މަންމަގެ މަތިންނާއި ކުރިން އުޅުނު މުސްކުޅި ގޭގެ މަތިން ހަނދާން ނެތިއްޖެއެވެ. އޭނާ މަންމަ ގާތަށް ދަނީ ޒަނީން ކިޔާ ވަރުންނެވެ. ގެއަށް ދިޔައަސް އޭނާ އުފަލެއް ނުވެއެވެ. ބަލަނީ ވީހައިވެސް އަވަހަށް ނުކުމެވޭތޯއެވެ. ތަރައްގީ ވެފައިވާ ގައުމަކުން އައިސް ހުރި މީހަކު މިކަހަލަ ތަންދޮރު ނޭނގޭ މީހުން ދިރިއުޅޭ އަވަށްގަނޑެއްގައި ހަމަޖެހިގެން އުފަލުގައި އުޅެނީ ކިހިނެއްކަމެއް އޭނާއަކަށް ނުވިސްނެއެވެ. އުފަން ގައުމުގައި މަންމައަށް ނުލާހިކު އަރާމުގައި އުޅެވުނީހެވެ. މަންމަ އުޅޭ ހާލާ މެދު ބައެއްފަހަރު އޭނާ ދެރަވެއެވެ. ނަމަވެސް އެތަނުން ސަލާމަތް ވެވުނީތީ އޭނާ ހުންނަނީ ވަރަށް އުފަލުންނެވެ.

***

ޒަނީން ވެސް ހުންނަނީ އުފަލުންނެވެ. އޭނާ ރާވަައިގެން ހުރީ ވިޔަފާރި ފުޅާކޮށް ތަރައްގީ ކުރުމަށެވެ. އެހާ އަވަހަށް މީހަކާ އިނުމުގެ ވިސްނުމެއް ނުގެންގުޅެއެވެ. މަރިޔަމާ ދިމާވުމުން ޚިޔާލު ބަދަލުވީއެވެ. ނަމަވެސް ކާވެނީގެ ސަބަބުން އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅިއަކަށް މާބޮޑު ބަދަލެއް ނުގެނެއެވެ. މަރިޔަމާ ޒަނީންވެސް އެކަކު އަނެެކެއްގެ ކަންކަމާ ބެހިއެއް ނަހަދައެވެ. ދެމީހުންވެސް އުޅުނީ ވަރަށް މިނިވަން ކޮށެވެ. ޒަނީނަށް އައި ހަމައެކަނި ބަދަލަކީ އޭނާގެ ގެއަށް މީހަކު އިތުރުވުމެވެ. ކުރިން އެކަނި ދާ ޕާޓީތަކަށް މިހާރު މަރިޔަމް ގޮވައިގެން ދިއުމެވެ. ކޮންމެ ގޮތެއްވިއަސް މަރިޔަމްގެ މަސައްކަތާ މެދު ޒަނީން ފަޚުރުވެރިވެއެވެ. އަދި އޭނާއަށް ހައްގު ކާމިޔާބު ލިބޭތީ އުފާވެއެވެ. އެ ހުރިހާ ކަމަކަށްވުރެ ބޮޑަށް އޭނާ މަރިޔަމް ދެކެ ވަރަށް ލޯބިވެއެވެ. އަދި މަރިޔަމާ އޭނާގެ ލޯބި ދާއިމަށް ދެމިއޮންނާނެކަމަށް ގަބޫލުކުރެއެވެ.

***

އެެ ދުވަހު އޮފީހުން ގެއަށްދާން ޒަނީން ނުކުތީ އަސްރުން އިރު ތިރިވީ ފަހުންނެވެ. ނަމަވެސް އޭނާގެ ހިތަށް ނުތަނަވަސްކަން ވެރިވަމުން ދިޔައެވެ. ގެއަށް ދިއުމުގެ ބަދަލުގައި ދާނެ ވަކި މަންޒިލެއް ނެތި ރަށުތެރޭގައި އެކި ކޮޅުކޮޅަށް ދުއްވިއެވެ. މަރިޔަމް ވީ ކުރެހުމުގެ މައުރަޒެއްގައި ބައިވެރިވާން ގޮސް ކަރާޗީގައެވެ. ގެންގުޅޭ މީހުން ފިޔަވައި ގޭގައި އިތުރު މީހަކު ނޫޅޭނެއެވެ. އެގޮތަށް ދުއްވަދުއްވާފައި އޭނާ މަންމަ ގާތަށް ދާން ނިންމިއެވެ.

މަންމަ ދޮރު ހުޅުވި އިރު ދޮރުމަތީގައި ޒަނީން ހުރިތަން ފެނިފައި ހައިރާންވިއެވެ.

"ހުސްވަގުތު ކޮޅެއް ލިބުމުން ހިތަށް އެރީ މަންމަގެ ހާލު ބަލައިލަން ވަދެލާނީއޭ." ޒަނީން ބުންޏެވެ.

ޒަނީން ފެނިފައި މަންމަ އުފަލުން އަވަހަށް އޭނާ ގޭތެރެއަށް ވެއްދިއެވެ. ޒަނީން ފެނުމުން އޭނާެގެ ލޮލުތެރެއިން އާދަޔާ ޚިލާފު އުފާވެރިކަމެއް ފާޅުވެއެވެ. "މަރިޔަމްގެ ހާލު ކިހިނެއް؟ ދަރިފުޅާއެކު ނާދޭތަ މަރިޔަމް؟" މަންމަ އެހިއެވެ.

"މަރިޔަމް ވީ ކަރާޗީގައި، އާޓް އެގްޒިބިޝަނަކަށް ގޮސް."

"ދަރިފުޅު ނުދަންތަ މަރިޔަމާއެކު؟"

"އަހަރެން؟" ޒަނީން ކުށްވެރިވީއެވެ. "އަހަރެން އޮފީހުގެ މަސައްކަތެއް ނިންމަން ޖެހޭތީ ނުދެވުނީ؟"

ޒަނީން އެތެރެއަށް ވަދެގެން ދިޔައިރު އުނދުންމަތީގައި ކެކިކެކި ހުރި ތެއްޔެއް އޭނާއަށް ފެނުނެވެ. މަންމަ މެންދުރަށް ކައްކަނީ ކަމަށް ވެދާނެއެވެ.

ކޮޓަރީގައި މަޑުކޮށްލާ، މަންމަ އެބަދަން." މަންމަ ބުންޏެވެ.

ޒަނީން ކޮޓަރީގެ ދޮރު ހުޅުވާފައި އެތެރެއަށް ވަނެވެ. ކޮޓަރިތެރޭގައި ކޮންމެވެސް ވަރެއްގެ އަލިކަމެއް ހުއްޓެވެ. ފަންކާ ހޯދައިގެން އޭނާ ފަންކާ ޖެއްސިއެވެ. ކޮޓަރިތެރޭގައި ހުރި ލަކުޑި ފިލައެއްގައި އިށީނެވެ. އަވީގައި ދުއްވާފައި އައުމުން އޭނާ ހުރި ވަރުބަލިވެފައެވެ. ކޮޓަރިތެރެ އޮތީ ފިނިކޮށެވެ. މަންމަ ފެންތަށްޓެއް ހިފައިގެން ކޮޓަރިއަށް ވަނެވެ. "މިހާރު ހުންނާނީ ކަރު ހިއްކާފައި." މަންމަ ބުނެލިއެވެ.

އޭނާ ހުރީ ފެންބޮވައިގެންފައެއް ނޫނެވެ. އެކަމަކުވެސް ފެން ތަށި އަތުލައިގެން ބޮއިފިއެވެ. މަންމަ ތަށި ހިފައިގެން ކޮޓަރިން ނުކުތެވެ. އަނެއްކާވެސް އިރުކޮޅަކުން ކޮޓަރިއަށް ވަނެވެ. "މެންދުރު ކައިފިންތަ؟" މަންމަ އެހިއެވެ.

"ނޫން، ނުކަން. ބަނޑުހައެއް ނުވޭ."

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

5 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.