ފުސްބިއްލޫރި - 33

(30 ޖެނުއަރީ 2020ގައި ޝާއިއުުކުރި ބަޔާ ގުޅޭ)

"މަންމާ، މަންމަ ތީ ކާކު؟ ތީ އަހަރެންގެ..."

ޒަނީންގެ ސުވާލުން ޚަދީޖާ އަނބުރައިނުގަތީ ކިރިޔާއެވެ. އެ ސުވާލަށް ޖަވާބު ނުދީ އޭނާއަކަށް ސަލާމަތެއް ނުވެވުނެވެ. "އާނ، މީ ދަރިފުޅުގެ މަންމަ." ޚަދީޖާ ބަލިކަށި ގޮތަކަށް ބުނެލިއެވެ.

***

ޒަނީންގެ މޫނުމަތިން މާ ބޮޑު އެއްޗެއް ޚަދީޖާއަކަށް ނޭނގުނެވެ. ޒަނީން އިސް ދަށަށް ޖަހައިގެން ބުދެއްެހެން އެނދުގައި އިށީނެވެ. ދުވަސް ނިމުނު ގޮތެއް ވެސް ނޭނގެއެވެ. ދުވަސް ނިމުނުކަން އިއުލާންކުރީ މަޣްރިބް ނަމާދުގެ ބަންގިއެވެ. މީގެ އިރުކޮޅެއް ކުރިން ގޭތެރެއިން އިހުސާސްކުރެވުނީ އަމާންކަމެވެ. ނަމަވެސް މިހާރު... ކުރެވޭ އިހުސާސް ބަޔާންކޮށްދޭކަށް ނޭނގެއެވެ. ޚަދީޖާ ވާހަކަ ދައްކަން ބޭނުންވިއެވެ. އެކަމަކު ބުނާނީ ކީކޭ ހެއްޔެވެ؟ އޭނާގެ ކިބައިން ޒަނީނަށް ލިބުނު ހިތްދަތިކަމަށް މާފަށް އެދެންވީ ހެއްޔެވެ؟ ޒަނީންގެ ކިބައިން މާފަށް އެދެންވީ ހެއްޔެވެ؟ ނުވަތަ އޭނާގެ ކުރީގެ ދިރިއުޅުމާ މެދު ލަދުވެތިވާ ވާހަކަ ބުނަންވީ ހެއްޔެވެ؟ ބުނަންވީ ކީކޭ ކަމެއް އޭނާއަކަށް ނޭނގެއެވެ. މަޣްރިބު ވަގުތު ކަމުން ކޮޓަރިތެރޭގައި އަލިކަމެއް ނެތެވެ. ކޮޓަރިތެރެއަށް ވެރިވެފައި އޮތީ ހިމޭންކަމެވެ. ދެމައިންކުރެ އެކަކުވެސް އަނގަޔަކުން ނުބުނެއެވެ.

އެންމެ ފަހުން ކެތްނުކުރެވިގެން ތަނަށް ވެރިވެފައި އޮތް ހިމޭންކަން ނަގައިލީ މަންމައެވެ. "ދަރިފުޅާ، މަންމައަށް މާފުކުރޭ. މަންމަގެ އެއްވެސް ވާހަކައެއް ދަރިފުޅު ގާތު ބުނަން ބޭނުންނުވީ. މިއަދުވެސް، އަދި ދުވަހަކުވެސް ބުނާކަށް ބޭނުމެއް ނޫން. އެކަމަކު އިންސާނުން ބޭނުންވާ ގޮތަކަށް ދިރިއުޅުން އަބަދަކު ކުރިއަކަށް ނުދޭ. ބައެއް ކަންކަމަކީ އަހަރެމެންނަށް އެއްވެސް ބާރެއް ފޯރުވޭ ކަންކަމެއް ނޫން. މަންމަގެ ހަގީގަތް ދަރިފުޅަށް އެނގުމުން ދަރިފުޅު ފަހަރެއްގައި ލަދުގެންފާނެ. މި ދުނިޔޭގައި އުޅޭ އިރު އެއްވެސް މަންމައަކު ދަރީންނަށް ލަދަކަށް ވާކަށް ބޭނުމެއްނުވާނެ. މަންމައަށް އެނގޭ ދަރިފުޅުގެ ހިތަށްކުރާނެ އަސަރު. އަދި މަންމައަށް މާފުކުރަން ފަސޭހަނުވާނެކަން ވެސް އެނގޭ. އެހެންނަމަވެސް ދަރިފުޅުގެ ކިބައިން މާފަށް އެދެން ބޭނުން. ދަރިފުޅާ، މަންމައަށް މާފުކުރޭ."

ޒަނީން ބުނާނެ އެއްޗެއްގެ އިންތިޒާރުގައި މަންމަ އިނެވެ. އެތައް އިރެއް ވީއިރުވެސް ޒަނީން އަނގައިން ނުބުނުމުން ބޮކީގެ ސުވިޗު ޖައްސަން ތެދުވިއެވެ. އެއާކު މުޅި ކޮޓަރިތެރެ އަލިވިއެވެ. ޒަނީން އިހަށްވުރެ ބޮޑަށް އިސް ޖެހިއެވެ. އެހެން ނަމަވެސް އޭނަ އިސް ޖެހުމުގެ ކުރިން މަންމައަށް ކަރުނައިން ތެމިފައިވާ މޫނު ފެނުނެވެ.              

ޒަނީނަށް ލިބުނު ހިތްދަތިކަމާއި އޭނާގެ ލޮލުން ކަރުނަ ފައިބާ މަންޒަރު ބަލަން ހިތަށް ކެތް ނުކުރެވިގެން މަންމަ ކޮޓަރިން ނުކުތެެވެ. ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ޚަދީޖާއަކަށް ނޭނގެއެވެ. ގެއިން މަގަށް ނުކުންނަ ދޮރާ ދިމާއަށް ބަލަން އޭނާ އިނެވެ. "ކޮޓަރިން ބޭރަށް ނުކުމެ އެ ދޮރުން ނުކުމެގެން އޭނާ ހިނގައިދާނެ." ޚަދީޖާގެ ހިތަށް އެރިއެވެ. "ދެން ދުވަހަކުވެސް އަހަންނަށް އޭނާ ނުފެންނާނެ، މަޒްހަރް ނުފެނުނުހެން. ހަތާވީސް އަހަރު ފަހުން ތާރީޚު އަލުން އިއާދަވީ. ހަމައެކަނި ތަފާތަކީ އަނގައިންވެސް ނުބުނެ އޭނާ ނުކުމެގެން ދާން އަހަރެން ބޭނުންވާކަން. ޔާ ﷲ. ޒަނީން ނުކުމެގެން ދާނަމަ އޭނާއަށް އެއްވެސް އެއްޗެއް ބުނެވުނަ ނުދެއްވާށި." އޭނާ ދުއާކުރިއެވެ.

ހަތާވީސް އަހަރު މި ހޭދަވީ މަޒްހަރް ކީ އެއްޗެހި ހިތުން ނުފިލައެވެ. އެ ބަސްތަކުން އޭނާގެ ހިތް ޒަޚަމް ކޮށްލިއެވެ. އަދާ ޖެހެންދެން އެ ޒަޚަމްތަކަށް ޝިފާއެއް ނުލިބެއެވެ. އިތުރަށް އެކަހަލަ ހިތްދަތި ވާހަކަތަކެއް އަޑުއަހާނެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. ޒަނީންގެ އިޝާރާތަކަށް އިންތިޒާރުކުރަން ކަނު އަނދިރީގައި އިށީނދެގެން ޚަދީޖާ އިނެވެ. އިރުކޮޅަކުން ޒަނީންގެ ފިޔަވަޅުގެ އަޑު އިވުނެވެ. ޚަދީޖާގެ ހިތް ވިރެން ފެށިއެވެ. އޭނާ އިނީ ޒަނީން ނުކުމެގެން ދާއިރު އަނގައިން ނުބުނޭތޯ ދުއާކޮށްލަކޮށްލައެވެ. ނަަމަވެސް އޭނާގެ ފުރަގަހުން ޒަނީންގެ ފިޔަވަޅުގެ އަޑު ކެނޑުނެވެ. ޚަދީޖާ އިނީ އިންތިޒާރުގައެވެ. ނަަމަވެސް ފަހަތަށް އެނބުރި ބަލައިލާނެ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ. ޒަނީނަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟

"މަންމާ، އަހަރެން..." ތަނަށް ވެރިވެފައި އޮތް ހިމޭންކަން ނަގައިލީ ޒަނީނެވެ. އެއްޗެއް ބުނަން އުޅެފައި އޭނާ ހިމޭންވިއެވެ. ޒަނީންގެ އަޑުން ކަރުނައިގެ އަސަރު ޚަދީޖާއަށް ފާހަގަކުރެވުނެވެ.

ޒަނީން އޭނާގެ ފުރަގަހުގައި އިށީނދެގެން އިންކަމުގެ އިހުސާސް ޚަދީޖާއަށް އެބަކުރެވެއެވެ. އެހެން ނަމަވެސް ފަހަތަށް އެނބުރި ބަލައިލަން އޭނާއަކަށް ނުކެރުނެވެ. އެ ހިތްވަރެއް ނެތެވެ.

"މަންމާ، އަހަރެން ބުނަން ބޭނުންހައިވެސް އެއްޗަކީ..." ޒަނީން އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. އެކަމަކު އަޑު ބެދުނެވެ. އަޑު ނެރެވޭތޯ ޒަނީން ވަރަށް ހިތްވަރުކުރިއެވެ.

މީގެ ހަތާވީސް އަހަރު ކުރިން މި ދުވަސް ޚަދީޖާގެ ހަނދާނަށް ގެނައެވެ. މަޒްހަރް ޒަނީން ގޮވައިގެން ދާން ފެށުމުން ޒަނީން ރުއިރުއިން މިހާރުވެސް އޭނާއަށް އިވޭކަހަލައެވެ.

"މަންމާ އަހަންނަށް ވަރަށް ބޮޑު ދެރައެއް ތި ދިނީ..." ޒަނީން އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

"އާނ،" ޚަދީޖާ ހިތާހިތުން ބުނެލއެިވެ. "މިއީ ހަތާވީސް އަހަރު ކުރިން މަޒްހަރަށް ވެސް ކުރެވުނު އިހުސާސް. ދެން އިވޭނީ އަހަރެންގެ ބޮލުގައި ތުހުމަތު އަޅުވާ އަޑު. އަހަރެން ލަދު ގަންނަވާ އަޑު..."

އެކަމަކު ޒަނީން އިތުރަށް އެއްވެސް އެއްޗެއް ނުބުންޏެވެ. ޚަދީޖާގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ ގިސްލަގިސްލާފައި ރޯން ފެށީއެވެ. ޚަދީޖާ އިނީ ވާނުވާ ނޭނގިފައެވެ. އޭނާގެ މުޑުދާރުކަން އެނގި ޒަނީން އޭނާގެ ދެކެ ނަފްރަތު ނުކުރަނީ ހެއްޔެވެ؟ ބައްޕައަށް އޮޅުވާލައި ބައްޕަގެ ހިތުގައި ޖެއްސުމުން ވެސް ނަފްރަތު ނުކުރަނީ ހެއްޔެވެ؟ އަދި މިހާރު އޭނާގެ ހަގީގަތް ކިޔައިދިނުމުން އޭނާއަކީ ބޮޑު ލަދަކަށް ނުވަނީ ހެއްޔެވެ؟ ޚަދީޖާ އިރުކޮޅަކު ހިމޭނުން އިނެވެ.

އެންމެ ފަހުން ޒަނީން ވާހަކަ ދައްކަން ފެށިއެވެ. "މަންމަ ކީއްވެ ކުރިން އެ ހުރިހާ ވާހަކައެއް ކިޔައިނުދިނީ؟ އަހަރެން ލަދު ގަންނާނެޔޭ މަންމަގެ ހިތަށް އެރީ ކީއްވެ؟ މަންމަ އަށް މަންމާ އޭ ކިޔާފަ ގޮވައިލުމަކީ އަހަންނަށް ލިބޭ ޝަރަފެއް."

"ޝަރަފެކޭ؟ އޭނާއަކީ ޝަރަފެއްތަ؟ ޒަނީން ކިޔަން މިއުޅެނީ ކީކޭތަ؟ އޭނާ ބުނާ އެއްޗެއް ގަބޫލުކުރަންވީތަ؟ ނުވަތަ މިއީ ހުވަފެނެއްތަ؟" ޚަދީޖާ ދެއަތުން މޫނު ފޮރުވިއެވެ. ޒަނީނާ ވާހަކަ ދައްކާނެ ހިތްވަރެއް ނެތެވެ. އޭނާގެ މުޅި ހަށިގަނޑު ހީވަނީ ގަނޑުފެން ގަނޑެއްހެންނެވެ.

ޒަނީން ޚަދީޖާގެ ގައިގައި އޮޅުލައިގަތެވެ. ކުޑަކުއްޖެއްހެން އޭނާ ޚަދީޖާގެ މޫނުގައި މޫނު ޖައްސައި، ކޮލުގައި އޭނާގެ ކޯ ކާއްތައިލިއެވެ. ""މަންމާ، އަހަރެން ލަދު ގަންނާނެ ކަމަށް ހީކުރީ ކީއްވެ؟" ޒަނީން ބުންޏެވެ. "މަންމަ ދެކެ ފަޚުރުވެރިވަން – މަންމައަށް މިއަދު އާދެވިފައި ހުރި ހިސާބާއި، ކުރިމަތިލާން ޖެހުނު ކަންކަމަށް... އަހަރެން ހެޔޮހިތުން މަންމަ ބަލައިގަންނަން. އަހަންނަކީ މަޒްހަރް އަވާބް ޚާން އެއް ނޫން. އަހަންނަކީ މަންމަގެ ދަރި، ޒަނީން. މަންމަގެ ފިރިހެން ދަރިފުޅު!"

ޚަދީޖާގެ ފައި ހުރީ އައްސިވެފައެވެ. ނަމަވެސް ފަޔަށް އިހުސާސް ކުރެވެން ފެށިއެވެ. މިއީ ހުވަފެނެއް ނޫނެވެ. މިއީ ހަގީގަތެކެވެ. މި މީހާ، މި އަޑު، މި ބަސްތައް، މިއީ ހަގީގަތެވެ. މީގެ ހަތާވީސް އަހަރު ކުރިން ފެނުނު ބިރުވެރި ހުވަފެން އެންމެފަހުން ނިމުމަކަށް އައީއެވެ. އޭނާ މޫނުން ދެ އަތް ނަގައި މައްޗަށް ބަލައިލިއެވެ. އުޑާ ދިމާއަށެވެ. ދެން އޭނާގެ ދަރިފުޅުގެ މޫނަށެވެ. ޚަދީޖާ ޒަނީންގެ އަތްތިލައިގައި ހިފިއެވެ. ހަތާވީސް އަހަރުކުރިން އެއީ ކުޑަކުއްޖެއްގެ އަތްތިލައެކެވެ. ކުޑަކުޑަ މަޑުމަޑު އަތްތިލައެކެވެ. މިއަދު މިއީ ފިރިހެނެއްގެ އަތެވެ. ހަތާވީސް އަހަރު މާޒީވެ ދިޔައީއެވެ. އެދުވަހު ރޮއެރޮއެ އޮއްވާ ގަދަކަމުން އޭނާ ކިހިލި ޖަހާލައިގެން ބައްޕަ ދިޔައިރު ޒަނީންގެ ރުއިން ހުއްޓުވަން ޚަދީޖާއަށް އެއްވެސް ކަމެއް ނުކުރެވުނެވެ. މިއަދު އަނެއްކާ ޒަނީން ރޮނީއެވެ. އެދެމީހުންގެ ދެމެދަށް ވަންނާކަށް މިއަދަކު މަޒްހަރެއް ނެތެވެ. މިއަދު ތިބީ ޚަދީޖާ ނޫރާއި ޒަނީން އެކަންޏެވެ. މަންމަ އާއި ދަރިފުޅެވެ. މިއަދު އޭނާ ހުއްޓުވައި މަސަލަސް ކުރެވޭނެއެވެ. ކަރުނަ ފޮހެދެވޭނެއެވެ.

ﷲ ކަމަކަށް އިރާދަފުޅުކުރައްވައިފިނަމަ ވާށޭ ވަޙީ ކުރެއްވުމާއެކު އެކަމެއް ވެދެއެވެ. ﷲ އަށް ޙަމްދު ހުއްޓެވެ. އެކަލާނގެއީ ހުރިހައި ކަމަކަށް ކުޅަދުންވަންތަ ކަލާނގެއެވެ. ހުރިހައި އެއްޗެއްގެ މިލްކުވެރިއަކީ ﷲ އެވެ. ހުރިހައި އެއްޗެއްމެ އެނބުރިދާހުށީ އެކަލާނގެ ހަޟުރަތަށެވެ. އޭނާ ޒަނީނާ ދިމާއަށް ބަަލައިލިއެވެ. އަދި އޭނާގެ އަތްތިލައިގައި ބޮސްދިނުމަށް ފަހު މަޑުމަޑުން ބުނެލިއެވެ. "ﷲ އަށް ވުރެ ފުރިހަމައަށް ވައުދުފުޅު ފުއްދަވާ ފަރާތެއް ނެތް. އެކަލާނގެ އަންގަވައިފައި ވަނީ ދުޢާ ކުރާށޭ އިޖާބަ ކުރައްވާނަމޭ. ﷲ ގެ ކުޅަދުންތަކަމާއި ރަޙުމަތުގެ ބޮޑުކަމާ."

***

ވިދިގެން އައި ދުވަސްތައް ނިމިދިޔަ ގޮތެއްވެސް ޒަނީނަކަށް ނޭނގެއެވެ. ހީވަނީ ހުރިހާ ކަމެއްެވެސް ދާއިމީ ވީހެންނެވެ. މަސައްކަތަށްވެސް ސަމާލުކަމެއް ނުދެވެއެވެ. ދިރިއުޅުން ހިތްދަތިވެފައި ގަބޫލުކުރަން ދައްޗެވެ. އޭނާގެ މުޅި ދުނިޔެ ފުނޑުފުނޑު ވިއެވެ. ހަތާވީސް އަހަރު ފާއިތުވެ ދިޔައީ މަންމައާ ބެހޭ އެއްވެސް މައުލޫމާތެއް ނޭނގިއެވެ. މިހާރު އެ މަންމަ އެއިނީ އޭނާގެ ކުރިމަތީގައެވެ. އެ ހަތާވީސް އަހަރުގެ ހިތްދަތިކަމާއި ވޭނާއި ކެކުޅުމުގައެވެ. މަންމައަށް އެ ހިތްދަތިކަމާއި ވޭން ލިބުނީ މި ދުނިޔޭގައި ހުރި އޭނާ އެންމެ ލޯބިވާ، އަދި އެންމެ އިހްތިރާމް ކުރާ، އޭނާގެ ބައްޕަގެ ފަރާތުންނެވެ. އިހުސާސްކުރެވެނީ ބައްޕަގެ ފަރާތުން މަންމައަށް ލިބުނު ހުރިހައި ހިތްދަތި ކަމަކާއި ވޭނާއި ކެކުޅުމެއް މިހާރު ޒަނީނަށް ބަދަލުވީ ކަމުގައެވެ. އާއިލާގެ ފަޚުރު ކަމުގައިވި ބައްޕައަކީ މިހާރު އޭނާއަށް ލަދަކަށް ބަދަލުވެއްޖެއެވެ.

"ޒަނީން އަވާބް، އެތައް އަހަރެއް ވަންދެން އަހަންނަށް ސިއްރުކޮށްގެން ބައްޕަ އުޅުނު ކަންތައްތަކުގެ ހަގީގަތަކީ މިއީ." ޒަނީން ހިތާހިތުން ބުނެލިއެވެ. "އަހަރެންގެ މަންމަގެ ހަގީގަތް އެނގުމުން އެ ހަގީގަތް އަހަރެން ދިރުވައިލާނެއޭ ބައްޕައަށް ހީވީތަ؟ ނުވަތަ އަހަރެންގެ މީހަކަށް ނުވާނެއޭ ހީވީތަ؟ މަންމަ ނަގައި އެއްލައިލި ސަބަބަކީ އެއީތަ؟ މިހުރިހާ ދުވަސް ވީއިރު އެ ވާހަކަ ދައްކަން ދެކޮޅު ހަދާ ސަބަބަކީ އެއީތަ؟"

ހަނދާން ވާ ގޮތުން ޒަނީން ގާތު މަންމަގެ ވާހަކަ ބައްޕަ ދެއްކީ އެންމެ ފަހަރަކުއެވެ. "އޭނަޔާ އެކީ ނޫޅެވުނީ، އެހެންވީމާ ދެމީހުން ނިންމީ ވަކިވާން. އޭނާ އަހަންނަށް ޒަނީން ދިނީ ޒަނީން ބެލެހެއްޓުމުގެ ޒިއްމާ ނަގަން ބޭނުންނުވާތީ."

މަންމަގެ ވާހަކަ އޭނާ ގާތު ބައްޕަ ދެއްކި ހަމައެކަނި ފަހަރަކީ އެއީއެެވެ. އެއަށްފަހު މަރިޔަމާ އިންނަން އުޅުމުން އެކަމާ ދެކޮޅު ހެދިއެވެ. "އެހެން ކަމަށްވާނަމަ އިންގްލެންޑުގައި މަންމަ ހުންނަ އެޑްރެެސް އަހަންނަށް ދީ. އޭރުން އަހަރެންގެ ހުށަހެޅުން ހިފައިގެން މަރިޔަމްގެ ގެއަށް ދާން މަންމަ ގާތު ބުނެފާނަން." ބައްޕަގެ މޫނަށް އަރައިފައިބަމުން ދިޔަ ކުލަވަރު ފެނިފައި ޒަނީން ވާހަކަ ކުރިއަށް ގެންދިއެވެ. "އެޑްރެސް ނުދެންޏާ އިންގްލެންޑަށް ގޮސް އަހަރެން އަމިއްލައަށް މަންމަ ހޯދަފާނަން."

އެހިސާބުން އޭނާގެ ބައްޕަ ގޮތް ދޫކުރިއެވެ. "މަރިޔަމްގެ މަންމައާ ބައްދަލުކުރަން ނުޒްހަތު ގާތު ބުނާނަން."

ޒަނީން ހައިރާންވިއެވެ. އެހައި ފަސޭހައިން ބައްޕަ ގޮތްދޫކުރާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. އެކަމަކު އެއީ އޭނާ އިންގްލެންޑަށް ހިނގައިދާނެތީ ކަން ޒަނީނަށް އެނގުނީ އަދި ކިރިޔާއެވެ. ޒަނީން ގޮސް އޭނާގެ މަންމައާއި ބައްދަލުކޮށް އާއިލާގެ އަބުރު ނަގައިލާނެތީ ބައްޕަ ބިރުގަތީއެވެ.

***

"އެ ކީއްވެ މަންމާ؟ ކީއްވެތަ މަރިޔަމް ބުނާ ގޮތަަށް އަހަރެމެން ކަންތައް ކުރަންވީ؟ އަހަރެންގެ ހިތަށް ހާދަ އަސަރެއް ކުރެއޭ މަންމަ އެކަނިމާއެކަނި ތިހެން ދަތި ހާލުގައި އުޅޭތީ. މަންމައަށް އެކަން އެނގޭތަ؟ ދުނިޔެއިން މީހަކަށް ލިބޭނޭ ހުރިހައި އަރާމެއް އަހަންނަށް ލިބިފައިމެ، އެ ހުރިހާ އަރާމަކާއި އުފަލަކުން މަންމަ ތި ވަނީ މަހްރޫމު ވެފައި." ޒަނީން މަސައްކަތް ކުރީ އޭނާގެ ގެއަށް މަންމަ ގެންދާށެވެ. އެކަމަކު މަރިޔަމް އެގެއަށް ގޮސް މަންމައާއި ދެއްކި ވާހަކަތައް ކިޔައިދިނުމުން ޒަނީން ރުޅި އައިސް ރަތްވިއެވެ. އޭނާ އޮތީ އެ މައްސަލައިގައި މަރިޔަމާ ޒުވާބުކޮށްފައެވެ.

"އަހަރެން އެދޭ ގޮތަށްވުރެ މަރިޔަމް އެދޭ ގޮތް މުހިއްމު ވަނީ ކީއްވެ؟ އަހަރެން ބޭނުންވަނީ އަހަރެމެންނާއެކު މަންމަ އުޅެން. ކޮންމެ ރެއަކު ނިދުމުގެ ކުރިން އަދި ހެނދުނު ހޭލާފައި މަންމަ ދެކެން އަހަރެން ބޭނުން. އަހަރެންގެ މުޅި އުމުރު މިދިޔައީ މަންމަ އަކީ ކާކު ކަން ނޭނގި. މިހާރު އަހަންނަށް މަންމަ ފެނިއްޖެ. އެހެންވީމާ މަންމަ އަހަންނާ ވަކިން އުޅެންވީ ކީއްވެ؟"

"މަންމަ ދެކިލަން ދަރިފުޅު އަންނަމެއްނު، ކޮންމެ ދުވަހަކު މެންދުރު. އެވަރުން މަންމައަށް ފުދޭ." މަންމަ ބުނެލިއެވެ.

"މަންމާ، އަހަންނަކަށް ނުފުދެއޭ! އަހަންނަކަށް އެވަރަކުން އަދި ނުފުދޭ." ޒަނީން އެ މައުޟޫއު ބަދަލުކޮށްލިއެވެ. "ތީ އަހަރެންގެ މަންމަކަން މުޅި ދުނިޔެއަށް އަންގާނަން. އޭރުން މަންމައަަށް އެހެން ގޮތެއް ނޯންނާނެ. މަންމައަށް ޖެހޭނީ އަހަންނާއެކު އުޅެން އަންނަން. މަރިޔަމަކަށް މަންމަ ނުހުއްޓުވޭނެ."

"ދަރިފުޅުގެ ބައްޕަޔޯ...؟ ބައްޕަ ބުނާނެ އެއްޗަކާ މެދު ވިސްނާލީމުތަ؟ އާއިލާގެ އެހެން މީހުން ބުނާނީ ކީކޭ؟ މަންމަގެ މާޒީ އެނގުމުން އެމީހުން މަރިޔަމާއި ދަރިފުޅާ މެދު ކަންކުރާނީ ކިހިނެއް؟"

"މަންމާ، ތި ދައްކަނީ މާޒީގެ ވާހަކަ. އެހުރިހާ ކަމެއް އެއީ މާޒީ. މާޒީއާ މެދު ކަންބޮޑުވެގެނެއް އެއްވެސް ބަޔަކު ނޫޅޭ. އެކަކުވެސް އަޅައެއް ނުލާނެ އެނގުނަސް."

"ނޫން ދަރިފުޅު، އަންހެނެއްގެ ކަމެއްގައި މާޒީގައި ހިނގި ކަމަކަށް ވެސް މީހުން މާފެއް ނުކުރާނެ."

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.