ފުސްބިއްލޫރި - 14

(4 ޖެނުއަރީ 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ސޯފިއާއަކީ ރަނގަޅު ކުއްޖަކަށް ވެފައި ޒަނީންގެ އެކުވެރިއަކަށްވެސް ވީމާ އޭނާއާ އިންނަންވީނު؟ އަހަރެން ގާތު އިންނާން އަހަނީ ކީއްކުރަން؟" ޒަނީން ސޯފިއާ އަށް ތައުރީފުކުރި އަޑު އިވުމުން އޭނާގެ ހިތަށް ކެތް ނުކުރެވުނީއެވެ.

"މަރިޔަމް، އަހަރެން ލޯބިވަނީ މަރިޔަމް ދެކެ. މިދިޔަ ދެ މަސްދުވަހު އަހަރެންގެ ޚިޔާލުގައި ތި ނޫން މީހަކު ނުވޭ. އަހަންނަށް މިވަނީ ކިހިނެއް ކަމެއް ބުނެދޭން އަހަންނަށް ވެސް ނޭނގޭ. މިދިޔަ ހަފްތާ އަދި މާ ގޯސް. ނިދަން އުޅުނަސް ނުނިދޭ. މަރިޔަމް، ތިމާ ލޯބިވާ މީހަކު ތިމާ ދެކެ ނަފްރަތު ކުރާކަން އެނގުމަށްވުރެ ވަކި ހިތް ދަތި ކަމެއް މިދުނިޔެއަކު ނުވޭ... ތިމާ ލޯބިވާ މީހާ ތިމާ ދުނިޔޭގައި ހުރިތޯ ނުވަތަ ނެތްތޯ ވެސް ބަލައިނުލާ... އެއްވެސް ވަރަކަށް އަޅައިނުލާ... އެއަށްވުރެ ހިތްދަތި ކަމެއް އޮންނާނެތަ؟"

މަރިޔަމް ހައިރާންވެފައި ޒަނީނަށް ބަލަން އިނެވެ. ޒަނީން އެބުނަނީ އެރޭ މަންމަ ގާތު ރޮއެރޮއެފަ އޭނާ ދެއްކި ވާހަކައެވެ. ޒަނީން އޭނާ ދެކެ ލޯބިވޭތޯ ދުއާކޮށްދޭން މަންމަ ގާތު އެރޭ އޭނާ ބުންޏެވެ.

"... އެމީހަކު އެންމެ ލޯބިވާ މީހާ އޭނާ ނޫން ހުރިހާ އެންމެންނާ ވާހަކަ ދައްކާ..." ޒަނީން ވާހަކަ ކުރިއަށް ގެންދިޔައެވެ. "މަރިޔަމް، މަރިޔަމް ކަންތައް ކުރި ގޮތުން އަހަރެން ހިތުގައި އެޅި ވޭނެއް މަރިޔަމަކަށް ނޭނގޭނެ. އަހަރެންގެ ހިތުގައި ޖެއްސުމުން އަހަންނަށް ކުރި އަސަރު ދުލަކުން ބަޔާންކޮށެއް ނުދެވޭނެ."

"އެނގޭތަ، އަހަރެން ކޮންމެ ދުވަހަކު މިތަނަށް އަންނަނީ މަރިޔަމް ދެކޭ ހިތުން. ކޮންމެ ދުވަހަކު ގެއަށް ގޮސްފައި ދެން ދުވަހަކުވެސް މިތަނަށް ނާންނަން އަމިއްލަ ނަފްސަށް ވައުދުވަން... އެކަމަކު ނައިސް ނުހުރެވޭ. މަރިޔަމް ފެންނަން ނެތަސް ކޮލެޖަށް ވަދެވޭ އިރަށް އަހަރެންގެ ހިތަށް ފިނިކަން ލިބޭ. ކޮލެޖުން ނުކުންނަ އިރަށް ހިތަށް މާޔޫސްކަން ވެރިވެގަނޭ. އަހަންނަކަށް އަހަރެންގެ އިހުސާސްތައް ބަޔާންކޮށެއް ނުދެވޭނެ... އަދި ވަކީން މިދިޔަ ހަފްތާ... އަހަރެން މިތަނަށް އަންނަނީ ކީއްކުރަން؟ އަަހަރެން މިތަނަށް ގެނުވަނީ ކޯޗެއް؟ މިއިން އެއްވެސް ސުވާލެއްގެ ޖަވާބެއް އަހަންނަކަށް ނޭނގޭ. އެކަމަކު އަހަރެން މިތަނަށް ގެނުވާ ބާރެއް އެބަވޭ... އެއީ މަރިޔަމްގެ އާޓު ކަމެއް... ނުވަތަ މަރިޔަމް ކަމެއް... އަހަންނަކަށް ނޭނގޭ." އޭނާގެ މޫނުމަތިން ފެންނަނީ ހިތާމައާއި މާޔޫސްކަމެވެ.

"ދެން އަހަރެންގެ ހިތަށް އަރަނީ މަރިޔަމް ދެކެ އެހާވަރަށް ލޯބިވަަންޏާ އިންނާން އަހާނީ އޭ. ސޯފިއާއަކީ ވަރަށް ރަނގަޅު އަންހެން ކުއްޖެއް. އެކަމަކު އޭނާއާ ދޭތެރޭ މިކަހަލަ އިހުސާސެއް ނުކުރެވޭ. މަރިޔަމް އާ މެދު އަހަރެންގެ ހިތުގައި އުފެދިފައިވަނީ މުޅީން އެހެން ކަހަލަ އިހުސާސެއް. އަހަރެން ހުންނަނީ އަބަދު މަރިޔަމަށް ބޭނުންވެފައި. ހިތް އެދެނީ އަބަދު ކައިރީގައި ހުންނަން. މިހާރު، މިވަގުތު، މަރިޔަމާ ވާހަކަ ދައްކަން ހުންނައިރު އަހަންނަށް އިހުސާސް ކުރެވެނީ މިއީ އޭ އަހަރެން ހުންނަންވީ ތަނަކީ. ބޭނުންވަނީ މިއަށްވުރެ ކައިރިވާން."

"މިހެން ބުނާއިރު އެއްކަމެއް ވަރަށް ސާފުކޮށް ބުނަންވެސް ބޭނުން. އޮޅުމެއްގެ ތެރޭގައި ބަހައްޓައިގެން މަރިޔަމާ އިންނާކަށް އަހަރެން ބޭނުމެއް ނޫން. މަރިޔަމާ އިންނާން އަހަރެންގެ އާއިލާގެ ރުހުމެއް ދުވަހަކުވެސް ނުލިބޭނެ. އެކަމަކު އެއީ އަހަންނަކަށް މައްސަލައެއް ނޫން. ﷲގެ އިރާދަފުުޅުން އަހަންނަކީ މާލީ ގޮތުން އެއްވެސް މީހަކަށް ބަރޯސާވެގެން އުޅޭ މީހެއް ނޫން. އަނތްބަކު ބެލޭނޭ މާލީ ތަނަވަސްކަން އަހަރެންގެ އެބަހުރި. އެހެންކަމުން އާއިލާގެ ރުހުމާ ނުލައި އަހަންނަށް މަރިޔަމާ ކާވެނި ކުރެވޭނެ. މީކީ ދައްކާން މާ ރީތި ވާހަކަ އެއް ނޫންކަން އެނގޭ. އެކަމަކު އަހަންނާ ކާވެނިކުރާނެ ނަމަ އެއްކަމެއް ޔަގީންކޮށްދޭން ބޭނުން. ދުވަހަކުވެސް ޝަކުވާކުރާނެ ފުރުސަތެއް މަރިޔަމަށް ނުދޭނަން. އަހަންނަށް ހީވަނީ މަރިޔަމާއެކު އަހަންނަށް ވަރަށް އުފަލުގައި އުޅެވޭނެހެން. އަދި މަރިޔަމަށް ވެސް އަހަންނާއެކު އުފަލުގައި އުޅެވޭނެޔޭ. އަހަންނާ އިނދެފާނަންތަ؟"

"އާނ! އަހަރެމެންގެއަށް އައިސް މަންމައާ ވާހަކަދައްކަންވީނުން؟"

ޒަނީން ހިނތުންވެލިއެވެ. "ދަނބިދަރިއެއްގެ ގޮތުގައި މަންމަ އަހަރެން ބަލައިގަންނާނެތަ؟"

"އާނ!"

"އެންމެ ރަނގަޅު. މަންމައާ ވާހަކަދައްކާލަން ދާނަން."

ޒަނީން އިރުކޮޅަކު ހިމޭނުން ހުއްޓެވެ. މަރިޔަމަށް ހީވީ އޭނާ ކޮންމެވެސް އެއްެޗެއް ބުނާން އުޅޭ ހެންނެވެ. ނަމަވެސް އިރުކޮޅަކު ހިމޭނުން ހުރެފައި އޭނާ ހިނގައްޖެއެވެ. މަރިޔަމް އޭނާގެ ކުލަފިހިތައް ބެހެއްޓިއެވެ. އޭނާއަށް އިތުރަކަށް މަސައްކަތަށް ސަމާލުކަމެއް ނުދެވުނެވެ. ލޯ މަރާލައިގެން ޒަނީން ބުނި ކޮންމެ ވާހަކައަކާ މެދު ވިސްނާން އެތައް އިރެއް ވަންދެން އޭނާ އިނެވެ.

***

މަރިޔަމާ އިންނާން ދޮންމަންމަ އެއްބަސްނުވާނެކަން ޒަނީނަށް އެނގެއެވެ. ނަަމަވެސް ބައްޕަ އެއްބަސް ނުވެދާނެއެކޭ އޭނާގެ ހިތަކަށް ނާރައެވެ. ޕާކިސްތާނު އަންހެނެއްގެ ދަރިއަކާ ނޫނީ ކާވެނިކޮށްގެން ނުވާނެކަމަށް ބައްޕަ ބުނުމުން ޒަނީން ވަރަށް ދެރަވިއެވެ. "ޒަނީން ބޭނުން މީހަކާ ކާވެނިކުރާންވީ." އޭނާ ބުންޏެވެ. "އަހަރެންގެ ހަމައެކަނި ޝަރުތަކީ ކާވެނިކުރާ ކުއްޖާގެ މައިންބަފައިންނަކީ ޕާކިސްތާނު މީހުންނަށްވުން."

"ޕާކިސްތާނު ނޫން މަންމައެއް ވީމާ ކޮބާތަ މައްސަލައަކީ؟ އަހަރެންގެ މަންމައަކީ ވެސް ޕާކިސްތާނު މީހެއް ނޫން." ޒަނީނަކަށް އޭނާގެ ބައްޕަގެ ޝަރުތު ގަބޫލެއް ނުކުރެވުނެވެ. "އެހެން ނޫނަސް އެ މަންމައަކީ ބޭރު ގައުމުތަކުން އައިސް އުޅޭ އެހެން މީހުންނާ ނުލާހިކު ތަފާތު މަންމައެއް. އެއީ މުސްލިމެއް. އޭނާގެ ދަރި ތަރުބިއްޔަތުކޮށްފައި އެހެރީ ނުލާހިކު ރަނގަޅަށް."

"ތިކަހަލަ އަންހެނުންގެ ރަނގަޅު ވާހަކަ އަހަންނަށް ކިޔައިދޭން އުޅޭނެ ކަމެއް ނެތް. އެމީހުން އިސްލާމް ދީނަށް ވަންނަނީ ކާވެނިކުރަން އެކަނި. އެއަށްފަހު ބޭރުފުށުން މާ ދީންވެރި ބަޔަކަށް ވެގެން އުޅޭނެ. ބައްޕަ ކިޔައިނުދިނަސް ހުޅަނގުގެ ގައުމުތަކުގެ އަންހެނުން އުޅޭ ގޮތް ދަރިފުޅަށް ރަނގަޅަށް އެނގެއެއްނުން؟"

"ބައްޕާ، އަހަރެންގެ މަންމައަކީ އިނގިރޭސިއަކަށް ވީތީ ބައްޕަ ރުހޭ އަންހެން ކުއްޖެއްގެ އާއިލާއިން ކާވެންޏަށް އިންކާރުކޮށްފިއްޔާ؟" ޒަނީން މަޑުމަޑުން އެހިއެވެ.

"ދަރިފުޅު ބަލައި ބޮޑުކުރީ ދަރިފުޅުގެ މަންމައެއް ނޫން، އަހަރެން. މީހުންނަށް ދަރިފުޅު އެނގެނީ ބައްޕައާ ހެދި، މަންމަގެ ސަބަބަކުން ނޫން."

"ބައްޕާ، އަހަރެމެންނަކީ ހަމައެކަނި ނަމުން މުސްލިމުން. އަހަރެމެންގެ އާއިލާއަކީ މިނިވަން ޚިޔާލުގެ އާއިލާއެއް. އަހަރެމެންނަކީ ހަރުކަށި ފިކުރުގެ ބައެއްނަމަތާ މަރިޔަމަށް އަހަރެމެންނާއެކު އުޅެން އުނދަގޫ ވާނީ."

"ނަމުން ވިޔަސް ކަމުން ވިޔަސް، އަހަރެމެން އުފަންވީ މުސްލިމުންގެ ގޮތުގައި." އޭނާގެ އަޑުގައި ހުރީ ބޮޑާ ކަމެވެ. ރުޅީގެ އަސަރުވެސް ކޮންމެވެސް ވަރަކަށް ފާޅުވިއެވެ. އެއީ މި މައުޟޫއު ފެށުނު ފަހުން ބައްޕަ ބާރަށް އެއްޗެއް ބުނި ފުރަތަމަ ފަހަރެވެ.

"އެހެންވެދާނެ ބައްޕާ. އެކަމަކު އަހަރެން އިންނާން ބޭނުންވަނީ އުއްމު މަރިޔަމް އާ. އަހަރެން ކުރާނީ އެންމެ ކާވެންޏެއް. އަހަރެން އިންނަ މީހާ ވާންޖެހޭނީ އަހަރެންގެ ހޮވުމަކަށް."

"އަަހަރެން ނުރުހުނަސް؟"

"ބައްޕަގެ ޝަރުތަކީ ޝަރުތަކަށްވާނަމަ އަހަރެން އެކަމާ ވިސްނާނަން. އެކަމަކު ތިދައްކަނީ އެއްވެސް ސަބަބަކަށްވާ ސަބަބެއް ނޫން. ބައްޕަ ރުހޭ ގޮތަށް މިހާރު އެއްބަސްވެފަ އަނެއްކާ އަހަރެން ބޭރު މީހަކާ ނުވަތަ މަރިޔަމް ކަހަލަ ބޭރު މީހެއްގެ ދަރިއަކާ އިންނަން ބޭނުންވެއްޖެއްޔާ ހަދާނީ ކިހިނެއް؟ ކާވެނި ނުކުރާންވީ؟ ޕާކިސްތާނު މީހެއް ވިޔަސް ބޭރު މީހެއް ވިޔަސް އަހަންނަކަށް އެއީ އެއްވެސް މައްސަލައެއް ނޫން. ބައްޕައަކީ ތީ ދީންވެރިއެއް ވެސް ނޫން. އަހަންނަކީ ވެސް. އެހެންވީމާ ތި ސަބަބު އަހަންނަކަށް ނުވިސްނޭ. އެހެން ނޫނަސް ޕާކިސްތާނު ކުދީންނެކޭ މަރިޔަމެކޭ ތަފާތެއް ނެތް – ފެންނަ ފެނުމަށް ވެސް، އުޅޭ އުޅުމުންވެސް، އޭނާގެ އާއިލާއަށް ބެލިޔަސް... އޭނާގެ މަންމަ އިނގިރޭސިއަކަށްވީތީ ކާވެންޏަށް ނުރުހެންވީ ސަބަބެއް ނެތް. އަހަރެން މިބުނީނުން އޭނާގެ މަންމައަކީ ވަރަށް ރަނގަޅު މީހެކޭ. އޭނާ އަހަންނަށް ވަރަށް ހެޔޮ..." ބައްޕައަށް ވިސްނައިދެވޭތޯ ޒަނީން ބެލިއެވެ.

"ދަރިފުޅު އޭނައާ އިންނާން ނިންމައިގެން ހުރިއްޔާ އިނދޭ. އަހަރެން ބޭނުންވާ ގޮތަށް ކަންތައް ކުރާން އަހަންނަކަށް މަޖުބޫރެއް ނުކުރެވޭނެ. ތީ މިނިވަނެއް. ބޭނުން ގޮތަކަށް ނިންމާ. އެކަމަކު ދަރިފުޅުގެ ކާވެންޏަށް ބައްޕައެއް ނުދާނަން. އަދި މި އާއިލާ އެކަކުވެސް ނުދާނެ. ބޭނުންގޮތަކަށް ކަންތައް ކުރުމުގެ ފުރިހަމަ އިޚްތިޔާރު ދަރިފުޅަށް އެބައޮތް." އޭނާ ނޫސް ނަގައިގެން ނޫސް ކިޔަން ފެށިއެވެ.

"ތީ ރަނގަޅު ގޮތެއް ނޫން ބައްޕާ." އިރުކޮޅަކު ހިމޭނުން އިނދެފައި ޒަނީން ވާހަކަ ދައްކަން ފެށިއެވެ. "ރަނގަޅު ވާހަކައެއް، އަހަންނަކީ މިނިވަނެއް. އަހަރެން ބޭނުން މީހަކާ އަހަންނަށް ކާވެނިކުރެވޭނެ. އެކަމަކު އަހަރެން ބޭނުންވަނީ ބައްޕަގެ ރުހުން ލިބިގެން ކާވެނިކުރަން. މިކަން މައްސަލައަކަށް ހަދައިގެން އާއިލާއިން އަހަރެން ބޭރުކުރުމަކީ އިންސާފެއް ނޫން."

"ދަރިފުޅު އާއިލާއިން ބޭރުކުރަން އުޅެނީ ބައްޕައެއް ނޫން، ދަރިފުޅު އަމިއްލައަށް." ނުރުހިފައި އިނދެ އޭނާ ބުނެލިއެވެ.

ބައްޕަގެ ޚިޔާލު ބަދަލުކުރެވޭތޯ ޒަނީން އެތައް އިރެއް ވަންދެން މަސައްކަތް ކުރިއެވެ. އެކަމަކު އޭނާ ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.

އެންމެ ފަހުން ޒަނީން އެކަން ހުއްޓައިިލިއެވެ. "އަޅާނުލާ ދެން، ބައްޕާ. މިކަހަލަ ކަމަކާ އަހަންނާ ގުޅުން ކަނޑާލަންޏާ އަހަންނަށް ކުރެވޭނެ ކަމެއް ނެތް ދެން. އަހަރެން ކާވެނިކުރާނީ އަހަރެން ބޭނުންވާ މީހަކާ." ބައްޕަގެ ހަރުކަށިކަމުން ޒަނީން ހިތަށް ވަރަށް ތަދުވިއެވެ. ދޮންމަންމަ، ނުޒްހަތު ރުއްސާކަށް އޭނާ އެއްވެސް މަސައްކަތެއް ނުކުރެއެވެ. ބައްޕަ ރުއްސަން އެހީ ނުވާނެކަން މާކުރިންވެސް އެނގޭތީއެވެ. އެހެންނޫނަސް ދޮންމަންމަގެ ނުފޫޒެއް ބައްޕައަކަށް ނުހިނގައެވެ. ހިތުގައި ޖެހުނަސް އާއިލާގެ ރުހުން ނުލިބޭނޭ ވާހަކަ މަރިޔަމަށް ކިޔައިދެވުނީތީ އޭނާ ހުރީ އުފަލުންނެވެ. މަރިޔަމް އޭނާގެ ހުށަހެޅުން ގަބޫލުކުރީ ހުރިހާ ކަމެއް އެނގިހުރެއެވެ.

***

"ދަރިފުޅާ އިންނާން ޒަނީން ބޭނުންވަންޏާ އާއިލާގެ ރުހުން ހޯދަންވާނެ. ތި ކާވެންޏަށް މަންމައަށް އެއްބަސްވެވޭނީ އޭރުން."

މަރިޔަމް އެދުވަހު ގެއަަށް އައީ ވަރަށް އުފަލުންނެވެ. ޒަނީން އޭނާއާ އިންނާން އެހި ވާހަކައާއި އާއިލާގެ ރުހުން ނުލިބޭނޭ ވާހަކަ މަންމަ ގާތު ބުންޏެވެ. އާއިލާގެ ރުހުން ނުލިބުނަސް ކާވެނިކުރާނެ ވާހަކަ ވެސް މަރިޔަމް ބުންޏެވެ. މަންމަގެ ފަރާތުން ލިބުނީ އޭނާ އުއްމީދުކުރި ޖަވާބެއް ނޫނެވެ. ދެ އާއިލާގެ ރުހުން ނެތި ކާވެނި ނުކުރެވޭނޭ ކަމަށް މަންމަ ބުންޏެވެ.

މަރިޔަމަށް ގޮތް ހުސްވިއެވެ. "މަންމާ ޒަނީނަކީ އާއިލާއަށް ބަރޯސާވެގެން އުޅޭ މީހެއް ނޫން. އޭނާއަކީ މިނިވަނެއް. އޭނާ ދިރިއުޅެނީ އަމިއްލަ ގެއެއްގައި. އަމިއްލަ ވިޔަފާރި އޮވޭ. ބައްޕަގެ ވާރުތަ މުދަލުން އޭނާއަށް ވާ ބައި އޮތީ މާ ކުރިން ދީފައި. އެހެންވީމާ އާއިލާ ރުހުނަސް ނުރުހުނަސް އެއީ މައްސަލައެއް ނޫން." މަންމައަށް ވިސްނައިދޭން މަރިޔަމް މަސައްކަތް ކުރިއެވެ.

"އެއީ މައްސަލައެއް މަރިޔަމް." މަންމަ ބުނެލިއެވެ.

"ޒަނީން އަހަރެން ގާތު ބުނި، އާއިލާއިން ކާވެންޏަށް އެއްބަސްނުވާނެއޭ. އެމީހުންނާ ދެކޮޅަށްވެސް އޭނަ އެހެރީ އަހަންނާ އިންނާން."

"ޒަނީންގެ އާއިލާއިން އެއްބަސްނުވާންވީ ކީއްވެ؟ އެ މީހުން ބޭނުންވާ ކުއްޖަކު ހުރީތަ؟" މަންމަ ވަރަށް ލޯބިން އެހިއެވެ.

"ނޭނގޭ. އޭނަގެ މަންމަ ބޭނުންވީ ބޮޑުދައިތަގެ ދަރި، ސޯފިއާއާ ދެވަން. އެކަން އަހަންނަށް އެނގޭ. މަންމަ ހަނދާން އެބަހުރިތަ، ބުނީމެއްނުން ސޯފިއާގެ ވާހަކަ؟ ރަސްމީކޮށް ވާހަކަ ނުދެކެވުނަސް ދެ އާއިލާއިން ވެސް ތިބީ އެގޮތަށް ނިންމައިގެން. އެންގޭޖު ނުވިޔަސް ސޯފިއާވެސް ހީކުރީ ޒަނީން އިންނާނީ އޭނަޔާ ކަމަށް. ޒަނީންގެ ބައްޕަ ބުނީ އަހަރެން ނޫން ކޮންމެ މީހަކާ އިނަސް އެންމެ ރަނގަޅުކަމަށް."

"ކީއްވެ ދަރިފުޅާ އިންނާން ދެކޮޅު ހަދަނީ؟" މަންމަ ވިސްނައިލިއެވެ. މަރިޔަމަކަށްވެސް އެއީ ކީއްވެގެން ކަމެއް ނޭނގެއެވެ. ބުނަން އުޅެފައިވެސް އެވާހަކަ ބުނަންވީ ގޮތެއް އޭނާއަކަށް ނޭނގުނެވެ.

"ޒަނީނާ ވާހަކަ ދައްކާލަންވީނުން. އަދި އެއްފަހަރު މައިންބަފައިންނާ ވާހަކަ ދައްކައިގެން އެމީހުންގެ ރުހުން ހޯދޭތޯ ބަލާށޭ ބުނޭ."

"މަންމާ، އަހަރެން އޭނައާ އިންނާނަމޭ ބުނެފިން. އޭނާގެ މައިންބަފައިން ރުހުނަސް ނުރުހުނަސް އަހަރެން އޭނަޔާ އިންނާނަން." މަރިޔަމް ރުޅި އައިސްގެން ތެދުވިއެވެ. "މަންމަ އެއްބަސްނުވިޔަސް އަހަރެން ޒަނީނާ އިންނާނަން. ފިލައިގެން ގޮސް ވިޔަސް އޭނަޔާ އިންނާނަން."

މަންމަ ކަންބޮޑުވެފައި އޭނާގެ ދަރިފުޅާ ދިމާއަށް ބަލަން އިނެވެ.

"މަންމަގެ ހުއްދަ ހޯދަން ޒަނީން އަންނާނެ. މަންމަ ޖެހޭނީ ރުހުން ދޭން."

މަންމަ އަނގަޔަކުން ނުބުނެއެވެ. ފުން ޚިޔާލަކަށް ގެއްލިފައި އިނީއެވެ.

***

ޒަނީން، މަރިޔަމް ގާތު އިންނާން އެހީންތަ؟" ޒަނީން އަތަަށް ސައިތަށި ދެމުން މަންމަ އެހިއެވެ.

"އާނ."

"ތި ނިންމުން އާއިލާއަށް އެނގޭތަ؟"

"އާނ، އެނގޭ."

"އެހެންވެއްޖެއްޔާ ރަނގަޅު ގޮތަކީ ކާވެނީގެ ކަންތައް ހަމަޖައްސަން އިތުރަށް މަޝްވަރާކުރުމަށް އާއިލާއިން މިގެއަށް އައުމެއް ނޫންތަ؟" މަންމަ ވަރަށް އޯގާތެރިކަމާއެކު އެހިއެވެ. ޒަނީން އިނީ އިސް ދަށަށް ޖަހަިއގެންނެވެ. އިސް އުފުލާފައި އޭނާ މަންމައާ ވާހަކަ ދެއްކިއެވެ. "އަހަރެންގެ އާއިލާއިން މި ކާވެންޏާ ނުރުހޭނެ ވާހަކަ މަރިޔަމް އޮންނާނީ މިހާރު މަންމަ ގާތު ބުނެފައި."

"އެހެން ކަމަށްވާނަމަ މަރިޔަމާ އިންނަ ޚިޔާލު ދޫކޮށްލަންވީނުން؟"

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

5 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.