އެޑިޓޯރިއަލް: ކޯވިޑް-19 އިން ސަލާމަތްވުން

ކޯވިޑް-19 އަކީ އާދަޔާ ޚިލާފަށް ހަލުވިކަމާއެކު އަވަހަށް ފެތުރިގެންދާ ބައްޔެކެވެ. ބަލި ޖެހޭ ކޮންމެ މީހަކަށް ނުރައްކާތެރި ބައްޔެއް ނޫނެވެ. އެކަމަކު އުމުރުން ދުވަސްވީ މީހުންނަށާއި، ކުޑަކުދިންނަށާއި، ބައެއް ކަހަލަ ބަލިބަލީގައި އުޅޭ މީހުންނަށް ނުރައްކާތެރި ބައްޔެކެވެ. މި ބަލީގައި މަރުވެފައިވާ މީހުންގެ ތެރޭގައި ގިނައީ މި ދެންނެވި ބައިތަކުގެ ތެރެއިން ބައެއްގައި ހިމެނޭ މީހުންނެވެ.

ބަލީގެ ނުރައްކާތެރިކަން އޮތް މީސްމީހުން ފިޔަވައި އެހެން މީސްމީހުން މާ ބޮޑަށް ރައްކާތެރި ވެގެން އުޅެން ޖެހޭ ސަބަބަކީ ކޮބައި ބާވައެވެ؟ ސިއްހީ މާހިރުން ކެނޑިނޭޅި ވިދާޅުވަމުން ގެންދަވާ ސަބަބުތަކެއް އެބަހުއްޓެވެ. އެންމެ ބޮޑު ސަބަބަކީ ބަލީގެ ސަބަބުން ނުރައްކާތެރި ހާލަތަކަށް ހިނގައިދާނޭ ފަދަ މީހަކަށް ބަލި ޖެހިދާނޭ ކަމުގެ ބިރެވެ. ނުރައްކަލެއް ނެތް މީހެއްގެ ކިބައިން އެފަދަ މީހެއްގެ ގަޔަށް ބަލި އަރައިފާނޭ ކަމުގެ ބިރެވެ.

ދެވަނަ ކަމަކީ ބަލި ޖެހޭ މީހުންގެ ގިނަ ވެގެން ގޮސް (ޚާއްސަކޮށް ނުރައްކާތެރި ހާލަތަށް ދާ މީހުންގެ އަދަދު ގިނަވެއްޖެނަމަ) ސިއްހީ އެހީތެރިންނަށް ބަލަހައްޓަން އުނދަގޫވާ ހިސާބަށް ދިއުމެވެ. ސިއްހީ އެހީތެރިންނަށް ނުބެލެހެއްޓޭ ވަރަށް ގިން ބަޔަކަށް ބަލިޖެހޭ ގޮތް ވުމެވެ. ބައެއް ގައުމުތަކުގައި މިފަދަ ގޮތަކަށް މެދުވެރިވުމުގެ ސަބަބުން ވަރަށް ހިތާމަވެރި ކަންތައްތައް ކުރިމަތި ވެފައި އެބަހުއްޓެވެ. ނުބެލެހެއްޓޭ ވަރަށް ބަލިމީހުން ގިނަވީމާ ބައެއް މީހުން މަރުވާން ދޫކޮށްލާން ޖެހިފައި އެބަހުއްޓެވެ. އެފަދަ ހާލަތަކަށް ރާއްޖެ ހިނގައިދާނެތީ އޮތް ބިރަކީ ވަރަށް ބޮޑު ބިރެކެވެ. ސިއްހީ މާހިރުން ތާއަބަދު ދައްކަވާ ވާހަކައަކީ މިއީއެވެ.

ސަރުކާރުން ނުވަތަ ކަމާބެހޭ އިދާރާތަކުން މި ބަލި ކޮންޓްރޯލު ކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު ނާޅާ ކަމަށް ބައެއް މީސްމީހުން ކިޔާތީ އިވެއެވެ. އެ ބުނާ އެކަށީގެންވާ ފިޔަވަޅަކީ ކޮބައިބާވައެވެ؟ މިއީ އެކަކަށްވެސް އެދެވޭ ޖަވާބެއް ނުދެވޭ ސުވާލެކެވެ.

މުޅި ދުނިޔެއަށް ބަލާއިރުވެސް ކޯވިޑް ކޮންޓްރޯލް ކުރުމަށްޓަކައި އަޅަން ޖެހޭ އެކަށީގެންވާ ފިޔަވަޅަކީ ކޮބައިކަން ނޭނގިގެން އުޅޭތަން ފެނެއެވެ. މައިގަނޑު ސަބަބަކީ މި ބައްޔަށް ސީދާ ބޭހެއް ހޯދިފައި ނެތުމެވެ. ވެކްސިނެއް އުފެއްދިފައި ނެތުމެވެ. އެހެންވީމާ އެޅެން އޮންނަ ފިޔަވަޅަކީ އެ ގައުމެއްގެ ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ގައުމުގެ ހާލަތާއި ކެރިފޯރުންތެރިކަމަށް ބަލާފައި ކޮންޓްރޯލް ކުރެވިދާނޭ ކަމަށް ފެންނަ ނުވަތަ ލަފާކުރެވޭ ފިޔަވަޅުތަކެއް އެޅުމެވެ. ބައެއް ފަހަރަށް އެ ފިޔަވަޅެއްގެ ނަތީޖާ ރަނގަޅުވެދާނެއެވެ. އަނެއްބައި ފަހަރަށް ހީކުރެވުނު ގޮތާ ޚިލާފަށް ދެރަ ނަތީޖާއެއް ފެނިދާނެއެވެ. މިއީ ހަމައެކަނި ރާއްޖެއަކަށް އޮތް ކަމެއް ނޫނެވެ. މުޅި ދުނިޔެ ކުރާ ތަޖުރިބާއެވެ.

ދުރާލާ ކޯވިޑަށް ތައްޔާރުވީ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ. މާލެއަށް ބަލި އައުމުގެ ކުރިން (ރާއްޖެއިން ބަލި ފެނުނީމާ) ކެނޑިނޭޅި ކަމާބެހޭ ފަރާތްތަކުން ގެންދިޔައީ އިރުޝާދު ދެމުންނެވެ. ވަކި ކަހަލަ އަލާމާތެއް ފެނިއްޖެ ނަމަ ހަދާނޭ ގޮތް ކިޔައިދެމުންނެވެ. ސިއްރުކޮށްގެން ތިބެއްޖެނަމަ ނުކުމެދާނޭ ހިތި ނަތީޖާ ހަނދާންކޮށް ދެމުންނެވެ. ޓީވީ ޕްރޮގްރާމްތަކާއި މީސްމީޑިއާގެ ޒަރީއާއިން ރެޔާއި ދުވާލު މެސެޖުތައް ފޮނުވަމުން ހޭލުންތެރި ކުރުވަމުންނެވެ.

މި ހުރިހައި މަސައްކަތަކާއެކުވެސް ”ބަސްނާހާ“ ބަޔަކު ދިޔައީ ފެންނަމުންނެވެ. ނަތީޖާއަކީ މާލެ ތެރެއަށް ހަލުވިކަމާއެކު ބަލި ފެތުރޭން ފެށުމެވެ. ދެރަ ކަމަކީ ބަލި ޖެހިފައި ތިބޭ ބައެއް މީސްމީހުންވެސް ފިލައިގެން އުޅޭގޮތް ވުމާއި ބައެއް މީހުން އަލާމާތްތައް ފެނުނީމާވެސް ސިއްރު ކޮށްގެން އުޅުމެވެ. ގައިދުރުކުރުމަށާއި ޒަރޫރީ ބޭނުމަކާ ނުލައި ބޭރަށް ނުކުމެ ނޫޅޭން ދެމުން ގެންދިޔަ އިރުޝާދުތަކަށް ފަރުވާކުޑަ ކުރެވޭ ގޮތް ވުމެވެ.

އާއްމު ދިރިއުޅުމުގެ ކަންތައްތައް މަޑުޖައްސާލަން ޖެހުމަކީ ނުވަތަ މުޅީން ހަރަކާތް ހުއްޓުމަކީ ދަތި އުނދަގޫ ކަމެއް ކަމާމެދަކު ޝައްކެއް ނެތެވެ. އެކަމަކު މިއީ އާއްމު ހާލަތެއް ނޫންކަންވެސް ހަނދާން ކުރަން ޖެހެއެވެ. ކެތްތެރިކަން އިސްކޮށްގެން ތުރާތަކާ ކުރިމަތިލުމަކީ މި ވަގުތަށް އޮތް ގޮތެވެ. އެހެން މަގެއް ފެންނާކަށް ނެތެވެ.

ދެން އޮތް ކަމަކީ ގިނަގިނައިން ދުޢާ ކުރުމެވެ. ކޯވިޑް-19 އަކީ ބަލިމަޑު ކަމެކެވެ. ކުއްލިއަކަށް ކުރިމަތިވީ ކަމެކެވެ. ލޮލަށް ނުފެންނަ ވައިރަހެއްގެ ސަބަބުން ފެތުރޭ ބައްޔެކެވެ. މި ބަލިން އަޅުގަނޑުމެން ސަލާމަތް ކުރެއްވުމަކީ ހަމައެކަނި ހުރިހައި ކަމެއް މޮޅަށް ބައްލަވައިވޮޑިގެންވާ މަތިވެރި ﷲ އަށް އޮތް ކަމެކެވެ. އެކަލާނގެ އިރާދަ ކުރައްވައިފިނަމަ ފަޅި ސިކުންތަކަށްވުރެވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މި ބަލިން ސަލާމަތް ކުރައްވައިފާނެއެވެ. އެކަމަކު އެކަމަށްޓަކައި އަޅުގަނޑުމެންގެ ”މަސައްކަތް“ ބޭނުންވެއެވެ. ފުރަތަމަ ކަމަކީ އެއީ ﷲ އަށް ކުޅަދުންވަންތަ ކަމެއް ކަމަށް ހިތުގެ އަޑިން ގަބޫލު ކުރުމެވެ. ދެވަނަ ކަމަކީ އިޚްލާސްތެރިކަމާއެކު އެކަލާނގެއަށް ދެންނެވުމެވެ. ތިންވަނަ ކަމަކީ ސަބަބުތަކުގައި ހިފުމެވެ. އެއީ ސިއްހީ މާހިރުންގެ އިރުޝާދުތަކަށް އަމަލު ކުރުމެވެ. ފަރުވާކުޑަ ނުކުރުމެވެ.

މި ތިން ފިޔަވަޅު އަޅަމުން ގެންދާނަމަ ކޯވިޑް-19 އިން ސަލާމަތް ވުމަކީ އެއްވެސް ކަމެއް ނޫނެވެ. މި ތިން ކަމުންކުރެ ކަމެއް ދޫކޮށްލައިފިނަމަ އޮތީ ނުރައްކަލެވެ. އެހެންވީމާ ސަމާލު ވެގެން ސަލާމަތުގެ އައްސޭރިއަކަށް ދެވޭތޯ މަސައްކަތް ކުރުން ނޫން އެއްވެސް ގޮތެއް ނެތެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.