ނޫމަޑީގެ މައްސަލައިގައި ބޮޑު ބަދަލެއް ދޭން ޖެހުނީ ކުރީގެ ސަރުކާރުގެ އިހްމާލުގެ ސަބަބުން ކަމަށް ފިނޭސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ އާބިޓްރޭޝަން މައްސަލަ ނުނިމެނިސް ކޯޓުން ބޭރުން ނޫމަޑިއަށް ބަދަލު ދިނުމަށް ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ނޫމަޑިން ބަދަލު ހޯދުމަށް އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައިގައ ދިވެހި ދައުލަތުގެ ދިފާޢު ބަލިކަށިކަން ވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ދިވެހި ދައުލަތުގެ ދިފާޢު ބަލިކަށިވި އެންމެ ބޮޑު ސަބަބެއްކަމަށް ފިނޭންސް މިނިސްޓަރ ފާހަގަ ކުރެއްވީ ކުރީގެ ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު އެމައްސަލައިގައި ދެއްވައިފައިވާ ބަޔާން ފަހުން ބަދަލުކުރެއްވުމުން ކަމަށް، ފިނޭންސް މިނިސްޓަރ އަމީރު ތުހުމަތު ކުރެއްވިއެވެ. އެމައްސަލަ ފާހަގަ ކުރެއްވި ސެޓްލްމަންޓް ކޮމެޓީން ދައުލަތުގެ ބަންޑާރަނާއިބް ވަނީ މައްސަލަ ތަޙްޤީޤްކޮށް ދެއްވުމަށް ފުލުހުންނަށް އަންގަވައިފައިކަމަށް ވެސް ފިނޭންސް މިނިސްޓަރ އިބްރާހީމް ޢަމީރު ވިދާޅުވިއެވެ.
މެމްބަރ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ފިނޭން މިނިސްޓަރ ވިދާޅުވީ އާބިޓްރޭޝަންގައި ދިވެހި ދައުލަތުގެ ދިފާޢު ބަލި ކަށިވެފައިވަނީ ކުރީސަރުކާރުގެ އިހުމާލު ބޮޑުވުމުން ކަމަށެވެ. ބަދަލު ދިނުމަށް އެއްބަސް ވުމުގެ ކުރިން އެމައްސަލައިގައި ލަފާދިނުމަށް ކަނޑައަޅައިފައިވާ ސިންގަޕޫރުގެ ލޯފާމްގެ ލަފާވެސް ދެފަހަރެއްގެ މަތިން ހޯއްދަވައި އެސެސްމަންޓް ހެދިފައިވާކަން ފިނޭންސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި ބަދަލު ދިނުމަށް ރައީސް އޮފީހުން އެކުލަވާލެއްވި ސެޓްލްމަންޓް ކޮމެޓީގެ މެމްބަރެގެ ޙައިސިއްޔަތުން ހުރިހާ ބައްދަލު ވުމެއްގައި ބައިވެރިވެވަޑައިގެންނެވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވުމުން މައްސަލަ ނިމިގެން ދާނެ ގޮތް އަންދާޒާ ކުރެއްވުނުކަމަށް ވިދާޅުވިއެއެވެ.
އާބީޓްރޭޝަނުން ގޮތެއް ނިންމެންދެން މަޑުކޮށްގެން ތިބި ނަމަ ނޫމަޑިން އެމައްސަލައިގައި ހޯދުމަށް އެދިފައިވާ 154 މިލިއަން ޑޮލަރުގެ އިތުރުން އާބިޓްރޭޝަން ޚަރަދުވެސް ދިވެހި ދައުލަތަށް ދޭން ޖެހިދާނެކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. އާބިޓް ރޭޝަން ނިމިގެންދާނެ ގޮތް އެއްވެސް މީހަކަށް މައްސަލަ ނިމުމުގެ ކުރިން ނޭނގޭނެކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ މައްސަލަދާ ގޮތުންނާއި ދިފާޢުވެވޭނެ ގޮތްބަލާ ދިރާސާކުރުމުން މައްސަލަ ނިމިގެންދާނެ ގޮތް އަންދާޒާކުރައްވަން އެގިވަޑައިގަންނަވާނެ ކަމަށެވެ. މައްސަލަ ކޯޓުން ބޭރުގައި ނިންމައި ނޫމަޑިއަށް ބަދަލު ދީފައިވަނީ ދިވެހި ސަރުކާރަށް ލިބިފައިވާ ފުރިހަމަ އިޚްތިޔާރާއި ބާރާއެކު ކަންވެސް މިއަދުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ކޯޓުން ބޭރުގައި މައްސަލަ ނިންމުމުގެ ފުރުޞަތަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުން ވެސް އޮތް ފުރުޞަތެއްކަމަށް ފިނޭންސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
ނޫމަޑިއަށް ބަދަލެއްގެ ގޮތުގައި 55 މިލިއަން ރުފިޔާ ދިނުމަށް މިސަރުކާރުން ނިންމީ 25 އޯގަސްޓް 2019 ގައެވެ. ދެބަޔަކަށް ބަހައިލައިގެން މިފައިސާ ދައްކާ ޚަލާސް ކުރުމަށް ދިވެހި ސަރުކާރަށް ދީފައިވާ މުއްދަކީ މިއަހަރުގެ ފެބުރުއަރީ 29 އެވެ. މިހާރު އެފައިސާ ދައްކާ ޚަލާޞްކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ކަލްސާގައި ފިނޭސް މިނިސްޓަރ ވިދާޅުވިއެވެ.
ނޫމާޑިއަށް ބަދަލު ދިނުމުގެ މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރ ޑރ މުޢިއްޒުގެ މައްޗަށް ޖިނާޢީ ތަޙްޤީޤެއް ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ނިނަމައިފައެވެ. މަޖިލީހުން މިގޮތަށް ނިންމަވައިފައި ވަނީ ނޫމަޑިއަށް ބަދަލު ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ދިރާސާ ކޮށް ނިންމުމަށްފަހު އެލުވާލެއްވި ރިޕޯރޓްގައެވެ. އެރިޕޯރޓް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކުރައްވައެވެ.
ޑރ. މުޢިއްޒުގެ ޖިނާޢީ ތަޙްޤީޤެއް ހިންގަން ކޮމެޓީން ނިންމީ ނޫމަޑި މައްސަލައިގައި ޑރ މުޢިއްޒު އާބިޓްރޭޝަނަށް ހުށަހެޅި ބަޔާނުގައި ފާހަގަކޮށްފައިވާ މަޢުލޫމާތު ލިބިވަޑައިގަންނަވާނީ ވަޒީރެއްގެ ޙައިސިއްޔަތުން ކަމަށްވުމެވެ. ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު މަޤާމުގެ ޙައިޞިއްޔަތުން ލިބިފައިވާ މަޢުލޫމާތެއްގެ ނުވަތަ އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒް މަންފާއެއް ޙާޞިލްކުރަން ނުވަތަ އެހެން މީހަކަށް އެފަދަ މަންފާއެއް ހޯދައިދިނުމަށް ބޭނުންކޮށްގެން ނުވާނެކަމަށް ޤާނޫނުއަސާސީގައި ބަޔަންކޮށްފައިވާކަން ކޮމެޓީގެ ރިޕޯރޓްގައި ވަނީ ފާހަގަ ކޮށްފައެވެ. އަދި މިގޮތަށް ޑރ. މުޢިއްޒު ޢަމަލުކުރައްވައިފައި ވަނީ އަމިއްލަފުޅަށް ނާޖާއިރު މަންފާއެއް ޙާޞީލްކުރުމުގެ މަޤްޞަދުގައި ކަމަށް ބެލޭވޭކަމަށް ވެސް ކޮމެޓީގެ ރިޕޯރޓްގައި ވަނީ ފާހަގަ ކޮށްފައެވެ. މީގެ އިތުރުން މާލިއްޔަތު ކޮމެޓީއަށް ޑރ މުޢިއްޒު ދޮގުމަޢުލޫމާތު ދެއްވައިފައިވާކަމަށް ބެލެވޭތީ އެމައްސަލަ ވެސް ތަޙްޤީޤުކޮށް ބެލުމަށް ފުލުހުންނަށް ދެންނެވުމަށް ކޮމެޓީން ވަނީ ނިންމައިފައެވެ.
ނޫމަޑިއާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމާ ގުޅޭ ހުރިހާ މުޢާމަލާތްތައް އަލުން ބަލައި ތަޙްޤީޤުކުރުމަށް ކަމާ ބެހޭ މުއައްސާ ތަކަށް ދަންނަވައި އެކަމުގައި އިހުމާލުވެފައިވާ ފަރާތްތައް ފަރުދީ ގޮތުން ޒިންމާދާރު ކުރުވުމަށް، ނޫމަޑިއަށް ދޭންޖެހޭ ފައިސާ އެފަރާތްތަކުގެ އަތުން، އަނބުރާ ދިވެހި ސަރުކާރަށް ހޯދުމަށް ދެންނެވުމަށް ވެސް ކޮމެޓީން ވަނީ ނިންމައިފައެވެ.
ކޯޓުން ބޭރުގައި ނޫމަޑިއަށް ބަދަލެއްގެ ގޮތުގައި 55 މިލިއަން ޑޮލަރު ދޭން މިހާރުގެ ސަރުކާރުން އެއްބަސްވީ، ނޫމަޑިން ބަދަލު ހޯދުމަށް އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައިފައި ވަނިކޮށެވެ. ކުރީ ސަރުކާރުން ބާޠީލްކޮށްފައިވަނީ އެމްޑީޕީގެ ސަރުކާރުން 2011 ގައި 500 ހައުސިން ޔުނިޓްއެޅުމަށް ވި އެއްބަސް ވުމުގެ އިތުރުން 2013 ގައި ޑރ.ވަހީދުގެ ސަރުކާރުން 1000 ހައުސިން ޔުނިޓް އެޅުމަށް ވެފައިވާ އެއްބަސް ވުމެވެ. ނަމަވެސް ވަހީދުގެ ސަރުކާރުގެ އެއްބަސް ވުން ފަހުން ބަދަލުކޮށްފައިވަނީ 500 ހައުސިން ޔުނިޓް އަޅާށާއި އަނެއް 500 ހައުސިން ޔުނިޓުގެ އަގަށް އިންފްރާސްޓްރަކްޗަރ ޤާއިމް ކުރުމަށެވެ. އެގޮތުން 250 ހައުސިން ޔުނިޓްގެ އަގަށް ޕޮލިސްއެކަޑަމީ ގެ ފުރަތަމަ ފިޔަވަހި ޢިމާރާތްކުރުމަށެވެ. އަނެއް 250 ހައުސިން ޔުނިޓްގެ އަގަށް ރާއްޖޭގެ ތިން ރަށެއްގައި ނަރުދަމާ ޤާއިމް ކުރުމަށެވެ. ނޫމަޑިއާއެކު ވެފައިވާ އެއްބަސް ވުމުގެ ދަށުން ލަގުޒަރީ ވިލާ އަޅަން ހއ. ދައްޕަރާއި އަދި އިތުރު ރަށެއް ދިނުމަށް ވަނީ އެއްބަސް ވެފައެވެ.