"ނޫމަޑި" އަށް ދައްކަންޖެހޭ ފައިސާ ގެ މައްސަލަ އާބިޓްރޭޝަނުން ބޭރުން ޙައްލު ކުރަނީ

ދިވެހިސަރުކާރުން ބަދަލު ހޯދުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އޭޖީ (ނޫމަޑި) އިން ދަހޭގުގައި ހުންނަ ޕާމަނަންޓް ކޯޓުއޮފް އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަ އާބިޓްރޭޝަނުން ބޭރުން ނިންމުމަށް ސަރުކާރުން ނިމަވައިފިއެވެ.

އެ ތަނުން ހުށަހަޅާފައިވަނީ ސަރުކާރުން ދައްކަން ޖެހޭ 150 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާ ގުޅޭ އިތުރު ފައިސާތަކެއް ހޯދުމަށެވެ.

ހައުސިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ދެ މައްސަލައެއްގައި ބަދަލުހޯދަން ނޫމަޑިން ހުށަހަޅާފައިވާ ކަމަށެވެ.

އެއް މައްސަލައަކީ ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްޤީ ކުރުމަށްޓަކައި ނޫމަޑި އާއި އޭރުގެ މިނިސްޓްރީ އޮފް ހައުސިން، ޓްރާންސްޕޯޓު އެންޑް އެންވަޔަރަންމަންޓާއި ދެމެދު 2011 ވަނަ އަހަރު ޖެނުއަރީ 20 ގައި ސޮއިކޮށްފައިވާ ފޭސް އެކެއްގެ އެއްބަސްވުމެވެ. ދެވަނަ މައްސަލައަކީ 500 ހައުސިންގ ޔުނިޓާއި، ޕޮލިސް އެކަޑަމީ ފޭސް I އާއި، 3 ރަށެއްގައި ނަރުދަމާގެ ނިޒާމު ޤާއިމް ކުރުމަށްޓަކައި އޭރުގެ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއާއި ނޫމަޑިއާ ދެމެދު 2013 ވަނަ އަހަރު މެއިމަހު 30 ވަނަ ދުވަހު ސޮއިކޮށްފައިވާ ފޭސް ދޭއްގެ އެބަސްވުމެވެ.

ވާހަކަ ދައްކައިގެން މި ދެ މައްސަލަ އާބިޓްރޭޝަނުން ބޭރުގައި ނިންމަން ސަރުކާރުން ނިންމެވީ ކޯޓުން ބޭރުގައި ޙައްލުކުރަންޖެހޭފަދަ މައްސަލަތައް ޙައްލުކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހުރިއްޔާއަށް ލަފާއެރުވުމަށް ރައީސް އެކުލަވާލައްވައިފައިވާ ސެޓްލްމެންޓް ކޮމިޓީގައި ގިނަ މަޝްވަރާތަކެއް ކުރެއްވުމަށްފަހު ކަމަށް ހައުސިން މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. ކޮމިޓީން ނިންމާފައިވަނީ ކޯޓުން ބޭރުން މައްސަލަ ޙައްލު ކުރުމަކީ މައްސަލާގައި ކުރިއަށްދިއުމަށް އެންމެ ފަސޭހަވާނެ ގޮތް ކަމަށެވެ.

މި މައްސަލާގައި ހިމެނޭ ފޭސް އެކެއް އަދި ދޭއްގެ އެއްބަސްވުމުގެ މައްސަލަ ޙައްލުކޮށްފައިވަނީ ސަރުކާރުން ނޫމަޑިއަށް ފުލް އަދި ސެޓްލްމަންޓްގެ ގޮތުގައި ދައްކަންޖެހޭ ފަންސާސް ފަސް މިލިއަން ޑޮލަރު ދެއްކުމަށް އެއްވެސް ވެގެންނެވެ. މި އެއްބަސްވުމުގައި ސަރުކާރުން ސޮއި ކޮށްފައިވަނީ އޮގަސްޓް 25 ދުވަހު ކަމަށް ހައުސިން މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.