ނޫމާޑީގެ މައްސަލައިގައި ޑރ. މުޢިއްޒުގެ ޖިނާޢީ ތަޙްޤީޤެއް ހިންގުމަށް މަޖިލީހުން ނިންމައިފި

ނޫމާޑިއަށް ބަދަލު ދިނުމުގެ މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒުގެ މައްޗަށް ޖިނާޢީ ތަޙްޤީޤެއް ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ނިންމަވައިފިއެވެ.

މަޖިލީހުން މިގޮތަށް ނިންމަވައިފައި ވަނީ ނޫމަޑިއަށް ބަދަލު ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ދިރާސާ ކޮށް ނިންމުމަށްފަހު އެލުވާލެއްވި ރިޕޯރޓްގައެވެ. އެރިޕޯރޓް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތަޅުމަށް ހުށަހަޅާ 63 މެމްބަރުންގެ އަޣްލަބިއްޔަތުން ވަނީ ފާސްކުރައްވައެވެ.

ޑރ. މުޢިއްޒުގެ ޖިނާޢީ ތަޙްޤީޤެއް ހިންގަން ކޮމެޓީން ނިންމީ ނޫމަޑި މައްސަލައިގައި ޑރ މުޢިއްޒު އާބިޓްރޭޝަނަށް ހުށަހެޅި ބަޔާނުގައި ފާހަގަކޮށްފައިވާ މަޢުލޫމާތު ލިބިވަޑައިގަންނަވާނީ ވަޒީރެއްގެ ޙައިސިއްޔުން ކަމަށްވުމެވެ. ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު މަޤާމުގެ ޙައިޞިއްޔަތުން ލިބިފައިވާ މަޢުލޫމާތެއްގެ ނުވަތަ އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒް މަންފާއެއް ޙާޞިލްކުރަން ނުވަތަ އެހެން މީހަކަށް އެފަދަ މަންފާއެއް ހޯދައިދިނުމަށް ބޭނުންކޮށްގެން ނުވާނެކަމަށް ޤާނޫނުއަސާސީގައި ބަޔަންކޮށްފައިވާކަން ކޮމެޓީގެ ރިޕޯރޓްގައި ވަނީ ފާހަގަ ކޮށްފައެވެ. އަދި މިގޮތަށް ޑރ. މުޢިއްޒު ޢަމަލުކުރައްވައިފައި ވަނީ އަމިއްލަފުޅަށް ނާޖާއިރު މަންފާއެއް ޙާޞީލްކުރުމުގެ މަޤްޞަދުގައި ކަމަށް ބެލޭވޭކަމަށް ވެސް ކޮމެޓީގެ ރިޕޯރޓްގައި ވަނީ ފާހަގަ ކޮށްފައެވެ. މީގެ އިތުރުން މާލިއްޔަތު ކޮމެޓީއަށް ޑރ މުޢިއްޒު ދޮގުމަޢުލޫމާތު ދެއްވައިފައިވާކަމަށް ބެލެވޭތީ އެމައްސަލަ ވެސް ތަޙްޤީޤުކޮށް ބެލުމަށް ފުލުހުންނަށް ދެންނެވުމަށް ކޮމެޓީން ވަނީ ނިންމައިފައެވެ.

ނޫމަޑިއާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމާ ގުޅޭ ހުރިހާ މުޢާމަލާތްތައް އަލުން ބަލައި ތަޙްޤީޤުކުރުމަށް ކަމާ ބެހޭ މުއައްސާ ތަކަށް ދަންނަވައި އެކަމުގައި އިހުމާލުވެފައިވާ ފަރާތްތައް ފަރުދީ ގޮތުން ޒިންމާދާރު ކުރުވުމަށް، ނޫމަޑިއަށް ދޭންޖެހޭ ފައިސާ އެފަރާތްތަކުގެ އަތުން، އަނބުރާ ދިވެހި ސަރުކާރަށް ހޯދުމަށް ދެންނެވުމަށް ވެސް ކޮމެޓީން ވަނީ ނިންމައިފައެވެ.

ކޯޓުން ބޭރުގައި ނޫމަޑިއަށް ބަދަލެއްގެ ގޮތުގައި 55 މިލިއަން ޑޮލަރު ދޭން މިހާރުގެ ސަރުކާރުން އެއްބަސްވީ، ނޫމަޑިން ބަދަލު ހޯދުމަށް އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައިފައި ވަނިކޮށެވެ. ކުރީ ސަރުކާރުން ބާޠީލްކޮށްފައިވަނީ އެމްޑީޕީގެ ސަރުކާރުން 2011 ގައި 500 ހައުސިން ޔުނިޓްއެޅުމަށް ވި އެއްބަސް ވުމުގެ އިތުރުން 2013 ގައި ޑރ.ވަހީދުގެ ސަރުކާރުން 1000 ހައުސިން ޔުނިޓް އެޅުމަށް ވެފައިވާ އެއްބަސް ވުމެވެ. ނަމަވެސް ވަހީދުގެ ސަރުކާރުގެ އެއްބަސް ވުން ފަހުން ބަދަލުކޮށްފައިވަނީ 500 ހައުސިން ޔުނިޓް އަޅާށާއި އަނެއް 500 ހައުސިން ޔުނިޓުގެ އަގަށް އިންފްރާސްޓްރަކްޗަރ ޤާއިމް ކުރުމަށެވެ. އެގޮތުން 250 ހައުސިން ޔުނިޓްގެ އަގަށް ޕޮލިސްއެކަޑަމީ ގެ ފުރަތަމަ ފިޔަވަހި ޢިމާރާތްކުރުމަށެވެ. އަނެއް 250 ހައުސިން ޔުނިޓްގެ އަގަށް ރާއްޖޭގެ ތިން ރަށެއްގައި ނަރުދަމާ ޤާއިމް ކުރުމަށެވެ. ނޫމަޑިއާއެކު ވެފައިވާ އެއްބަސް ވުމުގެ ދަށުން ލަގުޒަރީ ވިލާ އަޅަން ހއ. ދައްޕަރާއި އަދި އިތުރު ރަށެއް ދިނުމަށް ވަނީ އެއްބަސް ވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.