ފިލްމު އުފައްދާ ފަރާތްތަކަށް އުފާވެރި ޚަބަރެއް، އަންނަމަހު އޮލިމްޕަސް ހުޅުވަނީ!

މިއަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި އޮލިމްޕަސް ހުޅުވޭނެ ކަމަށް މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫން ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ޖަލްސާގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެތަނުގައި ކުރިއަށްދަނީ ޒަމާނީ ފެންވަރަށް މަރާމާތުކުރުން ކަމަށާއި އަންނަ ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހު އެތަން ހުޅުވާނެ ކަމަށެވެ.

މި މަސައްކަތްތައް ކުރިއަށްގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ފިޔަވަހީގައި ކުރިއަށް ގެންގޮސްފައިވަނީ އިމާރާތް މަރާމާތުކޮށް، ގެންނަންޖެހޭ ބޮޑެތި ބަދަލުތައް ގެނައުމުގެ މަސައްކަތް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި މި މަސައްކަތްތައް މިހާރުނިމިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެގޮތުން ޓިކެޓް ކައުންޓަރަށް ބަދަލުގެނައުމާއި، ކޮރިޑޯއާއި އިމާރާތުގެ ބޭރަށް ވެސް ބަދަލު ގެނެސްފައި ވެއެވެ.

"މިގޮތުން އޮލިމްޕަހުގައި ފިލްމް ސްކްރީން ކުރުމަށް ޑިޖިޓަލް ސިނަމާ ޕްރޮޖެކްޓަރާއި، މިއުޒިކާއި ޑާންސް ޕްރެކްޓިސްކުރުމަށް ޚާއްސަ ކޮޓަރިތައް ހެދިގެންދާނެ." ޔުމްނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޔުމްނާ ވިދާޅުވީ މި މަޝްރޫއު ނިމޭއިރު، ސަރައުންޑިންގ ސައުންޑް ސިސްޓަމްތަކާއި، ސްޓޭޖް ޑްރާމާތައް ކުރިއަށް ގެންދެވޭނެ ގޮތަށް ލައިޓާއި ކެފޭ އެއް ހުންނާނެ ކަމަށެވެ. އަދި ފަންނާނުން ހިންގާ ހަރަކާތްތައް އިޝްތިހާރު ކުރެވޭނެ ގޮތްތައް ވެސް ހުންނާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ހުރި އެންމެދުވަސްވީ ސިނަމާ "އޮލިމްޕަސް" ބަންދުކރީ ކޮވިޑް-19 ގެ ތެރޭގަ އެވެ.

އޮލިމްޕަހުގެ މަރާމާތުގެ މަސައްކަތަކީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ވެފައިވާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ދިން އެހީގައި ކުރިއަށްގެންދާ މަސައްކަތެވެ.

އޮލިމްޕަހަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ޒަމާންވީ އަދި އެންމެ ބޮޑު ސިނަމާއެވެ. 1959 ހުޅުވި އޮލިމްޕަހުގައި އެންމެ ފުރަތަމަ ދައްކަން ފެށީ ހިންދީ ފިލްމާއި އިނގިރޭސި ފިލްމްތަކެވެ. ދިވެހި ފިލްމް ދައްކަން ފެށީ 1980ވަނަ އަހަރުން ފެށިގެން ނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.