ދިވެހިރާއްޖެ ފަދަ ކުޑަކުޑަ ޖަޒީރާ ޤައުމަކަށް، ގައުމުގެ އަމިއްލަ ޝަޚްސިއްޔަތު ދެމެހެއްޓޭނީ ތާރީޚު އުގަންނައިދީ، ތާރީޚަށް ހޭލުންތެރިކުރެވުނު މިންވަރަކުން ކަމަށް ދިވެހިރާއްޖޭގެ ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. ދިވެހި ތާރީޚު ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި މެސެޖުގައި ޔުމްނާ ވިދާޅުވި ގޮތުގައި ސަގާފީ ފަތުރުވެރިކަމަކީ އޭގެ ތެރެއިން ޒުވާން ޖީލުތައް ދިވެހީންގެ ސަގާފަތާއި ތާރީޚާއި ތަރިކައަށް ދޭ އަހައްމިއްޔަތުކަން އިތުރުވެ، ސަގާފި ފަންނުތަކާއި ހަރަކާތްތައް ޒުވާން ޖީލުތަކަށް ދަސްކޮށްދީ، ވާރުތަކޮށްދިނުމަށް އޮތް ދެމެހެއްޓެނިވި މަގެއް ކަމުގައި އެ ކަމަނާ ދެކެވަޑައިގަނެއެވެ. ނަމަވެސް މިކަން އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނީ ތަޢުލީމާއި ތަމްރީނުގެ ނިޒާމުގެ ތެރެއިން ތާރީޚާއި ގުޅޭ ސައްޚަ މަޢުލޫމާތު ފޯރުކޮށްދެވިގެން ކަމަށާއި ތަޢުލީމީ ނިޒާމުގެ ތެރޭގައި މިހާރަށްވުރެ ބޮޑަށް ތާރީޚާއި އާދަކާދަ އަދި ސަގާފަތް ހިމެނުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މުހިއްމު މަސައްކަތެއް ކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ. އަދި އެ ކަންކަން ކުރުމުގައި ކައުންސިލްތަކާއި، ކަމާއިބެހޭ އެހެން ފަރާތްތަކާއިއެކު ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ތިއްބެވި ކަމުގެ ޔަގީންކަން ދެއްވިއެވެ.
ފެބްރުއަރީ މަހުގެ 27 އަކީ ކޮންމެ އަހަރަކުވެސް ރާއްޖޭގައި ފާހަގަކުރެވެމުންދާ ޤައުމީ ތާރީޚު ދުވަހެވެ.
ދުވަހުގެ މަގުސަދާ ގުޅޭ ގޮތުން ޔުމްނާގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ. "ދިވެހިރާއްޖެއަކީ ވަރަށް ދިގު އަދި މުއްސަނދި ތާރީޚެއް އޮތް ޤައުމެކެވެ. އެހެންކަމާއެކު އަޅުގަނޑުމެންގެ ކާބަފައިންގެ ކިބައިން ވާރުތަވެގެން އައިސްފައިވާ އާދަކާދަތަކާއި ހުނަރުވެރި މަސައްކަތްތެރިކަމުގެ ހެކިތައް މިހާރުވެސް އަޅުގަނޑުމެންނަށް ފެންނާން އެބަހުއްޓެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ މުހިންމުކަމަކީ ދުވަސްވީ ލިޔުންތަކާއި، ތަންތަނާއި އިސް ރަށްވެހިންގެ ވާހަކަތަކުން ތާރީޚީ މަޢުލޫމާތު އެއްކޮށް، އެ މަޢުލޫމާތު ދިރާސާކޮށް، ދިވެހީންގެ ހަޟާރަތާއި، ކާބަފައިންގެ މަސައްކަތްތެރިކަމާއި ދިރިއުޅުމުގެ ވައްޓަފާޅި ދަސްކޮށް އެކަމުން އިބުރަތް ހާސިލުކުރުމެވެ. އަދި ހަމަ މިއާއިއެކު ދިވެހިންގެ ތާރީޚާއި ސަގާފަތުގެ މުހިންމުކަން އަދުގެ ޖީލުތަކަށް ހާމަކޮށްދިނުމެވެ."
މި އަހަރު މި ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ، "ދިވެހި ތާރީޚާއި ފަތުރުވެރިކަން"، މިއެވެ. މި އަހަރަކީ ދިވެހިރާއްޖޭގައި ރަސްމީ ސިފައެއްގައި ފަތުރުވެރިކަން ފެށުނުތާ 50 އަހަރު ފުރޭ އަހަރު ކަމަށް ވާއިރު، މިއީ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތު ކުރުމަށް މިހާރު ފަށާފައިވާ މަސައްކަތާއި ނުހަނު މުނާސަބު ޝިޢާރެކެވެ.
ތާރީޚު ދުވަހާ ގުޅިގެން ދެއްވި މެސެޖުގައި ރާއްޖޭގެ ފަތުރުވެރިކަމާއި ތާރީޚާއި ސަގަފާތާ އޮތް ގުޅުމުގެ މައްޗަށްވެސް ޔުމްނާ ވަނީ ބައްލަވައި ލައްވައިފައެވެ. "ދިވެހިރާއްޖޭގައި މިހާތަނަށް ފަތުރުވެރިކަން ފުޅާވެގެން ގޮސްފައިވަނީ ރަށްފުށު ދިރިއުޅުމާއި ދުރު، އެކަހެރި ތަޖުރިބާއެއްގެ ގޮތުގައެވެ. ގެސްޓް ހައުސް ޓުއަރިޒަމާއި އެކު އެކަން ބަދަލުވެ، ރަށްރަށަށް ފަތުރުވެރިން ޒިޔާރަތްކުރަން ފެށި ނަމަވެސް، ވަރަށް ފަހަކާއި ޖެހެންދެންވެސް ދިވެހިންގެ ސަގާފަތާއި، ތާރީޚާއި، ތަރިކަ ވަނީ އެ ފަތުރުވެރިންގެ ތަޖުރިބާގެ ބައެއްގެ ގޮތުގައި ނުހިމެނިއެވެ. އަލަށް ފެށުނު ހޯމްސްޓޭ ޓުއަރިޒަމާއި، ދާދި ފަހުން ސަވާދީއްތަ ދަތުރުގެ ނަމުގައި ބޭއްވި ޔޮޓު ރެލީ ފަދަ ހަރަކާތްތަކާއި އެކު މިކަން ވަނީ ބަދަލުވާން ފަށާފައެވެ. ރާއްޖޭގެ ތާރީޚު އޮޅުންފިލުވައި، ރާއްޖޭގައި ހުރި އާސާރީ ތަންތަން ބަލައި، ދިވެހީންގެ ސަގާފަތް ތަޖުރިބާ ކުރުމަށް އަދައި ފަތުރުވެރިން ރާއްޖެ އަންނާން ފެށުމަކީ މިއަދު މި ދެކޭ ފަތުރުވެރިކަން ސިންދަފާތު ކުރުމުގެ ހުވަފެނުގައި ކުލަޖެހި، ރައްޔިތުންނަށް އޭގެން އިޤުތިޞާދީ އެތައް ފައިދާއެއް ކުރާނެ ކަމެކެވެ. މި މަސައްކަތްތަކުގެ ނަތީޖާއަކަށް ވެގެންދާނީ މިހާތަނަށް އޭގެ ނަފާ ހޯދިފައިނެތް އެތައް ގޮތަކުން ފަތުރުވެރިކަމުގެ ނަފާ ހޯދުމެވެ."
އެޔަށް ފަހު ލޯކަލް ކައުންސިލްތަކަށް އިލްތިމާސެއް ކުރައްވައިފައިވެސް ވެއެވެ. "މިކަން ކާމިޔާބުކަމާއިއެކު ޙަޤީޤަތަކަށް ހެދުމަށް، ފަރުދީ ފެންވަރުގައްޔާއި އަތޮޅާއި ރަށް، އަދި ޤައުމީ ފެންވަރުގައިވެސް ކުރުން މުހިއްމު މަސައްކަތްތަކެއް އެބަހުއްޓެވެ. ދިވެހިރާއްޖޭގެ ކޮންމެ އަތޮޅާކީވެސް، އަދި ކޮންމެ ރަށަކީވެސް ޝައުޤުވެރިކުރުވަނިވި، މުއްސަނދި ތާރީޚެއް އޮތް ރަށެއް ކަމަށްވާއިރު، އަތޮޅުތަކާއި ރަށްރަށުގެ ތާރީޚު ހޯދައި، އެއްކޮށް، ފަސޭހައިން ބޭނުންކުރެވޭ ޒަމާނީ މަންސަތަކުގައި އެ މަޢުލޫމާތު ރައްކާކުރުމަށް އަޅުގަނޑު ލޯކަލް ކައުންސިލްތަކަށް ގޮވާލަމެވެ. އެގޮތުން އަތޮޅާއި ރަށްރަށާއި ގުޅޭ ކުރީގެ ލިޔެކިޔުންތައް އަރުޝީފު ކުރުމާއި، އިސް ރަށްވެހިންގެ ފުށުން ރަށުގެ ތާރީޚާއި، ޒަމާންވީ ފޯކުލޯރު އޮޅުންފިލުވައި ރައްކާކުރުމަކީ ކުރުން މުހިއްމު ކަމެކެވެ. މިފަދައިން އެއްކުރެވޭ މަޢުލޫމާތަކީ ސަގާފީ ފަތުރުވެރިކަމުގެ އާރުކާޓީންގެ ގޮތުގައި ތިބޭނެ ލޯކަލް ގައިޑުން ތަމްރީނު ކުރުމަށް ބޭނުންތެރި ވަޞީލަތަކަށް ވެގެންދާނެއެވެ."