އިނގިރޭސީން އައްޑޫގައި އުޅުނުކަމުގެ ތާރީޚު ދައްކުވައިދޭ ތަނެއް ގަމުގައި ހަދަން މަސައްކަތް ކުރާނަން: ޔުމްނާ

އައްޑޫސިޓީގައި އިނގިރޭސީން އުޅުނު ކަމުގެ ތާރީޚު ދައްކުވައިދޭ ތަނެއް އައްޑޫ ގަމުގައި ހެދޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ހެރިޓޭޖު މިނިސްޓަރ ޔުމްނާ މައުމޫން ވިދާވެއްޖެއެވެ.

އައްޑުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ފުރައިވަޑައިގަތުމުގެ ކުރީން މިނިސްޓަރ ޔުމްނާ ވިދާޅުވީ މަރާމާތުކޮށްގެން ބޭނުންކުރެވިދާނެ އެތައް އިމާރާތެއް ގަމުގައި މިހާރުވެސް އެބަހުރި ކަމަށެވެ. "ކިތަންމެ އިމާރާތެއް އެބަހުރި މަރާމާތު ކޮށްގެން ބޭނުންކުރެވިދާނެ. މިސާލަކަށް މިޔުޒިއަމްގެ ގޮތަށް ވިޔަސް ނުވަތަ ގެލެރީއެއްގެ ގޮތަށް ވިޔަސް،" މިނިސްޓަރ ވިދާޅުވިއެވެ. އޭގެ އިތުރުން ވެސް އެކިކަންކަމަށް ބޭނުންކުރެވިދާނެ އިމާރާތްތައް އެބަހުރި ކަމަށް އެކަމަނާ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އައްޑޫގައި މިޔުޒިއަމެއް ހުރުމަކީ އެކަމަނާ ބޭނުންފުޅުވާ ކަމެއް ކަމަށެވެ.

އެކަމަނާ ވިދާޅުވީ ގަން މިހާރުއޮތީ އަމިއްލަ ކުންފުންޏެއްގެ ދަށުގައި ކަމަށެވެ. އެހެން އޮތުމުން ގަމުގައިހުރި މުހިންމު ތަންތަނަށް ޒިޔާރަތް ކުރުމުގެ ފުރުސަތު މީހުންނަށް ނުލިބޭކަމަށެވެ. އެކަންކަން ހައްލު ކުރުމަށް އެކުންފުންޏާ ވާހަކަ ދައްކަވާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

"އެކުންފުންޏާ ވެސް ވާހަކަ ދައްކައިގެން، ސިޓީ ކައުންސިލާވެސް މަޝްވަރާ ކޮށްގެން ރައްޔިތުން ބޭނުންވަނީ ކޮން ގޮތްތަކެއްތޯ ބަލައިގެން އަޅުގަނޑުމެން މަސައްކަތް ކުރާނަން ގަމުގައި އިނގިރޭސީން އުޅުނު ތާރިޚު ދައްކުވައިދޭ ކޮންމެވެސް ކަހަލަ ތަނެއް ގަމުގައި ހެދޭތޯ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިފަދަ ކަންކަން ކުރުމުގައި ވަރަށްބޮޑެތި ގޮންޖެހުންތައް ހުންނަ ކަމަށެވެ. ފައިސާއާއި ކުރަންޖެހޭ ދިރާސާއާއި ބަލަންޖެހޭ އެތައް ކަމެއް ހުންނަ ކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ އެއްބާރުލުމާއި ޝައުގުވެރިކަން ފާޅުކޮށް ރައްޔިތުން އެކަމަކާ އުޅުނުވަރަކުން ކަންކަން އަވަސްވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް މިނިސްޓަރވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.