މިހާރަށްވުރެ ގިނައިން ދިވެހިބަސް ސްކޫލު މާހައުލުގައި ބޭނުން ކުރެވޭނެގޮތަކާ މެދު މަޝްވަރާކުރަނީ

ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

މިހާރަށްވުރެ ގިނައިން ދިވެހިބަސް ސްކޫލު މާހައުލުގައި ބޭނުން ކުރެވޭނެގޮތަކާ މެދު ތަޢުލީމީ ވުޒާރާއާ މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ޔުމްނާ ވިދާޅުވީ ދިވެހި ބަހަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އަޅުގަނޑުމެން، ހަޤީގަތުގައިވެސް ވިސްނަން ޖެހިފައިވާކަމުގައެވެ. އެހެން ބަހަކުން ތަޢުލީމް ޙާޞިލް ކުރަންޖެހުމުން، ސްކޫލު މާހައުލުގައި ވަރަށް ގިނައިރު ވާހަކަ ދައްކަނީ ބޭރު ބަހަކުންކަން ޔުމްނާ ފާހަގަކުރެއްވި އެވެ. އެހެންކަމުން ސްކޫލު މާހައުލުގައި މިހާރަށްވުރެ އިތުރަށް ދިވެހި ބަސް ބޭނުންކުރެވޭނެ ގޮތްތަކެއް އެބަ ވިސްނަންޖެހޭ ކަމަށް ޔުމްނާ ވިދާޅުވިއެވެ. އެޑިޔުކޭޝަން މިނިސްޓްރީއާ ވެސް އެކަމާމެދު މަޝްވަރާކުރަމުން ގެންދަވާކަން ފާހަގަ ކުރެއްވިއެވެ.

މިހާރުގެ ސަރުކާރަކީ ބަހާއި ޘަޤާފަތާއި ތަރިކައަށް އިސްކަންދީގެން، ޖަޒީރާވަންތަ ސިފަތައް ދަމަހަށްޓައިގެން ޤައުމު ތަރައްޤީ ކުރެވޭތޯ މަސައްކަތް ކުރައްވަމުންގެންދަވާ ސަރުކާރެއްކަން ހެރިޓޭޖް މިނިސްޓަރ ޔުމްނާ ފާހަގަ ކުރެއްވިއެވެ. އެގޮތުން ސަރުކާރުން މަޖިލީހަށް މިހާރު ހުށަހަޅައިފައިވާ ޘަޤާފީ ތަރިކަ ރައްކާތެރިކުރުމުގެ ބިލް ފާހަގަކުރެއްވިއެވެ. ޘަޤާފީ ތަރިކައިގެ ތެރޭގައި ހިމެނޭ މާނަވީ ތަރިކައިގެ އެންމެ މުހިންމު އެއް ބަޔަކީ ދިވެހި ބަސްކަން ޔުމްނާ ފާހަގަ ކުރެއްވިއެވެ.

"ހަޤީގަތުގައި ބަސް ގުޅިފައިމިވަނީ އަޅުގަނޑުމެންގެ ޘަގާފަތާ ވެސް، އަޅުގަނޑުމެންގެ ތާރީޚާ ވެސް، އަޅުގަނޑުމެންގެ އަމިއްލަވަންތަކަމާ ވެސް، އަޅުގަނޑުމެން (ބޭރު) ތަނަކަށް ގޮސް އުޅޭއިރު އަޅުގަނޑުމެން ކާ އެއްޗަކުން ނުވަތަ ލާ ހެދުމަކުން، އަޅުގަނޑުމެނަކީ  ދިވެހިންކަމެއް ނޭނގޭ. އެހެންނަމަވެސް ދިވެހި ބަހުން ވާހަކަދައްކަން ފެށީމާ އެއީ ދިވެހިންކަން އެބަ އެނގޭ. އެގޮތުން އަޅުގަނޑުމެންނަކީ ކޮން ބައެއްކަން، އަންގައިދޭ އަމިއްލަވަންތަ ސިފަ، ދަމަހަށްޓައިގެން ޤައުމު ތަރައްޤީކުރުން ވަރަށް މުހިންމު. " ޔުމްނާ ވިދާޅުވިއެއެވެ.

ޢިލްމު އުނގެނުމަށާއި ތަރައްޤީވެ ކުރިއެރުމަށްޓަކައި ބޭރު ބަސް ދަސްކުރުމަކީ ވެސް ވަރަށް މުހިންމުކަމެއްކަން ޔުމްނާ ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް އޭގެ މާނައަކީ އަމިއްލަ ބަސް ދޫކޮށްލައިފައި ދިއުން ނޫންކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ. ބޭރުގެ މީހުން ކުރާ ކަންކަން ވެސް ދަސްކޮށް އޭގެންވެސް ރަނގަޅު ކަންކަމުގެ ނަމުނާ ނަގަންޖެހޭ ކަމަށާއި އޭގެ މާނައީ އަޅުގަނޑުމެންގެ އަމިއްލަ ރަނގަޅު ސިފަތައް ދޫކޮށްލައިފައި ދިއުން ނޫންކަމަށް ވިދާޅުވިއެވެ. ތަރައްޤީގައި ކުރިއަށް ދާން ޖެހޭނީ މިކަންކަމުގައި ހިފަހަށްޓައިގެންކަން މިނިސްޓަރ ޔުމްނާ ފާހަގަ ކުރެއްވިއެވެ.

ވާހަކަ ދެއްކުންތެރިކަމަކީ ދިރިއުޅުމުގެ ކޮންމެ މައިދާނެއަގައި ވެސް ވަރަށް މުހިންމު ހުނަރެއްކަން މިނިސްޓަރ ޔުމްނާ ފާހަގަ ކުރެއްވިއެވެ. ސްކޫލު ދައުރުގައި އަމިއްލަ ބަހުން ރީތިކޮށް ވާހަކަ ދައްކަން ދަސްވުމަކީ މަސައްކަތުގެ މައިދާނުގައާއި ދިރިއުޅުމުގެ މައިދާނުގައި ކާމިޔާބު މީހަކަށް ވުމަށް ވަރަށް މުހިންމު ކަމެއްކަން ފާހަގަ ކުރެއްވިއެވެ.

"ސްކޫލު ދައުރުގައި ވިސްނަން ޖެހޭނީ ހަމައެކަނި ވަކި އިމްތިހާނަކުން ލިބޭ ނަތީޖާއަކަށް ނޫން. އޭގެ ފަހުން ދިރިއުޅުމުގެ މައިދާނަށް ނުކުންނައިރު ކާމިޔާބު މީހަކަށް ވެވޭތޯ. މީހުންގެ ތެރޭގައި ވާހަކަ ދައްކަން އެނގުމަކީ ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރި ނަމަވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް. އެމީހަކު ޤަބޫލުކުރާ ޤަބޫލުކުރުންތައް، އެމީހެއްގެ ޚިޔާލުތައް، ފަސޭހަކަމާއެކި އަނެކާއަށް ދޭހަވާ ގޮތަކަށް ގެނެސް ދިނުމުގެ ކުޅަދާނަކަން ހުންނަން އެބަޖެހޭ." ވާހަކަދެއްކުންތެރި ކަމުގެ ހުނަރުގެ މުހިންމުކަން ފާހަގަކުރައްވާ ޔުމްނާ ވިދާޅުވިއެވެ.

ވާހަކަ ދެއްކުމުގެ މުބާރާތުގެ ތެރެއިން ހަމައެކަނި ދަސްވަނީ ވާހަކަދައްކަން ނޫންކަމަށާއި، ބަހާއި ތާރީޚާއި ޘަޤާފަތާއި ތަރިކައަށް ލޯބި ކުރަން ވެސް ދަސްވާކަން، ތަރިކައާބެހޭ މިނިސްޓަރ ޔުމްނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ދިވެހި ބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން އޭރު ކުރެއްވި އަދި ފަހުން ދިވެހި ބަހުގެ އެކަޑަމީން ކުރައްވަމުން ގެންދަވަނީ ވަރަށް މުހިންމު މަސައްކަތްތަކެއްކަން ފާހަގަ ކުރެއްވިއެވެ.

ޔުމްނާ ވިދާޅުވީ އެކަމަނާ މިހާރު ހުންނެވި  ދާއިރާއަށް، ދިވެހި ބަހާ ތާރީޚަށް ލޯބިކުރާ ބަޔަކު ވަރަށް މުހިންމު ކަމުގައެވެ. އެފަދަ ބަޔަކު ބިނާކުރެވިފައިވާ ވާކަން ޔުމްނާ ފާހަގަ ކުރެއްވިއެވެ.

ކުރީގެ ޤައުމީ މަރުކަޒުން ވެސް ވަރަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާކަން 34 ވަނަ ވާހަކަ ދެއްކުމުގެ މުބާރާތުން ވެސް ފާހަގަކުރެވޭ ކަމަށް، އޭރު އެމަރުކަޒުގައި ވެސް މަސައްކަތްކުރެއްވި ބަހާއި ތަރިޚާ ބެހޭ މިނިސްޓަރ ޔުމްނާ މައުމޫނު ވިދާޅުވިއެވެ. "މިހާރުވެސް ދިމާ ވަރަށް ގިނަ ފަރާތްތަކަކީ، ކޮންމެވެސް އިރެއްގައި މި މުބާރަތުގައި ބައިވެރިވި ފަރާތެކޭ، ނުބުނާ ފަރާތެއް ވަރަށް މަދު. އެހެންވީމާ މަސައްކަތްތަކެއް، ހަޤީޤަތުގައި ކުރެވިއްޖެ. ޤައުމުގެ އެކި ދާއިރާތަކުން، އެކި މައިދާނުގައި، ފެނިގެންދާ ބޭފުޅުންނަކީ  މިމުބާރާތުގައި ކޮންމެވެސް އިރެއްގައި ބައިވެރިވެފައިވާ ބޭފުޅެއް." ޔުމްނާ ވިދާޅުވިއެވެ.

ވާހަކަ ދެއްކުމުގެ މުބާރާތް ތަރައްޤީކޮށް ކުރިއެރުވުމަށް އޭރުވެސް މަސައްކަތް ކުރެއްވިކަން ފާހަގަ ކުރައްވައި، ކުދިންގެ އަމިއްލަ ސިފަތަކާ އެކު ވާހަކަ ދެއްކުމުގެ ހުނަރު ތަރައްޤީކުރުން މުހިންމުކަން ޔުމްނާ ފާހަގަ ކުރެއްވިއެވެ. އެގޮތުން މިސާލެއްގެ ގޮތުގައި ފާހަގަ ކުރެއްވީ "ޓެޑް ޓޯކްސް" ކަހަލަ ގޮތަކަށް ކޮންމެ ފަހަރަކު ޕޯޑއަމް ކައިރީގައި ހުރެގެން ނޫން ގޮތްގޮތަށް ވެސް ވާހަކަ ދެއްކުމުގެ ހުނަރު ތަރައްޤީ ކުރުމެވެ. އެންމެ މުހިންމު ކަމަކީ ސާފު ގޮތަކަށް އަޑުއަހަން ފަސޭހަވާގޮތަށް ވާހަކަ ހުށަހަޅައި ދިނުންކަން ޔުމްނާ ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.