ކުދީން ތަރުބިއްޔަތު ކުރުމުގައި އަޅުގަނޑުމެންގެ ގައުމިއްޔަތާއި ސަގާފީ ތަރިކަ އަކީ އޭގެ ބައެއް ކަމުގައި ހެއްދެވުމަށް ފަންނާއި، ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން އިލްތިމާސް ކުރައްވައިފިއެވެ. މިނިސްޓަރު މިކަމަށް އިލްތިމާސް ކުރެއްވީ ދުނިޔޭގެ ތަރިކައިގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދެއްވި ޚިޠާބުގައެވެ.
މިިނިސްޓަރު ވިދާޅުވީ ތަރިކަ ރައްކާތެރި ކުރެވޭނީ އާއްމުންގެ ހޭލުންތެރިކަން އިތުރުކުރެވިގެން ކަމަށެވެ. އަދި ޒުވާނުންނާއި ކުޑަކުދީން އެކަމަށް ޝައުގުވެރިވެގެން ކަމަށް ވެސް އެކަމަނާ ފާހަަގަކުރެއްވިއެވެ. އެގޮތުން ތައުލީމީ ބިންގާ އެޅިގެންދާއިރު ކުދީންނަށް އެކުދީންގެ ސަގާފީ ތަރިކަތައް އެންގެންޖެހޭ ކަމަށާއި އެކަމަށް އަހުލުވެރިވާން ޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ.
ދިވެހިރާއްޖެ އިގްތިޞާދީ ގޮތުން ކުރިއަށްދާ ދިއުމުގައި ފަތުރުވެރިކަން މުހިއްމު ރޯލެއް އަދާކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެއް ގައުމުން އަނެއް ގައުމަށް ޒިޔާރަތްކުރާއިރު އެމީހުންގެ އެންމެ ބޮޑު އެއް ބޭނުމަކީ ޒިޔާރަތްކުރާ ގައުމުގައި ހުރި އާސާރީ ތަންތަނާއި ތަކެތި އަދި އާދަކާދަތައް ތަޖުރިބާކޮށް މައުލޫމާތު ހޯދިދާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. މީގެ އިތުރުން ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓިއްޖެނަމަ ފަތުރުވެރިކަމުގެ ދާއިރާ މެދުވެރިކޮށް މިކަމަކީ މާލީ އެތައް މަންފާއެއް ލިބި، ރާއްޖޭގެ އިގްތިސާދަށް ހެޔޮ އަސަރު ތަކެއް ކުރާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ދުނިޔޭގެ ތަރިކައިގެ ދުވަސް ފާހަގަކުރަނީ އޭޕްރީލް މަހުގެ 18ވަނަ ދުވަހުއެވެ. ތަރިަކައިގެ ދުވަހެއް ފާހަގަކުރަނީ ތަރިކައިގެ ސިންދަފާތާއި ތަރިކައިގެ ނާޒުކުކަމާއި ބެހޭ ގޮތުން މީހުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ. އަދި ސަގާފީ ތަރިކަ އާބާތުރަ ފިލުވައި ރައްކާތެރިކޮށށް މިހާރު ހިނގަމުންދާ ޖީލަށާއި އަންނާން އޮތް ޖީލަށް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތް އަންގައިދިނުމަށެވެ. އޭގެ އިތުރުން އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ހިފެހެއްޓުމަށްޓަކައި ވެސް ސަގާފީ ތަރިކަ ރައްކާތެރި ކުރުމަކީ މުހިއްމު ކަމެެކެވެ.